ދަ ލިޓްލް މާމެއިޑް

ހޮލީވުޑް

ދަ ލިޓްލް މާމެއިޑްގެ އާ އޭރިއަލް ކްރިޓިކުންގެ ހިތް އަތުލައިފި

ހެލީ ބެއިލީއަށް ތައުރީފް މި ލިބުނީ ކަޅު މީހަކަށް ވީތީ އޭރިއަލްގެ ބައި ކުޅެން އެކަށީގެންނުވާ ކަމަށް ބުނެ ބައެއް މީހުން އޭނާއާ ދިމާކޮށްލައިގެން އުޅެނިކޮށް
24 މޭ 2023
1

އެކްޓްރެސް ހެލީ ބެއިލީ 'ދަ ލިޓްލް މާމެއިޑް' ގައި އޭރިއަލްގެ ބައި ކުޅެފައިވާ ގޮތުން ތައުރީފް ލިބިއްޖެ އެވެ.

ޑިޒްނީގެ ކެްލެސިކް ކާޓޫނުގެ ލައިވް އެކްޝަން ފިލްމު ހުކުރު ދުވަހު ސިނަމާތަކަށް ރިލީޒްކުރުމުގެ ކުރިން ކްރިޓިކުން ފިލްމު ބެލުމަށް ފަހު ލިޔެފައިވާ ގިނަ ރިވިއުތަކުގައި ހެލީގެ މޮޅުކަން ވަނީ ފާހަގަކޮށްފަ އެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދިނުމުގެ ކުރީ ސަފުގައި އުޅޭ ވެރައިޓީ އިން ސިފަކުރިގޮތުގައި މި ފިލްމުން "ތަރިއެއް އުފަންވެއްޖެ" އެވެ. ދަ ގާޑިއަންގައި ލިޔެފައިވަނީ ފިލްމުން އެންމެ ރަނގަޅު ކަމަކަށް ފާހަގަކުރެވެނީ ހެލީ ކަމަށާއި އެ ފިލްމުގެ ހަމައެކަނި ކާމިޔާބީއަކީ ވެސް އޭނާ ކަމަށެވެ.

ކަޅު ނަސްލުގެ ހެލީއާ މެދު ކްރިޓިކުންގެ ނިންމުން މި ގޮތަށް މި އައީ އޭރިއަލްގެ ބައި ކުޅެން ކަޅު އެކްޓްރެސްއަކު ހަމަޖެއްސުމުން އުފެދުނު ހިޔާލުތަފާތުވުމާއި ދެކޮޅުހެދުންތަކާ އެކު އެއް ބަޔަކު ހެލީއަށް ފުރައްސާރަ ވެސް ކޮށްފައި ވަނިކޮށެވެ.

ނަމަވެސް ހެލީ، 23، ފިލްމުގައި ދައްކައިދިން އެކްޓިން އާއި ލަވަކިޔުމުގެ ހުނަރުން އެފަދަ މީހުންގެ އަނގަ ބަންދުކޮށްލާފައިވާ ކަމަށް، އިނގިރޭސިވިލާތުގެ ދަ ޓައިމްސްގެ ފިލްމް ކްރިޓިކް ކެވިން މެއާ ލިޔެފައިވެ އެވެ.

ދަ ލިޓްލް މާމެއިޑް

ހާންސް ކްރިސްޓިއަން އެންޑަސަންގެ ވާހަކައަކަށް އުފެއްދި 1989ގެ ކާޓޫނުގައި ދައްކައިދިން ކަނޑުއަޑީގެ ދުނިޔެ ހަގީގަތެއް ގޮތަށް ސިފަކޮށްދިނުމަށް ލައިވް އެކްޝަން ފިލްމުގައި ވަރަށް ބޮޑަށް ކޮމްޕިއުޓަރު އެނިމޭޝަން ބޭނުންކޮށްފައިވެ އެވެ. ބައެއް ކްރިޓިކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ބުނެފައިވަނީ ކެރެކްޓާތަކުގެ މޫނުމަތިން ފެންނަން ޖެހޭ ކުލަވަރުތަކާއި ދިރުން ސީޖީއައިގެ ސަބަބުން މުޅިން ގެއްލިފައިވާ ކަމަށެވެ. އަދި ކަނޑުއަޑި ދައްކުވައިދިނުމަށް ފިލްމުގެ މަންޒަރުތައް މާ އަނދިރިކޮށްލާފައި ހުރުމުން ޗާލުކަމެއް ނުފެންނަ ކަމަށް ވެސް ބައެއް ރިވިއުތަކުގައި ބުނެފައިވެ އެވެ.

ނަމަވެސް އަނެއްބައި ކްރިޓިކުން މި ފިލްމާ މެދު ޖުމްލަކޮށް ހިތްހަމަޖެހެ އެވެ. އަދި ބައެއް މީހުން ބުނިގޮތުގައި 'ދަ ލިޓްލް މާމެއިޑް' އަކީ ޑިޒްނީގެ އެހެން ބައެއް ލައިވް އެކްޝަންތައްހާ ގޯސް ފިލްމެއް ނޫނެވެ. ނުވަތަ އެ ފިލްމުތަކާ އަޅާބަލާ އިރު މި ފިލްމު އެތައް ތަނެއް ރަނގަޅު ކަމަށް އެމީހުން ދެކެ އެވެ.

ދަ ލިޓްލް މާމެއިޑް

ވެރައިޓީގެ ޕީޓާ ޑެބްރަޖް ވަނީ ހެލީގެ އިތުރުން، ނުބައިބައި އާސަލާގެ ރޯލު ކުޅެފައިވާ މެލީސާ މެކާތީ ވެސް މޮޅުކަން ފާހަގަކޮށްފަ އެވެ. ޑެބްރަޖް ބުނީ މިއީ ޒުވާނުންނަށް ޖާދުވީ އިހުސާސްތަކަކާއި އާ މާމެއިޑް ހުވަފެންތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށެވެ.

ކޮމެންޓް (1)

ބުރުގާ

24 މޭ 2023
ތިހެންވެއްޖެޔާ ދެން ނެރޭ "ބުލެކް ޕެންތާ" ފިލުމު ކުޅުވަންވާނީ ދޮން މީހަކުލައްވާ،
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް