ސާރާ އަލީ ހާން ކާން ފިލްމު ފެސްޓިވަލަށް ތައާރަފްވަނީ

ކާން ފެސްޓިވަލް

ކާން ފެސްޓިވަލުގައި ތަރިންގެ ފުރަތަމަ ފެނިލުން

މިފަހަރު އަލަށް ފެސްޓިވަލުގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރޭގައި ސާރާ އަލީ ހާން އާއި އަނުޝްކާ ޝަރުމާ ހިމެނޭ
18 މޭ 2023

މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެއް އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ ކާން ފިލްމު ފެސްޓިވަލް އަންގާރަ ދުވަހު ފްރާންސްގެ ކާންގައި ވަނީ ހުޅުވައިފަ އެވެ. ފިލްމާއި ފެޝަންގެ އެންމެ މަޝްހޫރު މީހުން ބައިވެރިވާ މި އިވެންޓުގެ މެހުމާނުންގެ ތެރޭގައި އިންޑިއާގެ ސެލެބްރިޓީން ވެސް ހިމެނެ އެވެ. ބައެއް މީހުން ފެސްޓިވަލުގައި ބައިވެރިވަނީ އަލަށެވެ.

ސާރާ އަލީ ހާން ކާން ފެސްޓިވަލަށް ތައާރަފްވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފަ އެވެ. އޭނާ އެ ފެސްޓިވަލުގެ ރެޑް ކާޕެޓުން އެންމެ ފުރަތަމަ ފެނުނީ އަބޫ ޖާނީ އާއި ސަންދީޕު ކޮސްލާ ފަރުމާކޮށްފައިވާ ލެހެނގާއެއްގަ އެވެ. އެ ހެދުމާ އެކު އޭނާ ހުރީ އިންޑިއާވަންތަ ގަހަނާ ވެސް އަޅައިގެންނެވެ.

ސާރާ އޭނާގެ އަލަތު ފެނިލުމަށް ފަހު އިއްޔެ ފެސްޓިވަލުގައި ދައްކާލީ ސާޅިއެއް ގޮތަށް ފަރުމާކޮށްފައިވާ ހުދު ހެދުމެކެވެ. އެ ހެދުން ކަމުގޮސްގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކޮމެންޓްކޮށްފައިވެ އެވެ.

ސާރާ އަލީ ހާން ކާން ފިލްމު ފެސްޓިވަލުގައި

ކުރީގެ މިސް ވޯލްޑް މަނޫޝީ ޗިއްލާރް އަލަށް ކާން ފެސްޓިވަލަށް ގޮސް ރެޑް ކާޕެޓުގައި ލައިގެން ހުރީ ހުދު ކުލައިގެ ގައުންއެކެވެ. ރާޅުބާނިކޮށް ސްޓައިލްކޮށް ފަހަތަށް ވައްޓާލާފައި އޮތް އިސްތަށިގަނޑާ އެކު އޭނާ ކޮށްފައި ހުރީ އާދައިގެ މޭކަޕެކެވެ.

އީޝާ ގުޕްތާ ފެނުނީ އަރިމަތިން ފަޅާފައި ހުރި މަޑު ފިޔާތޮށިކުލައިގެ ގައުނެއްގަ އެވެ. ހެދުމުގެ މަތީބައިގައި ގިރުވާނަކާ އެކު ލޭސް މާތަކެއް ހަރުކޮށްފައި ހުއްޓެވެ. މިއީ އީޝާ ވެސް ކާން ފެސްޓިވަލުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އީޝާ ގުޕްތާ ކާން ފިލްމު ފެސްޓިވަލުގައި

އުރުވަޝީ ރައުތޭލާ ވެސް ވަނީ ކާން ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ހިނގާލައިފަ އެވެ. އޭނާ ލައިގެން ހުރީ ތިރިން ބަރިބަރިއަށް ވަރަށް ބޮޑަށް ފުއްޕާފައި ހުރި ގަދަ ފިޔާތޮށިކުލައިގެ ހެދުމެކެވެ. މުޅި ހެދުން ކަހަލަ ގޮތަކަށް ހުރީ މަލުގެ ސިފައަށް ރޫޖައްސާފަ އެވެ.

މުރްނާލް ޓާކޫރް އަކީ ވެސް ކާން ފެސްޓިވަލުގައި އަލަށް މި އަހަރު ބައިވެރިވާ ތަރިއެކެވެ.

ކާން ފެސްޓިވަލުގެ ރެޑް ކާޕެޓުން މި އަހަރު ފެންނާނެ އިންޑިއާގެ އެހެނިހެން ސެލެބްރިޓީންގެ ތެރޭގައި އައިޝްވާރްޔާ ރާއީ ބައްޗަން، އަނުޝްކާ ޝަރުމާ، ސަނީ ލިއޯން، އަނޫރާގް ކަޝްޔަޕް، ވިޖޭ ވީރްމާ، ކުމާރު ސާނޫގެ ދަރިފުޅު ޝެނަން ކޭ އަދި ސޯޝަލް މީޑިއާ ތަރި ޑޮލީ ސިންގް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް