ފިލްމު 'ލޯބިވެވިއްޖެ' ގެ ޑައިރެކްޓަރު އަދި ލީޑް އަލީ ސީޒަން. -- ފޮޓޯ: ލޯބިވެވިއްޖެ
ސީޒަން އިޒް ނޮޓް ދަ ރީޒަން: އެކަމަކު ލޯބިވެވިއްޖެ
'ދަބަޅޭ' ގެ ނަމުން މުޅި ފިލްމީ ދާއިރާއަށް މަޝްހޫރުވެފައިވާ އިބްރާހިމް މޫސާއަކީ މި ދާއިރާއިން ހުނިޖަހާލާފައި ނަގާލެވޭނެ އެންމެ ކުޅަދާނަ އަދި އެންމެ ތަޖުރިބާކާރު އެއް ސިނެމަޓޯގްރާފަރެވެ. އެކަމަކު ދަބަޅޭގެ މަސައްކަތެއް ރިހި ސްކްރީނުގައި ބެލި ހަނދާނެއް އަޅުގަނޑުގެ ނެތެވެ. ނުވަތަ މިއަށް ވުރެ ރަނގަޅު އިބާރާތަކަށް ވާނީ، ހަނދާނުގައި ހަރުލާވަރުގެ ހިތްގައިމު މަސައްކަތެއް ދަބަޅޭގެ ކެމެރާ އާއި ލައިޓުތައް އަޅައިގެން މީގެ ކުރިން ދުވަހަކު ވެސް ބެލިފައި ނެތޭ ބުނިއްޔާ އެވެ.
އެކަމަކު އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު، 'ލޯބިވެވިއްޖެ' އަކީ އެ ފިލްމެއްގެ ރީތި ސިނެމެޓޯގްރެފީ އަޅުގަނޑު އަބަދުވެސް ފާހަގަކުރަން ބޭނުންވާ ކަހަލަ ފިލްމެކެވެ. ވަރަށް ސަޅިކޮށް 'ނަގާފައި' އޮތް ދިވެހި ފިލްމެކޭ ބުނެ އަބަދުވެސް ރިފަރެންސަކަށް ދައްކަން ބޭނުންވާ ކަހަލަ ފިލްމެކެވެ. ނުވަތަ ހިތްގައިމު ސިނެމެޓޯގްރެފީއެއް ދިވެހި ފިލްމަކުން ބަލައިލަން ބޭނުންވާ ކޮންމެ މީހަކަށް ރިކޮމެންޑް ކުރަން ބޭނުންވާ ފިލްމެކެވެ.
އާނއެކެވެ. މިއީ އެ ތަޖުރިބާކާރު ދަބަޅޭގެ މަސައްކަތެވެ. އަދި ދަބަޅޭގެ މަސައްކަތްތަކުގެ ތެރެއިން އަބަދުވެސް ހަނދާނުގައި ހަރުލާފައި ހުންނާނެ މަސައްކަތެކެވެ. ސަބަބަކީ މިވަރަށް ރީތިކޮށް ނަގާފައި އޮތް ދިވެހި އެހެން ފިލްމެއް ފަހުގެ ތާރީޚެއްގައި ބެލި ހަނދާނެއް ހަމަ ނުވާތީ އެވެ.
މި ފިލްމުގެ ޓީޒާ ފުރަތަމަ މަންޒަރުތައް އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި ބަލަމުން ދިޔައިރު ހީވަނީ ހަމަ އެހެން ފަދަކަމެއް ހެންނެވެ. ބުނަން މި އުޅޭ ވާހަކައަކީ ދިވެހި އެހެން އެއްވެސް ފިލްމަކުން ނުފެންނަ ފެންވަރަކަށް ދަބަޅޭ މި ފިލްމުގެ ބައެއް މަންޒަރުތައް ގެންގޮސްފައިވާ ވާހަކަ އެވެ.
ފިލްމުގެ އެ ޓީޒާ ހީވަނީ ރޮބަޓް ރޮޑްރިގޭޒްގެ 'ސިން ސިޓީ'ގެ މަންޒަރަކުން މަންޒަރެއް ހެންނެވެ. މިހެން ބުންޏަސް ސީދާ ހޮލީވުޑާ ހުރިހާ ކަމެއް އަޅާބަލަނީއެއް ނޫނެވެ. އެކަމަކު ދިވެހި ފިލްމެއްގެ މޮޅު ކަމެއް ފާހަގަކޮށް ހޮލީވުޑްގެ އެންމެ މޮޅު ފިލްމުތަކާ އަޅާކިޔުމަކުން މިކަން މައްސަލައަކަށް ވާނެ ހެނެއް ވެސް ހިއެއްނުވެ އެވެ. ހޮލީވުޑާ އަޅާބެލޭނެއޭ ބުނާނީ 'ކަޑަ' ކަމެއް ފާހަގަކޮށްފި ނަމަ އެވެ.
އެހެންވީމަ 'މޮޅު' ކަމެއް ފާހަގަކުރެވުނީމާ ހޮލީވުޑްގެ އެއް ވަނަ ދަރަޖައިގެ މަސައްކަތަކާ އަޅާބަލާލައި ހިތްވީ އެވެ. އެކަމަކު ފިލްމުގައި ހުރި މައްސަލަތައް ފާހަގަކުރަން 'ހޮލީވުޑުން' މިސާލު ނަގާކަށް ނޫޅެމެވެ.
ފިލްމުގެ މެއިން ކްރެޑިޓްސް ލިސްޓް:
-
ޑައިރެކްޓަރު: އަލީ ސީޒަން
-
ސްކްރީންޕްލޭ: އަހުމަދު ޒަރީރް
-
ޕްރޮޑިއުސަރު: ޝާނީޒް އަލީ
-
ސިނެމެޓޯގްރެފީ: އިބްރާހިމް މޫސާ
-
އެޑިޓިން: އަލީ ސީޒަން، އަހުމަދު ގިޔާސް
-
މިއުޒިކް: ފަތުހުﷲ ޝަކީލް
ފިލްމުގެ މުހިންމު ތަރިން:
-
އަލީ ސީޒަން – ތޮލާލް
-
އައިމިނަތު ރިޝްފާ – މާޝާ
-
މަރިޔަމް އައްޒަ – ހަސްނާ
-
އަހުމަދު ނިމާލް – ޖައުފަރު ޖާ
-
އަލީ އާޒިމް ދޮންއައްޔަ – ހަސީބު
-
އަހުމަދު އީސަ - މާޖިދު
ފިލްމުގައި ވަނީ ކިހިނެއް؟
އަހުމަދު ޒަރީރު ލިޔެ އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިރޯޓިކް ތްރިލާއެކެވެ. ފިލްމުގެ ޕްރޮޓޭގަނިސްޓް ތޮލާލް (ސީޒަން) އަކީ ވަރަށް ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއްގައި އުޅެމުން އަންނަ މީހެކެވެ. މީހެއްގެ ލޯބި ފިރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. މުރާލި މަސައްކަތްތެރިއެކެވެ. އަދި ވިޔާނުދާ މަގަމުން ދާ މީހާ ވެސް ސަލާމަތްކުރަން ތައްޔާރަށް ހުންނަ ކެރެކްޓާއެކެވެ.
ތޮލާލްގެ ސިކުނޑީގައިވި މި ހަމަޖެހުން ނަގާލަނީ އޭނާގެ އަންހެނުން، ހަސްނާ (އައްޒަ) ގެ ކޮއްކޮ، ހަސީބު (ދޮންއައްޔަ)ގެ ގޭންގްސްޓާރު ދިރިއުޅުމާއި ނޭއްދާރުކަމާ ގުޅިގެން ހަމަ ކުއްލިއަކަށެވެ. ތޮލާލްގެ ސިކުނޑި ސުމަކަށް ދިއުމުން އޭނާގެ ގާތް އެކުވެރިޔާ މާޖިދު (އީސަ) އޭނާއަށް ދެނީ ފްރީ ޓިކެޓެކެވެ. އެއީ ސްރީ ލަންކާއަށް ގޮސް މަޖާކޮށް ބޯހަމަޖައްސާލުމުގެ ދަތުރެކެވެ.
މާޖިދު އޭނާގެ އެންމެ ގާތް އެކުވެރިޔާ ލަންކާއަށް ފޮނުވާލާ ސަބަބު އަހަރެމެންނަށް އެނގެނީ ތޮލާލް ލަންކާއަށް ގޮސް ޕާޓީކޮށް، މާޝާ (ރިޝްފާ) ނަމަކަށް ކިޔާ ހިލޭ އަންހެނެއްގެ އުނގަށް ގޮސް އޭނާ ވެއްޓި އަޅުދާސްވާ ހިސާބުންނެވެ. މާޖިދުގެ ރޭވުމުގެ އަމާޒަކީ އޭނާ އަބަދުވެސް ހިތްކިޔައިގެން އުޅޭ ތޮލާލްގެ އަނބިމީހާ، ހަސްނާ ޖަހައިގަތުމެވެ.
އެކަމަކު މިއީ އަދި މި ފިލްމުގެ މެއިން 'ސްޓޯރީލައިނެއް' ނޫނެވެ. މި ހިސާބުން އަދި ފިލްމުގެ ކުރި މަރުވާން ގާތް ވެސް ނުވެ އެވެ.
މި ފިލްމުގެ ސްޓޯރީލައިން ކަފިވެގެން ދާއިރު އަހަރެމެންނަށް ދައްކުވައި ދެނީ ހަސްނާ ޖަހައިގަތުމަށް މާޖިދު ރާވާ ރޭވުންތަކާއި ގޭންގާއި ރަށުގެ ކޮންޓްރޯލް އަތުލުމަށް ހަސީބު ހިންގާ ހަރަކާތްތަކުން އެހެން އެންމެން ވާ ބޭޒާރެވެ. އަދި ތޮލާލް އޭނާގެ ކައިވެނިން ބޭރުގައި މާޝާއާ އެކު ގޮސް ކުޅޭ ލޯބީގެ ކުޅިގަނޑު ނިއުޅުވަމުން ކެކެމުންދާއިރު އޭގެ އަސަރު މި އެންމެންގެ ދިރިއުޅުމަށް ކުރާ ގޮތެވެ.
މިއީ ވަރަށް ގިނަ ފިލްމުތަކުން ފެނި، ބަލައި ފޫހިވެ ނުވަތަ ރައްޓެހިވެ، ފަރިތަވެފައިވާ ޕްލޮޓްލައިނެކެވެ. މިސާލަކަށް މަޝްހޫރު އިރޯޓިކް ތްރިލާ 'ފޭޓަލް އެޓްރެކްޝަން' އާއި 'އަންފެއިތުފުލް' އަދި ހިންދީ ފިލްމު 'ޖިސްމު' އަކީ 'ލޯބިވެވިއްޖެ' ގެނެސްދިން އިހުސާސް އަދި ޕްލޮޓް އެލެމެންޓްތައް ވަރަށް ރަނގަޅަށް ފެނުނު އެތައް ފިލްމެއްގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ތިން ފިލްމެކެވެ.
ފިލްމުގެ އެއް ގަޑިއިރު ފަހަނަޅައި ގޮސް، އިންޓަވަލް ބްރޭކް އައިއިރު ހުންނަން ސަސްޕެންސް ނުވެސް ހޭލަ އެވެ. އެހާ ވެސް ކަންނެތެވެ.
ބައެއް މީހުން ދޯލިބޯލިކޮށްގެން އެނބުރި އައިސް އަލުން ގޮސް ދޯލިބޯލީގެ ކިޔޫގައި ޖެހުނުއިރު ވެސް ފިލްމު އުޅެނީ ހަމަ ފިނިހަކަ ދުވެލީގަ އެވެ.
ފިލްމުގައި ހުރި ފީކަޅާ ވާހަކަތައް އަދި އިހަށް ދޫކޮށްލާފައި މި ފިލްމުން ފާހަގަކުރެވުނު 'ލޯބި' ކަންކަމުން ފަށަމާ ހިނގާށެވެ. މި ފިލްމު ދެކެ 'ލޯބިވެވިއްޖެ' އޭ ނުބުނެވުނަސް މި ފިލްމުން އަސްލު ވެސް ވަރަށް 'ލޯބި' ކަންކަން ފާހަގަކުރެވުނެވެ.
މި ފިލްމުގައި ކަމުދިޔައީ ކޮން ކަން ކަމެއް؟
'ލޯބިވެވިއްޖެ' އޭ ބުނަން ޖެހެނީ މީގައި ދަބަޅޭ ކޮށްފައިވާ މަސައްކަތަށެވެ. އެކަމަކު ދެރައީ ދެ ގަޑި އިރާއި ބަޔަށް ދިގުދެމިގެން ދިޔަ ފިލްމުގެ ސިނެމެޓޯގްރެފީގައި އެ ހިތްގައިމުކަން އެއްކޮށް ފެނިގެން ނުދިޔައިމަ އެވެ.
މި ފިލްމަކީ ކޮވިޑްގެ ކުރިން ޝޫޓްކުރަން ފެށި ފިލްމެކެވެ. އަދި ކޮވިޑަށް މެދުކަނޑާލައި އަލުން ބަލުން އަނެއްކާވެސް މަސައްކަތް ފަށައިގެން ވަރަށް ހާލުގައި، ދިގު މުއްދަތެއް ނަގައިގެން އެތައް ގޮންޖެހުމަކާ އެކު ނިންމާފައި އޮތް ފިލްމަކަށް ވުމުން، މީގެ ކޮލިޓީ އެކި ދިމަދިމާލުން ވެއްޓިފައި އޮތީ ކަމަށް ވެދާނެ އެވެ.
އެކަމަކު ވެސް ފިލްމުގެ އޮޕެނިން ޓީޒާ އަދި ފިލްމުގެ އެންމެ ފަހު މަންޒަރެއްގެ ގޮތުގައި ގެނެސްދިން އެ ޓީޒާގެ ބާކީ ބައި މިއީ ދިވެހި ފިލްމަކުން ދުވަހަކު ވެސް ފެނިދާނެ ކަމަށް ހީ ވެސް ނުކުރާ ވަރުގެ ސަޅި މަންޒަރުތަކެކެވެ. އެ ސީންތަކުގައި ދައްކުވައި ދެނީ ބޯކޮށް ވާރޭވެމުންދާ ރެއެއްގައި ދެ މީހަކު ގޮސް ގަބުރު ވަޅެއް ކޮނެ މީހެއްގެ ހަށިގަނޑު ވަޅުލައި ފަސްޖަހާ ތަނެވެ.
ފިލްމުގެ ސްކްރީންޕްލޭގައި ހާ އަޅާފައި އޮތަސް ފިލްމުގައި ވަރަށް ސަޅި ޑައިލޮގްސް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ޒަރީރަކީ އަބަދުވެސް އޭނާގެ ކެރެކްޓާތައް ލައްވައި ވަރަށް ޝައުގުވެރި ވާހަކަ ދައްކުވާ ރައިޓަރެކެވެ. މުޅި މި ފިލްމުގައި އޭނާއަށް އެކަން ސާބިތުކޮށް ނުދެވުނަސް އޭނާގެ މި ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނުނު ސީންއެއް ފިލްމުގައި ހިމެނެ އެވެ. ފިލްމުގެ ކުރި މަރާނުލައި އެ ސީންގައިވާ ގޮތް ވެސް ކުޑަކޮށް ކިޔައިދީފާނަމެވެ.
އެއީ މާޝާއާ ހެދި 'ހޭދެބައިވެގެން' ތޮލާލް އުޅެން ފެށުމުން އެކަން އެއްކޮށް ހުއްޓުމަކަށް ގެނެސް އޭނާގެ ހިތް މަރާލަން މާޝާ ފޯނުން ގުޅައިގެން އިނދެ ތޮލާލަށް ބަވައި އޭނާ 'ފުކަކަށް' ހަދާލާ ސީން އެވެ. ޒަރީރްގެ އެ ޑައިލޮގް، ރިޝްފާ ޑެލިވާކޮށްލި ގޮތުން 'ސައިޒުވެގެން' ދިޔައީ ހަމައެކަނި ސީޒަންގެ ކެރެކްޓާ ތޮލާލް އެކަންޏެއް ވެސް ނޫނެވެ. ފިލްމު ބަލަން ގޮސް ހަޅޭއްފަޅޭ ޖަހައި އަމިއްލައަށް މަޖާވަމުން ދިޔަ އެންމެން ވެސް ތިބީ ތޮލާލް ހެން ކުޑަވެ، އެމީހުންގެ ސައިޒަށް ތިރިވެފަ އެވެ.
އެވަރުގެ ލޮޅުމެއް އަރުވާލި ސީންއެއް މިފަހުން ދިވެހި ފިލްމަކުން ބެލި ހަނދާނެއް ނުވެ އެވެ. އެކަމަކު ދެރައީ މި ކޮލިޓީ މުޅި ފިލްމުގައި ނެތުމެވެ.
ޝައުގުވެރިކަން ދަމައިގަނެ އެ ޝައުގުވެރިކަން ވަރަށް ރަނގަޅަށް ހިފަހައްޓައިދިން އަނެއް ހުނަރަކީ ފިލްމުގައި ހަސީބުގެ ކެރެކްޓާ ކުޅެފައިވާ ދޮންއައްޔަގެ އެކްޓިން އެވެ. ފިލްމުގައި އެންމެ ފުރިހަމައަށް ތަރައްގީވެފައިވާ ކެރެކްޓާއަކީ ވެސް ހަސީބުގެ މި ކެރެކްޓާ އެވެ. އަދި މުހިންމު އެހެން ކެރެކްޓާތަކާ އަޅާބަލާއިރު އޮން ސްކްރީން ޑައިލޮގް ވަރަށް މަދު މި ކެރެކްޓާގައި ދޮންއައްޔަ އެއް ފެންވަރެއްގައި ހިފަހައްޓާލުމަކީ ފިލްމުން ފާހަގަވި އެހެން މީހުންގެ 'ބޭޑް އެކްޓިން' މަތިން ހަނދާން ވެސް ނެތޭ ވަރުގެ ކުރިއެރުމެކެވެ.
އެކަމަކު ދޮންއައްޔަ ކުޅެފައިވާ މި ކެރެކްޓާ އާއި އެހެން ހުރިހާ އެކްޓަރުންގެ ފަރާތުން ވެސް ފާހަގަވި ވަރަށް 'ދެރަވަރު' ކަމެއް އަދި މިއަށް ވުރެ ފަހަތަށް ގޮސް ކިޔައިދޭނަމެވެ.
އެހެންވީމަ އެ ވާހަކަތައް ފަށަން، ފިލްމުން އިތުރަށް ފާހަގަކޮށް އަތްޖަހަންވީ ކޮން ކަމަކަށް ހެއްޔެވެ؟
މި ފިލްމުގެ ވަރަށް ބޮޑު ބައެއް ލަންކާގައި ޝޫޓްކޮށްފައި އޮތުމަކީ ފިލްމު ބަލަން އިންއިރު ނޭވާލާން ފަސޭހަވި އިތުރު ސަބަބެކެވެ. ލަންކާގެ މި ސެޓިންގައި ސީޒަންގެ ކެރެކްޓާ ތޮލާލް ބޯހަމަޖެހުނު ވަރަށް ފިލްމު ބެލި އެންމެންގެ ބޯ ހަމަނުޖެހުނަސް އެއީ ހަގީގަތުގައި ވެސް ފިލްމުގެ ދޯހަޅިކަން ފޮރުވި ސިފައެކެވެ.
ދެން މި ފިލްމަށް ތައުރީފު އެއްލަން ޖެހެނީ އޭގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މި ފެންވަރުގެ 'އިރޯޓިކް ތްރިލާއެއް' އޮލިމްޕަހަށް ގެނައުމަށް ނެގި ރިސްކަށެވެ. މިއީ ވަރަށް ރަނގަޅަށް، '18 އަހަރުން މައްޗަށް' އުފައްދާފައި އޮތް ދިވެހި ފިލްމެކެވެ. މަންމަ އާއި ބައްޕަ ގޮވައިގެން މި ފިލްމު ބަލަން ދިއުން އެއްގޮތަކަށް ވެސް ބުއްދިވެރިއެއް ނޫނެވެ.
ލޯތްބެއް ނޫނަސް ލޯބިވެވިއްޖެ
ފިލްމެއް ލިޔާއިރު، ޑައިރެކްޓްކުރާއިރު އަދި އެ ފިލްމެއް އެޑިޓްކުރާއިރު ވެސް އޭގެ އެންމެ މުހިންމު އަމާޒަކީ ފިލްމު ބަލާ މީހުންނެވެ. އެހެންވީމަ މި ހުރިހާ ޑިޕާޓްމަންޓެއްގެ މަސައްކަތް ވެސް ކުރިއަށް ދާން ޖެހޭނީ ބެލުންތެރިންގެ ޝައުގުވެރިކަމާ ކުޅެ، ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމަށް ދަމައިގަންނާނޭ ފަދަ ގޮތަކަށް އެ ކްރާފްޓެއް ކޮށައި މަށަމުންނެވެ. ޝައުގުވެރިނުވެ އިންނަ މީހާ ވެސް ކޮންމެވެސް ގޮތަކުން އެ ފިލްމުގެ ތެރެއަށް ޖަހައިގެންދާނެ ގޮތެއް ފިލްމު އުފައްދާ މީހުން އުފަންކުރުވަން ޖެހެ އެވެ.
ފިލްމު ނިމެމުން ދަނިކޮށް ބެލުންތެރިން ކޮންމެވެސް ވަރަކަށް ހައިރާންކޮށްލި އެވެ. ސަޅިކޮށް ނަގާފައިވާ މަންޒަރުތަކާއި ވަރަށް މޮޅެތި އެކްޓިން އާއި އެހެން ކަންކަން ވެސް އެތަން މިތަނުން ފާހަގަކުރެވުނެވެ. ނަމަވެސް އެ ހިތްގައިމުކަން ނުވަތަ ފިލްމުގެ އެ ދުނިޔެއަށް ވަދެ ހަމަޖެހިލުމުގެ ފުރުސަތު ބެލުންތެރިޔާ ނުދެ އެވެ.
ފިލްމު އެއް މަންޒަރުން އަނެއް މަންޒަރަށް ބަދަލުވަމުންދާއިރު އޭގެ ތެރެއަށް ވަދެ، ނޭވާލާނެ ފުރުސަތެއް ބެލުންތެރިޔާ އަށް ނުލިބެނީ އެ ހުރިހާ މަންޒަރެއް ވެސް ހިސާބަށް ވުރެ ކުރުވީމަ އެވެ. ސްކްރީންޕްލޭ އިން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ މިއީ އެވެ. ފިލްމަށް ވަންނަން ބެލުންތެރިޔާ ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތު ނުވަތަ އެ ދޮރެއް އެއްވެސް މަންޒަރެއްގައި ނުހުޅުވެއެވެ. ހުޅުވުނަސް، ވަދެ ނުނިމެނީސް ދެން އަންނަނީ އެހެން މަންޒަރެކެވެ.
މި ފިލްމަށް އޭގެ ޑައިރެކްޓަރާއި އެކްޓަރުން ކޮށްފައިވާ ބުރަ މަސައްކަތް ވަރަށް ބޮޑަށް ފަނޑުކޮށްލި އަނެއް ސަބަބަކަށް ފާހަގަވީ ފިލްމުގެ ޑަބިން އެވެ. ވަކިން ހާއްސަކޮށް ފިލްމުގެ ޑައިލޮގް ޑަބިންގެ ކޮލިޓީ ނުވަތަ ޕާފޯމެންސް ގޮސް ފިލްމުގެ ލައިވް ޕާފޯމަންސްތަކާ އެ ފެންވަރުގައި ބައްދަލުނުވުމަކީ މި ފިލްމަށް ކޮށްފައިވާ މަސައްކަތާއި އޭގައި ހިމެނޭ ހުނަރު ވަރަށް ބޮޑަށް ގެއްލި ފޮރުވޭ ކަމެކެވެ.
ޑައިލޮގް ޑަބިން އާއި ލައިވް ޕާފޯމެންސްގެ ކޮލިޓީ ދިމާނުވާ މައްސަލަ ފިލްމުގެ ކެރެކްޓާ، ހަސީބު އަށް ބަލައިލުމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ދޮންއައްޔަ ކުޅެފައިވާ މި ކެރެކްޓާގައި އޭނާ އެއްވަރެއްގައި ހިފަހައްޓާލާފައިވިޔަސް ފިލްމު ބަލަމުންދާއިރު އެކަން ފާޅުގައި ފާހަގަވާން ފަށަނީ އޭނާގެ ޑައިލޮގްތައް އެންމެ މަދު ހިސާބުތަކުގައެވެ. ހަސީބުގެ ކެރެކްޓާ ވާހަކަ ނުދައްކާއިރު އޭނާގެ ޕާފޯމެންސްގައިވީ މޮޅުކަން މާ ބޮޑަށް އިހުސާސްކުރެވެއެވެ.
ޑަބިންގެ މި މައްސަލައާ ހެދި ޖުމްލަކޮށް މުޅި ފިލްމާއި އެކްޓަރުންގެ ފެންވަރު އޮތީ ވެއްޓިފަ އެވެ. މޮޅު މީހާ ކިތަންމެ މޮޅަސް އެކަން ރަނގަޅަށް ވަޒަން ނުކުރެވެ އެވެ.
އޯކޭއި، ދެން ކޮން ކަމެއް ހެއްޔެވެ؟ -- އެކްޓިންގެ ވާހަކަ އެވެ.
ތަފާތެއް ހަގީގަތުގައި ވެސް ދެއްކީ ދޮންއައްޔަ އެވެ. އައްޒަ އާއި ރިޝްފާ އާއި އީސަ އަދި ނިމާލް ކުޅެފައިވާ ރޯލުތަކަށް ބަލާއިރު ގޯހެއް ނޫނެވެ. އެކަމަކު ލީޑް ރޯލު ކުޅެފައިވާ ސީޒަން މި ފިލްމުގައި ވެސް ފެނުނީ ހަމަ 'އަލީ ސީޒަން' ގެ ގޮތުގަ އެވެ. ތަފާތަކީ މި ފިލްމުގައި އޭނާގެ ކެރެކްޓާ ކޮންމެވެސް ހިލޭ އަންހެނަކަށް 'އޮބްސެސް' ވެގެން އުޅޭ އުޅުމެވެ.
އެކަމަކު މި ފިލްމުން ވެސް ސީޒަން ފެންނައިރު ހީވަނީ އޭނާގެ މުޅި ފިލްމީ ހަޔާތުގައި ކުޅުނު ހުރިހާ ފިލްމެއްގައި ވެސް 'ކުޅެފައިވާ ރޯލު' ކުޅެން އުޅޭހެންނެވެ. ސީޒަންގެ ދިގީ އިސްކޮޅެވެ. އޭނާގެ އެކްޓިން ރޭންޖު ވަރަށް ވެސް ކުރެ އެވެ. 'ލޯބިވެވިއްޖެ' އަކީ އަނެއްކާވެސް އެކަން ސާބިތުކޮށްދިން ފިލްމެކެވެ.
އެކަމަކު މި ފިލްމު، ދިވެހި އެހެން ފިލްމުތަކާ އަޅާބަލާއިރު ގޯސް ގޯހެއް ނޫނެވެ. ނަމަވެސް މި ފިލްމު ހަދަން ގާތްގަނޑަކަށް 800،000ރ. ހޭދަވިއިރު އެ އަދަދު ހުސްވީ ފިލްމުގެ ކޮން ދިމާލަކަށްތޯ ބަލަން މިހާރު ވަރަށް ވެސް ޝައުގުވެރިވެއްޖެ އެވެ.
ސަބަބަކީ ފިލްމެއް ހަދަން ހޭދަކުރި އެ އަދަދު ކިތަންމެ ލޯބިކަމުގައި ވިޔަސް އެ ލޯބިކަން ފިލްމުގައި އަދަދުން ބަޔާންނުވާތީ އެވެ.
މި ފިލްމު ބަލަމުން ދިޔައިރު ޝައުގުވެރިކުރުވަނިވި ބައިވަރު އެހެން ސުވާލުތަކެއް ވެސް ބޮލުތެރޭގައި އުފެދުނެވެ. ވަކިން ހާއްސަކޮށް ފިލްމުގެ ޕްރޮޓޭގަނިސްޓްގެ ކެރެކްޓާ ތަރައްގީކޮށްފައިވާ ގޮތާއި އެ ކެރެކްޓާގެ އާކް ކުއްލިއަކަށް ބަދަލުވެގެން ދިޔަ ގޮތުންނެވެ. މިސާލަކަށް، ފިލްމުގައި ތޮލާލްގެ ކެރެކްޓާ އަކީ ވަރަށް ޒިންމާދާރު، ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ. މިހެން އުޅެފައި އެ ކެރެކްޓާގެ އާކް ހަމަ ކުއްލިއަކަށް ބަދަލުވެގެން ދަނީ ސުވަރުގެއަކުން ނަރަކަގެއަކަށެވެ. އެހާ ބޮޑު ބަދަލެއް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކެރެކްޓާއަކަށް އަންނައިރު ވަރަށް ބައިވަރު ކަންކަން އަސްލު ހަމަޖެހެން ޖެހޭނެ އެވެ. ނަމަވެސް ފިލްމުގެ ގިނަ ކެރެކްޓާ އާކްތަކުން މި ދޯދިޔާކަން ފާހަގަކުރެވުނެވެ.
މިސާލަކަށް އަނިޔާވެރި ރޭޕް ސީންއަކަށް ފަހު ވެސް ކަންކަން ދެން ވާނެ ގޮތް ހަމަ ބުއްދި ގަބޫލުކުރާ ވަރު ކުރަން ޖެހެއެވެ. ނުވަތަ ފިލްމެއްގައި ޕޮލިސް ޕްރޮސީޖާ ދެއްކިޔަސް އަދި އުފާވެރި ޒަވާޖީ ހަޔާތެއްގައި އުޅޭ މީހަކު 'ޗީޓްކުރާ ވާހަކަ' ގެނެސްދިން ކަމުގައި ވިޔަސް ކަންކަން ހިނގާނުހިނގާ ގޮތް ތަމްސީލުކުރުން ބުއްދިވެރިއެވެ. އޭރުން ބުއްދިއަށް ގަބޫލުކުރަން ކިތަންމެ ދަތިވާ ކަހަލަ ކަމެއް އެ ފިލްމެއްގައި އުޅޭ މީހަކު ކުރިޔަސް އެކަން ހަމަޖައްސައި، ބެލުންތެރިޔާ އޭގެ ޖާދޫގައި ޖައްސާނެ ފުރުސަތު ލިބޭނެކަން ޔަގީނެވެ.
ފިލްމެއްގައި ދައްކުވައިދޭ ދުނިޔެ އަކަށް ބެލުންތެރިޔަކު ވައްދައި، ހައްލައި، ގެއްލުވާލުމަކީ ކުޅަދާނަ ރައިޓަކަށް، ޑައިރެކްޓަރަކަށް އަސްލު އެއްވެސް ކަމެއް ނޫނެވެ. އެކަމަކު އެކަން މި ފިލްމުގައި ކާމިޔާބެއް ނުވެއެވެ.
ދެން މި އޮތީ އެންމެ ބޮޑު ސުވާލެވެ. މި ފިލްމު ބަލަން ދާވަރުވޭ ހެއްޔެވެ؟
ފިލްމު އަދިވެސް އެއްފަހަރު ބަލައިލަން ދާން ތައްޔާރެވެ. އެކަމަކު މި ފިލްމު ދެކެ ލޯބިވެވުނީކީއެއް ނޫނެވެ. ލޯބިވެވުނީ ކޮވިޑްގެ އެ މުސީބާތުގެ ތެރޭގައި ތާށިވެ ހާންތިވެގެން ވިޔަސް މި ފިލްމެއް އެންމެ ފަހުން އޮލިމްޕަހަށް ގެނެސްދިނުމަށް ކުރި މަސައްކަތް ދެކެ އެވެ. އެއަށް ސަތޭކަ އެވެ.
ކޮމެންޓް (3)
ޙުސައިން
އިބިރަހިމާ
އާ ދޮގެއް