ކޭ-ޕޮޕް ތަރި މޫންބިން
މޫންބިން މަރުވުމުގެ ޝޮކުގެ ތެރެއިން ކޭ-ޕޮޕް ތަރިންގެ ހާލަތު
ކޭ-ޕޮޕް ތަރި މޫންބިން އުމުރުން 25 އަހަރުގައި ކުއްލިގޮތަކަށް މަރުވުމުން އޭނާގެ ފޭނުން ތިބީ އެކަން ގަބޫލުކުރަން ދަތިވެ، ފުން އަސަރުތަކެއް ކޮށްފަ އެވެ.
ބޯއި ބޭންޑް އެސްޓްރޯގެ މެމްބަރު މޫންބިން ސޯލްގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ތެރޭ މަރުވެފައި އޮއްވާ ފެނުމުގެ ހިތާމައިގައި މީހުން އަންނަނީ މަގުމަތީގައި މަލާއި ލިޔުންތައް ބަހައްޓަމުންނެވެ. ދެކުނު ކޮރެއާގެ އިތުރުން އެމެރިކާ، ޗިލީ، އިންޑޮނީޝިއާ އަދި ފިލިޕީންސް ފަދަ އެކި ގައުމުތަކުން އެފަދަ މަންޒަރުތައް ފެންނަމުންދެ އެވެ. އިންޓަނެޓުގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ މޫންބިން އެންމެ ފަހުން ތައިލެންޑުގައި ޕާފޯމްކުރި ޝޯގައި ފެނުނު ދަނބުކުލަ އާއި ރިހިކުލައިން ފުއްޕާހަން ވެސް އެލުވައިފަ އެވެ.
rest in love, fly high, moonbin. 🤍🤍 pic.twitter.com/FbDKCTgqWX
— ssha. (@yyshaabell) April 20, 2023
ކޭ-ޕޮޕް ތަރިންނަށް ކުރިމަތިލާންޖެހޭ ބޮޑު ޕްރެޝަރާ މެދު އޮންނަ ކަންބޮޑުވުން، މޫންބިންގެ މަރާ އެކު، ވަނީ އިތުރުވެފަ އެވެ. ފުލުހުން ބުނެފައިވަނީ މޫންބިން އަމިއްލައަށް މަރުވީ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މަރުގެ ސީދާ ސަބަބު ކަށަވަރުވާނީ އޮޓޮޕްސީއަށް ފަހުގަ އެވެ.
މި ހަބަރާ އެކު އެތައް ބަޔަކު މިއަދު އަންނަނީ ހިތާމައިގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ވެސް ބަންޑުންކުރަމުންނެވެ.
މުޅި އުމުރު މުނިފޫހިފިލުވުމުގެ ދާއިރާގައި ހޭދަކޮށްފައިވާ މޫންބިން ކުޑައިރު 2000ގެ އަހަރުތަކުގައި އެ ދާއިރާއަށް ވަނީ އެކްޓަރެއް އަދި މޮޑެލްއެއްގެ ގޮތުގަ އެވެ. އެކްޓަރެއްގެ ގޮތުގައި 2009 ވަނަ އަހަރު އޭނާ ތައާރަފްވީ މަގުބޫލު ކޮރެއާ ޑްރާމާ ސިލްސިލާ 'ބޯއިސް އޯވާ ފްލާވާސް' އިންނެވެ. އޭރު އޭނާގެ އުމުރުން 11 އަހަރެވެ.
ހުރިހާ ގޮތަކުން މޮޅު ފަންނާނެއްގެ ގޮތުގައި މަގުބޫލު މޫންބިން އެސްޓްރޯއާ ގުޅުނީ އުމުރުން 18 އަހަރުގަ އެވެ. ފޭނުން އޭނާ ފާހަގަކުރަނީ އެ ބޭންޑުގައި ހުރި އެންމެ މޮޅަށް ނަށާ މެމްބަރުގެ ގޮތުގަ އެވެ.
ބިލްބޯޑް މެގަޒިންގެ އޭޝިއާ ކޮރެސްޕޮންޑެންޓް ރޮބް ޝްވޯޓްސް ބީބީސީއަށް ބުނިގޮތުގައި މޫންބިންގެ މަޝްހޫރުކަން ބައިނަލްއަގުވާމީ ދުނިޔޭގައި ބީޓީއެސް އާއި ބްލެކްޕިންކް ފަދަ ފެންވަރަށް ނުދިޔަ ނަމަވެސް، އޭނާއަކީ ކޮރެއާގެ އެންމެ މަގުބޫލު އެއް ފަންނާނެވެ.
ޝްވޯޓްޒް ފާހަގަކުރި ގޮތުގައި ފޭނުންގެ އުއްމީދުތައް ހުންނަ ގޮތުން ކޭ-ޕޮޕް ތަރިން އުޅެން ޖެހެނީ ވަރަށް ބޮޑު ސްޓްރެސްއެއްގެ ތެރޭގަ އެވެ. އެއީ، އެ މީހުން ލަވަކިޔުމާއި ބުރުސޫރައިގެ ގޮތުން ވެސް އެންމެ ފުރިހަމަވާން ފޭނުން ބޭނުންވާތީ އެވެ.
ޝްވޯޓްޒް އިތުރަށް ބުނިގޮތުގައި ކޭ-ޕޮޕްގެ ދުނިޔޭގައި ތަރިންގެ ބޯކޮޅުބެލުން އޮންނަނީ ހުޅަނގުގެ ސެލެބްރިޓީންނަށް ކުރިމަތިލާންޖެހޭ މިންވަރަށް ވުރެ މާ ބޮޑަށެވެ. ހުޅަނގުގެ ތަރިންނަށް ޒާތީ ދިރިއުޅުމުގެ ބައެއް ކަންކަން ސިއްރުކޮށްގެން އުޅެވޭ އިރު ކޭ-ޕޮޕް ތަރިންނަށް އެފަދަ ކުޑަ ވެސް ފުރުސަތެއް ނޯންނަކަން އޭނާ ފާހަގަކުރި އެވެ.
މޫންބިން ސިއްހީ ހާލަތާ ގުޅުވައި 2019 އާއި 2020 ގައި ބްރޭކެއް ވެސް ނަގާފައިވެ އެވެ. އަދި މިފަހުން މޫންބިން ވަނީ އޭނާގެ ހާލު ހުރިގޮތް ލައިވް ޝޯއެއްގެ ތެރެއިން ކިޔައިދީފަ އެވެ. އޭނާ ބުނީ ޝޯ ދެމުން ގެންދާ އިރު އޭނާގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެކަމަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި ފޭނުން އުފާކޮށްދިނުމަށް އުފަލުގައި ހުރެވޭތޯ މަސައްކަތްކުރާނެ ކަމަށް މޫންބިން ބުންޏެވެ.
"ޕޮޕް ތަރިއެއްގެ ގޮތުގައި އުޅުމުގެ ބޭރަކުން ކޭ-ޕޮޕް ތަރިންގެ ދިރިއުޅުމެއް ނޯވޭ. އެ މީހުން ވަރަށް ހަގު އުމުރެއްގައި ތަމްރީންވާން ފަށާ. އެ މީހުން ސްކޫލަކަށް ނުދޭ އަދި އާއްމު ރަހުމަތްތެރިންނެއް [އެ މީހުންގެ] ނުތިބޭ. ކޭ-ޕޮޕްގެ ދުނިޔެއިން ބޭރުން ދިރިއުޅުމެއް ހޯދުން އެއީ އެ މީހުންނަށް ވަރަށް އުނދަގޫ ކަމެއް،" ޝްވޯޓްޒް ބީބީސީއަށް ކިޔައިދިނެވެ.
ދެކުނު ކޮރެއާއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ޒުވާނުން އަމިއްލައަށް މަރުވާ ނިސްބަތް އެންމެ މަތި ގައުމެވެ. ޖުމްލަ އަމިއްލަ މަރުގެ ރޭޓް ދަށްވަމުންދިޔަ ނަމަވެސް އުމުރުން 20ގެ އަހަރުތަކުގެ ޒުވާނުންގެ ތެރޭގައި އެކަން ވަނީ އިތުރެވެ. މިފަހުގެ އަހަރުތަކުގައި ދެކުނު ކޮރެއާގެ ގިނަ އަދަދެއްގެ ޒުވާން ސެލެބްރިޓީން މަރުވެފައިވާ އިރު އޭގެ ތެރެއިން ބައެއް މަރުތަކަކަކީ ވެސް އަމިއްލަ މަރުކަން ހާމަކޮށްފައިވެ އެވެ.
މޫންބިން އާއި އެސްޓްރޯގެ މެމްބަރު ސަންހާ 2020 އިން ފެށިގެން އައީ ޑުއޯއެއްގެ ގޮތުގައި ޕާފޯމްކުރަމުންނެވެ. މޫންބިން މަރުވީ އެ ދެ މީހުން ދުނިޔޭގެ ޓުއާއެއްގައި އުޅެނިކޮށެވެ. އެންމެ ފަހުން މި މަހު 8 ގައި ބެންކޮކްގައި ޕާފޯމްކުރުމަށް ފަހު އަންނަ ހޮނިހިރު ދުވަހު މަކާއުގައި އަދި އަންނަ މަހު އިންޑޮނީޝިއާ އާއި ޖަޕާނުގައި ވެސް ޕާފޯމްކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ކުރިން ހަ މެމްބަރުން ތިބުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އެކަކު ވަކިވި އެސްޓްރޯގެ ހުރިހާ މެމްބަރުން މޫންބިންގެ ޖަނާޒާއަށް ސޯލްއަށް ދާނެ ކަމަށް އޭނާގެ މިއުޒކް ލޭބަލް ފެންޓިއާގޯ އިން ވަނީ ބުނެފަ އެވެ.