ކަންގަނާ އާއި ކަރަން

ޕްރިޔަންކާ ބޭރުކޮށްލީ ކަރަން: ކަންގަނާ

އޭނާ ބުނީ ކަރަންއަކީ، ބޮލީވުޑާ ގުޅުމެއް ނެތި ބޭރުން އައިސް ވަންނަ މީހުންނަށް ދެކޮޅުވެރިވެ، އިންޑަސްޓްރީ ހަރާބުކޮށްލި 'ވިހަ މީހާ' ކަމަށް
29 މާރިޗު 2023
1

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އިންޑިއާއިން "ބޭރުކޮށްލީ" ކަރަން ޖޯހަރު ކަމަށް ބުނެ ކަންގަނާ ރަނާވަތު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ބޮލީވުޑްގެ ބޭރުން ފުރުސަތުތައް ހޯދަން ބޭނުންވެ، އެމެރިކާއަށް ބަދަލުވި ސަބަބު ފުރަތަމަ ފަހަރަށް ކިޔައިދެމުން ޕްރިޔަންކާ ވަނީ އޭނާ ފިލްމަކަށް ނުނަގައި ބޮލީވުޑްގައި އޭނާ ކަނަކަށް ލާން ބަޔަކު މަސައްކަތްކުރި ކަމަށާއި ބަޔަކާއި އޭނާއާ ދެމެދު އޮތީ މައްސަލަޖެހިފައި ކަމަށް ބުނެ އާ އިންޓަވިއުއެއްގައި ވާހަކަދައްކައިފަ އެވެ.

އެ ކަމާގުޅިގެން ކަންގަނާ އިއްޔެ ޓްވިޓާގައި ބުނީ ބަޔަކު ޕްރިޔަންކާއާ ދިމާކޮށްލައި އިންޑަސްޓްރީން ފައްސާލީ ކަމަށާއި އަމިއްލައަށް އަމިއްލަ ފައިމައްޗަށް ތެދުވި އަންހެނަކު އިންޑިއާ ދޫކޮށްދާން މަޖުބޫރުކުރީ ކަމަށެވެ. އެއާއެކު ކަންގަނާ ބުނީ ޕްރިޔަންކާ "ބޭރުކޮށްލީ ކަރަން ޖޯހަރުކަން އެންމެންނަށް އެނގޭ" ކަމަށެވެ.

ކަރަން ޖޯހަރު

ޕްރިޔަންކާއާ އެކު 2008ގެ ފިލްމު 'ފެޝަން' ގައި މަސައްކަތްކޮށްފައިވާ ކަންގަނާ އިތުރު ޓްވީޓެއްގައި ބުނިގޮތުގައި ކަރަން އާއި ޕްރިޔަންކާއާ ދެމެދު ޖެހުނު މައްސަލައިގެ ވާހަކަތައް މީޑިއާގައި ވަރަށް ގިނައިން ވަނީ ލިޔެފަ އެވެ. އަދި ކަރަންއަށް ނިސްބަތްކޮށް އޭނާ ބުނީ "މި ހަސަދަވެރި، ނުބައި، ވިހަ މީހާ" ޒިންމާދާރުކުރުވަން ޖެހޭ ކަމަށެވެ. ކަންގަނާ ބުނިގޮތުގައި ބޮލީވުޑާ ކުރިން ގުޅުމެއް ނެތް މީހުންނަށް ދެކޮޅުވެރިވުމަކީ އަމީތާބު ބައްޗަން އާއި ޝާހު ރުކް ހާންގެ ޒަމާނުގައި އިންޑަސްޓްރީގައި އޮތް ކަމެއް ނޫނެވެ. އޭނާ ބުނީ ފިލްމު އިންޑަސްޓްރީގެ ސަގާފަތާއި މާހައުލު ހަރާބުކޮށްލީ ކަރަން ކަމަށެވެ.

ޕްރިޔަންކާ ވެސް ވަނީ، ބޮލީވުޑްގައި އާއިލާ އޮތް މީހުންނާއި ބޭރުން އައިސް އިންޑަސްޓްރީއަށް ވަންނަ މީހުންގެ ތަފާތު ބޮޑުކަން އިންޓަވިއުގައި ފާހަގަކޮށްފަ އެވެ.

'އާމްޗެއާ އެކްސްޕާޓް' ޕޮޑްކާސްޓްގައި ޑެކްސް ޝެޕަޑްއާ ވާހަކަދައްކަމުން ޕްރިޔަންކާ ބުނިގޮތުގައި އޭނާއަކީ "ނެޕޯ ބޭބީއެއް ނޫން" ކަމަށް ވާތީ ފިލްމުތައް ފްލޮޕްވުމުން އެހީތެރިކަމެއް ލިބޭނެ ގޮތެއް ނެތެވެ. އޭނާ ބުނީ އުމުރުން 20ގެ އަހަރުތަކުގައި ޖެހިޖެހިގެން ހަ ފިލްމު ފްލޮޕްވުމުން ކެރިއަރު ނިމުނީ ކަމުގެ ބިރު އޭނާ އަށާއި މަންމައަށް އިހުސާސްވި ކަމަށެވެ. 

ޕްރިޔަންކާ ބުނިގޮތުގައި ބޮލީވުޑްގައި ޖީލުތަކެއް އުޅެފައިވާ އާއިލާތަކުން އަންނަ އެކްޓަރުންނަށް އެތައް ފުރުސަތުތަކެއް ލިބުނަސް ބޭރުން އައިސް އިންޑަސްޓްރީއަށް ވަންނަ މީހުންނަކަށް އެ ނަސީބެއް ނުލިބެ އެވެ. އޭނާ ބުނީ "އެންމެ ފަހުގެ ފިލްމު ފްލޮޕްވުމުން އާ ފިލްމެއް ހަދައިދޭނެ ބޮޑުބޭބެއަކު ނުހުންނާތީ،" ބޭރުން އައިސް ވަންނަ އެކްޓަރުންނަށް ޖެހެނީ ގަދައަޅައި މަސައްކަތްކޮށް، ގޭނެން ކަމަށެވެ.

އޭނާ ހޮލީވުޑަށް ދިޔަ ސަބަބު ފުރަތަމަ ފަރަށް ހާމަކުރަނީ ކަމަށް ބުނެ ޕްރިޔަންކާ ކިޔައިދިން ގޮތުގައި، ހޮލީވުޑަށް ދާން ހުށަހެޅީ އޭނާގެ މިހާރުގެ މެނޭޖަރު އަންޖުލާ އަޗާރިއާ އެވެ. އެއީ ބޮލީވުޑްގައި ވަކި ވައްތަރެއްގެ ބަޔަކު ރުއްސާށާއި ފިލްމެއް ހޯދަން އާދޭސްކުރަން ނުހުރެ، ދުނިޔޭގެ އެހެން ހިސާބަކަށް ދާން އޭނާއަށް ލިބުނު ފުރުސަތެއް ކަމަށާއި އެހާތަނަށް އައި އިރު ވަރަށް ދިގު މުއްދަތަކަށް މަސައްކަތްކުރެވިފައިވާތީ އެ ގޮތަށް އުޅޭހިތްނުވީ ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އަހަރެންނަކީ އެ ގޭމު ކުޅެން މޮޅު މީހެއް ނޫން. އެހެންވެ އަހަރެން ހުރީ އެ ޕޮލިޓިކްސް މަތިން ފޫހިވެ، ބްރޭކެއް ބޭނުންވެފައި،" އޭނާ ބުންޏެވެ.

ކޮމެންޓް (1)

ޕުރިޔަންކާ

29 މާރިޗު 2023
ހޫމް އެއީ ތެދަކަށް.. އެންމެން ބޭރުކޮށްފަ ވެސް ޖެހޭނު އާލިޔާ ކުރިއަރާތޯ ބަލަން..
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް