ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

ތަގުދީރަކީ ބައެއް ފަހަރު އިތުބާރުކުރަން ދަތި އެއްޗެކެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ވުމުން އެއީ ތަގުދީރުގައި ލިޔެވިފައިވާ ގޮތޭ ބުނެ ނިންމާލައެވެ. ތަގުދީރުގައި ދެ ގޮތަކަށް ކަންތައް ވާން އޮންނަ އިރު ތިމާ ބޭނުންވާ ގޮތް އިހުތިޔާރު ކުރަނީ ވެސް އެ ގޮތް ބޭނުން ވުމުންނެވެ. ގެއްލުމެއް ނުވަތަ ހިތް ނޭދޭ ކަމެއް ވުމުން އެއީ ނަސީބުގައި ހުރި ގޮތް ކަމުގައި ބުނެއެވެ. އެހެނަސް ބައެއް ފަހަރު ދިމާވާ ކަންކަމަކީ ތިމާ ހަނދާނުން ފޮހެވިފައިވާ ކަންކަމުގެ ސަބަބުން މެދުވެރިވާ ކަންކަމެވެ. ދެން ހަނދާންވަނީ އެއީ ކުރިން ކުރި ކަމެއްގެ ސަބަބުން ތިމާއަށް ކުރިމަތި ކުރުވި ކަމެއް ކަމަށެވެ. އެކަމުގައި ކުށްވެރި ވާނީ ވެސް ތިމާ ކަމެވެ.

އަރޫޝާއަކީ ރީތި ސިފައެއް ލިބިފައިވާ ކުއްޖެކެވެ. ޅަފަތުގެ އެ އުމުރުގައި ލޯބި ކިޔަނީ ކޮން އެއްޗަކަށް ކަމެއް ނޭނގެއެވެ. މަންމަ ބުނީމާ ކިޔަވަން ދަނީ އެދުރު ދައިތަ ގެއަށެވެ. އެދުރު ދައިތައަކީ އަރޫޝާގެ ބޮޑުދައިތައެވެ. ދުވަސްވަރަކީ ނާތަހުޒީބު ދުވަސްވަރެކެވެ. އަރޫޝާގެ އުމުރު ހަގެވެ. ސަކަ މިޒާޖެއް ހުންނަ އަރޫޝާއަކީ މަޖާ ކުއްޖެކެވެ. ކުޅުމާއި ކެއުމަކީ އެންމެ ގިނައިން ކުރާ ކަންކަމެވެ. ނަމަވެސް ރަށުގައި ޒުވާނުންގެ ލޯތައް އަމާޒު ވެފައި ހުރީ ހެދި ބޮޑުވަމުން އަންނަ އަރޫޝާއަށެވެ. ކޮންމެ ޒުވާނެއް ވެސް ބޭނުންވީ އަރޫޝާގެ ކައިވެންޏެވެ. އަރޫޝާގެ ޅަ ސިކުނޑިއަކަށް އެ ކަމެއް ނުވިސްނެއެވެ. ގޯޅިގޯޅި ކަންމަތީގައި ބޮޑު ފުރޮޅުލީ ބައިސްކަލްތަކުގައި އެކި އުމުރު ފުރާގެ ފިރިހެންކުދިން ތިބެއެވެ. އަރޫޝާ ހިނގާލާ ގޮތް ބަލާލާށެވެ. ލޮލުގެ ހިމަކޮޅުން ވެސް އެއިން މީހަކާ ދިމާލަށް އަރޫޝާގެ ކަޅި ހަމަވޭތޯ އިންތިޒާރުގައެވެ. އެ ސޮރުމެން ތެރޭގައި ރަށުގެ ކަތީބުގެ ދަރި އާއި ކަމުވޮށިގެންވާ އެހެން ބައެއް މީހުންގެ ދަރިން ވެސް ތިބެއެވެ. ކުޅެމުން ފުމެމުން އަންނަ އަރޫޝާގެ ލޮލުގައި އެއިން އެއްވެސް ކަމެއް އަޅައެއް ނުގަނެއެވެ.

ޅަ އުމުރުގައި އަރޫޝާ ކައިވެނި ކުރުވިއެވެ. މައިންބަފައިން ބޭނުން ވެގެންނެވެ. އަރޫޝާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރޫޝާ ވަރަށް ރުޔެވެ. ކައިވެންޏަކީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގޭ ކަމުގައި ބުނަމުންނެވެ. ކިޔަވަން ބޭނުން ކަމުގައި ބުނަމުންނެވެ. ނަމަވެސް އޭނަގެ މައިންބަފައިން ދެ ލޯ މަރާލީއެވެ. ދެ ކަންފަތުގައި އަތް އެޅީއެވެ.

އުމުރުން 29 އަހަރުގެ އަޒީޒަކީ އަރޫޝާ ގަޔާވާ ކަހަލަ އެންމެ ސިފައެއް ވެސް ހުރި މީހެއް ނޫނެވެ. އުމުރުގެ ގޮތުން ބެލިޔަސް އަރޫޝާއަށް ވުރެ އެތައް އަހަރެއް ދޮށްޓެވެ. ބޮލުން ހުރީ އިސްތަށި މަދު ވެފައެވެ. ހަށިގަނޑު ފަލައެވެ. ބަނޑެއް ލާފައި ހުރީ އުމުރާ ނުގުޅޭ ވަރަށެވެ. ހީވަނީ 40ގެ އަހަރުތައް ގުނާ މީހެއް ހެންނެވެ. ނަމަވެސް އަރޫޝާގެ މައިންބަފައިންނަށް ފެނުނީ އަޒީޒްގެ ޖީބުގައި ބޮނޑި ބަނދެފައިވާ ރަތް ނޫޓްތަކެވެ. އަތުކުރީގައި އަޅާފައިވާ އަގުބޮޑު ގަޑިއެވެ. ދަށަށް ޖަހާލައި ގަޔަށް ހެޔޮވަރުކޮށްލައިގެން ނުކުންނަ ކުލަކުލައިގެ ގަމީސްތަކެވެ. އަރާފައި ހުންނަ ލެދަރު ބޫޓެވެ. އެއިން ކޮންމެ އެއްޗަކީ ވެސް އަގު ހުންނާނެ އެއްޗެއްސެވެ.

އަގެއް ނެތީ ގަދަކަމުން އައްސައިދިން ގުޅުމުގައެވެ. އޮށްޓަރެއް ހުންނާނެ ގުޅުމެއް ނޫނެވެ. އުމުރުގައި ހުރި ފަރަގު މައިންބަފައިންގެ ލޮލުގައި އަޅައެއް ނުގަތެވެ. އަޒީޒަކީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. މާލޭގައި ގެދޮރު ހުރި މީހެކެވެ. ކުރީގެ ކައިވެނިތައް ކުރީ ވެސް މާލޭ އަންހެނުންނާއެވެ. މުއްސަނދި ގަދަރުވެރި މީހުންނާއެވެ. ވުމާއެކު އަރޫޝާ ކަހަލަ ރަށްފުށު ކުއްޖަކާ ކައިވެނި ކުރުމުގެ މަގުސަދެއް އަރޫޝާއަކަށް ނުވިސްނުނެވެ. އަރޫޝާގެ އަދި އާއިލާގެ ވެސް އަތްމަތި ތަނަވަހެއް ނޫނެވެ. އާއިލާގައި އަރޫޝާގެ ދޮށްޓަށް ދެ ދައްތަ ތިބެއެވެ. އެ މީހުން ވެސް ތިބީ ކައިވެނި ނުކޮށެވެ. އަރޫޝާ އިސްކުރީ ކީއްވެ ހެއްޔެވެ؟

އަރޫޝާ ގޮވައިގެން އަޒީޒް މާލެ ދާން ފުރިއެވެ. އެއީ ކައިވެންޏަށް ހަފުތާއެއް ވީ ފަހުންނެވެ. އެ ދުވަހު އަރޫޝާގެ މައިންބަފައިންގެ ޖީބު ފުރިފައި ހުރީ އަޒީޒް ދިން ނޫޓްތަކުންނެވެ. އަރޫޝާގެ ލޮލުން ފުރިގެން ބަންޑުންވަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ ކަރުނައެވެ. ފަހު ފަހަރަށް އަރޫޝާ ބަލާލީ މަންމަގެ ދެ ލޮލަށެވެ. އެ ދެ ލޮލުން ބަބުޅަމުން ދިޔައީ އުފާވެރިކަމެވެ. އަރޫޝާ ބަލަން ބޭނުންނުވީ އެ މަންޒަރެވެ. ދޯނީގައި އިން އިރު ވެސް އަރޫޝާގެ ލޮލުން ކަރުނަ ނުހިކެއެވެ. އަޒީޒްގެ އޯގާތެރިކަން އަރޫޝާއަށް ފާހަގަ ކުރެވުނި އެ ވަގުތުއެވެ.

ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ، އަރޫޝާ މާބަނޑުވިއެވެ. އުފާވީ އަޒީޒެވެ. އަރޫޝާއަށް ހީވީ ޖަލަކަށް ލެވުނު ހެންނެވެ. ބޭނުންނުވެ ހުއްޓައި ކައިވެނި ކުރުވީމައެވެ. ބޭނުންނުވެ ހުއްޓާ ދަރިއެއްގެ ޒިންމާ ބޮލުގައި އަޅަން ޖެހުމުންނެވެ. އެ ދަރިފުޅަށް ކިއީ މައިޝާއެވެ. ޖެހިގެން އައި އަހަރު ލިބުނީ އެއްމާބަނޑު ދެ ކުދިންނެވެ. ކިއީ އަޒުމާ އާއި ނަޒުމާއެވެ. އަޒީޒްގެ އެހީތެރިކަމާއި ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް އަރޫޝާ އެ ކަމެއް ބަލައެއް ނުގަތެވެ. އަރޫޝާ ގަބޫލު ކުރާ ގޮތުގައި އެ ކައިވެންޏަކީ މައިންބަފައިން ކުރުވި ކަމެކެވެ. ކުރި ވިޔަފާރިއެކެވެ. އަރޫޝާގެ ހިތާއި ސިކުނޑި އެކަމަށް ހެކިވެއެވެ. ކިތަންމެ ގިނަ ދުވަހު އެކީގައި އުޅުނު ކަމުގައި ވިޔަސް އަޒީޒް ދެކެ ލޯތްބެއް ނުވެވޭނެއެވެ. ކިތަންމެ އެހީތެރިވެފައި ހިތްހެޔޮ ނަމަވެސް އަރޫޝާގެ ހިތެއް ހެވެއް ނުވާނެއެވެ.

ދަރިން ލިބުމުން އަރޫޝާގެ ވިސްނުމަކަށް ވެސް އުޅުމަކަށް ވެސް މާ ބޮޑު ބަދަލެއް ނާދެއެވެ. އޭރު އުމުރުން އެންމެ 18 އަހަރެވެ. ޒުވާންކަމުގެ ލޭ އެންމެ ހޫނުވާ ދުވަސްވަރަކީ މިއީއެވެ. އަރޫޝާ ހިތް އެދޭ ކަހަލަ ކިތަންމެ ފިރިހެނުންނެއް ފެނެއެވެ. ތިން ކުދިން ލިބިފައިވީ ނަމަވެސް އަރޫޝާގެ ހަށިގަނޑުގެ ލޫޅާފަތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ޒަމާނުގައި މީހުން ކައިވެނި ކުރަނީ ވީހާ ވެސް ހަގު އުމުރުގައެވެ. ނަމަވެސް އަރޫޝާގެ އުޅުމަށް ބަލާފައި އަޒީޒް ވިސްނާލިއެވެ. ދަރިން ބެލުމުގެ ޒިންމާ އުފުލޭހާ ގާބިލްކަމެއް އަރޫޝާގެ ކިބާގައި ނެތެވެ. ދަރިން ތަރުބިއްޔަތު ކުރާނެ އެއްވެސް އުޅުމެއް ވެސް އަރޫޝާގެ ތަބީއަތުގައި ނެތެވެ. އަޒީޒް ބޭނުންވީ އަރޫޝާގެ މައިންބަފައިން މާލެ ގެންނާށެވެ. ނަމަވެސް އެ ކަމަށް އެ މީހުން ދެކޮޅު ހެދިއެވެ. ސަބަބަކަށް ދެއްކީ އަރޫޝާގެ ހަގަށް ތިބި ކުދިން ބަލަން އުނދަގޫވާނެތީ ކަމަށެވެ. އަޒީޒް ވިސްނާލިއެވެ. ނަތީޖާއަކަށް ވީ އަޒީޒްގެ މަންމަގެ ގާތަށް އަރޫޝާ އާއި ކުދިން ގެންދިޔުމެވެ.

އެ ގެއަކީ ބޮޑު ގެއެކެވެ. އަރޫޝާއަށް ވިސްނާލާނެ މާ ބޮޑު ފުރުސަތެއް ނުލިބުނެވެ. އަޒީޒް ބުނި ގޮތަށް ހުރިހާ ކަމެއް ކުރަމުން ދިޔައެވެ. ހިތާ ދެކޮޅަށެވެ. މައިދައިތައަކީ އަރޫޝާއާ މާ ގާތް ގުޅުމެއް އޮންނަ މީހެއް ނޫނެވެ. ނަމަވެސް މާމަ ދަރިން ދެކެ އޭނާ ވަރަށް ލޯބިވެއެވެ. އެކަން ވީ އަރޫޝާއަށް ވަރަށް ފަސޭހަ ކަމަކަށެވެ. ބޭނުން ވަރަކަށް ބޭރުގައި އުޅުމާއި ބޭނުން ކޮންމެ ވަގުތެއްގައި ކައިގެން އަރާމު ކުރުމަކީ އަރޫޝާ އެންމެ ކުރާ ހިތްވި ކަންކަމެވެ. ދަރިންގެ ޒިންމާ އެޅުވީ މައިދައިތަގެ ބޮލުގައެވެ. އަރޫޝާ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ގަޑި ޖެހޭ އިރު ހުންނަނީ ކައްކައި ނިމިފައެވެ. ގޭތެރޭ ސާފު ކުރުމާއި ފިރިމީހާގެ ޒިންމާތަކެއް ވެސް އަދާ ކުރާކަށް ނުޖެހެއެވެ. އަޒީޒް އެކަންކަމާ ޝަކުވާއެއް ނުކުރެއެވެ. އެއް ކޮޅުން އަރޫޝާގެ ރީތިކަމަކީ އަޒީޒް އެންމެ ލޯބިވާ ކަންތަކެވެ. އެހާ ޒުވާން އަތްނބެއް ލިބުމަކީ ނަސީބެއް ކަމުގައި އަޒީޒް ދެކެއެވެ. މީގެ ކުރިން ކުރި ދެ ކައިވެންޏަށް ވެސް ދަރިންނެއް ނުލިބެއެވެ. އަރޫޝާގެ ފަރާތުން ލިބުނު އެންމެ އަގު ބޮޑު ހަދިޔާއަކީ ތިން ކުދިންނެވެ.

އަޒީޒް އެންމެ ލޯބިވާ ދަރިފުޅަކީ ދޮށީ ދަރި މައިޝާއެވެ. އެއީ އަޒީޒްއާ އެ މަންޖެ ވައްތަރުކަމުންނެވެ. ނަމަވެސް އަރޫޝާގެ ހަނދާނުން ފޮހެވެމުން ދިޔަ ދަރިއަކީ ވެސް މައިޝާއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް