ހަމް ދިލް ދޭ ޗުކޭ ސަނަމް
ނަންދިނީ އަކީ ހަނދާނުން ނުފޮހެވުނު ކެރެކްޓާއެއް: އައިޝްވަރިޔާ
އައިޝްވަރިޔާ ރާއީ 1999ގެ ބްލޮކްބަސްޓާ 'ހަމް ދިލް ދޭ ޗުކޭ ސަނަމް'ގައި ސިފަކޮށްދިން ނަންދިނީއަކީ އޭނާގެ އެންމެ މަޝްހޫރު ކެރެކްޓާ އެވެ. އޭގެ އެތައް އަހަރެއް ފަހުން ނެރުނު ތަމަޅަ ފިލްމެއްގައި ވެސް އައިޝްވަރިޔާއަކީ ނަންދިނީ އެކެވެ.
ސަންޖޭ ލީލާ ބާންސާލީގެ 'ހަމް ދިލް ދޭ ޗުކޭ ސަނަމް' ގައި ނަންދިނީ ސަލްމާން ހާންގެ ސަމީރު ދެކެ ލޯބިވެގެން އުޅެނިކޮށް އަޖޭ ދޭވްގަންގެ ވަންރާޖުއާ ކައިވެނިކުރަން މަޖުބޫރުވެ އެވެ. ނަމަވެސް ވަންރާޖު ދެ ލޯބިވެރިން ގުޅުވައިދޭން މަސައްކަތްކުރެ އެވެ.
ސަގާފީ ހެދުމުގައި އެ ފިލްމުން ފެނުނު އައިޝްވަރިޔާ އާއި ސަލްމާންގެ ކެމިސްޓްރީ އެތައް ބަޔަކަށް ކަމުދިޔަ އެވެ. އަދި އެ ދެ މީހުން އޭރު ރައްޓެހި ވެސް ވި އެވެ.
އައިޝްވަރިޔާ އަނެއްކާވެސް ނަންދިނީ ކިޔާ ކެރެކްޓާއެއް ދައްކައިދިނީ މިދިޔަ އަހަރު ރިލީޒްކުރި 'ޕޮންނިޔަން ސެލްވަން I' އާއި މާދަމާ ސިނަމާގައި އަޅުވާ 'ޕޮންނިޔިން ސެލްވަން II'ގަ އެވެ. ފުރަތަމަ ފިލްމުގައި ރާނީއެއްގެ ގޮތުގައި ފެނުނު އައިޝްވަރިޔާ އާ ފިލްމުގައި ދެ ރޯލަކުން ފެންނާނެ އެވެ.
މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޕްރޮމޯޝަނަލް ނޫސް ކޮންފަރެންސެއްގައި ކުރި ސުވާލަކަށް ޖަވާބުދެމުން އައިޝްވަރިޔާ އަންގާރަދުވަހު ބުނީ އަނެއްކާވެސް ނަންދިނީ ކިޔާ ކެރެކްޓާއެއް ކުޅެން ލިބުމަކީ އުފާވެރި އިއްތިފާގެއް ކަމަށެވެ. އޭނާ ބުނިގޮތުގައި 'ހަމް ދިލް ދޭ ޗުކޭ ސަނަމް'ގެ ނަންދިނީއަކީ "ވަރަށް، ވަރަށް ހަނދާންއާވާ" ކެރެކްޓާއެކެވެ.
އެ ނަންދިނީ މިހާތަނަށް ވެސް މީހުންގެ ހިތްތަކުގައި ދިރި އެބަހުރި ކަމަށާއި އެއީ އޯޑިއަންސަށާއި އޭނާއަށް ވެސް ހާއްސަކަންމަތީ ދެމިހުރި ކެރެކްޓާއެއް ކަމަށް އައިޝްވަރިޔާ ބުންޏެވެ.
އޭނާ ބުނީ 'ޕޮންނިޔަން ސެލްވަން'އާ އެކު އަނެއްކާވެސް ނަންދިނީއެއްގެ ރޯލު ލިބި، އެފަދަ ހިތްވަރުގަދަ އަދި އެތަކެއް އަންހެނުންގެ ހާލަތު ރަމްޒުކޮށްދޭ ދެ އަންހެނެއްގެ ބައި ކުޅެވުނުކަމީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.