ރިޝްމީ 'ޔާރާ' ޑްރާމާ ސިލްސިލާގެ މަންޒަރެއްގައި

ޔާރާގެ އިންޓަވިއު: ހުވަފެނީ ދުނިޔެއެއްގައި ރިޝްމީ ޖެއްސި އަސްލު ކުލަ

ހަތަރު ސީޒަނަކަށް ބަހާލައިގެން ބައިސްކޯފުން ގެނެސްދިނުމަށް އުފައްދާފައިވާ 'ޔާރާ' ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު
21 އޭޕްރީލު 2023
2

ފިލްމީ ދާއިރާގައި ބަތަލާ އައިޝަތު ރިޝްމީ ސާބިތުކޮށްދޭން ޖެހޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ނަމަވެސް އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް އަދި ލީޑް ރޯލު ކުޅެފައިވާ އާ ޑްރާމާ ސިލްސިލާ 'ޔާރާ' އަކީ މުޅިން އައު އުސްމިނަކަށް އޭނާގެ ކުޅަދާނަކަން ގެންގޮސްދޭނެ މަސައްކަތެއްކަން ޔަގީނެވެ.

ޖުމްލަ ހަތަރު ސީޒަނަކަށް ބަހާލައިގެން، ބައިސްކޯފުން ގެނެސްދިނުމަށް އުފައްދާފައިވާ 'ޔާރާ'ގެ ފުރަތަމަ ސީޒަނުގެ ޓްރެއިލާ މި ހަފުތާގައި އާންމުކޮށްފައިވާއިރު ތައުރީފު ނޫން އެއްޗެއް އޭނާގެ މި މަސައްކަތަކަށް ނުއޮހެ އެވެ. އޮލިމްޕަހުގައި އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާ ރެޑް ކާޕެޓްގެ ހާއްސަ ޕްރިމިއާ ނައިޓަކަށް ފަހު ބައިސްކޯފުން އޭނާގެ މި ސިލްސިލާ ސްޓްރީމްކުރަން ފަށާނެ އެވެ.

ބައިސްކޯފްގެ ހިޓް، 'އެހެނަސް'ގެ ކުޅަދާނަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) ލިޔެފައިވާ 'ޔާރާ' އަކީ ރިޝްމީގެ ސިފަކުރުމުން ނަމަ އޭނާގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދައިދިން މަސައްކަތެވެ. ޖުމްލަ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ފުރަތަމަ ސީޒަން ޕްރިމިއާކުރާއިރު ރިޝްމީ ވަނީ ހަތަރު ސީޒަން ވެސް ގާތްގަނޑަކަށް ޝޫޓްކޮށް ނިންމައިފަ އެވެ.

މި ޑްރާމާގައި ރިޝްމީއާ އެކު މުހިންމު ރޯލުތަކުން ފެނިގެންދާނީ ކޮއްކޮ އަދި ބަތަލާ މަރިޔަމް އައްޒަ އާއި ދެބެއިންގެ މަންމަ އަދި ތަޖުރިބާކާރު ބަތަލާ އައިމިނަތު ރަޝީދާ (އައިންތު) އެވެ. އޭގެ އިތުރުން އަލީ ސީޒަން އާއި އަހުމަދު އަޒްމީލް އަދި މުހައްމަދު ވިޝަލް (ރޯމަން) އާއި އިބްރާހިމް ޖުމައިހު އަދި އަހުމަދު އާސިމް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ވެސް މަޝްހޫރު އެތައް ތަރިންނެއް ޑްރާމާގައި ހިމެނޭއިރު ގާތްގަނޑަކަށް 90 އަށް ވުރެ ގިނަ ތަރިން މި ޑްރާމާގެ ހަތަރު ސީޒަނުން ފެނިގެންދާނެ އެވެ.

މި ހުވަފެނީ މަސައްކަތް ރިޝްމީ ފެށީ 2020 ވަނަ އަހަރު އެވެ. ފީޗާ ފިލްމެއްގެ ގޮތުގައި 'ޔާރާ ފެމިލީ'ގެ ވާހަކަ ބެލުންތެރިންނާ ހަމަ އަށް ގެނައުމަށް ފެށި ދަތުރުގައި ގޮންޖެހުން ބޮޑު ރާސްތާއެއް ކަޑައްތުކުރުމަށް ފަހު ރެޑް ކާޕެޓް ހަފުލާއަކަށް ތައްޔާރުވަމުން އަންނަ ރިޝްމީ ބުނަނީ މި މަސައްކަތަށް އޭނާގެ ހިތާއި ފުރާނަ ހިބައިން ދީފައިވާ ކަމަށެވެ. ތިރީގައި މި އޮތީ ރިޝްމީގެ އެ ހުވަފެން ހަގީގަތަކަށްވި ގޮތާ ބެހޭ ގޮތުން އޭނާ ދިން ހާއްސަ އިންޓަވިއުއެކެވެ.

1- ޔާރާ ފެމިލީ އާއި ޔާރާގެ މަސައްކަތްތަކެއް ބެލުންތެރިންނަކަށް އަލެއް ނުވާނެ. އެކަމަކު މި ފަހަރު ގެނެސްދޭ 'ޔާރާ' ތަފާތުވާ ސަބަބުތައް ކިޔައިދީބަލަ؟

ރިޝްމީ: މިފަހަރު ގެނެސްދޭ ޔާރާ އެންމެ ހާއްސަވާ ސަބަބަކީ، ކުރިން ޔާރާއިންގެ ގޮތުގައި ތިބި އެކްޓަރުންނާ އެކު މިހާރުގެ އަދި ފަހުގެ ވަރަށް ގިނަ އެކްޓަރުންނާއި ތަރިން ވެސް ފެނިގެންދާނެ މަސައްކަތަކަށް މީތި ވުން. އަނެއްކޮޅުން ވަރަށް ބޮޑު ޑްރީމެއް އަބަދުވެސް އެއީ، ރިޝްމީ އާއި އައްޒަ ދެ ސިސްޓާސްގެ ގޮތުގައި އުޅޭ އަދި މަންމަ (އައިންތު) މަންމަގެ ރޯލު ކުޅޭ ޑްރާމާއެއް ނުވަތަ ފިލްމެއް ވިޔަސް މިގޮތަށް ގެނެސްދިނުމަކީ. މީގައި އައްޒަ އާއި ރިޝްމީ ދެ ސިސްޓާސްގެ ރޯލު ކުޅޭއިރު (ރިއަލް ލައިފް) މަންމަ ފެންނާނީ ޑްރާމާގައި ވެސް މަންމަގެ ރޯލުން. އެހެންވީމަ ހަގީގަތަކަށް މި ވަނީ ވަރަށް ބޮޑު ޑްރީމެއް.

2- މި ހިޔާލު އުފެދިގެން އައި ގޮތާއި އެންމެފަހުން 'ޔާރާ'ގެ މި ހުވަފެން ހަގީގަތަކަށްވި ގޮތަކީ ކޮބައިތަ؟ ވަރަށް ބޮޑު ޕްރޮޖެކްޓެއްތަ މިއީ؟

ރިޝްމީ: އައްޒަ އާއި މަންމަ ރިއަލް ލައިފްގައި ފެންނަ ގޮތަށް ވަރަށް ބޮޑަށް ބޭސްކޮށްގެން ކެރެކްޓާތަކެއްގެ ގޮތުގައި ޑްރާމާއަކުން ގެނެސްދޭން ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ އަބަދުވެސް. އަނެއްކޮޅުން ރިޝްމީ އަކީ ޝާހު ރުކް ހާންގެ ފޭންއެއް ވީމަ ހަމަ އެގޮތަށް ޝާހު ރުކްގެ ފޭންއެއްގެ ގޮތުގައި އުޅޭ ކެރެކްޓާއެއް ވެސް މިގޮތަށް ގެނެސްދިނުން. އަދި ކުރީގެ ހަޒްބަންޑް އަޒޭ ވެސް ހިމަނައިގެން. އެހެންވީމަ މި ހުރިހާ ހިޔާލުތަކެއް އެއްކޮށްގެން ގެނެސްދޭ ހުވަފެނީ ޕްރޮޖެކްޓެއް މިއީ.

މި ހިޔާލު އުފެދިގެން އައިއިރު އެންމެ ފުރަތަމަ 'ޔާރާ' އޮތީ ފީޗާ ފިލްމެއްގެ ގޮތުގައި. ވަރަށް ބޮޑަށް ރިލޭޝަންޝިޕްސް، ދެމަފިރިންނާއި ލޯބިވެރިންނާއި އެ މީހުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކަ ދައްކުވައިދޭ ފިލްމެއްގެ ގޮތުގައި. އެގޮތަށް ފިލްމެއް ލިޔަން އެންމެ ފުރަތަމަ ހަވާލުކުރީ އިބްގާލް (އައިކިއު) އާ. އެއީ 2020 ވަނަ އަހަރު. އެކަމަކު ކޮވިޑްގެ ލޮކްޑައުންއާ ހެދި ހުރިހާ ކަމެއް ލަސްވެގެން ދިޔައީ.

'ޔާރާ' ޑްރާމާ ސިލްސިލާގެ މަންޒަރެއް

3- ރިޝްމީ އާއި 'އެހެނަސް' ޑްރާމާގެ ރައިޓާ އިގްބާލްގެ މަސައްކަތެއް މިއީ އަނެއްކާވެސް. އިގްބާލްއާ އެކީ މިވަރުގެ ބޮޑު މަސައްކަތެއް ކުރުމުގެ ސިއްރަކީ ކޮބައިތަ؟

ރިޝްމީ: 'އެހެނަސް'ގެ މާ ކުރިން އަސްލު ފަށައިފީމޭ 'ޔާރާ'ގެ މަސައްކަތް. އެހެންވީމަ 'އެހެނަސް' އިން އިގްބާލްގެ ހުނަރު ފެނިގެނެއް ނޫން އަސްލު އޭނާއާ ހަވާލުކުރީ މި ޕްރޮޖެކްޓް ލިޔަން. އޭނަގެ ހުނަރުވެރިކަން ފުރަތަމަ ފާހަގަކުރެވުނީ އަޒޯނާ ޓީވީ ޝޯ އައިސްޓީވީގައި އުފެއްދި ދުވަސްވަރު.

އިގްބާލްގެ ހުނަރުވެރިކަން އެނގުނީމަ ޔަގީންވީ 'ޔާރާ' ކަހަލަ ސްކްރިޕްޓެއް އޭނަ އަށް ވަރަށް ރަނގަޅަށް ޕުލްއޯފް ކުރެވިދާނެކަން. ދެން އެންމެ ފުރަތަމަ ފީޗާ ފިލްމެއްގެ ގޮތުގައި 'ޔާރާ' ލިޔެފައި އޮއްވައި ލޮކްޑައުންއާ ހެދި ލަސްވެގެން ގޮސް އެންމެފަހުން 'އެހެނަސް'ގެ މަސައްކަތް އޭރު ފެށީ ވެސް.

މި ޑްރާމާގައި ވެސް ވިޝުއަލީ ފެންނަ ހުރިހާ ފުރިހަމަކަމެއްގެ ކްރެޑިޓް ހައްގުވާ އެއް ފަރާތަކީ އިގްބާލް. ވަކިން ހާއްސަކޮށް އާޓް ޑިރެކްޝަން. އިގްބާލަށް މިވަރުގެ ޕްރޮޖެކްޓެއް މިގޮތަށް ޖެއްސިދާނެކަމާ މެދަކު ސުވާލެއް ނުއުފެދޭ އެއްވެސް އިރަކު.

4- 'އެހެނަސް' އަކީ މުޖުތަމައެއްގެ މުޑުދާރު ފަޅި އަށް ލޯ ހުޅުވައިދިން ޝޯއެއް. 'ޔާރާ'ގެ ކުލަތައް އަދި އިހުސާސްތައް އެންމެ ބޮޑަށް ގޮސް ގުޅޭނީ ކޮން ކަމަކާ؟

ރިޝްމީ: ރާޔާ އަކީ ވަރަށް ބޮޑަށް ރިލޭޝަންޝިޕްސް އަށް ބޭސްކޮށްގެން އުފައްދާފައިވާ ޑްރާމާއެއް. މީހުންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި އެކަކާ އެކު އެހާ ގިނަ ދުވަހު މީހުން އުޅޭ ގޮތާއި އަނެއް ބަޔަކަށް އެގޮތަށް ނޫޅެވޭ ގޮތް ދައްކުވައިދޭ ޑްރާމާއެއް. އެކަމަކު ވަރަށް ލައިޓްހާޓެޑް ރޮމޭންޓިކް ކޮމެޑީ ފީލްއެއްގައި ގެނެސްދީފައިވާނީ. އެހާ ސީރިއަސް ގޮތެއް ނުހުންނާނެ.

'ޔާރާ' ޑްރާމާ ސިލްސިލާގެ މަންޒަރެއް

5- ނުވަދިހައެއްހާ އެކްޓަރުން ގޮވައިގެން މި ސީރީޒްގެ ހުރިހާ އެޕިސޯޑެއްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ދިމާވި ގޮންޖެހުންތައް އަދި އެންމެ ޕްރައުޑްވާ ކަންތައް ކިޔާދީބަލަ؟

ރިޝްމީ: އެންމެ ބޮޑު ޗެލެންޖަކީ މި މަސައްކަތުގައި މިހާ ގިނަ ދުވަސްވުން. މީގެ މަސައްކަތް 2020 ގައި ފަށައިގެން މި އަހަރު މި ނިމުނީ. އެހެންވީމަ ތިން ވަރަކަށް އަހަރު މީގެ މަސައްކަތުގައި މިހާ ގިނަ މީހުން ގޮވައިގެން އުޅެން ޖެހުން އެއީ އެންމެ ބޮޑު ގޮންޖެހުމަކީ. އަސްލު އަޅުގަނޑު ވަރަށް އުފާވޭ އަދި ޝުކުރު އަދާކުރަން ބޭނުން އެ ހުރިހާ އެންމެނަށް ވެސް، އެމީހުން މިހާ ގިނަ ދުވަސް ވަންދެން އެއްގޮތެއްގައި ދެމިތިބެ ދިން އެއްބާރުލުމަށް މީތި ފުރިހަމަކުރަން. އެ ކޮމިޓްމަންޓް އެމީހުން ނުދިން ނަމަ މިއަދު މިގޮތަކަށް މި މަސައްކަތެއް ނުފެންނާނެ. އަދި އެންމެ ޕްރައުޑް ވަނީ ތިން އަހަރަށް ދިގު ދެމިގެން ދިޔަ މަސައްކަތަކަށް ވިޔަސް އެ ގެޕް ބެލުންތެރިންނަށް އިހުސާސްނުވާނޭ ވަރަށް މީގެ މަސައްކަތް ފުރިހަމަވެފައި އޮތުން.

6- ޓްރެއިލާ ބަލާލީމަ މީގެ ޕްރޮޑަކްޝަން ޑިޒައިން އަށް އަދި ޖުމްލަކޮށް ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑުކަން އެނގޭ. ރިޝްމީގެ އެހެން މަސައްކަތްތަކާ އަޅާކިޔާ ނަމަ 'ޔާރާ' ގެންގޮސް ބަހައްޓާނީ ކިހާ ހިސާބެއްގަތަ؟

ރިޝްމީ: މިހާރު ގެންގޮސް ބައިދާނީ އެންމެ ޓޮޕްގައި. ސަބަބަކީ އަޅުގަނޑަކަށް ހީއެއް ނުވޭ މިވަރުގެ މަސައްކަތެއް ކުރިއަށް އޮތްތާނގައި ވެސް ކުރެވޭނެހެނެއް. ކުރިން ވެސް ފާހަގަކުރިންތާ މިއީ ޑްރީމް ޕްރޮޖެކްޓެކޭ. އެހެންވީމަ މީގެ މަސައްކަތުގައި އުޅުނީ އަޅުގަނޑުގެ ހުރިހާ ޓެލެންޓެއް މިއަށް އިންވެސްޓްކޮށް ހުސްކޮށްލައިގެން. އެގޮތަށް މަސައްކަތްކުރެވުނު ޕްރޮޖެކްޓެއް މިއީ. އެހެންވީމަ ދެން ހީއެއް ނުވޭ އެ އެނާޖީ ހުންނާނެހެން ވެސް އެހެން މަސައްކަތަކަށް ދާއިރު. އެހެންވީމަ ވަރަށް ޕްރައުޑްވާ މަސައްކަތެއް މިއީ.

'ޔާރާ' އަކީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ފައްކާކޮށްގެން ގެނެސްދޭ ޑްރާމާއެއް. އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، (ޝާހު ރުކްގެ) ކޮންމެ ފޭނަކަށް ވެސް މި ޑްރާމާ ވަރަށް ހާއްސަވާނެއޭ.

ރިޝްމީގެ 'ޔާރާ' ޓީވީ ޝޯގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް

7- ރިއަލް ލައިފް މަންމަ އާއި ކޮއްކޮ އައްޒަ ވެސް މީގައި މުހިންމު ރޯލެއް އަދާކުރޭ. ތި ތިންމައިންގެ ރިއަލް ލައިފް މީގައި ފެންނާނީ ކިހާ ވަރަކަށްބާއޭ ބެލުންތެރިން ހިތަށް އަރާފާނެ؟

ރިޝްމީ: ހަމަ އަސްލަށް ވެސް، ބެލުންތެރިންނަށް ހީވެދާނެ މިއީއޭ (މި ޑްރާމާގައި ފެންނަ ގޮތަށޭ) މަންމަ (އައިންތު) އަސްލު ދިރިއުޅުމުގައި ވެސް ރިޝްމީ އާއި އައްޒަ މައިތިރިކުރަން އުޅޭނީ. ދެން އަނެއްކޮޅުން އައްޒަ މީގައި ކުޅެފައިވާ ކެރެކްޓާ ވެސް ވަރަށް އެއްގޮތް ވާނެ އޭނަގެ ރިއަލް ލައިފާ. އަސްލު ދިރިއުޅުމުގައި ދިމާވެފައި ހުރި ބައެއް ކަންކަން ވެސް ހިމަނާފައި ވާނެ ޑްރާމާގައި ވެސް. އެގޮތުން ރިޝްމީގެ އަސްލު ދިރިއުޅުމުން ވެސް ހުންނާނެ ނަގައިގެން ހިމަނާފައިވާ ކަންކަން. އެކަމަކު ޑްރާމާ ސީރީޒް އަކަށްވީމަ ޑްރެމެޓައިޒްކޮށްފަ ހުންނާނީ ހުރިހާ ކަމެއް ވެސް. އެކަމަކު ވަރަށް ގިނަ ވާނެ މީގަ، އަޅުގަނޑުމެންގެ ރިއަލް ލައިފުން އިންސްޕަޔާވެގެން ގެނެސްދީފައިވާ ކަންކަން.

ރިޝްމީ އާއި އަޒޭގެ ކެރެކްޓާ މިއިން ފެންނައިރު ބެލުންތެރިންނަށް ހީވެދާނެ ރިޝްމީ އާއި އަޒޭ ރިއަލް ލައިފުގައި މެރީކޮށްގެން އުޅުނު އިރު ވެސް އުޅުނީ ހަމަ މިހެންނޭ ވެސް. އެހާ ވެސް އެއްގޮތްކަންކަން ހުންނާނޭ މީގައި ގެނެސްދީފައި.

8- ކުރީގެ ފިރިމީހާ، އަޒޭއާ އެކު މިހާ ހާއްސަ މަސައްކަތެއްގައި، ހާއްސަ ރޯލަކުން ފެނިގެން ދިއުން ސިފަކުރާނީ ކިހިނެއް؟

ރިޝްމީ: އަޒޭ އަކީ އަބަދުވެސް އެކުގައި މިގޮތަށް މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެކްޓަރެއް. އެހާ ގިނަ ދުވަސް ވަންދެން ދަންނަ އަދި އެކުގައި އުޅެފައި ހުރި މީހަކަށްވީމަ ވެސް އެ ފަސޭހަ އިނދޭ. މީގެ މަސައްކަތުގައި އުޅުނުއިރު އަޒޭ އަށް ވެސް އެ ފަސޭހަ ވަރަށް ބޮޑަށް އިހުސާސްވިހެން ހީވަނީ. ސަބަބަކީ ބައެއް މަންޒަރުތަކަށް ޑައިލޮގްސް ދަސްކުރާކަށް ވެސް ނުޖެހޭހާ ފަސޭހައޭ ބުނެފައި އެބަހުރި. އެހާ ވެސް ފަސޭހައޭ މީގައި ދެ މީހުން އެކުގައި މަސައްކަތްކޮށްލަން.

ސްކްރިޕްޓްކޮށްފައިވާ ހުރިހާ އެއްޗެއް އެގޮތަށް ޑެލިވަކުރުމުގެ ބަދަލުގައި ހުންނާނެ ދެ މީހުންގެ ސީންތަކުގައި އިމްޕްރޮވައިޒްކުރެވިގެން ވެސް ގޮސްފައި. އެހެންވީމަ އަސްލު ވަރަށް ފަސޭހަ އަޒޭއާ އެކުގައި މަސައްކަތްކޮށްލަން، ދެ މީހުންނަށް ދެ މީހުން އެވަރަށް އެނގޭތީ އަދި ފެމިލިއާވީމަ.

'ޔާރާ' ޓީވީ ޝޯގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް

9- ލީޑް ރޯލެއް ކުޅެމުން، ޑައިރެކްޓް ވެސް ކުރަމުން މި ސީރީޒް ހަތަރު ސީޒަނަށް ގެންދާއިރު ބެލުންތެރިންގެ ޝައުގުވެރިކަން ހިފެހެއްޓިދާނެ ކަމުގެ ކިހާ ވަރެއްގެ ޔަގީންކަމެއްތަ އޮތީ ރިޝްމީ އަށް؟ ކިހާ ޗެލެންޖިން ކަމެއް ހެއްޔޭ މިއީ އަސްލު؟

ރިޝްމީ: އަބަދުވެސް އަޅުގަނޑު މަސައްކަތްކުރަމުން އައީ އަސްލު މިކަހަލަ ގޮތަކަށް. ލަވަތައް ކުޅުނުއިރު ވެސް ލަވަ ކުޅެމުން ޑައިރެކްޓްކުރިން. އަލަށް ކުޅުނު ފިލްމު 'ހުކުރުވިލޭރޭ' ވެސް ޑައިރެކްޓްކުރީ އަމިއްލަ އަށް. ދެ ވަނަ އަށް ޑައިރެކްޓްކުރި ފިލްމު، 'ފަނާ'ގައި ވެސް ލީޑް ރޯލު ކުޅުނިން. ޓެކްނިކަލީ އެހާ މޮޅު މީހަކަށް އަޅުގަނޑު ނުވެދާނެ އެކަމަކު މިގޮތަށް ކޮންމެ މަސައްކަތެއް ވެސް ކުރަނީ އަސްލު ވަރަށް ކުރާހިތުން، ވަރަށް ލޯބިން.

ދެން އަޅުގަނޑު އުއްމީދުކުރަނީ އައިސްފައި ހުރި ކުރިއެރުންތައް ބެލުންތެރިންނަށް މިފަހަރު ފެންނާނެ ކަމަށް. އޭރުގަ އަޅުގަނޑު މަސައްކަތްކުރީ އޭރު ކުރެވެން ހުރި އެންމެ މޮޅަކަށް. މިހާރު މި މަސައްކަތްކުރަނީ މިހާރު ކުރެވެން ހުރި އެންމެ މޮޅަކަށް.

10- ފަހު ސުވާލަކަށް، މި މަސައްކަތް ރިޝްމީ އަށް އެންމެ ހާއްސަވާ ސަބަބު އަދި ބެލުންތެރިންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ކޮބައިތަ؟

ރިޝްމީ: އެންމެ ހާއްސަ ވަނީ މި ބުނާހެން، ހުވަފެނެއް ހަގީގަތަށް ވާތީ މި މަސައްކަތާ އެކު. ދެން އަނެއް ކަމަކީ ފިލްމީ ދާއިރާގެ މިހާ ގިނަ ފަންނާނުން އަޅުގަނޑަށާއި ރައިޓަރު އިގްބާލަށް ކުރި އިތުބާރު. އަދި އެހާ ގިނަ ފަންނާނުން ފެނިގެންދާ މަސައްކަތަކަށްވުން. އެމީހުންގެ ފުރިހަމަ އެއްބާރުލުން ލިބުނީތީ ވަރަށް ބޮޑަށް ޝުކުރުއާދާކުރަން.

ބެލުންތެރިންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، ހަމަ ޔަގީނަށް ވެސް 'ޔާރާ' ވާނެއޭ ވަރަށް މަޖާ، މުނިފޫހިފިލުވައިދޭނެ މަސައްކަތަކަށް.

ކޮމެންޓް (2)

ހާޒިމް

23 އޭޕްރީލު 2023
ރިޝްމީ ވަރެއް ނެތޭ ދޯ
0 1

ޖުންދުން

26 އޭޕްރީލު 2023
@ހާޒިމް ކޮޕީ ކުރަން އާން އެވަރެއް ނެތް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް