ވާހަކަ: އިހުތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

އެޕިސޯޑް 3

އަރޫޝާ އެ ލޮލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

"ތިއީ އަޒީޒްގެ އަންހެނުން ދޯ؟" އޭނަ އަހާލިއެވެ. އަރޫޝާ 'އާނއެކޭ' ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

"އަހަރެންނަށް ކިޔަނީ ލަތީފް. މިއީ އަޒީޒްގެ ވަރަށް ގާތް ރައްޓެއްސެއް،" ޖޯލިފަތީގައި އިށީންނަމުން ލަތީފް ބުންޏެވެ. "މިތާ ކުރިމަތީ އެހުރި ގޭގައި އުޅެނީ. އެކަމަކު ގިނައިން އަހަރެން އުޅެނީ ބޯޓް ދަތުރު ކުރަން. ވަރަށް މަދުން މާލޭގައި ހުންނަނީ."

ލަތީފް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަރޫޝާއަށް ކަމުދިޔައީ ލަތީފްގެ ވާހަކަދެއްކުން އެކަންޏެއް ނޫނެވެ. ލަތީފްގެ މިޒާޖާއި ސިފަ ވެސް ކަމުދިޔައެވެ. އެކުގައި ހީނހީނފައި ވާހަކަ ދެއްކީ ދެ މީހުންނަކީ ގާތް ދެ ރަހުމަތްތެރިން ފަދައިންނެވެ.

އަރޫޝާއަށް އެ ރޭ ނިދަން އުނދަގޫވިއެވެ. ވިސްނެމުން ދިޔައީ ލަތީފްއާ މެދުގައެވެ. ހިތަށް ކުރުވި ފޮނި އިހުސާސްތައް ތަދު ކުރަމުން ދިޔައެވެ. ލަތީފް ދެކިލާ ހިތްވިއެވެ. ވާހަކަ ދައްކަން ބޭނުންވިއެވެ. ފުރަތަމަ ފެނިލުމަކުން މީހަކު އެހާ ކަމުދާނެ ކަމަކަށް އަރޫޝާ ހިތަކަށް ނާރައެވެ. ލަތީފްއާ މެދު ކުރެވޭ އިހުސާސްތައް ބަންޑުން ކޮށްލާނީ ކިހިނެއް ކަމެއް ވެސް އަރޫޝާއަކަށް ނުވިސްނުނެވެ.

އެކުވެރިކަން ބަދަހިވަމުން ގޮސް ދެ މީހުންގެ ބައްދަލުވުންތައް ގިނަ ވާން ފެށިއެވެ. އަޒީޒްއަކީ ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަ ކުރާ މީހެކެވެ. ވިޔަފާރި ކަންކަމު ބޭރު ގައުމުތަކަށް ދިޔުމަކީ ވެސް އަޒީޒް ވަރަށް ގިނައިން ކުރާ ކަމެކެވެ. އަރޫޝާ އާއި ލަތީފްގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ލަތީފަކީ އަރޫޝާއާ ދާދި އެއް އުމުރެއްގެ މީހެކެވެ. ދެ މާނަ އެކުލެވޭ ފަދަ ކިތަންމެ ލަފުޒެއް ދެ މީހުން ދިޔައީ ހިއްސާ ކުރަމުންނެވެ. އެނގިގެންނާއި ނޭނގި ވެސް މެއެވެ. ލޯބީގެ އެއްވެސް އިޝާރާތެއް އެކަކު ވެސް ނުކުރެއެވެ. އޮތް އެއްޗެއް އޮތީ ހިތުގައެވެ. އަރޫޝާ ބޭނުންވީ ލަތީފް އިސްވެ ލޯބި ހުށައަޅާށެވެ. ނަމަވެސް ލަތީފް ވެސް އެއްވެސް ފެހި ސިގުނަލެއް ފާޅުގައި ނުދެއެވެ. ދެ މީހުން ވެސް ކުރަނީ އިޝާރާތެވެ. އަރޫޝާ އުންމީދު ކުރީ ލަތީފަށް ލޯބި ހުށައަޅަން ކެރޭނެ ކަމަށެވެ. ހިތުގައި ފޮރުވާފައިވާ އެ ސިއްރު ހާމަ ކުރަން އަރޫޝާ ޖެހިލުންވެއެވެ.

އަރޫޝާގެ ހިތް ހިބައިން ލަތީފަށް ދިނީ އެއްވެސް ޝަރުތަކާ ނުލައެވެ. ލަތީފްގެ މަގުސަދެއް ނުވަތަ ބޭނުމެއް ވެސް އަރޫޝާއަކަށް ނުވިސްނެއެވެ. އޭނާ ގަބޫލު ކުރީ ލަތީފަކީ ލޯބިވާން ދަންނަ ވަފާތެރި މީހެއްގެ ގޮތުގައެވެ. އުނދަގޫ ވަނީ އަޒީޒް ގާތުގައި އެ ވާހަކަ ދައްކާނެ ގޮތެކެވެ. ދައްކާނީ އަޒީޒްގެ ކޮން އުނި ސިފައެއް ހެއްޔެވެ؟ އަނބިމީހާއަށް ހެޔޮ ފިރިއެކެވެ. ދަރިންނަށް އަޅާލާއި ދަރިން ދެކެ ލޯބިވާ ބައްޕައެކެވެ. ގޭތެރޭގައި އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. ދިރިއުޅުމުގައި އަރޫޝާއަށް މަދުވި ފޮނިމީރުކަން ހޯދަން އަޒީޒްއާ ވަކިވުމަކީ ކުރަން ވާވަރުގެ ކަމެއް ހެއްޔެވެ؟ އަރޫޝާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ދަރިން ދެކެ ކިތަންމެ ލޯބިވިޔަސް އެ ކުދިން އެކަނި ބެލޭނެހާ ހިތްވަރެއް އަރޫޝާގެ ނެތެވެ. އަނެއްކޮޅުން ލަތީފަކީ ދޮން ދަރިންތަކެއް ބަލާނެ ކަހަލަ މީހެއް ނޫނެވެ. އެ ވަރު އަރޫޝާއަށް ވިސްނެއެވެ.

އަރޫޝާ ގޮތެއް ނިންމިއެވެ. އަޒީޒް ގާތުގައި އެއްވެސް ވާހަކައެއް ނުބުނެ އެ ގުޅުން ކުރިއަށް ގެންދިޔުމެވެ. ފުރަތަމަ ސިއްރުންނެވެ. ދެން ފާޅުގައެވެ. އަޒީޒް ވިސްނާނެ ގޮތަކަށް ވިސްނާފާނެތާއެވެ. އަޅާނެ ފިޔަވަޅެއް އަޅާނެތާއެވެ. އެކަމާ ވިސްނާނީ އެ ދުވަސް އައުމުންނެވެ. މިހާރު އެކަންކަމާ ހާސްވާކަށް ބޭނުމެއް ނުވިއެވެ. ލަތީފަކީ ޒަމާނަށް ލޯބި ކުރާ ޒުވާނެކެވެ. އަންހެންކުދިން ގޮވައިގެން ބައިސްކޯފަށް ދިޔުމާއި އެކުގައި ހިނގާލަން ދިޔުމަކީ ވަރަށް ގިނައިން ކުރަ ކަންކަމެވެ. ރޭގަނޑު ވަގުތުތަކުގައި ބޭރުގައި ހޭދަ ކުރެއެވެ. ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ދެއެވެ. އަތުގައި ހުންނަ ފައިސާއިން ގަންނަނީ އަގު ބޮޑެތި ސެންޓާއި އަންނައުނެވެ. އެއީ އަރޫޝާއަށް ވަރަށް ކަމުދިޔަ ކަންކަމެވެ. އެއީ އުފާވެރި، މިނިވަން ދިރިއުޅުމެއް ކަމުގައި ގަބޫލު ކުރެވެން ފެށިއެވެ. އެގޮތުން ލަތީފްއާ އެކު ބޭރުގައި ހޭދަ ކުރެވޭ ވަގުތުތައް ގިނަ ވާން ފެށިއެވެ. ދަރިންނަށް ދެވޭ ސަމާލުކަން ކުޑަވާން ފެށިއެވެ. އެކަންކަން އަޒީޒްއަށް އެނގެން މާ ގިނަ ދުވަހެއް ނުނެގިއެވެ.

އަޒީޒަކީ ފެންނަ ކަންތައް ނުފެންނަ ކަމަށް ހަދައިގެން ހުންނަ ކަހަލަ މީހެއް ނޫނެވެ. އަރޫޝާ ހީކުރީ އަންނަ ރުޅީގައި އަރޫޝާ ވަރިކޮށްފައި ގެއިން ނެރޭނެ ކަމަށެވެ. ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. ފުރަތަމަ ވެސް އަރޫޝާގެ އެ އުޅުން އިސްލާހު ކުރަން ނަސޭހަތްދިނެވެ. އަރޫޝާ އަޑެއް ނޭހިއެވެ. އަޒީޒް ވިސްނައިދިނީ ދަރިންނަށް ވެދާނެ ގޮތަކާ މެދުގައެވެ. އެ ކުދިންގެ މުސްތަގުބަލު ބަނަވެދާނެ ކަމުގެ ބިރު ވެސް ވިސްނައިދިނެވެ. އަރޫޝާއަށް ކަހާ ތަން ހިރުވައި ވެސް ނުލިއެވެ. އަރޫޝާ ބޭނުންވީ އަޒީޒްގެ ކެތްތެރިކަން ކޮޅުންލައިގެން އަރޫޝާ ވަރިކުރާށެވެ. އަޒީޒް ދެން ވާހަކަ ދެއްކީ ލަތީފްއާއެވެ. އެކަމުން ވެސް އަލިމަގެއް ނުފެނުނެވެ. އަޒީޒް ބޭނުން ނަމަ އާދޭސް ކުރެވުނީހެވެ. ނުވަތަ ހަރުކަށިކަން ދައްކައިގެން ވެސް އެކަން ހުއްޓުވިދާނެއެވެ. ނަމަވެސް ގަދަކަމުން އެކަން ކުރާކަށް އަޒީޒް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓީއެވެ. ދިން ނަސޭހަތެއް ގަބޫލެއް ނުކުރިއެވެ. އަރޫޝާ ބޭނުންވި ގޮތަށް އަޒީޒް ކަންތައް ކޮށްދިނީ ހިތުން ރުހުމަކުން ނޫނެވެ. އަޒީޒް ހިތްވަރު ކުރިއެވެ. މާނައެއް ނެތް ގުޅުމެއްގައި ބަނދެވިފައިވާ ކަން އަޒީޒަށް އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. އެތައް އަހަރެއް ވީ ކައިވެނީގެ ގޮށް މޮހެން ނެގީ މަދު ސިކުންތުކޮޅެކެވެ. ގުޅުވާލެވިފައިވާ ވާގަނޑަކީ އެއްވެސް ބާރެއް ނެތް، ނިކަމެތިވެފައިވާ އެއްޗެއްކަން ދެނެގަނެވުނީ ދެނެވެ. ކިތަންމެ ވަރަކަށް ދޮން ކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. އަޒީޒަށް އެ ވަރު ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

އަރޫޝާ ގެއިން ނުކުތީ އުފަލުންނެވެ. ފަހު ފަހަރަށް ދަރިންނާ ދިމާލަށް ބަލާލީ މައިންވަންތަކަމުގެ ކޮންމެވެސް މިންވަރެއް ހިތުގައި ވާތީއެވެ. އަޒީޒްއާއެކު ދަރިންކޮޅު ތިބީ ރޮވިފައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ބުނާނެ ހިތްވަރެއް އަރޫޝާއަކަށް ނުލިބުނެވެ. ދަރިންނަށް ފުރަގަސްދީފައި ދޮރާށިން ނުކުތެވެ. އަތުގައި ހުރި ފޮށި ބަރުކަމުން ހިފަން އުނދަގޫވެގެން އުޅުނެވެ. ނަމަވެސް ލަތީފްގެ ގެ ހުރީ ކުރިމަތީގައެވެ. ބާރު ހިނގުމެއްގައި ގޮސް އެ ގޭތެރެއަށް ވަނެވެ. ނުކުތް ދޮރުން ދެން ނުވަންނާނަމޭ ހިތާހިތުން ބުނަމުންނެވެ. ފުރަގަސްދިން ފަރާތަށް ފަސް އެނބުރި ނުބަލާނަމޭ އެތައް ފަހަރަކު ހިތަށް އަރަމުންނެވެ. ލަތީފްގެ ގެއަށް ވަންނަމުން އެއީ ގަނޑުވަރެކޭ ހިތަށް އެރިއެވެ. ނަމަވެސް މީހަކު ފެންނަން ނެތް އެގެއިން ދުވީ ބުނެދޭން ނޭނގޭ ކަހަލަ ވަހެކެވެ. އަނދިރި ވެފައިވާ ގޭތެރެއިން ފެނުނީ ފަޅުކަމެވެ. ދިރޭ އެއްވެސް ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ބާވެފައިވާ ފާރުތަކުގައި ވަނީ ފެން ވަދެފައިވާ ނިޝާންތަކެވެ. އެ ތަންތަނުގައި ހުރީ ފޫ ޖަހާފައެވެ. ތަޅުން އަޅާފައިވާ ބިންމަތީގައި އޮތީ އެތަން މިތަނުން ވީދި، ނޮޅިފައިވާ ތަރުފާލުކޮޅެކެވެ. ލޮލަށް ފެނުނު މަންޒަރު ހިތަށް ސިފަ ކޮށްލަން ހިނދުކޮޅެއް ނެގިއެވެ. ގަބޫލު ކުރުން ވީ ސިކުނޑިއަށް އުނދަގޫ ކަމަކަށެވެ. ސަލާން ގޮވާލަން ކިތަންމެ ފަހަރަކު އަރޫޝާ ހިތަށް އެރިއެވެ. ނަމަވެސް ބީރައްޓެއްސެއް ހެން ގަބުވެފައި ހުރެވުނީއެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ކުރިމަތީ ފެންނަން އޮތީ ހަނި ގޯޅިއެކެވެ. ދުވާލުގެ އެ ވަގުތު ވެސް އެތަން ފެންނަން އޮތީ އަނދިރި ކޮށެވެ. އަރޫޝާއަށް ނުވިސްނުނު ކަމަކީ އުޖާލާ ވަމުން އައި އަރޫޝާގެ ހަޔާތް ވެސް އެހާ އަނދިރި ވެދާނެކަމެވެ. އިހުތިޔާރު ކުރި އެ މަގުން ފަހުން ކުރިމަތިލާން ޖެހޭނީ ކޮން ފަދަ ކަމަކާ ކަމެއް ވެސް ނުވިސްނުނީމައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

ޢަޒީޒް

18 މޭ 2023
ކުރިމަތީ ހުންނަ ގޭގެ ހާލަތު ނޭގޭހާ ގަބު މީހެއް ދޯ އަރޫޝާ މީ.
1 0

ރޯނު އެދުރު

18 މޭ 2023
@ޢަޒީޒް ގެއަށް ވަދެ ނުކުމެ ނޫޅެނީ ކަމަށް ވެދާނެ އެއްނު. ގަބު ވެގެންތަ މީހުން އުޅޭ ތަންތަނުގެ ހާލަތު ނޭގެނީ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް