އޮސްކާ އެވޯޑްސް ހަފްލާގައި 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް'ގެ ބައިވެރިންނާ އެކު އެ ފިލްމުގެ ތަރި މިޝެލް ޔޯ އުފާފާޅުކުރަނީ.

އޮސްކާ އެވޯޑްސް

އޮސްކާ އެވޯޑްސް: އެންމެ މޮޅު ފިލްމުގެ އެވޯޑާ އެކު 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ވިދާލައިފި

މިޝެލް ޔޯ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ގެންދިޔަ އިރު އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދީ 'ދަ ވޭލް' އިން ބްރެންޑަން ފްރޭޒާ
13 މާރިޗު 2023

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' މި އަހަރުގެ އެކެޑެމީ އެވޯޑްސްގެ 11 އެވޯޑަކަށް ވާދަކޮށް، އެންމެ މޮޅު ފިލްމުގެ އެވޯޑާ އެކު، ހަތް އޮސްކާ މިއަދު ހޯދައިފި އެވެ.

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް'ގެ ކާސްޓާއި ކްރޫ އެންމެ މޮޅު ފިލްމުގެ އެވޯޑާ ހަވާލުވާން ސްޓޭޖުގައި

ޗައިނާގެ ހިޖުރަވެރިއަކު އާދަޔާހިލާފު މިޝަންއެއްގައި އުޅޭ ގޮތް ދައްކައިދޭ މި ސައި-ފައި އެކްޝަން ފިލްމުން، ތަޖުރިބާކާރު ތަރި، މެލޭޝިއާގެ މިޝެލް ޔޯ ވަނީ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އަށް ފުރަތަމަ ފަހަރަށް ނޮމިނޭޓްވެ، އެވޯޑު ގެންގޮސްފަ އެވެ. އޭނާއަކީ އެ އެވޯޑު ހޯދި އޭޝިއާއަށް ނިސްބަތްވާ ފުރަތަމަ އެކްޓްރެސް އެވެ.

މިޝެލް ޔޯ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާއާ އެކު

އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑު ހޯދީ 'ދަ ވޭލް'ގެ ތަރި ބްރެންޑަން ފްރޭޒާ އެވެ.

ބްރެންޑަން ފްރޭޒާ އޮސްކާ އެވޯޑްސް ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑާ އެކު

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ވަނީ އެންމެ ޝަރަފްވެރި އޮސްކާ އާއި އެންމެ މޮޅު އެކްޓްރެސްގެ އޮސްކާގެ އިތުރުން، ސަޕޯޓިން އެކްޓަރު، ސަޕޯޓިން އެކްޓްރެސް، އޮރިޖިނަލް ސްކްރީންޕްލޭ، އެޑިޓިން އަދި ޑައިރެކްޝަންގެ އެވޯޑު ގެންގޮސްފަ އެވެ.

ކްރިޓިކުންގެ ބޮޑު ތައުރީފެއް ލިބިފައިވާ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' އަށް އޮސްކާ ރޭހުގައި ލިބުނީ، ނޮމިނޭޝަންތައް އިއުލާންކުރުމުގެ ކުރިން ހީކުރި ވަރަށް ވުރެ ވަރުގަދަ ތަރުހީބެކެވެ. ފިލްމުގެ ބާވަތުން، ގިނަ ބަޔަކު ގަބޫލުކުރީ އެކެޑެމީގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޮމިނޭޓްވުން ދުރު ކަމަށެވެ. 

މިޝެލް ޔޯ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ގައި

ގޯލްޑެން ގްލޯބާއި ސެގް އެވޯޑު ވެސް ހޯދާފައިވާ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ޝަރަފްވެރި އެވޯޑްތަކާ ހިސާބަށް އައީ ވެސް ތަފާތު ގޮތަކަށެވެ. އެ ފިލްމުގެ ދުނިޔޭގެ ޕްރިމިއާ އޮތީ ޓެކްސަސްގައި ބާއްވާ ސައުތު ބައި ސައުތުވެސްޓް ފެސްޓިވަލްގަ އެވެ. އެއީ އާއްމުކޮށް އެވޯޑްތަކަށް އެންމެ ބޮޑަށް ވާދަކުރާ ފިލްމުތައް ފުރަތަމަ ލޯންޗުކުރަން ބޭނުންކުރާ ފެސްޓިވަލެއް ނޫނެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހުގެ ޕްރިމިއާއާ އެކު، 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' އަކީ އަހަރުގެ ކުރީކޮޅު އިފްތިތާހުކޮށްގެން އޮސްކާ ރޭހުގެ ކުރި ހޯދި މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް'ގެ ޓްރެއިލާ

އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ 95 ވަނަ އެކެޑެމީ އެވޯޑްސް ހަފްލާ ލޮސް އެންޖެލިސްގައި ރާއްޖެ ގަޑިން މިއަދު ހެނދުނު ނިމިގެންދިޔަ އިރު، މިދިޔަ އަހަރާ ހިލާފަށް، އާދަޔާހިލާފު ކަމެއް ނުހިނގަ އެވެ.

ވިލް ސްމިތު ސްޓޭޖަށް އަރައި ކްރިސް ރޮކްގެ ކަންކަށިމަތީގައި ތަފާއްޔެއް ޖެހި ހާދިސާއާ ގުޅިގެން މި އަހަރަށް އެކެޑެމީން ވަނީ "ކްރައިސިސް ޓީމެއް" ތައްޔާރުކޮށްފަ އެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުނުވެ ހަފްލާ އާދައިގެ ގޮތަކަށް ނިމިގެންދިޔައި އިރު، ބޮޑެތި ގިނަ އެވޯޑްތަކަށް ވާދަކޮށްފައިވަނީ ވަރަށް ގާތްގާތުން ކަމަށްވާތީ، އެވޯޑްތައް ލިބިގެންދިޔަ ގޮތާ މެދު ވެސް މާ ބޮޑު ހައިރާންކަމެއް ނެތެވެ. 

ޖިމީ ކިމެލް ހޯސްޓްކުރި ހަފްލާގެ ޕްރެޒެންޓަރުންގެ ގޮތުގައި ފުންނާބުއުސް ގިނަ ތަރިންތަކެއް ފެނުނެވެ. 

ޖިމީ ކިމެލް އޮސްކާ އެވޯޑްސް ހަފްލާ ހޯސްޓްކުރަނީ

މި އަހަރުގެ ޕާފޯމެންސްތަކުގެ ތެރޭގައި، ރިއާނާ އާއި ލޭޑީ ގާގާގެ ލަވަކިޔުމާއި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ ގެންދިޔަ 'ނާޓޫ ނާޓޫ' ހިމެނުނެވެ.

އިންޑިއާގެ އުފެއްދުންތައް މި އަހަރު ތިން އޮސްކާއަށް ވާދަކޮށް، 'ނާޓޫ ނާޓޫ'ގެ އެވޯޑާ އެކު ދެ އޮސްކާ ހޯދި އެވެ. އަދި ހަފްލާގެ ޕްރެޒެންޓަރެއްގެ ގޮތުގައި 'ނާޓޫ ނާޓޫ'ގެ ޕާފޯމެންސް ތައާރަފްކޮށްދިނީ ބޮލީވުޑް ތަރި ދީޕިކާ ޕަދުކޯން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް