ވާހަކަ: ވަކީލު

ވާހަކަ

ވާހަކަ: ވަކީލު

ފަތިހުގެ ފުރަތަމަ ހާ ގޮވާލާނީ އަހަރެން ވެސް ހޭލާ އޮއްވައެވެ. ބަންގީގެ އަޑާއެކު އަހަރެން ތެދުވެ ތައްޔާރު ވެލައިގެން މިސްކިތަށް ދަމެވެ. ފިނިފިނި ފަތިހުގެ ތަންމަތި ބަޔަކަށް ކިތަންމެ އަރާމު ވެފައި ކަންނެތްކަމުގައި ތިބޭ ހިތް ވިއެއް ކަމަކު އެއީ އަހަރެންގެ ގޮތެއް ނޫނެވެ.

މިސްކިތުން ނިމިގެން ގެއަށް އައިސް، ދޮށި ހިފައިގެން އަހަރެން ދިޔައީ ބަނދަރަށެވެ. ކަސްރަތަށް ނުކުމެ އުޅޭ މީހުން ބަނދަރު މަތީގެ ތަނަވަސް މަގުގައި ދެކޮޅަށް ބާރުބާރަށް ހިނގާ މަންޒަރު ފެނެއެވެ. މަސްވެރިކަމަށް ފުރާ ގިނަ ދޯނިތައް އޭރު ފަޅަކު ނެތެވެ. ވަދުއަޅަން ނުކުންނަ މީހުން ކުދި ދޯނިތަކާއި ޑިންގީތަކުގައި އެ ތައްޔާރުވަނީ އެމީހުންގެ މަސްވެރިކަމަށް ނުކުންނާށެވެ. އަހަރެން އާދައިގެ ހިނގުމެއްގައި ތޮށިގަނޑުމަތިން ހިނގަމުން ގޮސް ބޭރުތޮށީގެ އެންމެ ދުރަށް ދިޔައީމެވެ. ދޮށިއުކަން އަހަރެން ކޮންމެ ދުވަހަކު ވެސް ދަނީ އެތަނަށެވެ. ފަނޑު އަލިކަމުގެ ތެރެއިން ކަޅާއި އަޅި ކުލައިން ދުރުގައިވާ ރަށްތައް ސިފަވެއެވެ. ރަން ރީނދޫ ކުލައިން އުދަރެސް ކުލަވެ ރަށްތައް ސާފުކޮށް ފެންނަން ފަށާނީ ކޮންމެ ދުވަހަކު ވެސް އަހަރެން އެތަނުގައި ހުއްޓައެވެ.

އަހަރެންނަކީ ހީވާގި މީހެކެވެ. ގާނޫނީ ދާއިރާއިން ކިޔަވައިގެން އައިސް ރަށު ކޯޓުގައި ވަޒީފާ އަދާކުރަމުން، ގާނޫނީ މަސައްކަތްތައް ވަކިން ވެސް ކުރަމެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އެފުރުސަތު ހޯދުން އުނދަގުލެއް ނޫނެވެ. ރަށްފުށުގެ ދިރިއުޅުން އަހަރެންނަށް ކިތަންމެ ކަމު ދިޔަ ކަމުގައި ވިޔަސް، އަހަރެންގެ ހިތުގައި އަބަދު ވެސް ސުވާލެއް އޮވެއެވެ. ގިނަ ވަގުތު މަސައްކަތް ކުރުން އަހަރެންނަށް ބުރައަކަށް ނުވެއެވެ. ބޮޑެތި އުނދަގޫ މައްސަލަތައް ދިރާސާ ކޮށް ހަދަން އަހަރެން ބޭނުންވެއެވެ. އަހަރެންގެ ސިކުނޑި އެކަމަށް ތަންދޭ ކަމަށް އަހަރެން ގަބޫލު ކުރަމެވެ. އެހެން ނަމަވެސް މި ކުޑަ ރަށުގެ މުޖުތަމައުއަށް ބަންދު ވެގެން ހުރެގެން އަހަރެން ދާން ބޭނުންވާ ހިސާބަކަށް ނުދެވޭނެއެވެ. ބޮޑެތި މައްސަލަތަކެއް ނުލިބޭނެއެވެ. އިތުރު ހަރުފަތަކަށް ދާން އަހަރެން ބޭނުންވާއިރު، އިތުރު ފިޔަވަޅެއް ނާޅައި މިހެން ހުންނާނީ ކިހާ ދުވަހަކު ހެއްޔެވެ؟ ކުރިއަރައިގެން ގޮސް، މަޝްހޫރު ކަމާއި މުއްސަނދިކަން ހޯދަން އަހަރެން އެކި ހުވަފެން ދެކެމެވެ. ބައެއް ފަހަރު ކުރެވޭ ހިޔާލު ތަކުން ވަރަށް ފޮނި ތަސައްވުރުތައް ކުރެވެއެވެ. ނަމަވެސް އަނެއްބައި ފަހަރު ކުރެވޭ ހިޔާލުތަކުން މުޅިން މި ދާއިރާ ދޫކޮށްލަން ވެސް ހިތަށް އަރައެވެ.

މާލޭގެ މަޝްހޫރު ލޯ ފާމަކުން އަހަރެން ވަޒީފާ ހޯދައިގެން އައީ އިތުރު ހަރުފަތަކަށް އަރަން ބޭނުން ވާތީއެވެ. ތަޖުރިބާހުރި ލޯޔަރުންނާއެކު އެކި ފެންވަރުގެ މަސައްކަތުގައި އުޅުމުގެ ފުރުސަތު ހޯދާށެވެ. ފާމުގެ ވެރިންގެ އިތުބާރު އަހަރެންނަށް ލިބެން ފެށިއެވެ. ކުރިއެރުން ލިބޭކަން އަހަރެންނަށް ވެސް އިހުސާސް ކުރެވުނެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އެކުގައި މަސައްކަތްކުރާ ގިނަ މީހުންނަށް ވުރެ ހަގުނަ އިތުރަށް އަހަރެން މަސައްކަތް ކުރަމެވެ. ހަވާލުކުރާ އެއްވެސް ކަމެއް، ބުރަ ވެދާނެތީ ދުލެއް ނުކޮށްލަމެވެ. ކޮންމެ މަސައްކަތަކަށް އެކަށީގެންވާ ވަގުތު ދެމެވެ. މި ދާއިރާއިން ކުރިއަރަން ބޭނުންވާތީއެވެ.

ފަރުހާދަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މިލިއަނަރެކެވެ. ފަރުހާދުގެ އަރިސް މުވައްޒަފެއްގެ މަރުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުން ވެގެން ދިޔައީ މުޅި ގައުމު ސިއްސުވާލި ހަބަރަކަށެވެ. އެ ތުހުމަތާ އެކު، ފަރުހާދުގެ ފަރާތުން ވަކާލާތު ކުރުމަށް، އަހަރެން މަސައްކަތްކުރާ ލޯފާމް ހަމަޖެއްސި އެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ހައިރާންވީ، ފާމުގައި އަހަރެން މަސައްކަތް ކުރަން ފެށިތާ އަހަރެއް ވެސް ނުވާއިރު، އެ ކޭސް އަހަރެންނާ ހަވާލުކުރަން ވެރިން ނިންމުމުންނެވެ. ވަރަށް ގިނަ ކަންކަމާ އަހަރެންނަށް ވިސްނާލެވުނެވެ. ގިނަ ބަޔަކަށް އަހަރެން އެނގިގެން ދާނެ އެވެ. ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލަކަށް ވުމުން މި މުޖްތަމައުގައި ނުރައްކާ އޮންނަ ކަމަށް އަހަރެން އަޑު އަހަމެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ނުފޫޒު ގަދަ ފަރާތަކީ ފަރުހާދު ކަމަށް ވެފައި، އަހަރެންނަކީ އޭނާގެ ވަކީލަށް ވުމުން އަހަރެން ގަބޫލުކުރީ އެ ޕްރެޝަރު ކުޑަވާނެކަމަށެވެ. މި ދާއިރާއިން "ދެމިގަންނަން" މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް އަހަރެންނަކަށް ނުލިބޭނޭ އަހަރެން ހިތަށް އެރިއެވެ.

ފަރުހާދު ހައްޔަރެއް ނުކުރެއެވެ. އެވަރުގެ ހެއްކެއް އަދި ލިބިފައި ނެތީމައެވެ. ތަހުގީގު ދަނީ ކުރިއަށެވެ. އިތުރު ހެކިތައް ލިބިއްޖެ ނަމަ ކޮންމެ ވަގުތަކު ވެސް ހައްޔަރު ކޮށްފާނެއެވެ. ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭގޮތުން އެނގެން ޖެހޭ ކަންކަން ސާފު ކުރުމަށް އަހަރެން ވެސް މައްސަލައިގެ ތެރެއަށް ފީނަން ފެށީމެވެ. ފަރުހާދު ގެ ފަރާތުން ލިބޭ މައުލޫމާތުގެ އިތުރަށް އެހެން ގޮތްގޮތުން ވެސް އަހަރެން މައުލޫމާތު އެއްކޮށް ދަސްކުރަން ފެށީމެވެ. ފަރުހާދުގެ އިޒުނައާއެކު، ފަރުހާދުގެ އެކި ފަންތީގެ މުވައްޒަފުންނާ ވެސް ބައްދަލު ކުރީމެވެ. ފަރުހާދުގެ އާއިލާގެ މީހުންނާއި، ފަރުހާދާ ގުޅުން ބަދަހި އެހެން ވިޔަފާރިވެރިންގެ މައުލޫމާތު ވެސް އަހަރެން ހޯދީމެވެ.

ފުލުހުންގެ ތަހުގީގުތަކަށް ފަރުހާދާއެކު އަހަރެން ހާޒިރުވެ، އަހަރެން ވާހަކަ ދައްކާ ގޮތުން، ފަރުހާދުގެ އިތުބާރު އަހަރެންނަށް ބޮޑުވާން ފެށިއެވެ. އަހަރެންނަށް ކުރިން ނުދޭ ވަރަށް އޭނާގެ ކަންކަން ބެލުމުގެ ފުރުސަތު ލިބެން ފެށީ އެ އިތުބާރުގެ ތެރެއިންނެވެ. ފަރުހާދަކީ ކިތަންމެ ވިސްނުން ތޫނު، ބުއްދިވެރި މީހެއް ނަމަވެސް، ފަރުހާދު ގާތްކޮށްގެން ގެންގުޅޭ އެންމެންނަކީ އެހާ އިތުބާރު ބޮޑު ބައެއް ނޫންކަން އަހަރެންނަށް އެނގުނީ އެ ކަމުގެ ތެރެއިންނެވެ. ފަރުހާދުގެ އެކިއެކި ސިއްރުތައް އެނގެން ފެށިއެވެ.

ކަންކަން އެނގެމުން ތިލަވަމުން ދިޔަވަރަކަށް އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވާން ފެށިއެވެ. މިފަދަ ޖިނާއީ މައްސަލަތަކަށް އާ ވެފައި، އަހަރެންގެ ކްލަޔަންޓުގެ ކުށް އަހަރެންނަށް ފެންނަން ފެށުމުން ހިތް ބިރުގަންނަ ގޮތްވިއެވެ. ފަރުހާދު ކުށްވެރިވާކަން އަހަރެން ގަބޫލު ކުރިޔަސް އެކަމެއް އަހަރެން ފަރުހާދަކަށް ނާންގަމެވެ. އަދި އަހަރެންގެ ވަޒީފާ ހަނދާން ނައްތައެއް ވެސް ނުލަމެވެ. އަހަރެން މަސައްކަތް ކުރީ ގާނޫނީ އިމުގެ ތެރެއިން ލިބެން އޮތް ދިފާއެއް ހޯދައިދިނުމަށެވެ. ހޯދިހޯދުން ތަކުން ކަންކަން އެނގުމަކީ އަދި އަހަރެން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫންތާއެވެ.

ގިނަ ދުވަހު މިކަމުގެ ތެރޭގައި އުޅެން ފެށުމުން އަހަރެންނަށް ވަރަށް ބިރުވެރި ހަގީގަތްތައް އެނގެމުން ދިޔައެވެ. ފުރަތަމަ ކަމަކަށް، ތުހުމަތު ކުރެވިފައިވާ ކުށުގައި ފަރުހާދު ފުރިހަމައަށް ޒިންމާ ވާން ޖެހޭކަމެވެ. އެއަށް ވުރެ ބިރުވެރިކަމަކީ މިއީ ފަރުހާދުގެ މިފަދަ ހަމައެކަނި ގަތުލު ނޫން ކަން އެނގުމެވެ. ފަރުހާދަކީ އެފަދަ އެތައް ގަތުލެއް ހިންގާފައިވާ، އެހެން ނަމަވެސް ނުފޫޒާއި ބާރުން އެކަންކަމުން ނިވާވެގެން ހުރި ބޮޑު މުޖުރިމެއް ކަން އެނގުމެވެ.

އަހަރެން މަސައްކަތްކުރީ ލޯފާމުގެ މުވައްޒަފެއްގެ ހައިސިންޔަތުންނެވެ. އެހެން ނަމަވެސް ފަރުހާދު އަހަރެންނަށް ވަކިން ވެސް ފައިސާގެ އިނާޔަތްތައް ދޭން ފެށިއެވެ. ސަބަބަކީ ކޮބައިތޯ އަހަރެން ނަށް ފިކުރު ކުރެވެން ފެށުނެވެ. އަހަރެންނަށް "އެނގެން ނުޖެހޭ ވަރަށް" ކަންކަން އެނގިއްޖެކަން ފަރުހާދަށް ރޭކާލީއެވެ. އަހަރެން އެކަމާ ވަކިން ބޮޑަށް ބިރުގަތެވެ. އަހަރެންނަށް ފަރުހާދު ހަދިޔާތައް އެ ދެނީ އަހަރެން ހިތް ލަންބުވަން ކަން އަހަރެންނަށް ވިސްނުނެވެ. އެއީ އަހަރެންނަށް އެނގިފައިހުރި ކަންކަން ފަރުހާދަށް ގެއްލުންވާގޮތަށް ބޭނުން ކުރުމުގެ ފުރުސަތު އަހަރެންނަށް އޮތުމުން އެކަން އެހެން ވިޔަ ނުދިނުމަށް ފަރުހާދު ކުރާ ކަމެކެވެ. އެ ހަދިޔާތަކަށް ނޫނެކޭ ބުނަން ފަށައިފިނަމަ އަހަރެން "ކޮންޓްރޯލް" ކުރަން ފަރުހާދު ދެން ބޭނުން ކުރާނީ އެހެން އުކުޅެއް ކަން ވެސް އެނގެއެވެ.

އަހަރެން އެންމެ ބޮޑަށް ސަމާލުކަން ދިނީ ތަހުގީގަށް އެނގޭ އެއްވެސް އެއްޗަކީ އަހަރެންގެ ފުށުން އެއްވެސް މައުލޫމާތެއް ލިބިގެން އެނގޭ އެއްޗެއް ނޫން ކަމުގެ އިތުބާރު ފަރުހާދަށް އޮންނާނެ ގޮތަކަށް އަހަރެންގެ ކަންކަން ބެހެއްޓުމެވެ. ތަހުގީގު ޓީމުގައި ނުވަތަ އެ މުވައްސަސާގައި ވެސް ފަރުހާދަށް މައުލޫމާތު ދޭނޭ އެކި ވަރުގެ މީހުން ނުތިބެ ނުދާނެ ކަން ޔަގީނެވެ. އެހެން ނޫންނަމަ މިހާ ދުވަހު އެ ހުރިހާ ޖަރީމާތަކަކުން ސަލާމަވްވެ ފިލައިގެން ނޫޅެވުނީހެވެ. މިއަދު ފަރުހާދަށް ތަންކޮޅެއް އުނދަގޫ ވެގެން އުޅެނީ މުވައްސަސާގެ ވެރިން ތަންކޮޅެއް ފަހުން ބަދަލުވެފައިވާއިރު އެއީ ފަރުހާދަށް އާ ބަޔަކަށް ވެފައި ވުމުންނެވެ.

މައްސަލައިން އަހަރެން ތަނާޒުލް ވާން ބޭނުންވިއެވެ. ނަން ހަޑިވާން ބޭނުން ނުވާތީއެވެ. މުޖުރިމެއް ކަން އެނގިހުރެ އެކަމުން އޭނާ ދިފާއު ކޮށްދޭން ބޭނުން ނުވާތީއެވެ. އެކަން ވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. ލައްކަ ގިނަ ކަންކަން އަހަރެންނަށް އެނގޭކަން ފަރުހާދަށް ޔަގީން ވިއެވެ. ކުއްލިއަކަށް އަހަރެންގެ މުހިންމުކަން ފަރުހާދަށް ބޮޑުވިއެވެ. ކޮންޓްރޯލް ނޯންނަގޮތަށް އަހަރެން ދޫކޮށްލަން ފަރުހާދަކަށް ނުކެރުނެވެ. އަހަރެން ދެއްކީ އެކި ސަބަބު ތަކެވެ. ފާމުގެ ވެރިން ގާތު ވެސް އެކި އެކި ވާހަކަ ދައްކައިގެން މިކަމުން ދުރަށް ދެވޭތޯ ބެލީމެވެ. ނަމަވެސް ފަރުހާދު އެކަން ބަލައެއް ނުގަތެވެ. ފައިސާގެ ނުފޫޒު ފާމުގެ ވެރިންނަށް ވެސް ފޯރުވިއެވެ. އަހަރެންނާ ބައްދަލުކޮށް އަހަރެންގެ "ލޯ ހުޅުވައިދޭން" ވަރަށް އުޅުނެވެ. ކުރީގެ ގަތުލުތައް ހަނދާން ކޮށްދީ އެ ލިސްޓަށް އަހަރެންގެ ނަން ވެސް އަރާފާނެ ކަމުގެ އިންޒާރު ދިނެވެ.

އަހަރެންނަށް އޮތީ ދެ ގޮތެކެވެ. ފަރުހާދަށް ވަފާތެރިއެއް ކަމަށް ވެގެން އުޅުމެވެ. އަހަރެންގެ ފަރާތުން އެއްވެސް ނުރައްކަލެއް އޭނާއަށް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބޭ ވަރަށް އެ އިތުބާރު އުފައްދައިދިނުމެވެ. އެ މައްސަލައިން އޭނާ ދިފާއު ކޮށްދެވިއްޖެ ނަމަ އަހަރެން މި ދާއިރާއިން މަޝްހޫރު ވާނެއެވެ. އެހެން އެތައް ކޭސްތަކެއް އަހަރެންނަށް ލިބޭނެއެވެ. މުއްސަނދިވާނެއެވެ. އޭގެ ބަދަލުގައި ދެން އޮތް ގޮތަކީ، ރިސްކު ނަގައި ފަރުހާދުގެ ކިބައިން ދުރަށް ދިއުމެވެ. ނަމަވެސް އަހަރެން ފަދަ މައުލޫމާތު އެނގޭ މީހެއްގެ ފަރާތުން އޭނާގެ ކުރިމަގަށް އެޅިދާނެ ހުރަހަކަށް ޓަކައި އަހަރެންގެ ދުވަސް ދުއްވާލަން ވެސް އޭނާ ފަސް ނުޖެހޭނެ ކަން އަހަރެންނަށް އެނގެއެވެ.

އަހަރެން ބިރުން ދާހިއްލައިގަތެވެ. އޭރު ގެއާ ހަމައަށް ދެވިއްޖެއެވެ. އެކަހަލަ ހިޔާލުތައް ކުރެވޭ ފަހަރުފަހަރު އަހަރެން ނަށް މި ހުރެވުނު ހިސާބު ދެން ރަނގަޅޭ ހިތަށް އަރައެވެ. ރަށްފުށުގެ އަރާމު ދިރިއުޅުމުގައި އުފާވެރި ހަޔާތެއް ހޭދަކުރުން މާ ރަނގަޅޭ ހިތަށް އަރައެވެ. ހިތް ނުތަނަވަސްވެ، ތިމާގެ ދުޝްމަނުން އުފެދިދާނެ ފަދަ ކަމެއްގެ ތެރެއަށް ވަންނަން ވީ ކީއްކުރަންތޯ ސުވާލު އުފެއްދެއެވެ. އަހަރެންނަށް އިތުރު ހަރުފަތަކަށް ނުދެވިގެން މިއުޅެނީ މިފަދަ ހިޔާލުތަކުގެ ސަބަބުންނެވެ. ކޮންމެވެސް ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ފަދަ ހާދިސާތައް ދުރާލައި ތަސައްވުރު ކުރެވޭތީއެވެ.

- ނިމުނީ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް