އާމިރު ހާން، ދަރުމެންދުރަ، އަނޫޕަމް ކޭރް، ސަނީ ޑިއޯލް އަދި ސަލްމާން ހާން ކަރަން ޑިއޯލްގެ ކައިވެނީގެ ހަފްލާގައި ފޮޓޯއަކަށް ހުއްޓިގެން
އަނޫޕަމްގެ މި ފޮޓޯގައި 'މޮބައިލް ފޯނަށް ވުރެ ކުރީގެ' ތަރިން
ހުސްވި ހަފްތާބަންދަކީ ބޮލީވުޑްގެ ބޮޑު ކައިވެންޏަކަށް ތަރިން އެއްތަންވި މުނާސަބަތެކެވެ. ދަރުމެންދުރާގެ ކާފަ ދަރި އަދި ސަނީ ޑިއޯލްގެ ދަރި ކަރަން ޑިއޯލްގެ ކައިވެންޏެވެ.
'ޕަލް ޕަލް ދިލް ކޭ ޕާސް' އިން 2019 ގައި ބޮލީވުޑަށް ތައާރަފްވި ކަރަން ކައިވެނިކުރީ ދުބާއީގައި ދިރިއުޅެމުން ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަންނަ ޑްރިޝާ އަޗާރްޔާއާ އެވެ.
ތަރިން ގިނަ ޑިއޯލް އާއިލާގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު އެތަކެއް ފަންނާނުންނެއް އެ ކައިވެނީގެ ހަފްލާއިން ފެނިގެންދިޔަ އެވެ. ބޮލީވުޑްގެ ފޭނުން ސޯޝަލް މީޑިއާއިން އެ މަންޒަރުތައް ބަލަމުން ދަނިކޮށް ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރް ވަނީ ހާއްސަ ފޮޓޯއެއް އިންސްޓަގްރާމްގައި ދައްކާލައިފަ އެވެ. އެއީ އޭނާ އާމިރު ހާން، ދަރުމެންދުރަ، ސަނީ ޑިއޯލް އަދި ސަލްމާން ހާންއާ އެކު ނަގާފައިވާ ފޮޓޯ އެކެވެ.
އަނޫޕަމް އެ ޕޯސްޓުގައި ބުނިގޮތުގައި ފޮޓޯގައި ތިބީ "މޮބައިލް ފޯނާއި ވެނިޓީ ވޭނަށް ވުރެ ކުރީގެ ޒަމާނެއްގެ" އެކްޓަރުންނެވެ. އޭރު ތަރިން މަސައްކަތުގައި އުޅުނު ގޮތް އޭނާ ސިފަކޮށްދީފައިވެ އެވެ. އެންމެން އެންމެންނަށް ވާހަކަތައް ކިޔައިދިނުމާއި އެންމެން އެއް މޭކަޕް ރޫމެއް ބޭނުންކުރުމެވެ. އެންމެންގެ ތެރޭގައި އަދި ގަހެއް ނުވަތަ ކުޑައެއްގެ ބިތްދޮށުގައި ކޮސްޓިއުމް ބަދަލުކުރަނީ މަޖާ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.
އަނޫޕަމް ބުނިގޮތުގައި އެ މީހުން އަދިވެސް ތިބީ ގަދަކޮށެވެ. ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނަ އެ އެކްޓަރުންނަކީ އަދިވެސް މުހިއްމު ބައެއް ކަމަށް އޭނާ ލިޔެފައިވެ އެވެ.
އަނޫޕަމްގެ ޕޯސްޓުގައި އޭނާ އާއި އާމިރު ހާން އާއި ސަނީ ވަކިން ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނި އެވެ. އޭނާ ބުނިގޮތުގައި އެ ފޮޓޯ ނެގީ ބޮބީ ޑިއޯލް އެވެ.