މުހައްމަދު ޝިފާޒު ނުވަތަ ރެޕް އާޓިސްޓްގެ މަޝްހޫރު ނަމުން ނަމަ ތުއްތު ޕާކް ގިނަ ފަންނާނުންނާ އެކު ނޮއިސް އިން ފެންނާނެ ފޮޓޯ/މަސްރަހު

ނޮއިސް

'ތުއްތު ކާކު ހޭ؟' އަހަން ނުޖެހޭ ވަރަށް އެ އަންނަނީ ކުރިއަރަމުން

މުހައްމަދު ޝިފާޒުގެ ރެޕް އާޓިސްޓްގެ ނަމަކީ 'ތުއްތު ޕާކް'. ރެޕްކުރުމުގެ އިތުރުން އޭނާއަކީ ގެސްޓްހައުސް އާއި ކެފޭ ހިންގާ ވިޔަފާރިވެރިއެއް އަދި ރާޅާއެޅުންތެރިއެއް ވެސް މެ
16 މާރިޗު 2023

މުހައްމަދު ޝިފާޒްއަކީ ގިނަ 'ތޮފި' އަޅާ މީހެކެވެ. ކ. ތުލުސްދޫގައި ގެސްޓްހައުސްއަކާއި ކެފޭއެއް އޭނާ ހިންގަ އެވެ. އެ މަސައްކަތުގައި އުޅޭ އިރު އޭނާ ހުންނަނީ  ވިޔަފާރިވެރިއެއްގެ ތޮފީގަ އެވެ. އޭނާއަކީ މޫދާއި ރައްޓެހި މީހެކެވެ. ސާފުކުރާ މީހެކެވެ. ސާފަރެއްގެ ތޮފީގެ އިތުރުން ދެން އޭނާ އެހާމެ ކުރާހިތުން ކުރާ ކަމަކީ ރެޕް ލަވަކިއުމެވެ.

ތުއްތު ޕާކު ޝޯއެއްގައި ލަވައެއް ހުށައަޅަނީ

އެ ހިސާބުން ޝިފާޒު ނަން ބަދަލުވަނީ 'ތުއްތު ޕާކަށެ'ވެ. އެއީ އޭނާގެ ސްޓޭޖް ނަމެވެ. ގެސްޓްހައުސް އާއި ކެފޭ ވިޔަފާރިއަށް ވަނުމުގެ މާ ކުރިން ވެސް އޭނާ ރެޕްކޮށް ލަވަކިޔާ ހެދި އެވެ.

ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު މި ޖޮންރާއަށް ލަވަ ހަދައިގެން ތުއްތު ކިޔައިދެނީ މުޖުތަމައުގެ ހާލަތެވެ.

ތުއްތުޕާކުގެ އަލްބަމް 'މީ މާލެ' ކަވާ

މުޖުތަމައުގެ ހާލަތު ލޯގަނޑަކުން ފެންނަހާ ސާފުކޮށް، އެކި ކަންކަން ތުއްތު ވަނީ އޭނާގެ ފުރަތަމަ އަލްބަމް 'މީ މާލޭ'ގައި ގެނެސްދީފަ އެވެ. އަލްބަމްގައި ނުވަ ލަވަ ހިމެނެ އެވެ. ކޮންމެ ލަވައެއްގައި ވެސް ފީޗަރިން އާޓިސްޓެއް ގޮތުގައި ތަފާތު ފަންނާނެއް ބައިވެރިވެ އެވެ.

ތުއްތުގެ އަލްބަމް 'މިއީ މާލޭ'ގެ މައިގަނޑު ލަވައިގެ ބައެއް ކަޑިތައް؛

"ފަންނުންގެ ދަރިންގެ ހުސް ޖީބު

"ޒުވާނުންނަށް މަސައްކަތް ނޭނގޭ...

"ޖީލުތައް ދެން މަސްތުގާ...

"އެމީހަކާ އެމީހެއް...

"ބަލާނެ މީހެއް ނެތް

"ދާނެ ތަނެއް ނެތް

"އަބަދުމެ ހިތަށްއަރައޭ

މަގޭ އުއްމީދުތައް ފަނާވެގެންދާހެން

ދިރިއުޅުމުގެ މަގްސަދު ފުނޑިގެންދާހެން

ބޮއްސުންލައިގެންދާހެން

"މީ މާލޭ.. މިއީ މާލޭ

މި ޅެން ބަހުރުވައިން މާލެ ވަރަށް ރަނގަޅަށް ވަޒަންކޮށްލެވޭ ނޫން ހެއްޔެވެ؟

ފަންނާނުން ތަރައްގީކޮށް އެމީހުންގެ ޖީބުތަކަށް އާމްދަނީ ހޯދަން އެއްކާފުން އިންތިޒާމްކުރާ ނޮއިސްގައި ތުއްތުގެ މީ މާލޭ އަލްބަމްގެ ލަވަތައް އަންނަ ހޮނިހިރު ދުވަހު އޮލިމްޕަހުގެ ސްޓޭޖްގައި އިއްވާލާނެ އެވެ. 

'ދައުރު'އާ ވާހަކަ ދައްކަމުން ތުއްތު ބުނީ ނޮއިސްގައި އޭނާ ހުށަހަޅާނީ 'މިއީ މާލޭ'ގެ ލަވަތަކެވެ. ތަފާތު ފަންނާނުންނާ އެކު ކިޔާފައިވާ މި ލަވަތައް ހުށަހެޅުމަށް އެ ހުރިހާ ފަންނާނުން ވެސް ބައިވެރިވާނެ އެވެ.

މިގޮތުން އަލްބަމްގައި ހިމެނޭ 'އައިމިނަ' ލަވަ ކިޔުމަށް ޓްރެފިކްޖޭމުގެ ލަވަކިޔުންތެރިޔާ ކަޔާނޯ އޭނާއާ އެކު ފެންނާނެ އެވެ.

ކަޔާނޯ (ވ) އާއި ވިއްޓެ (ކ)އާ އެކު ތުއްތު ފޮޓޯއަކަށް ހުއްޓިލައިގެން (ފޮޓޯ މަސްރަހު)

ކަޔާނޯއާ އެކު ކިޔާފައިވާ މި ލަވައަކީ ތުއްތު ބުނާ ގޮތުގައި މުޅި އަލްބަމުން ވެސް އޭނާއަށް އެންމެ ކަމުދާ އެއް ލަވަ އެވެ. އެއަށް ފަހު، ޒާރާއާ އެކު ކިޔާފައިވާ 'ހިއްސެއް ނެތް' ލަވަ ވެސް އޭނާއަށް ކަމުދެ އެވެ.

އައްކުއާ އެއްކޮށް ކިޔަފާއިވާ 'މިސްރާބު' މިއީ ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ތުއްތު ބުންޏެވެ. 

ސްޓޭޖް މަތިން އޭނާއާ އެކު ޒާރާ ވެސް ފެންނާނެ އެވެ. މީގެ އިތުރުން، އައްކު، ސޮއްޕެ  ޒަކިއްޓެ ވެސް ބައިވެރިވާނެ އެވެ. 

ޝޯއާ މެދު ވަރަށް ތުއްތު ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. 

ތުއްތުގެ ފޭނުންނަށް ދޭ އުފާވެރި ހަބަރަކީ ދެވަނަ އަލްބަމެއްގެ މަސަައްކަތުގެ ވާހަކަ އެވެ.

"މި އަހަރު ނުވަތަ މި އަންނަ އަހަރު އަލްބަމް ނިންމާލެވޭނެ. އޭގައި ހިމެނޭނެ 20 ލަވަ،" ތުއްތު ބުންޏެވެ.

ތަފާތު 'ތޮފިތައް' އަޅައިގެން މަސައްކަތްކުރާ ތުއްތު ބުނާ ގޮތުގައި އޭނާ އެ ހުރިހާ ކަމެއް ކުރަނީ އިހުތިޔާރުކުރަން ވާ ދާއިރާ ނޭނގިގެނެއް ނޫނެވެ. ވިޔަފާރިތޯ، ރާޅުތޯ، ރެޕް ކުރުންތޯ، މިއިން ކޮންމެ ކަމަކަށް ވެސް އޭނާއަށް ހުސްވެވިދާނެ އެވެ.

އެކަމަކު އޭނާގެ ފަލްސަފާއަކީ ކުރަން ބޭނުން ހުރިހާ ކަމެއް، އެއިން އެއްވެސް ކަމެއް ދޫނުކޮށް ކުރިއަށް ދިއުމެވެ. އެހެންވެ ނޮއިސްގެ ޝޯއިން ވެސް އޭނާ ފެންނާނެ އެވެ. އެއީ ކުރަން ބޭނުން ކަމަކަށް ވާތީ އެވެ. ދިވެހި ރެޕު ކުރިއަރުވަން އޭނާ މަސައްކަތްކުރާތީ އެވެ.

މަޑުމަޑުން ބްރޭންޑަކަށް ބަދަލުވަމުން އަންނަ 'ތުއްތު ޕާކު'ގެ ކުރިމަގު އޮތީ އުޖާލާކޮށެވެ. ދެން އޭނާގެ 'އިރާ މީހުން' ލަވައިގައި އަހާ ގޮތަށް 'ތުއްތު ކާކު؟' މި ސުވާލު ކުރާކަށް ނުޖެހޭނެ އެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މިހުރީ ތުއްތު ޕާކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް