'ސިޓަޑެލް' ސިލްސިލާގެ އިންޑިއާ ޕްރިމިއާގައި ޕްރިޔަންކާ، ރޭކާއާ އެކު

ޕްރިޔަންކާ އެމެރިކާގައި ބޭނުންވަނީ ރޭކާ އާއި ޝެއާއެކޭ އެއްގޮތަށް އެންމެ ނަމެއް

އޭނާ ބުނީ އިންޑިއާގައި ބައިވަރު ޕްރިޔަންކާ އުޅުނަސް އެމެރިކާގައި އުޅޭ އިރު ޕްރިޔަންކާއަކީ ހަމައެކަނި އޭނާ ކަމަށްވާތީ ގިނަ ފަހަރު ފުރިހަމަ ނަން ބޭނުން ވެސް ނުކުރާ ކަމަށް
26 އޭޕްރީލު 2023

އިންޑިއާގައި ވަރަށް އާއްމު ނަމެއް ކިޔާތީ ޕްރިޔަންކާ ޗޯޕްރާއާ ކުރި ސުވާލަކަށް އޭނާ ދިން ޖަވާބަށް ސަމާލުކަން ބޮޑުވެއްޖެ އެވެ.

ޕްރައިމްގެ 'ސިޓަޑެލް' ޕްރިމިއާކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާއަކީ އެމެރިކާގެ ގިނަ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަންކާ ކަމަށާއި އެހެންވެ އޭނާ އަންނަނީ ފުރިހަމައަށް އޭގެ ފައިދާ ނަގަމުން ކަމަށެވެ.

"އެކަމަކު އަަހަރެން އިންޑިއާއަށް އަންނަ އިރު އެ ހުންނަ ތަނެއްގައި މަދުވެގެން ހަ ޕްރިޔަންކާ އުޅޭނެ،" ޕްރިޔަންކާ ހިނިގަނޑަކާ އެކު ބުނެލި އެވެ.

އިންޑިއާގައި ހަމައެކަނި "ޕީސީ"ގެ ގޮތުގައި އޭނާގެ ނަންކިޔާތާ އަހަރުތަކަކަށް ފަހު މިހާރު އެމެރިކާގައި އުޅޭ އިރު ޕްރިޔަންކާއަކީ ހަމައެކަނި އޭނާ ކަމަށާއި އޭނާ މިހާރު ގިނަ ފަހަރު ފުރިހަމަ ނަން ބޭނުން ވެސް ނުކުރާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އަހަރެން މިހާރު ބޭނުންވަނީ ޝެއާ ނުވަތަ ރޭކާއެކޭ އެއްގޮތަށް، ހަމައެކަނި ޕްރިޔަންކާއަށް ވާން،" އަނެއްކާވެސް ހިނިގަނޑެއް ޖަހަލާމުން ޕްރިޔަންކާ ބުންޏެވެ.

ޓްވިޓާގެ ނޫ ފާހަގަ ގެއްލުމަށް ފަހު އަލުން ލިބުމާ ގުޅިގެން ޕްރިޔަންކާ މިދިޔަ އާދީއްތަދުވަހު ކުރި ޓްވީޓެއްގައި، އޭނާ "އަނެއްކާވެސް ޕްރިޔަންކާއަށް ވީ" ކަމަށް ބުނެފައިވެ އެވެ.

ޕްރައިމް ވީޑިއޯގައި މި މަހު 28 ގައި ނެރެން ފަށާ 'ސިޓަޑެލް' ސީރީޒްގެ އިތުރުން އަންނަ މަހު 12 ގައި ސިނަމާގައި ރިލީޒްކުރާ ހޮލީވުޑް ފިލްމު 'ލަވް އެގެއިން' އިން ޕްރިޔަންކާ ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް