ކަންގަނާ ރަނާވަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު 'ޓީކޫ ވެޑްސް ޝޭރޫ'ގެ މަންޒަރެއް

ޓީކޫ ވެޑްސް ޝޭރޫ: ކަންގަނާގެ ފުރަތަމަ ޕްރޮޑަކްޝަންގެ ޓްރެއިލާ ނެރެފި

ޓީކޫ އާއި ޝޭރޫއަކީ ކައިވެނީގެ ގޮތުން ގުޅޭ ވަރަށް ތަފާތު ދެ މީހުން
15 ޖޫން 2023

ކަންގަނާ ރަނާވަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު 'ޓީކޫ ވެޑްސް ޝޭރޫ'ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންނަ އަންނަ މި ރޮމޭންޓިކް ކޮމެޑީގެ ލީޑް ތަރިންނަކީ ނަވާޒުއްދީން ސިއްދީގީ އާއި އޭނާ އަށް ވުރެ 27 އަހަރު ހަގު އަވްނީތު ކައުރް އެވެ. މިއީ އަވްނީތު ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި ޓީކޫ އާއި ޝޭރޫއަކީ ކައިވެނީގެ ގޮތުން ގުޅޭ ވަރަށް ތަފާތު ދެ މީހުންނެވެ. ޓީކޫ އަށް އެ ކައިވެންޏަކީ މުމްބާއީއަށް ގޮސް، އެކްޓަރަކަށް ވުމަށް އޭނާ ދެކޭ ބޮޑު ހުވަފެން ހާސިލްކުރުމުގެ މަގެކެވެ. ނަމަވެސް ޝޭރޫއަކީ މާ ބޮޑު ކާމިޔާބީއެއް ނުހޯދި ބޮލީވުޑްގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ އެކްޓަރެކެވެ.

ކަންގަނާގެ ޕްރޮޑަކްޝަން ކުންފުނި މަނިކަރްނިކާ ފިލްމްސްގެ އަލަތު އުފެއްދުން މި މަހު 23 ގައި ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާނެ އެވެ. އެ ފިލްމުގެ ޝޫޓިން ނިންމާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކަންގަނާ ރަނާވަތު (މ) އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު 'ޓީކޫ ވެޑްސް ޝޭރޫ'ގެ ދެ ތަރިން ކަމަށްވާ އަވްނީތު ކައުރް (ކ) އާއި ނަވާޒުއްދީން ސިއްދީގީއާ އެކު

ޓްރެއިލާ ނެރެން ބޭއްވި އިވެންޓުގައި ކަންގަނާ ބުނިގޮތުގައި 'ޓީކޫ ވެޑްސް ޝޭރޫ' އަކީ އެންމެ ފުރަތަމަ އޭނާ އާއި އިރްފާން ހާން ކުޅޭ ގޮތަށް ފިލްމެކެވެ. އެ ދެ މީހުންނާ އެކު 'ޑިވައިން ލަވާސް'ގެ ނަމުގައި މި ފިލްމު 2016 ގައި ލޯންޗުކުރި އެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ސާއީ ކަބީރް ތިން ހަތަރު އަހަރު ވަންދެން ވަރަށް ބޮޑަށް ބަލިވެ އުޅެން ޖެހިގެން ފިލްމުގެ މަސައްކަތް ލަސްވީ އެވެ.

އެއަށް ފަހު ސާއީ ފިލްމުގެ ސްކްރިޕްޓް ލިޔަން ފެށި ތަނާ 2020 ވަނަ އަހަރު އިރްފާން ހާން މަރުވި އެވެ. އެއާ އެކު އަނެއްކާވެސް ފިލްމުގެ މަސައްކަތް ހުއްޓި، ކަންގަނާގެ ހިޔާލު ވެސް ބަދަލުވީ އެވެ. ކަންގަނާ ބުނިގޮތުގައި އެހާ ގިނަ ދުވަސްވުމުން އޭނާ ހުރީ ތަފާތު އެކްޓަރަކަށް ވެފަ އެވެ. ފިލްމަށް ބޭނުންވީ އެކްޓިންގެ ތެރެއަށް އަލަށް ވަދެ މުމްބާއީ އަށް ދިޔުމުގެ ހުވަފެން ދެކެމުން އައި ކަންގަނާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ފިލްމު އުފެއްދުމުގެ މަގުފަހިވީ، ކަންގަނާ ބުނިގޮތުގައި، ޕްރައިމް ވީޑިއޯއަށް ސްކްރިޕްޓް ފޮނުވުމުން އެ ކުންފުނިން އެ ފިލްމު ބޭނުންވުމުންނެވެ.

ކަންގަނާ ނަވާޒުއްދީނަށް ފިލްމު ހުށަހަޅަން ބެލި އިރު ފުރަތަމަ ލިބުނު ޖަވާބަކީ ނަވާޒުއްދީން ކުރިއަށް އޮތް ފަސް އަހަރު އިތުރު ފިލްމަކަށް ސޮއިނުކުރާނެ ކަމެވެ. ނަމަވެސް ކަންގަނާ ބެންގަލޫރަށް ގޮސް ނަވާޒުއްދީނާ ބައްދަލުކޮށް ފިލްމުގެ ވާހަކަ ދެއްކުމާ އެކު ސްކްރިޕްޓް ނުވެސް ކިޔައި ނަވާޒުއްދީން އާނބަސް ބުނި ކަމަށް ކަންގަނާ ބުންޏެވެ.

'ޓީކޫ ވެޑްސް ޝޭރޫ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް