ސާރާ އަލީ ހާން، އަނަންޔާ ޕާންޑޭ އަދި ޖާންވީ ކަޕޫރު
އަނަންޔާގެ އުއްމީދު: ސާރާ އާއި ޖާންވީއާ އެކު ފިލްމެއް
އަންހެނުންނަށް ހާއްސަ ފިލްމެއް ކުޅޭ ނަމަ ފެންނަން ބޭނުންވަނީ ސާރާ އަލީ ހާން އާއި ޖާންވީ ކަޕޫރުއާ އެކު ކަމަށް އަނަންޔާ ޕާންޑޭ ބުނެފި އެވެ. އޭނާ ބުނިގޮތުގައި ތިން މީހުންގެ މިޒާޖު ތަފާތުކަމުން އެފަދަ ފިލްމެއް ބަލާލަން ވަރަށް މަޖާވާނެ އެވެ.
އަންހެނުންނާ ބެހޭގޮތުން ފިލްމު އުފެއްދުމަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު އާ ކަމަކަށް ނުވިޔަސް އެފަދަ ފިލްމުތައް ހަދަނީ ވަރަށް މަދުންނެވެ.
ރީއާ ކަޕޫރުގެ 2018 ވަނަ އަހަރުގެ ފިލްމު 'ވީރޭ ޑި ވެޑިން' އިން ކަރީނާ ކަޕޫރު ހާން އާއި ސޯނަމް ކަޕޫރު އަހޫޖާ އާއި ސްވަރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ އެކުގައި ފެނި، ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި އެވެ. އަދި ރީއާ މިދިޔަ އަހަރު ވަނީ ކަރީނާއާ އެކު ތާބޫ އާއި ކްރިތީ ސަނޯން ބައިވެރިކޮށްގެން 'ދަ ކްރޫ' ޕްރޮޑިއުސްކުރާކަން އިއުލާންކޮށްފަ އެވެ. ފަރްހާން އަހްތަރް އާއި ޒޯޔާ އަހްތަރް އުފައްދާ ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ އަދި އާލިއާ ބަޓްގެ 'ޖީ ލޭ ޒަރާ' ވެސް ކުރިއަށް އެބައޮތެވެ.
އެފަދަ ފިލްމެއްގައި މަސައްކަތްކުރާ ނަމަ ފެންނަން ބޭނުންވަނީ ކޮން ބަޔަކާ އެކުތޯ އީޓައިމްސްގެ އިންޓަވިއުއެއްގައި ސުވާލުކުރުމުން އަނަންޔާ ގެނައީ ސާރާ އާއި ޖާންވީގެ ނަމެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ތިން މީހުންގެ "އެނާޖީސް" ވަރަށް ތަފާތުވެފައި އެއީ އޭނާއަށް ހުނަރުގެ ގޮތުން ވަރަށް ކަމުދާ ދެ މީހުން އަދި އޭނާގެ ރައްޓެހިން ކަމަށްވުމެވެ.
"އަހަންނަށް ޔަގީން އަހަރެމެން [ތިން މީހުން] އެކުގައި ބޮޑު ސްކްރީނުން ފެންނަން މީހުން ވަރަށް ބޭނުންވާނެ،" އަނަންޔާ ބުންޏެވެ.
އަނަންޔާ މި ވަގުތު އުޅެނީ ޝޫޓިންއަކަށް ދުބާއީގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިޖޭ ދެވެރަކޮންޑާ އެކު އޭނާ ކުޅެފައިވާ 'ލައިގާ' އިންނެވެ.