Majlis 2024

އިލަސްޓްރޭޝަން/ސައްޔާފު ޒަނީން

ވާހަކަ

ކުރު ވާހަކަ: ރަމްލާ އާއި ސަމީރު އަދި މުޑަހަނދި

ރަމްލާ އޮތީ އޭނާގެ ރައްޓެހިންނާ އެކު މޫދަށް އެރި އެވެ. ވިލުނޫކުލައިގެ ހިތްގައިމުކަމުގައި ތެމިފޯވެގެންނެވެ. ކަރުތާފެނުގައި ހިތްހަލާކުވެފަ އެވެ. މާ ދުރުގައި ފިރުކަމުން ދިޔަ ސަމީރުގެ ހަރަކާތްތަކަށް ފަރުވާތެރިވެ ފާރަލައިގެންނެވެ. އެންގަނޑެއްގެ އަވާގައި ޖެހިފައި އޮތް ފެނުޕަރީއެއް ފަދައިންނެވެ.

މޫދަށް އެރި ތިބި ޒުވާން ތިން އަންހެންކުދިން ޖަހަމުން ދިޔަ ސަކަރާތުގެ އަޑަށް އެއްލި ކަޅިއަކުން ރަމްލާއާ ހަތަރު ކަޅި ހަމަވި ހިނދު ސަމީރަށް ހީވީ، ދޮށީގައި އެ ފެނުޕަރީ ހިފައި ކުރު ކުއްލިއެއް ޖަހައި އެ ތިން އަންހެން ކުދިން ތިބި ދިމާލަށް ދަމައިގަތް ހެންނެވެ. އޭނާ ހުސިޔާރުވެގަތެވެ. ނަމަވެސް އެއީ ކޮރަކައްޔެއް، ހަނދަލައެއް ނޫނެވެ. ވަރުން ވަރު ހުރި މުޑަހަންޖެކެވެ.

އޭގެ ބާރުގައި ކުއްލިއަކަށް ސަމީރު ޖަހައިގަނެ މޫދަށް ވައްޓާލައިފި އެވެ. އެ މަންޒަރު ބަލަން ތިބި ރަމްލާ އާއި އޭނާގެ އެކުވެރިން ބަކަތަޅައިގަތެވެ. ޗަކަޗަކަލާފައި ހީނގަތެވެ.

އެވަގުތު ބަޑިތަޅައިގެންފައި ކުއްލިއަކަށް މުޑަހަނދި ބުޅިކަނޑާލައިފި އެވެ. ތެދުވެ ގޮނޑުދޮށާ ދިމާލަށް ދާން އެނބުރިގެންފައި ސަމީރަށް އަނެއްކާވެސް ބަލައިލެވުނީ މޫދަށް އެރި ތިބި އަންހެން ކުދިންނާ ދިމާލަށެވެ. އޭގެ ތެރެއިން ދެ ކުދިން އޭރު މޫދުން އަރައިގެން ދަނީ އެވެ. ވިދައި ބަބުޅަމުން ދިޔަ ވިލުނޫކުލައިގެ އެ ހިތްގައިމުކަމުގެ ތެރޭގައި މިހާރު އެ އޮތީ ރަމްލާ އެކަންޏެވެ. އެއީ ސަމީރު އަބަދުވެސް ހިތްކިޔައިގެން އުޅޭ ރަނާ ރަމްލާ އެވެ.

އެކަމަކު ދުވަހަކު ވެސް ލޯބި ހުށަހަޅަން ނުކެރުނު އަންހެން ކުއްޖާ އެވެ. އަމުދުން އިސްވެ އަނގައިން ވެސް ބުނެލަން ނުކެރުނު އޭނާގެ ހަހަރަ ހަންހާރެވެ.

ބުރުސޫރާގައި ތަތްވެފައި އޮތް ލިބާސް ދެ އަތުން ދަމަމުން، ގަޔަށް ހެޔޮވަރުކުރަމުން ފަރިވެ، ތުއިވެ، އާތްވަމުން ގޮސް ރަމްލާ މޫދުން އަރައިގެން ދިޔައިރު ވެސް ސަމީރަށް ހުރެވުނީ ގަނޑުވެ ބިތްޖެހިފަ އެވެ. ބަސް ހުއްޓިފަ އެވެ.

ހުދު ހިމުން ދޮންވެލީގެ އަތިރިމަތީގައި ހެދިފައި ހުރި ބިޔަ ކާނިގަސްތަކުގެ ހިޔަލަށް ވަދެ ރަމްލާ ގެއްލުމުން ސަމީރު ވެސް އެއްގަމަށް އަރަން މަޑުމަޑުން ހިނގައިގަތެވެ. މުންޑުގަނޑު ކޮށިކުރަމުން ގޮސް ކާނިގަސްތަކުގެ ހިޔަލަށް ވަންއިރު ރަމްލާ ރަށުތެރެއަށް ވަދެގެން ގޮސް ލޮލުކޮޅަށް އޮބާލައިފި އެވެ. އޮނުދޮށިގަނޑު އެއްލައިލާފައި އަރުވާ ޖަހައި ސަމީރު ހަރުކޮށް ހެލެމުން ގޮސް އެންމެ ފަހުން ދުއްވައިގަތެވެ. ރަމްލާ އަބަދުވެސް ގެއަށް ދާ މަގު އޭނާއަށް ހިތުން އެނގޭތީ އެވެ.

ރަމްލާ ގިފިއްޔަށް ވަދެ ދާނިން ފެން ފުރައި ބޮލަށް އޮއްސާލި މަންޒަރު ބަލަން ސަމީރު އޮތީ ފުޅަފުގައި ލޯ ޖަހައިގެންނެވެ. ކަށިކެޔޮވަލުން ވަދެގެން ގޮސް ދޮންކެޔޮވަލުން ވަގަށް ކެނޑި ސަންފާކެޔޮ އަރިއެއް އުނގަށްލައިގެންނެވެ. އޭގައި ދޮންވެ ފައްކާވެފައި އޮތް ދޮންކެޔޮވަކެއްގެ ފޮނިމީރުކަމާއި ރަމްލާގެ ނޫކަށިފުރައިގައިވީ އަރާމަށް ގެއްލި ހުސްވެފަ އެވެ.

ހިތާއި ބަނޑު ފުރާލައިގެން ސަމީރު އަނެއްކާވެސް އެނބުރިގަތީ އޭނާގެ އެކަނިވެރި ފަޅު ދިރިއުޅުމަށެވެ. ނަމަވެސް ގިފިލިތެރެއިން ކުއްލިއަކަށް އިވުނު ރުއިމުގެ އަޑެއް އައިސް ކަންފަތުގައި ޖެހުނު ހިސާބުން އެތަން ދޫކޮށް ދާހިތެއް ނުވި އެވެ. ނުވަތަ ޒަމީރު އެކަމަކަށް އެއްބަހެއް ނުވި އެވެ.

މަޑުމަޑުން އެނބުރިގެން ގޮސް ވަގުވަގަށް އަނެއްކާވެސް ސަމީރު ފުޅަފުގައި ލޯ ޖަހައި ގިފިލިތެރެ ހޯދައި ބަލަން ފެށި އެވެ. ރަމްލާ ފެންނާކަށް ނެތެވެ. އެކަމަކު އަންހެނެއްގެ ގިސްލުމެއްގެ އަޑު ކޮންމެވެސް ދިމާލަކުން އެބަ އިވެ އެވެ. ވާނުވާ ނޭނގި އޮވެފައި ސަމީރުގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ.

ދެން ފެނުނީ ވަޅާ ދިމާލުން ކުއްލިއަކަށް ފުންމައިގެން ތެދުވެ ކޮންމެވެސް މީހަކު ގިފިލި ދޮރާ ދިމާލަށް ދުއްވައިގަތްތަނެވެ. އަދި ކުރިއަށް ވުރެ ބާރަށް ރޮއި ހޭރިގަތްތަނެވެ. އެއީ ރަމްލާ އެވެ. ސަމީރުގެ ހުރިހާ ސަމާލުކަމެއް އަނެއްކާވެސް ގޮސް ހުއްޓުނީ އެ އަންހެން ކުއްޖާގެ ހަށިގަނޑަށެވެ. އަދި ހަރު ފިޔަވަޅުތަކެއްގައި ގޮސް ރަމްލާގެ ފަހަތުން އަރައި އޭނާގެ އަނގަ މަތީގައި އަތް އަޅައި، ގައިގައި އޮޅުލައި ބައްދައިގަތް ސިފަހުތުރު ފަލަ ފިރިހެނަކަށެވެ. ކެހެރިހެން ހީވާ ބުޅި އިސްތަށިން މުޅި ބުރަކައްޓާއި ހަތަރެސްފައި ފުރިފައިވާ އެ މީހަކީ ކާކުކަން ސަމީރަށް ވަގުތުން އެނގިއްޖެ އެވެ. އަދި ގަތްބިރާ އެކު ފުންމައިގެން ތެދުވެ ބޯޖެހިތާ ނަގޫޖަހާފައި ސަމީރު އެތަނުން ގެއްލިއްޖެ އެވެ.

ޖެހިގެން އައި ހަފުތާ ނިމިގެން ދިޔަ އިރު ވެސް ސަމީރުގެ ލޮލަކަށް ރަމްލާ ދައްކައެއް ނުލި އެވެ. ރަމްލާގެ ރައްޓެހިން މޫދަށް އެރި އުޅުނެވެ. ގިފިލިބަލާ ސަމީރޭ ކިޔައި އޭނާއާ ދިމާކޮށް ވެސް އުޅުނެވެ. ނަމަވެސް އެންމެ ދެކެން ބޭނުންވި މޫނު ފެންނަ ގޮތެއް ނުވި އެވެ. ކާނިގަހުގެ ހިޔަލުގައި، ޖޯލިފަތީގެ އަރާމުގައި އެތައް އިރެއް ދެމިގެންދިޔައިރު ވެސް ސަމީރުގެ ހިތަށް ލިބުނު ފިނިކަމެއް ނެތެވެ.

ރަނާގޭ ކުރިމަތިން ކުރިކެނޑުނު ވަރެއް ބުނާކަށް ވެސް ނޭނގެ އެވެ. އެއީ ރަމްލާ ދިރިއުޅޭ ގޯއްޗެވެ. މަކުތަބު ދޮށަށް ގޮސް އިންތިޒާރުގައި ވަގުތު ހޭދަކުރެވުނު ވަރެއް ވެސް ނޭނގެ އެވެ. އެއީ ރަމްލާގެ އަންހެން ދަރި ކިޔަވަން ފޮނުވާ އެދުރުގެ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެ ކުއްޖާ ގޮވައިގެން ގޮސް އެދުރުގެއަށް ލާނީ ރަމްލާ އެވެ. ބަލާ އަންނާނީ ވެސް ރަމްލާ އެވެ.

އެކަމަކު އެ ހުރިހާ ކަމެއް ހުއްޓުނީ އެވެ.

ބޮނބިތަޅާކަށް ވެސް މިހާރަކު ނުދެ އެވެ. ބަށި ކުޅޭކަށް ވެސް ނުދެ އެވެ. އިލޮށިފަތި ހިފައިގެން ނުކުމެ ހެނދުނުހެނދުނާ މެދުގޯތީގައި ކުނިކަހަން އޮންނަ ތަނެއް ވެސް މިހާރަކު ނުފެނެ އެވެ. 

ހިތު ދަސްކޮށްފައިވާ ރަމްލާގެ މި ދިރިއުޅުމުގެ ތަރުތީބު ކުއްލިއަކަށް ވިއްސިވިހާލިވެގެން ގޮސް ސަމީރުގެ ލޮލަށް ރަމްލާ ކުއްލިއަކަށް ގެއްލުމުން އެންމެ ފަހުން އެ ހިތުގައި ކަންބޮޑުވުމެއް އުފަންވެއްޖެ އެވެ. ސުވާލުތައް އުފެދި ބޮކިޖަހަން ފަށައިފި އެވެ. އަދި ފެނުނު މަންޒަރާއި ރަށުތެރެއިން އިވިފައި ހުރި އަޑުތަކުގެ ހަނދާންތައް އައުވެ ބޮލުތެރޭގައި ޝައްކާއި ވަހުމު އެނބުރިގަތެވެ.

ވީނުވީއެއް ނޭނގި ރަމްލާ ގެއްލިގެން އުޅޭ ހަބަރު އޭރު މުޅި ރަށަށް ފެތުރިއްޖެ އެވެ. ރަމްލާއަށް ވީ ގޮތް އެނގޭ ހަމަ އެކަކު ވެސް ނެތެވެ. ސަމީރު ފިޔަވަ އެވެ. އެކަމަކު އެ ވާހަކަ ނުވަތަ އެ ހަގީގަތް އެހެން މީހަކަށް ކިޔައިދޭނެ ގޮތެއް ސަމީރަކަށް ނުވިސްނުނެވެ. ގިފިލިބަލަން އޮއްވައި ފެނުނު އަނިޔާވެރި މަންޒަރު ހިތުގައި ފޮރުވަން ނިންމުނު ސަބަބަކީ ވެސް އެއީއެ ވެ.

ރަމްލާއަށް ކަމެއް ވެއްޖެކަން އަވައްޓެރިންނަށް ރޭކާލީ ގޭތެރެއިންނާއި ގޯތިތެރެއިން މީހަކު ނުފެންނަތާ ދެ ދުވަސް ވީ ފަހުންނެވެ. ޖެހިގެން ހުރި ސައްކެޔޮގޭ ފަރީދާ ލައިގެންކާނޭ އެއްޗެއް ހޯދަންވެގެން ގޮސް ރަނާގެއަށް ބޯދިއްކޮށްލުމުންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެގެން ފަރީދާ ދޮރުތަކުގައި ތަޅަމުން އެތަންމިތަނަށް ބޯދިއްކުރަމުން ދަނިކޮށެވެ. އެއްވެސް ތަނެއް ހުރީ ތަޅުނުލަ އެވެ.

އެންމެ ފުރަތަމަ ފަރީދާ ހީކުރީ ހެނދުހެނދުނާ ހޭލައިގެން ދަރި ގޮވައިގެން ރަމްލާ ބޮނބިތަޅަން ދިޔައީ ކަމަށެވެ. އެކަމަކު ބޮނބިތަޅާ ވަލުގައި ދުންބޮއެ ވަރުބަލިފިލުވާލަން ތިބި ބަޔަކު ދެއްކި ވާހަކައަކުން އެނގުނީ ބޮނބިތަޅަން ރަމްލާ ނާންނަތާ ވެސް މިހާރު އެތައް ދުވަހެއް ކަމެވެ.

ކޮންމެއަކަސް ރަމްލާ ލޮލަށް ނުފެނި ދެވަނައަށް ވީ ދުވަހު މިކަން ރަށުގައި ވަރަށް ބޮޑު ކަމަކަށް ވެއްޖެ އެވެ. އަދި އެންމެ ފަހުން ކަތީބު ކަލޭފާނުގެ ސަމާލުކަމަށް ވެސް މި މައްސަލަ ގެނެވިއްޖެ އެވެ. ގެއްލިގެން މި އުޅެނީ ރަމްލާ އެކަނި ނޫން ކަމާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ކަނޑައެޅުނީ އެ ހިސާބުންނެވެ. ކަތީބު އާއި ކަތީބުގެ އިސް އެހީތެރިން ރަނާގެއަށް ގޮސް ބެލިބެލުމަށް ފަހުގަ އެވެ.

މި ބޭކަލުން ބެއްލެވި ކަންކަމަށް ފަހު ލަފާކޮށްފައި ވަނީ ރަމްލާ އާއި އޭނާގެ އަންހެން ދަރިފުޅު ގެއްލުވާލުމުގެ ފަހަތުގައި ކޮންމެވެސް މީހެއްގެ އަތެއްވާ ކަމަށެވެ. އަދި އެ ޖަރީމާ ހިންގުމުގައި އެ ދެމައިންނާ ދެކޮޅަށް ރަހުމުކުޑަ އަނިޔާވެރި އަމަލެއް ކޮންމެވެސް މީހަކު ހިންގާފައިވާ ކަމަށެވެ. އެއީ ރަނާގޭ ގިފިލިތެރެއިން ލޭގެ އަސަރު ފެނިގެންނެވެ. ވަޅު ކައިރިންނާއި ގިފިލީގެ ދޮރު ކައިރިންނެވެ.

ސަމަދު އަބްދުﷲ އަކަށް އޭރު އަދި މިއިން އެއްވެސް ހަބަރެއް ނުލިބެ އެވެ. ސަމަދަކީ ރަމްލާގެ ފިރިމީހާ އެވެ. ހަތަރު އަހަރުގެ ޒައިނަބުގެ ބައްޕަ އެވެ. އޭނާއަކީ މާލެ އާއި ރަށާ ދެމެދު ދަތުރުކުރާ ނާލު ބައްތެއްޔެއްގެ ފަޅުވެރިއެކެވެ. އަންހެނުންނާއި ދަރިފުޅު ގެއްލިގެން އުޅޭ ހަބަރު ސަމަދަށް ލިބުނީ ބައްތެލިން ރަށަށް ފޭބުމުންނެވެ. އެ ހަބަރު ދިނީ އޭނާ ބަލައި އައިސް ހުންނެވި ކަތީބު ކަލޭފާނެވެ.

އެ ހަބަރުން ހަބަރުހުސްވެގެން ސަމަދު އެންމެ ފުރަތަމަ ވެސް ގެންދިޔައީ ހަކީމެއްގެ ގާތަށެވެ. ހޭވެރިކަން އެނބުރި އައިސް ވަރުޖެހުމުން ސަމަދު އަބްދުﷲގެ ހިޔާލުގައި އެނބުރިގަތީ އޭނާގެ އަންހެނުންގެ ނޭއްދާރު ދިރިއުޅުމާއި ވިޔާނުދާ ސިފަތަކެވެ. އަދި ރަށުބިޑިއެއް އަނބުރައިގެން ރޯކޮށް އަރުވަން ފެށި ދުންތަކާ އެކު އޭނާގެ ހިޔާލުގައި އެނބުރިގަތީ ރަމްލާއޭ ކިޔައިގެން މީހުން އަބަދުވެސް ދައްކާ އެއް ވާހަކަ އެވެ. – ހިލޭ ފިރިހެނުންގެ އުނގަށް ގޮސް ވެއްޓޭ ވާހަކަ އެވެ.

ރަށު ތެރޭގައި ކުޓުވާ މީހުން ބުނާ ގޮތުން ނަމަ ރަމްލާގެ ވަގު ލޯބިވެރިއެއް ވެސް ހުރެ އެވެ. އަދި އެ ލޯބިވެރިޔާގެ އުނގުން އުފާ ހޯދަން ދުއްވައިގަންނަނީ ނާލު ބައްތެލީގައި ސަމަދު ރަށުން ފުރާތަނުންނެވެ. އެކަމަކު މި ވާހަކަ ސަމަދު ދުވަހަކު ވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު ބޮމުން ދިޔަ ދުންފަތުގެ އަސަރުން އަރުވަމުން ދިޔަ އެނބުރުންގަނޑާ އެކު އޭނާއަށް މިހާރު ހީވަނީ މީހުން ދެއްކި އެ ހުރިހާ ވާހަކައަކީ ވެސް ހަގީގަތެއް ހެންނެވެ. އަދި އޭނާގެ އަންހެނުންހާ ބޮޑު ބޭވަފާތެރިޔަކު ރަށުގައި ވެސް ނެތް ހެންނެވެ. އަދި ދެމައިން ގެއްލުމުގެ ފަހަތުގައި ވީ އަނިޔާވެރި އަމަލާ މި ވިޔާނުދާ އަމަލު ވެސް ގޮސް ގުޅިފައިވާ ކަމަށެވެ.

މިއީ ސަމީރު ވެސް އެންމެ ފުރަތަމަ ހީކުރި ގޮތެވެ. ރަމްލާ އާއި އެ ރަށު ގުލްޝަންވިލާގޭ ދޮންއަހުމަދުގެ ލޯބީގެ ކުޅިގަނޑު ގަބޫލުކުރަން ސަމަދު އަބްދުﷲ ބޭނުންނުވިޔަސް ލޯބީގެ އެ ނަރަކައިގައި ފޮޅުނު ހުރިހާ މަލަކާއި އޭގެ ކުލައެއް ރަށުގައި ތިބި އެންމެނަށް ވެސް ވަރަށް ރަނގަޅަށް އެނގޭތީ އެވެ. އަދި ސަމީރަކީ ވަކިން ހާއްސަކޮށް އެ ކުޅިގަނޑު ވަރަށް ގާތުން ބަލަމުން ދިޔަ މީހެކެވެ. ސަބަބަކަށް ވެފައި އޮތީ އޭނާގެ ހިތުގައި އަބަދުވެސް ރަމްލާއަށް އުފެދިފައި އޮތް ޖަޒުބާތާއި ލޯތްބެވެ. އަދި ދޮންއަހުމަދަށް އެ ހިތުގައި އުފެދިފައި އޮތް ހަސަދަވެރިކަމެވެ.

އެކަމަކު އެ ހަސަދަވެރިކަމުގައި ހުޅުފަޅާފައިވިޔަސް ރަމްލާ އާއި އެ މައުސޫމް ދަރިފުޅަށް އަނިޔާވެރިވުމުގައި ދޮންއަހުމަދުގެ އަތެއް ނެތްކަން ޝައްކެއްނެތް މިންވަރަށް ސަމީރަށް މިހާރު ޔަގީނެވެ. އެކަމަކު ސަމީރަށް ނޭނގެނީ އެ ވާހަކަ އޭނާ ކިޔައިދޭނެ ގޮތެކެވެ. އަދި ރަމްލާގެ އިތްފަތްފޭރިގަތުމަށް ފަހު އޭނާގެ ފުރާނަ ޖަހައިގަތް ކެހެރިލީ ފުރޭތަ އެހެން މީހުންނަށް ސިފަކޮށްދޭނެ ގޮތެވެ. އެ ގާތިލުގެ ވާހަކަ ކިޔައިދޭނެ ގޮތެވެ.

މި ހިޔާލުތަކުން އަނދަމުން ދިޔަ ސިކުނޑި، ފަތުބިޑީގެ ދުމާއި ދަވައިން ހަމަޖައްސާލައިގެން ގޮސް ސަމީރު ވަނީ ގިފިއްޔަށެވެ. އަނދެގެން ހުރި މުންޑުގަނޑު ބާލައި ރޯނެއްގައި އަޅުވާލުމަށް ފަހު ވަޅު ކައިރިއަށް ގޮސް މަޑުކޮށްލި އެވެ. ސަމީރު މިހާރު އެހެރީ ހުސް ގަޔާ، އުނުއޮރިޔާމާ އެވެ. އޭނާ އަކީ ސިފައިން ހުތުރު، ސަރުބީން ބަރުވެ ބަރުހެލިވެފައިވާ ދެބައި އުމުރުގެ އެކަނިވެރިއެކެވެ. އޭނާގެ ބުރަކައްޓާއި ހަތަރެސްފައިގެ އާދަޔާހިލާފު ސިފައަކީ މުޅި ގައިގައި ކެހެރިހެން ފަޅާފައިވާ ބުޅި އިސްތައްޓެވެ.

ވަޅުގެ އަނގަމަތީގައި ދެ އަތް ވިއްދާލައިގެން ސަމީރު ބަލަހައްޓައިގެން އޮތީ ވަޅުފެންގަނޑު އޭނާއަށް ދައްކަމުން ދިޔަ މުޑުދާރު ހަޔާތެވެ. މިހެން އޮވެފައި ދާނި ނަގައި ވަޅުތެރެއަށް ކޮއްޕާލި އެވެ. ފެންފުރައި ބޮލަށް އޮއްސާލި ދާންޏާ އެކު ލޯމަތީގައި އަނެއްކާވެސް ސިފަވެގަތީ ރަމްލާގެ އަނިޔާވެރި މަރާއި އެ މައުސޫމު ކުޑަކުއްޖާއަށް އޭނާ ހަދާލި ގޮތެވެ.

***

ރަމްލާ ގިފިއްޔަށް ވަދެ ދާނިން ފެންފުރައި ބޮލަށް އޮއްސާލި މަންޒަރު ބަލަން ސަމީރު އޮތީ ފުޅަފުގައި ލޯ ޖަހައިގެންނެވެ. އެކަން ރަމްލާއަށް އިހުސާސްވީއިރު ސަމީރު ހުރީ ގިފިލި ތެރެއަށް ވަދެ އެވެ. ފުޅަފުގައި ހެދިފައި ހުރި ބައުގަނޑަކުން ދެމިގެންނެވެ. އޭނާ ހުރީ އުނުއޮރިޔާމާ އެވެ.

ކެހެރީގެ އިސްތަށި ފެޅި ހަތަރެސް ފަޔާއި ސަމީރުގެ ހުތުރު ސިފަ ފެނި ގަންނާކުރެއްވި ބިރަށް ރަމްލާ ހަޅޭލަވައިގަތެވެ. ތެޅެމުންފޮޅެމުން ގޮސް ރަމްލާގެ ގައިގައި ސަމީރު ބައްދައިގަތެވެ. ދެ މީހުން އެކުގައި ވަޅުދޮށަށް ވެއްޓިއްޖެ އެވެ. ސަމީރުގެ އަތްދަށުން ސަލާމަތްވެ ރަމްލާ ދުއްވައިގަތީ ގިފިލިން ނުކުތުމަށެވެ. ނަމަވެސް ކެހެރީގެ އެ މުޑުދާރު ހަތަރެސް ފަޔާއި ނުބައިވެގެންވީ އެދުންވެރިކަމުން ރަމްލާ މިންޖެއް ނުވި އެވެ.

ރަމްލާގެ ދުވަސް ދުއްވާލާފައި ތެދުވެ ބަލައިލިއިރު ގިފިލީގެ ދޮރު ހުޅުވާލައިގެން ސަމީރުއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޒައިނަބެވެ. އެ ކުއްޖާ ބިރުން ދުއްވައިގަތެވެ. އެވަގުތު ގިފިލިތެރެއިން އަތުޖެހުނު ހަތާބުރިއެއް ނަގައި ސަމީރު ހޫރާލުމުން ގޮސް ޖެހުނީ ޒައިނަބުގެ ބޮލުގަ އެވެ. ފުއްކިބަ އެއްކޮށް ޗިސްވީ އެވެ.

އޭގެ ފަހުން މި ދެމައިންގެ ހަބަރެއް ނުވާތާ މިހާރު ދެ މަސް ވީ އެވެ. ދެމައިން ގެއްލުވާލުމުގެ ތުހުމަތަށް ގުލްޝަންވިލާގޭ ދޮންއަހުމަދު ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަތާ ވެސް މަހެއް ވީ އެވެ.

ސަމީރަށް ނޭނގެނީ މި އަނިޔާވެރި ގަތުލާއި އަމިއްލަ އެދުމުގެ ވާހަކަ އޭނާ އެހެން މީހަކަށް ކިޔައިދޭނެ ގޮތެވެ. ނުވަތަ އެ ސިއްރު އެއްވެސް މީހަކަށް ކިޔައިދޭން އޭނާ ބޭނުންނުވަނީ އެވެ. ރަމްލާއަށްޓަކައި ހިތުގައި އުފެދުނު ލޯބި ވަޅުލައި ފޮރުވި ގޮތަށް ފޮރުވީ އެވެ.

ސުއްޓާއެއް އަނބުރައިގެން ރޯކޮށް ސަމީރު ދުންގަނޑު ބޭރަށް ފޮނުވާލި އެވެ. އޭނާ މަޑުކޮށްލައިގެން އެހެރީ ކަށިކެޔޮ ވަލުގަ އެވެ. އެއީ ރަމްލާ އާއި ޒައިނަބު ވަޅުލާފައިވާ ވަލެވެ.

ބޮމުން ދިޔަ ސުއްޓާ ހުސްކޮށްލުމަށް ފަހު ސަމީރު އޭނާ ކުރަން ބޭނުންވި ކަންތަކާ ކުރިމަތިލި އެވެ. ކަށިކެޔޮ ގަހެއްގެ ގޮފިގަނޑެއްގައި ރޯނުގަނޑެއް އައްސައިގެން ތައްޔާރުކޮށްފައި އޮތީ ދަންމަޅިއެކެވެ.

ސަމީރު މަރަށް ތެޅިގަތެވެ. އެކަމަކު މަރު އައިސް ބައްދަލުކުރުމުގެ ކުރިން އޭނާއާ އަނެއްކާވެސް ބައްދަލުކުރީ ބިމުގައިވީ ތެތްކަމާއި ނުތަނަވަސްކަމެވެ. ތުރާލާއި ހިތްދަތިކަމެވެ. އެކަނިވެރިކަމެވެ. އަނިޔާވެރިކަމެވެ.

ވާންވެގެން ދިޔަ ދަންމަޅީގެ ރޯނުގަނޑު ކަނޑައިގެން ގޮސް ވެއްޓި ޖެހުނު ގޮތަށް ސަމީރަށް އޮވެވުނީ މައްޗަށް ބަލަހައްޓައިގެންނެވެ. މާ މަތިން ދައުރުވަމުން ދިޔަ ވިލާތަކުގެ ތެރެއިން އޭރު އޭނާއަށް ފެންނަނީ މުޑަހަންޖެކެވެ. ނުވަތަ އެއީ ދުވަހަކު ވެސް މި ހަޔާތުގައި އޭނާ އަށް ހާސިލުނުވި އުފާވެރިކަމެވެ.

ކުއްލިއަކަށް ބަޑިތަޅައިގެންފައި އެ މުޑަހަނދި ބުޅިކަނޑާލި އެވެ. އަދި ވިލާތަކުގެ ތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެ އެވެ.

ކޮމެންޓް (4)

ޒުހާ ޒާހިރު

24 މާރިޗު 2023
ޏާދީމް ލިޔުނީމަ ހަމަ ތަފާތޭ.ވ ސަލި
2 0

މާސްޓާ

23 މާރިޗު 2023
ހަމަ އެއްވަނައިގެ ވާހަކައެއް. ނަދީމުގެ ވާހަކަތަކަކަކީ މުޅިން އެހެން ލެވެލެއް. މި ވާހަކަ ވަރަށް ސަޅި
4 1

މަރުލީ

23 މާރިޗު 2023
އެއްކަލަ ނަދީމު. ކަލޯ މިއީ ވާހަކައެއްތަ ނޫނީ އަރަތެއްތަ؟
3 3

ގެޓު

24 މާރިޗު 2023
@މަރުލީ ގެޓު ވީއްޔާވީ..ނުވިޔަސް ގަލަން ހިނގާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް