މިޝެލް ޔޯ މި އަހަރުގެ ގޯލްޑެން ގްލޯބްސް ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑާ އެކު

އޮސްކާ އެވޯޑްސް

މިޝެލް ޔޯގެ އޮސްކާ އުއްމީދު އޭޝިއާ މީހުންނަށްޓަކައި

'އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް' އިން ގޯލްޑެން ގްލޯބާއި ސެގް އެވޯޑު ހޯދުމަށް ފަހު، މެލޭޝިއާ އަށް ނިސްބަތްވާ އެކްޓްރެސް ހުރީ އޮސްކާ އަށް ދޮންވެ ފައްކާވެފައި
11 މާރިޗު 2023

މިޝެލް ޔޯގެ ހޮލީވުޑް ދަތުރު ފަސޭހައެއް ނޫނެވެ. އަދި 'އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް' ގައި އޭނާ ދައްކައިދިން ރޯލަކީ އެ ދަތިއުނދަގުލުގެ ރަމްޒެއް ކަމަށް މިޝެލް ދެކެ އެވެ.

އެ ފިލްމު، ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އައިސް، މިހާރު އޮތީ އޮސްކާ އެވޯޑްސް ހަފްލާގައި ވިދާލަން ތައްޔާރުވެފަ އެވެ. އަދި މިޝެލް ހުރީ ގޯލްޑެން ގްލޯބާއި ސެގް އެވޯޑު ހޯދުމަށް ފަހު އޮސްކާ އަށް ދޮންވެ ފައްކާވެފަ އެވެ.

މިއީ، އޭޝިއާއަށް ނިސްބަތްވާކަން އަމިއްލައަށް ބަލައިގަންނަ އަންހެނަކު އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑަށް އޭޝިއާ އަންހެނަކު ނޮމިނޭޓްވީ 1936ގަ އެވެ. އެއީ މުމްބާއީއަށް އުފަން މިކްސްޑް ރޭސް ތަރި މާލީ އޮބެރޯން އެވެ. ނަމަވެސް އޭނާ އުޅުނީ އޭނާގެ އޭޝިއާ ދަރިކޮޅު ވަންހަނާކޮށްގެނެވެ.

މެލޭޝިއާ އަށް ނިސްބަތްވާ މިޝެލް ޔޯ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި "އަހަރެމެންނަށްޓަކައި މިކަން ކޮށްދޭންވާނެއޭ" އޭޝިއާ އަށް ނިސްބަތްވާ އެންމެން އޭނާ ގާތު ބުނާ ކަހަލަ އެވެ. މާދަމާ ރޭ ބާއްވާ އޮސްކާ އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދައި ތާރީހުގެ ތެރެއަށް ވަދެގެންދާން އޭނާ ކުރާ އުއްމީދަކީ އޭޝިއާ އެންމެންގެ އުއްމީދެއް ކަމަށް މިޝެލް ދެކެ އެވެ.

'އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް' ގައި މިޝެލްއަކީ ޗައިނާ އިން އެމެރިކާއަށް ހިޖުރަކޮށް ލޯންޑްރީއެއް ހިންގާ އަންހެނެކެވެ. ނޭނގި ހުއްޓާ ކުއްލިއަކަށް ތަފާތު ދުނިޔެތަކެއްގެ ތެރެއަށް ގެންދާ ސުޕަހީރޯއެކެވެ.

މިޝެލް ޔޯ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ގައި

މިޝެލް ބުނިގޮތުގައި އޭނާގެ ކެރެކްޓާ އެވެލިން ވަންގްގެ ހަޔާތަކީ އޭނާ ހަގީގަތުގައި ވެސް ދެކެފައިވާ ދުނިޔެއެކެވެ.

"ތަފާތެއް މި އަންނަނީ ވާހަކައެއް ހުށަހަޅައިދޭ ގޮތަކުން. ހޮލީވުޑްގައި މުޅި ދުނިޔެ ތަމްސީލްވާން އޯޑިއެންސް ބޭނުންވޭ،" މިޝެލް ބުންޏެވެ.

ހޮލީވުޑްގައި ކާމިޔާބު ހޯދުމުގެ ކުރިން މިޝެލްއަކީ އޭޝިއާގައި ފުންނާބުއުސް ތަރިއެކެވެ.

މެލޭޝިއާގެ ޕެރާކްގެ އިޕޯއަށް އުފަން ޗައިނީޒް ދަރިކޮޅުގެ މިޝެލް ފުރާވަރުގައި އުޅުނީ ނެށުންތެރިޔަކަށް ވާށެވެ. ލަންޑަންގެ ޑާންސް އެކެޑެމީއެއްގައި އުޅެނިކޮށް ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އެކަން ކުރެވޭ ގޮތް ނުވީ އެވެ. އެކަމަކު އޭނާގެ އެ ތަމްރީން ބޭކާރުވެގެނެއް ނުދިޔަ އެވެ. އެ ހުނަރުތައް ވީ އޭނާގެ ފިލްމުތަކުގައި އަމިއްލައަށް ސްޓަންޓް ހެދުމަށް ބޭނުންތެރި އެއްޗަކަށެވެ. ފަހުން މިޝެލް މަޝްހޫރުވީ އެ ސްޓަންޓްތަކަށްޓަކަ އެވެ.

މިޝެލް ޔޯ މި އަހަރުގެ ސެގް އެވޯޑްސް ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑާ އެކު

މެލޭޝިއާގެ ރީތީގެ މުބާރާތް ކާމިޔާބުކުރުމަށް ފަހު މިޝެލް ފިލްމު ކުޅެން ފެށީ ހޮންގް ކޮންގްގަ އެވެ. އަދި 1985ގެ 'ޔެސް މެޑަމް!' އިން މަޝްހޫރުކަން ހޯދި އެވެ. ޕޮލިސް އިންސްޕެކްޓަރެއްގެ ގޮތުގައި އޭނާ ފެނުނު އެ ފިލްމާ އެކު، އަންހެން ލީޑުން ފެންނަ އިތުރު އެތަކެއް އެކްޝަން ފިލްމު ޗައިނާ ބަހުން އުފައްދާފައިވެ އެވެ.

ހޮލީވުޑްގައި މިޝެލްގެ ފުރަތަމަ ވަރުގަދަ ރޯލަކީ ޖޭމްސް ބޮންޑް ސިލްސިލާގެ 'ޓުމޯރޯ ނެވާ ޑައިސް' ގައި ދައްކައިދިން ޗައިނާގެ ޖާސޫސެއްގެ ބަ އެވެ. އެއީ އޭރު އާއްމުކޮށް ފިލްމުތަކުން އަންހެނުންނާއި ދޮން ނޫން މީހުންނަށް ދޭ ރޯލުތަކާ މުޅިން ތަފާތު ރޯލެކެވެ.

ފިރިހެން ލީޑުގެ ބައި ފުރިހަމަކޮށްދޭ އަންހެނެއް ނުވަތަ ބަލިކަށި އަންހެނެއްގެ ބައިތައް ކުޅެން ދެކޮޅުހަދާތީ، މިޝެލްއަށް ލިބުނު ރޯލުތައް މަދުވި އެވެ. ނަމަވެސް މަޑުމަޑުން ގޮސް އެކަން ބަދަލުވި އެވެ.

މިޝެލް ހޮލީވުޑްގައި ތޮށިގަނޑު ފަޅާލީ 2018ގެ ރޮމޭންޓިކް ކޮމެޑީ 'ކްރޭޒީ ރިޗް އޭޝިއަންސް' ގައި ދައްކައިދިން މައެއްގެ ރޯލުންނެވެ. 

މިހާރު އޮތް ގޮންޖެހުމަކީ، މިޝެލް ބުނިގޮތުގައި، އަންހެން އެކްޓަރުން އުމުރުން ދުވަސްވާ ވަރަކަށް ލިބޭ ރޯލުތައް ކުޑަވެފައި މާ މުހިއްމުނުވުމެވެ.

"އުމުރުން 60ގެ އަހަރުތަކާއި 70ގެ އަހަރުތަކުގައި ސުޕަހީރޯއިންގެ ބައިތައް ކުޅެ ދުނިޔެ ސަލާމަތްކުރާ ފިރިހެން އެކްޓަރުން އެބަތިބި. އަންހެނަކަށް އެކަން ނުވާންވީ ކީއްވެ؟" އޭނާ ބުންޏެވެ.

މިޝެލް ބުނިގޮތުގައި އޭނާ ހުރީ، އާދައިގެ އަންހެނަކަށް ސުޕަހީރޯއަކަށް ވުމުގެ ފުރުސަތު ހޯދައިދިނުން ފަދަ، ޖެހިލުންކުޑަ ކަންކަން ކުރާ ޒުވާން ޑައިރެކްޓަރުންނާއި ލިޔުންތެރިންނަށް ބަރޯސާވެގެންނެވެ.

'އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް' އަކީ ވަރަށް ބޮޑު ރިސްކެއް ކަމަށް ގާތް މީހުން އޭނާ ގާތު ބުންޏެވެ. އެކަމަކު މިޝެލް ބުނީ ދިރިއުޅުމުގައި ރިސްކު ނުނަގާ ނަމަ ހުންނަން ޖެހޭނީ އަބަދު އެއް ކަމެއް ކޮށްލަކޮށްލާ ކަމަށެވެ.

އޭޝިއާ މީހުންނަށް ސަމާލުކަމެއް ނުދިނުމުގެ އާދަ ޒަމާންތަކަކަށް ފަހު ބަދަލުވާން ފަށާފައިވާތަން މިޝެލްއަށް ފެނެ އެވެ. އޭނާ ބުނީ އެކަމަށްޓަކައި ޝުކުރުވެރިވެވޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް