ރާހުލް ރޯއީ 'އާގްރާ' ގައި

ބޮލީވުޑް

ރާހުލް ރޯއީގެ 'އާގްރާ' ކާން ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރަނީ

ރާހުލް ބާތު އާއި ސަނީ ލިއޯން ކުޅެފައިވާ 'ކެނެޑީ' ވެސް އެ ފެސްޓިވަލުގައި ދައްކާނެ
19 އޭޕްރީލު 2023

ފްރާންސްގައި ބާއްވާ ޝަރަފްވެރި ކާން ފިލްމު ފެސްޓިވަލްގައި މި އަހަރު ޕްރިމިއާކުރާނެކަން އިއުލާންކުރި އިންޑިއާގެ ދެވަނަ ފިލްމަކަށް ރާހުލް ރޯއީގެ 'އާގްރާ' ވެއްޖެ އެވެ.

އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް ރާހުލް ބާތު އާއި ސަނީ ލިއޯން ކުޅެފައިވާ 'ކެނެޑީ' ވެސް އެ ފެސްޓިވަލުގައި ޕްރިމިއާކުރާނެ އެވެ.

ކާނޫ ބޭލް ލިޔެ ޑައިރެކްޓްކޮށް ސަރެގަމަ އިންޑިއާ، ޔޫއެފްއޯ ޕްރޮޑަކްޝަން އަދި އޯ28 ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ 'އާގްރާ' ކާންގެ ޑައިރެކްޓާސް ފޯޓްނައިޓް ބައިގައި ދައްކާ އިރު 'ކެނެޑީ' އަޅުވާނީ މިޑްނައިޓް ސްކްރީނިން ސެކްޝަނުގަ އެވެ.

ރާހުލް ރޯއީގެ އިތުރުން، އޮސްކާއަށް ނޮމިނޭޓްވި 'ލަޔަން'ގެ ޕްރިޔަންކާ ބޯސް ވެސް ފެންނަ 'އާގްރާ' ގައި ދައްކައިދޭނީ މިހާރުގެ އިންޑިއާގައި ގެދޮރުގެ ދަތިކަމާ އެކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމުގެ އަސަރުތައް ތަމްސީލްކޮށްދޭ އާއިލާއެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

ރާހުލް ރޯއީ ބުނިގޮތުގައި 'އާގްރާ'ގެ ސްކްރިޕްޓް ފެނުމާ އެކު ފާހަގަވީ އޭނާ އަމިއްލައަށް އުނދަގޫތަކެއް ތަހައްމަލްކުރަމުންދިޔަ ކަންތައްތަކެކެވެ. އަދި ފިލްމުގެ މަންޒަރުތައް ނަގައި އޭނާގެ ކެރެކްޓާގައި އުޅުނު ކޮންމެ ދުވަހަކާ އެކު އެ އުނދަގޫތަކަށް ލުއި ލިބެމުން ގޮސް އުދާސްތައް ފިލައިދިޔަ ތަޖުރިބާއަކަށްވިކަން އޭނާ ފާހަގަކުރި އެވެ.

'އާގްރާ' އަކީ 2020 ގައި ސްޓްރޯކެއް ޖެހުމަށް ފަހު ރާހުލް އެނބުރި އަންނަ ފިލްމެވެ.

ކާން ފެސްޓިވަލް އޮންނާނީ އަންނަ މަހު 16 އިން 27 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް