އޮސްކާ އެވޯޑްސް ހަފްލާގައި 'ނާޓޫ ނާޓޫ' ހުށަހަޅައިދެނީ

އޮސްކާ އެވޯޑްސް

'ނާޓޫ ނާޓޫ' އޮސްކާ ސްޓޭޖު ފަތަހަކޮށް އެވޯޑު ހޯދައިފި

އެންމެ މޮޅު ކުރު ޑޮކިއުމެންޓްރީގެ އޮސްކާ ވެސް ގެންދިޔައީ އިންޑިއާ އިން
13 މާރިޗު 2023

އިންޑިއާގެ ޓެލުގޫ ފިލްމު 'އާރްއާރްއާރް'ގެ ގަދަފަދަ 'ނާޓޫ ނާޓޫ' ގިނަ ބަޔަކު ހީކުރި ގޮތަށް އޮސްކާ އެވޯޑު ހޯދައިފި އެވެ.

އެމްއެމް ކީރަވާނި ކޮމްޕޯޒްކޮށް ޗަންދުރަބޯސީ ޅެން ހަދާފައިވާ 'ނާޓޫ ނާޓޫ' އަކީ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާއަށް ނޮމިނޭޓްވި އިންޑިއާގެ ފުރަތަމަ ލަވަ އެވެ.

އެމްއެމް ކީރަވާނި އާއި ޗަންދުރަބޯސީ އޮސްކާ އެވޯޑްސް ހަފްލާގައި 'ނާޓޫ ނާޓޫ'ގެ އެވޯޑާ ހަވާލުވަނީ

އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު އިއުލާންކުރުމުގެ ކުރިން 'ނާޓޫ ނާޓޫ'ގެ ދެ ލަވަކިޔުންތެރިން ވަނީ އޮސްކާ ސްޓޭޖުގައި އެ ލަވަ ހުށަހަޅައިދީފަ އެވެ. ރާހުލް ސިޕްލިގުންޖް އާއި ކާލާ ބައިރަވަ ލަވަކިޔަމުންދިޔަ އިރު ވިއްސަކަށް ނެށުންތެރިން، ފިލްމުގައި ދައްކާލާ ގޮތަށް، ނަށަމުންދިޔަ އެވެ. ފިލްމުގެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ތިބީ އޯޑިއެންސްގައި ތަރުހީބުދޭށެވެ.

ލަވަ ނިންމާލުމާ އެކު، އޯޑިއެންސްގައި ތިބި މީހުން ހޫނު ތަރުހީބަކަށް ކޮޅަށް ތެދުވި އެވެ.

އެސްއެސް ރާޖަމޯލީގެ ބްލޮކްބަސްޓާ ފިލްމުގެ 'ނާޓޫ ނާޓޫ' އޮސްކާ ސްޓޭޖަށް ތައާރަފްކޮށްދިނީ ބޮލީވުޑް ތަރި ދީޕިކާ ޕަދުކޯން އެވެ.

'ނާޓޫ ނާޓޫ' ހޯދި އޮސްކާގެ އިތުރުން މި އަހަރު އެންމެ މޮޅު ކުރު ޑޮކިއުމެންޓްރީގެ އެވޯޑް ގެންދިޔައީ ވެސް އިންޑިއާގެ އުފެއްދުމެކެވެ. އެއީ ކަރްތިކީ ގޮންސަލްވޭސް ޑައިރެކްޓްކޮށް ގުނީތު މޮންގާ ޕްރޮޑިއުސްކޮށްފައިވާ 'ދި އެލިފެންޓް ވިސްޕަރާސް' އެވެ.

'ދި އެލިފެންޓް ވިސްޕަރާސް'ގެ ޑައިރެކްޓަރު ކަރްތިކީ ގޮންސަލްވޭސް (ވ) އާއި ޕްރޮޑިއުސަރު ގުނީތު މޮންގާ އޮސްކާ އެވޯޑާ އެކު ސްޓޭޖުގައި

އެންމެ މޮޅު ފީޗާ ޑޮކިއުމެންޓްރީގެ އެވޯޑަށް ނޮމިނޭޓްވި ޝައުނާކް ސެންގެ 'އޯލް ދެޓް ބްރީދްސް' އާ އެކު، އިންޑިއާ އިން މިފަހަރު ޖުމްލަ ތިން އޮސްކާ އެވޯޑަށް ވާދަކުރި އެވެ. 

އިންޓަނެޓުގައި ފޯރިހިއްޕާލައި ބައިނަލްއަގުވާމީ ސަމާލުކަން ދަމައިގަތް 'ނާޓޫ ނާޓޫ' އަށް މި ލިބުނީ އިންޑިއާ ބަޔަކު އުފެއްދި ލަވަޔަކަށް ލިބުނު ދެވަނަ އޮސްކާ އެވެ. ފުރަތަމަ އެވޯޑު 2019 ގައި ގެންދިޔައީ އެ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ ވެސް ހޯދި 'ސްލަމްޑޯގް މިލިއަނާ'ގެ 'ޖައި ހޯ' އެވެ. އެއީ އެ ފިލްމުން އެންމެ މޮޅު ސްކޯގެ އެވޯޑާ އެކު ދެ އޮސްކާ ގެންދިޔަ އޭ.އާރް. ރަހްމާން ހެދި ރާގެކެވެ. ނަމަވެސް 'އާރްއާރްއާރް'އާ ހިލާފަށް 'ސްލަމްޑޯގް މިލިއަނާ' އަކީ އިންޑިއާގެ އުފެއްދުމެއް ނޫނެވެ. ފިލްމުގައި އިންޑިއާ ދެއްކި ނަމަވެސް، އެއީ އިނގިރޭސިވިލާތުގެ ފިލްމެކެވެ.

'ނާޓޫ ނާޓޫ' ވަނީ ގޯލްޑެން ގްލޯބް އެވޯޑު ވެސް ހޯދައިފަ އެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔައީ 'އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް' އެވެ. އެ ފިލްމުގެ ތަރި މިޝެލް ޔޯ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ ހޯދި އިރު އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ 'ދަ ވޭލް' ގައި ދައްކައިދިން ރޯލުން ބްރެންޑަން ފްރޭޒާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް