ކުރުވާހަކަ: ވިންދު

ވާހަކަ

ކުރު ވާހަކަ: ވިންދު

އަހަރެންގެ މަގުސަދަކީ ވީރާނާ ވަމުންދާ މި ހަޔާތަށް އާ ދިރުމެއް ގެނައުމެވެ.
18 އޮކްޓޯބަރު 2021

އެޕިސޯޑް 1

އެއްފަހަރު ގަޑިއަށް، އަނެއް ފަހަރު އަތުގައިވާ މެމޯ ކޮޅަށް ބަލައިލީމެވެ. ހިތުގެ ވިންދު ވަނީ އަވަސް ވެފަ އެވެ. އެއްފައި ތުރުތުރު ވެސް އަޅަ އެވެ. އޭސީގެ ފިނިން މުޅިތަން ފިނިވެފައިވީ ނަމަވެސް އަހަރެން ވަނީ ދާހިއްލާފަ އެވެ. ދަބަހުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލައިލެވެ އެވެ. ހީވަނީ ދެންމެ ދެންމެ މީހަކު ގުޅާފާނެހެންނެވެ. އިސްޖަހައިގެން އިނީ ދަންނަ މީހަކަށް ފެނިދާނެތީ އެވެ. އަހަރެންގެ ނަންބަރު ޖެހޭކަށް މާ ގިނަ އިރެއް ނެތެވެ. އަދިވެސް ހިތް އަހަމުން ދިޔަ އެވެ. ތިޔަ ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟

ޑޮކްޓަރު އިން ކޮޓަރިއަށް އަހަރެން ވަނީ ދެ ފިކުރެއްގައި ހުރެގެންނެވެ. ނިތްކުރިން ހިއްލާފައިވާ ދާތައް އަތުގެ ނުފުށުން ފޮހެމުން، ވަދެ ގޮނޑީގައި އިށީނީމެވެ. ކިހިނެއްތޯވީ ޑޮކްޓަރު އެހި އެވެ. އަހަރެން ބުނެދޭން ބޭނުންވި ގޮތަށް، ވެގެން އުޅޭ ގޮތް އޮޅުންފިލުވައި ދިނީމެވެ. ހުއްޓެމުން މަޑުޖެހެމުންނެވެ. ޖެހިލުންވެފައި އިންވަރުން ބައެއް ވާހަކަތައް ފޮރުވަން މަސައްކަތް ކުރީމެވެ.

އަހަރެން ގެއަށް އައީ ގޭގައި އެވަގުތު ޒިޔާން އުޅޭނެ ކަމަކަށެއް ނޫނެވެ. ޒިޔާނަކީ އަހަރެންގެ ފިރިމީހާ އެވެ. އަހަރެން ފެނުމުން ޒިޔާން އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އައީ ކޮން ތަނަކުންތޯ ނާހަ އެވެ. ދިޔައީ ކޮން އިރަކުތޯ ވެސް ނާހަ އެވެ. އޭނާ ހުރީ ފައިލެއްގައި އޮތް އެއްޗެހިތަކެއް ކިޔާށެވެ. އަހަރެން މަޑުމަޑުން ގޮސް އެނދުގައި އިށީނީމެވެ. އަދި ޒިޔާންއާ ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ވާހަކަތައް ހިއްސާ ކުރާނީ ޒިޔާންއާ ހެއްޔެވެ؟ ނޫނެކެވެ. އޭނައަށް ވަގުތެއް ނުވާނެ އެވެ.

ޒިޔާނަކީ ހީވާގި މީހެކެވެ. މަސައްކަތަށް ފަރުވާ ބަހައްޓައިގެން ޝައުޤުވެރިކަމާ އެކު ކުރިއަށްދާ ކުޅަދާނަ ޒުވާނެކެވެ. މަސައްކަތުގެ ދާއިރާއިން އެތައް ކުރިއެރުމެއް ލިބި، ކާމިޔާބުކަމާ އެކު ކުރިއަރަމުން އަންނަ މީހެކެވެ. އަބަދުވެސް އެންމެ އިސްކަމެއް ދެނީ މަސައްކަތަށެވެ. އެއަށް ފަހު ދިރިއުޅުމުގެ އެހެން ކަންކަމަށެވެ. ނަމަވެސް އަނބިމީހާއަށް ދޭން ޖެހޭ ސަމާލުކަމެއް ނުދެވެ އެވެ. އަޅާލަން ޖެހޭ އަޅާލުމާއި ދޭންވާ ލޯބި ވެސް ނުދެވެ އެވެ.

ޒިޔާން ދެތިން ފައިލް ހިފައިގެން ނުކުމެގެން ދިޔަ އެވެ. އަހަރެން ކޮޓަރިން ނުކުތީ މެންދުރު ކާށެވެ. ކެވޭ ގޮތެއް ނުވި އެވެ. މޭ ނުބައިކޮށް ހޮޑުލަވަނީ އެވެ. ހިތްވަރުކޮށްފައި ނަމަވެސް ހައިހޫނުކަން ފިލުވައިލެވޭތޯ ބެލީމެވެ. ކައި ނިމިގެން އައިސް، ޓީވީ ހުޅުވާލީ އެކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ދީގެންނެއް ނޫނެވެ. އެއްވެސް ކަމެއް ކުރާހިތް ނުވުމުންނެވެ.

ކައިވެންޏަށް އަށް އަހަރު ވީއިރު އަހަންނާއި ޒިޔާން ވަނީ ނުދަންނަ ދެ މީހުންނަށް ވެފަ އެވެ. ޒިޔާނަށް އައި ބަދަލު ފެނުމުން އަހަރެން ހީކުރީ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީ ކަމަށެވެ. ވުމާއެކު އިހުނަށް ވުރެ ރަނގަޅަށް އަހަރެންގެ އަމަލުތައް ބައްޓަންކުރަން ފެށީމެވެ. ނަމަވެސް ވީ އެއްވެސް ކަމެއް ނެތެވެ. އަހަންނަކީ ފިރިމީހާގެ ވާހަކަތައް މީހުން ގާތު ކިޔާ މީހެއް ނޫނެވެ. އެހެންކަމުން ވީ އެއްވެސް ކަމެއް އެއްވެސް މީހެއްގާތު އަހަރެން ހިއްސާއެއް ނުކުރަމެވެ. ނަމަވެސް އަހަރެންގެ ހިތާ ދެކޮޅަށް ކަމެއް ހޯދުމަށް ނިންމީމެވެ. ޒިޔާނަށް އައި ބަދަލުގެ ސިއްރަކީ މި ދިރިއުޅުމަށް އެހެން މީހެއްގެ ހިޔަނި އެޅުނީތޯ ބެލުމެވެ. ނަމަވެސް އެއީ އަހަރެން ޒިޔާނަށް ޝައްކުކުރާތީއެއް ނޫނެވެ. އަހަންނަށް މިހީވާ ހީވުން ކުށްހީއަކަށް ވުން އެދޭތީ އެވެ. އަހަރެން ބެލި ބެލުމުން އަހަރެން އުންމީދުކުރި ގޮތަށް ކަންކަން އެނގުނެވެ. އެކަހަލަ އެއްވެސް ކަމެއް، ނުވަތަ އަމަލެއް ވެސް ޒިޔާންގެ އުޅުމަކުން ނުފެނުނެވެ.

ކައިވެނީގެ ކުރީކޮޅު ވަރަށް އުފާވެރި އެވެ. އެކީގައި ވަގުތު ހޭދަކުރީމެވެ. އެކުގައި ތަންތަނަށް ގޮސް މަޖާކުރީމެވެ. ރޭގަނޑު ފިނިބުރުތައް ޖެހުމުގައި އުޅުނީމެވެ. ޒިޔާން، އަހަރެން ދެކެ ލޯބިވާ މިންވަރު ހާމަކޮށްދެނީ ގެނެސްދޭ ހަދިޔާތަކުންނެވެ. ބުނެލާ ފަށުވި ބަސްތަކުންނެވެ. އަހަންނަށް ތައުރީފުކޮށް އޭނާ ފޫހިނުވެ އެވެ. އަހަރެން ފަދަ އަތްނބަކު ލިބުމުން ޒިޔާން ފަޚުރުވެރިވާ ކަމަށް ވެސް ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ.

މިހުރިހާ ކަމެއް ބަދަލުވާން ނެގީ އެންމެ އަހަރެކެވެ. ކުރީގެ ހުންނަ މަޖާ ގޮތް ކެނޑި، ޒިޔާން ބަސްމަދުވާން ފެށި އެވެ. ގޭގައި ހޭދަކުރާ ވަގުތުތައް މަދުވާން ފެށި އެވެ. އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވާ އެއްވެސް އެއްޗެއް ނުބުނެ އެވެ. އެއް ކޮޓަރީގައި އުޅެ، އެއް އެނދުގައި ނިދި ނަމަވެސް ޒިޔާންގެ އުޅުމާއި މިޒާޖަށް އެހާ ބޮޑު ބަދަލެއް އަންނަވީ ސަބަބެއް އަހަންނަކަށް ކުރިން ނުވިސްނުނެވެ. ނަމަވެސް މިހާރު އެނގެ އެވެ.

***

އެއީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރި އެވެ. އަހަރުމެންގެ ކައިވެންޏަށް އަށް އަހަރު ފުރުނު ދުވަހެވެ. އަހަރެން ކޮޓަރިތެރެ ޒީނަތްތެރިކޮށްލީމެވެ. ކޭކެއް ވެސް އެޅީމެވެ. އެނދުގައި ފިނިފެންމަލުގެ ފިޔަތަކެއް އަތުރާލީމެވެ. އުށްބައްތިން މުޅި ކޮޓަރިތެރެ އަލިކޮށްލީމެވެ. ޒިޔާނަށް އެންމެ މީރު ކާތަކެތި ތައްޔާރުކުރީމެވެ. ޒިޔާނަށް ގަމީހާއި، އަތުކުރި ގަޑިއަކާއި، ސެންޓްފުޅިތަކެއް ގަނެ ޕާރުސަލު ވެސް ހެދީމެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޒިޔާން ގެއަށް އަންނާނެ ވަގުތަކަށެވެ. އުންމީދުގެ ހުޅުކޮޅު ދިއްލައި ހަޔާތަށް އުނިވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން ހޯދަން އަހަރެން މަސައްކަތްކުރީ ޒިޔާންގެ ވެސް އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރަމުންނެވެ. ކައިވެނީގެ މަތިވެރި މި ގުޅުމަށް ފުރުސަތެއް ދޭން އަހަރެން ބޭނުންވި އެވެ. ހީނަރުވަމުން، ކުލަ ފަނޑުވަމުން ދިޔަ ރޮނގު ފަވާލަން، ގަލަން ނެގީ އަހަންނެވެ.

އިންތިޒާރުގެ ވަގުތު ދިގުލައި ދިޔަ އެވެ. އެރޭގެ 11 ޖެހި ފަހުން ޒިޔާން ގެއަށް އަ އެވެ. އަހަރެން އިނީ ނިދި އައިސްގެން ހަލާކުވާވަރު ވެފަ އެވެ. ނަމަވެސް ޒިޔާން ފެނުމުން އުފާވި އެވެ. ނިދި ވެސް ފިލި އެވެ. އަހަރެން ޒިޔާންގެ އަތުގައި ހިފާލާފައި ކައިވެނީ އަހަރުފުރުމުގެ އުފާވެރި ތަހުނިޔާ ކީމެވެ. ޒިޔާން އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔަ އެވެ. އަދި ފާހާނާއަށް ވަދެ ފެންވަރައިގެން އައިސް އެނދުމަތީގައި ހުރި އެއްޗެހިތައް ފޮޅާލާފައި ނިދަން އޮށޯތެވެ. އަހަރެން ހިތުގައި ޖެހުނެވެ. ދެރަވި އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެކަމަށް ހެކިދެ އެވެ. އުންމީދާ އެކު ރޯކުރި ހުޅުކޮޅު، ހިނދުކޮޅެއްގެ ތެރޭގައި ނިވުނެވެ. އަހަންނަށް އެތައް އިރަކު ރޯން އިނދެވުނެވެ.

އަހަންނަކީ އެއްވެސް އިރެއްގައި ޒުވާބުކޮށް އަޑުގަދަ ކުރާ މީހެއް ނޫނެވެ. އަހަރެންގެ މިޒާޖުގައި އެ ސިފައެއް ނެތެވެ. އަހަންނަކީ ފިރިމީހާއަށް ކިޔަމަންތެރި އަތްނބެކެވެ. ކަމަކާ ހިތްހަމަނުޖެހުނަސް ގޮތްދޫކޮށް މަޢާފަށް އެދެނީ ވެސް އަހަންނެވެ. ކަންކަމުގައި މަޝްވަރާކޮށް ހައްލުކުރަން އިސްވެ ބުނަނީ ވެސް އަހަންނެވެ.

މިވަގުތު ޒިޔާންއާ ކުރަން ބޭނުންވާ ކިތަންމެ ސުވާލެއް އަހަރެންގެ ހިތަށް އެރި އެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކޮށް ހިތްވަރުކުރީމެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ނިދަން އޮށޯތީމެވެ. ކިތަންމެ ދެރަވި ނަމަވެސް މިވީ ކަންތަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް އަހަރެން ނިންމީމެވެ.

އަނެއް ދުވަހުގެ ހެނދުނެވެ. އަހަރެން އުޅުނީ ސައި ހަދާށެވެ. ޒިޔާން އޮފީހަށް ދާން ކޮޓަރިން ނުކުތެވެ. އަދި ކޮފީތަށި ހިފައިގެން ގޮސް ސޯފާގައި އިށީންނަމުން އަހަންނަށް ގޮވާލި އެވެ. އަހަރެން ވަރަށް އުފަލުން ދިޔައީމެވެ.

"ޝަނާޔާ، ރޭގައި ކުރި ކަހަލަ ކަމެއް ދެން ދުވަހަކު ވެސް ނުކުރާތި. އަހަރެން މާ ހިތްހަމަޖެހޭ ކަހަލަ ކަންކަމެއް ނޫން އެއީ. ޝަނާޔާ ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ؟" ކޮފީ ތަށިން ކޯވަރެއް ބޯލާފައި ޒިޔާން އެހި އެވެ. ޒިޔާން އިނީ ފޯނާ ކުޅޭށެވެ.

އަހަރެން ހުރީ ބުނާނެ ވަކި އެއްޗެއް ނޭނގިފަ އެވެ. ކީއްވެ އަހަރެން ކުރި ކަމެއްކަން ޒިޔާނަށް ހަމަ ނޭނގެނީ ބާއެވެ؟ ނުވަތަ ނޭނގޭކަމަށް ހެނދެނީ ބާއެވެ؟ އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ބުނީމެވެ.

"އަހަރެން ބޭނުންވީ މި ގުޅުން އިތުރަށް ވަރުގަދަ ކުރަން. ޒިޔާނަށް ވެސް އެނގޭނު އިއްޔެ އެއީ އަހަރުމެންގެ ކައިވެންޏަށް އަށް އަހަރު ފުރުނު ދުވަސްކަން. އެހެންވެ...."

"އެހެންވެ ކޯއްޗެއް؟" އަހަރެންގެ ވާހަކަ މެދު ކަނޑާލުމަށް ފަހު ޒިޔާން ތެދުވި އެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް