ވާހަކަ

ވާހަކަ: އިހުތިޔާރު

އެޕިސޯޑް 2

އަޒީޒް އެންމެ ލޯބިވާ ދަރިފުޅަކީ ދޮށީ ދަރި މައިޝާއެވެ. އެއީ އަޒީޒްއާ އެ މަންޖެ ވައްތަރުކަމުންނެވެ. ނަމަވެސް އަރޫޝާގެ ސަމާލުކަން ގެއްލެމުން ދިޔަ ދަރިއަކީ ވެސް މައިޝާއެވެ. އަރޫޝާއަށް އަނެއްކާވެސް ދަރިއަކު ލިބުނެވެ. ދުވަސްތައް މާޒީވަމުން ގޮސް ދަރިންގެ ޒިންމާ ނަގަން އަރޫޝާއަށް ދަސްވިއެވެ. އެއް ގެއެއްގައި އެކުގައި އުޅުނު ނަމަވެސް މައިޝާގެ ލޮލަށް މަންމަ ފެންނަ ވަރު މަދުވާން ފެށިއެވެ. ޅަ އުމުރުގައި މައިޝާ އެކަމާ ޝަކުވާ ކުރެއެވެ. އަޒީޒް ގާތުގައެވެ. ބައެއް ފަހަރު މާމަ ގާތުގައެވެ. ނަމަވެސް އުމުރު މަތިވަމުން ދިޔަ ވަރަކަށް މައިޝާ ކުރާ ސުވާލުތައް މަދުވާން ފެށިއެވެ. ކުރާ ޝަކުވާތައް ފުނި ޖެހުމުގެ ބަދަލުގައި ފޮހެވެން ފެށިއެވެ. ދެމައިން ކުރެ އެކެއްގެ ހިތުގައި ވެސް އަނެކާއާ މެދު މާ ބޮޑު ކުލުނެއް ނުވަތަ ލޯތްބެއް ނުއުފެދުނެވެ. އުފެދޭ ފަދަ ފުރުސަތެއް ވެސް ނުލިބެއެވެ.

މައިޝާގެ އުމުރުން 12 އަހަރުގައި އަޒީޒް އެ ފަސްމައިން އަޒީޒްގެ ގެއަށް ގެނައެވެ. އަޒީޒްގެ މޫނުމަތިން އަބަދުވެސް ފެންނަނީ އުފާވެރިކަމެވެ. ދަރިން ފެންނަ ކޮންމެ ފަހަރަކު އަޒީޒްއަށް ހަމްދު ކުރެވެއެވެ. އެއީ އަބަދުވެސް އަޒީޒް ބޭނުންވި ދިރިއުޅުމެވެ. ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ނުގަނެވޭނެ އަގު ބޮޑު ނިއުމަތެކެވެ. އުފާވެރި ދިރިއުޅުމެއްގެ ބިންގާ އެޅޭނީ ދެމަފިރިންގެ ހަތަރު އަތް ބޭނުން ކޮށްގެންނެވެ. އެއީ އެ ބިންގާ މަތީގައި ނަގާ އިމާރާތުގެ ހަތަރު ތަނބަށް ވާން ޖެހެއެވެ. އެންމެ ތަނބެއް ބަލިކަށިވިޔަސް އިމާރާތުގެ ވަރުގަދަކަމަށް ބަދަލު އާދެއެވެ. އެވަރު އަދި ނުވިސްނެނީ އަރޫޝާއަށެވެ.

އަޒީޒްގެ އަތްމަތި ތަނަވަހެވެ. އެ ޒަމާނަށް ބަލާ އިރު ކޮންމެ މީހަކަށް ކޮޓަރިއަކާއި ފާހާނާއެއް ނުހުރެއެވެ. އެންމެން ބޭނުން ކުރަން ހުންނަނީ އެއް ފާހާނާއެކެވެ. ނަމަވެސް ވަކިން ފާހާނާއަކާއި ކޮޓަރިއެއް އަޒީޒް ތައްޔާރު ކުރިއެވެ. އަޒީޒްގެ ފެންވަރުން އެތަން ތައްޔާރު ކުރީ ތަނަވަސްކޮށެވެ. އަޒީޒްގެ ކޮޓަރިއާ ދާދި އެއް ގޮތަކަށް މައިޝާއަށް އެތަން ތައްޔާރު ކޮށްދިނީ އެ މަންޖެ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަރޫޝާއަށް އެ މަންޒަރު ބަލަން އުނދަގޫވިއެވެ. ސުވާލު އުފެއްދިއެވެ. އެހެން ދަރިންނާ މައިޝާއާ ތަފާތު ކުރަނީ ކީއްވެތޯއެވެ. އެ ދަރިފުޅަށް އެހާ އިސްކަމެއް ދެނީ ކީއްވެތޯއެވެ. އަޒީޒް ބޭނުން ނަމަ ކިތަންމެ އެއްޗެއް ބުނެވޭނެއެވެ. އަރޫޝާ އެހެން ކުދިންނަށް ދޭ އަޅާލުމާއި ލޯބި މައިޝާއަށް ނުލިބޭތީއެވެ. އަޒީޒް މައިޝާ ދެކެ އިތުރަށް ލޯބިވަނީ އަރޫޝާގެ ފަރާތުން މައިވަންތަކަމުގެ ކުލުނު ނުދޭތީއެވެ. އެ ކުއްޖާ އެއިން އެއްވެސް ކަމަކުން އުނިވިޔަ ނުދިނުމަށް އަޒީޒް ބެލީ އެކަންކަން ފޫބެއްދޭތޯއެވެ. އަޒީޒް ބޭނުން ނަމަ ކިތަންމެ ސުވާލެއް ވެސް ކުރެވުނީހެވެ. ނަމަވެސް އަޒީޒް ބެލީ އެއްޗެއް ނުބުނެ ވޭތޯއެވެ. ދެބަސްވުމާއި ޒުވާބަކަށް ދާން ބޭނުންނުވާތީއެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިން ޒުވާބުކުރުމާއި އަޑުގަދަ ކުރާތަން ދެއްކުމަކީ އެ ކުދިންނަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެ ކުދިންގެ އުޖާލާ މުސްތަގުބަލަށް އެޅޭނެ އަނދިރި ހިޔަންޏަކަށް ވާނެކަން ކަށަވަރެވެ.

މައިޝާއަށް ފެނުނީ މަންމަ އިތުރަށް ފޫހިވެފައި ހުންނަ ތަނެވެ. ލޯބިން ބަހެއް ބުނެނުލާތަނުގައި މައިޝާއާ ދިމާލަށް ބަލާ ވެސް ނުލައެވެ. ހީވަނީ މައިޝާއަކީ އެ ގޭގައި ނޫޅޭ މީހެއް ހެންނެވެ. މަންމަގެ ލޯތްބާއި ގާތްކަން އެންމެ ބޭނުންވި ދުވަސްވަރު އެކަމެއް މައިޝާއަކަށް ނުލިބުނެވެ. ބަލިވިޔަސް ޑޮކްޓަރަށް ގޮވައިގެން ދަނީ ބައްޕައެވެ. އެއްޗެއް ގަންނަން ވިޔަސް ބޭނުން ވިޔަސް ގެނެސްދެނީ ބައްޕައެވެ. ސުކޫލްގެ ބައްދަލުވުންތަކާއި ސުކޫލަށް ގެންދިޔުމާއި ގެނައުމަކީ ވެސް ބައްޕަ ކޮށްދޭ ކަންކަމެވެ. ފުރާވަރަށް އަޅަމުން އައި މައިޝާއަށް އަޒީޒް ކައިރީ ބުނަން ނުކެރޭ ކިތަންމެ ކަންކަމެއް ހުއްޓެވެ. އަންހެން ދަރިއަކު މަންމައަކާ ހިއްސާކުރަން ބޭނުންވާ ކިތަންމެ ހާލަތްތަކެއް ދިމާވިއެވެ. އެ ކަންކަން ތަޖުރިބާ ކުރަން ޖެހުނީ މައިޝާ އަމިއްލައަށެވެ. އެ ކަންކަންމާ ކުރިމަތިލާން ޖެހުނީ ނޭނގުމެއްގެ ތެރޭގައި ހުއްޓައެވެ. އެއީ މައިޝާ ދުވަހަކުވެސް ހަނދާން ނެތޭނެ ކަންކަމެއް ނޫނެވެ. މަންމަގެ ފަރާތުން ލިބެންވީ ސަމާލުކަމާއި ގާތްކަމެއް މައިޝާއަކަށް ނުލިބުނެވެ.

އަރޫޝާ ފޫހިވާކަން މައިޝާއަށް ވިސްނެމުންދިޔައެވެ. އަދި އެކަން ހިތުގެ އަޑިން ގަބޫލު ވެސް ކުރެވެން ފެށިއެވެ. އެ ހިސާބުން މައިޝާއަށް ވެސް މަންމަ މާ މުހިންމެއް ނުވިއެވެ. މަންމަގެ ލޯތްބަށް ފެންބޮވައިގެންފައިވާ އެ ހިތަށް ކެތްތެރިކަން ލިބެމުންދިޔައެވެ. މަންމައަށް ދެވިފައިވާ ހާއްސަ ގަދަރާއި އަހަންމިއްޔަތުކަން ކުޑަ ކުރެވެން ފެށުނެވެ. ބައްޕައާއި ކޮއްކޮމެން ދެކެ ލޯބިވިއެވެ. އަޒީޒްގެ ވިޔަފާރި ފުޅާވަމުން ދިޔައެވެ. ކުރަން ޖެހޭ ދަތުރުތައް ގިނަވެ ޒިންމާތައް ބޮޑުވަމުން ދިޔައެވެ. ނަމަވެސް މައިޝާއަށް ދޭން ޖެހޭ ސަމާލުކަމަކަށް ބަދަލެއް ނާދެއެވެ. ބައްޕަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް މައިޝާއަށް ލިބެމުން ދިޔަ ލޯތްބަކަށް ބަދަލެއް ނާދެއެވެ.

ލޯބި ތަޖުރިބާ ކުރަން ނުލިބުނު ބަދު ނަސީބުވެރިއަކީ އަރޫޝާއެވެ. ޅަ އުމުރުގައި ނުވެސް ދަންނަ މީހެއްގެ ބޮލުގައި އެޅުވިއެވެ. މައިންބަފައިންގެ އެ އަމަލުގެ ސަބަބުން އަރޫޝާގެ ކިޔެވުން ހަލާކުވިއެވެ. ހެދިބޮޑުވަމުން ކުރި ފަޅަމުން ދިޔަ ޒުވާން އުމުރު އިންނަން ޖެހުނީ އަތްނބަކާއި މަންމައެއްގެ ޒިންމާ އަދާކޮށް ފުރިހަމަ ކުރުމުގައެވެ. އެއީ އަރޫޝާ އެއްގޮތަކަށްވެސް ބޭނުންވި ކަމެއް ނޫނެވެ. މިނިވަން ޖައްވެއްގައި ފިޔަ ޖަހަމުން އުޅެންވީ ދުވަސްވަރު އަރޫޝާ ބަންދުވީ ޖަލެއްގައެވެ. އެތަނުން ސަލާމަތްވާން އެއްވެސް ކަމެއް އަރޫޝާއަށް ކުރެވޭކަށް ނެތެވެ. އެ ހިތްވަރު ވެސް ނުލިބުނީއެވެ. އަރޫޝާ އަދިވެސް ކުށްވެރި ކުރާނީ މައިންބަފައިންނެވެ.

އަރޫޝާ ގަބޫލު ކުރާ ގޮތުގައި ހަޔާތަށް އަންނަން ޖެހޭ ފޮނިމީރުކަން އަދިވެސް ނުލިބެއެވެ. އެއީ އޭނާގެ ހަޔާތުން ގެއްލުނު ދުވަސްތަކެކެވެ. އެ ދުވަސްތައް އަނބުރާ ގެންނަން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އަބަދުވެސް އެ އުނިކަން އަރޫޝާއަށް އިހުސާސް ކުރެވެއެވެ. ލޯބިވެރިއެއްގެ ފަރާތުން ލިބެން ޖެހޭ ލޯތްބާއި ހިތްހަމަޖެހުން އަރޫޝާއަކަށް ނުލިބެއެވެ. އެކަންކަމުން މަހުރޫމްވެފައިވާ އެ ހިތް ލޯތްބަށް އިންތިޒާރު ކުރެއެވެ. ލޯބިވެރިޔާއާ އެކު ހޭދަ ކުރާ ވަގުތުތަކާއި އުފާވެރި ދުވަސްތަކަކީ އަރޫޝާއަށް އަޑުއިވިފައިވާ ކަންކަމެވެ. ނަމަވެސް ތަޖުރިބާކޮށްލަން ނުލިބުނު ފޮނި އިހުސާސްތަކެކެވެ. ބޭނުންވި ނަމަވެސް ބަލާލަން ނުލިބުނު ހުވަފެންތަކެކެވެ.

އަރޫޝާއަކީ ހަތަރު ކުދިންގެ މަންމައެކެވެ. ޒިންމާތަކެއް އަދާ ކުރަން ޖެހޭ އަތްނބެކެވެ. އަރޫޝާ އެކަން ހަނދާން ހުރެއެވެ. ނަމަވެސް އެންމެ ފުރަތަމަ ކަމަކީ އަރޫޝާއަކީ އަންހެނެއް ކަމެވެ. ފިރިއެއްގެ ފަރާތުން ކޮށްދެން ޖެހޭ އެއްވެސް ކަމަކަށް އަޒީޒް ދެކޮޅެއް ނުހަދައެވެ. އަރޫޝާ ބޭނުންވާ ކަންކަން ނުބުނަނީސް އަޒީޒް ހުންނަނީ ކޮށްދީ ނިންމާފައެވެ. އެކަން ކަން އަރޫޝާ ބަލައިގަނެއެވެ. ނަމަވެސް އަޒީޒް ދެކެ ލޯތްބެއް ނުވެވުނެވެ. އެކަން އަޒީޒަށް ވެސް އެނގޭނެކަން ޔަގީނެވެ. އެކަމާ އަރޫޝާ ލަދެއް ވެސް ނުގަނެއެވެ. ޖެހިލުމެއް ވެސް ނުވެއެވެ.

އަރޫޝާ އޮތީ ގޯތިތެރޭގައި ހުރި ޖޯއްޔެއްގައެވެ. ހަގަށް ލިބުނު ދެ ކުދިން ތިބީ ވެލިގަނޑުމަތީގައި ކުޅޭށެވެ. އަރޫޝާ ހަނދާންވީ އަރޫޝާގެ ޅަފަތުގެ ދުވަސްވަރެވެ. ލޮލުން ފާއްދާލި ކަރުނަ ވަގުތުން ހިންދާލީ މީހަކު ސަލާން ގޮވާލި އަޑު އިވުމުންނެވެ.

"ވައަލައިކުމުއް ސަލާމް،" ދޮރާ ދިމާލަށް ބަލާލަމުން ސަލާން ބަލައިގަތެވެ. އަރޫޝާގެ ލޮލުގައި އަޅައިގަތީ ކުރިމަތިން ހިނގާލާފައި އައި ޒުވާނާ އެވެ. ފުރިހަމަ މީހެކެވެ. ބާމަތި ފުޅާވެފައި އިސްކޮޅުން ދިގެވެ. ހަމުގެ ކުލަ އަލި އެ ހަށިގަނޑުގެ ރޫފަ ރަނގަޅެވެ. އިސްތަށިގަނޑު ދިގުވެފައި ބޮލެވެ. ބޭ އިހުތިޔާރުގައި އަރޫޝާއަށް ކޮޅަށް ތެދުވެވުނެވެ. ނުފަރިތަ މޫނެކެވެ. އެކަމަކު އުޖާލާއެވެ. ދުވި މީރު ވަހުން މޭ ފުރި އަރައިގެން ދިޔައެވެ. ލޮލަށް ހެޔޮވަރުކޮށްފައިވާ އައިނު ނަގައި ޖީބަށް ލިއެވެ. އަރޫޝާ އެ ލޮލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް