މިޝެލް ޔޯ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ގައި

ހޮލީވުޑް

އޮސްކާ އެވޯޑްސް: މިޝެލް ޔޯގެ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ރޭހުގެ ކުރީގައި

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ޝަރަފްވެރި އެވޯޑްތަކާ ހިސާބަށް އައީ އެހެން ގިނަ ފިލްމުތަކާ ތަފާތު ގޮތަކަށް
25 ޖެނުއަރީ 2023

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' މި އަހަރުގެ އެކެޑެމީ އެވޯޑްސްގެ 11 އެވޯޑަކަށް ނޮމިނޭޓްވެއްޖެ އެވެ.

ޗައިނާގެ ހިޖުރަވެރިއަކު އާދަޔާހިލާފު މިޝަންއެއްގައި އުޅޭ ގޮތް ދައްކައިދޭ މި ސައި-ފައި އެކްޝަން ފިލްމުން، ތަޖުރިބާކާރު ތަރި، މެލޭޝިއާގެ މިޝެލް ޔޯ ވަނީ ލީޑް އެކްޓްރެސްގެ އޮސްކާ އެވޯޑަށް ފުރަތަމަ ފަހަރަށް ނޮމިނޭޓްވެފަ އެވެ.

އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން 95 ވަނަ އެކެޑެމީ އެވޯޑްސްގެ ނޮމިނޭޝަންތައް ރޭ އިއުލާންކުރި އިރު، އެންމެ މޮޅު ފިލްމުގެ އެވޯޑާ އެކު، އެންމެ ގިނަ އެވޯޑަށް ނޮމިނޭޓްވީ 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' އެވެ.

ޖޭމީ ލީ ކާޓިސް އާއި ސްޓެފަނީ ސޫ މި ފިލްމުން ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ވާދަކުރެ އެވެ.

އޭގެ އިތުރުން 'އެވްރީތިން އެވްރީވެއާ' ވަނީ އެންމެ މޮޅު ފިލްމު، ޑައިރެކްޓަރު، އޮރިޖިނަލް ސްކްރީންޕްލޭ، އެޑިޓިން، ކޮސްޓިއުމް، ސްކޯ، އަދި ލަވައިގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.

އެހެންކަމުން، ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ޑެނިއެލް ކްވާން އާއި ޑެނިއެލް ޝެއިނާޓް، މީހަކު ތިން އޮސްކާ އެވޯޑަށް ވާދަކުރެ އެވެ.

އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް'

ނުވަ ނޮމިނޭޝަނާ އެކު، ދެވަނަ އަށް އެންމެ ގިނަ އެވޯޑަށް ނޮމިނޭޓްވީ ނެޓްފްލިކްސްގެ 'އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރަންޓް' އާއި ސާޗްލައިޓް ޕިކްޗާސްގެ 'ދަ ބަންޝީސް އޮފް އިނިޝެރިން' އެވެ.

ގޯލްޑެން ގްލޯބްސްގެ ހަ އެވޯޑަކަށް ވާދަކުރި 'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' މި މަހު ވަނީ، މިޝެލް ޔޯ ކާމިޔާބުކުރި ބެސްޓް އެކްޓްރެސް އެވޯޑާ އެކު، ދެ ގޯލްޑެން ގްލޯބް ހޯދައިފަ އެވެ.

ކްރިޓިކުންގެ ބޮޑު ތައުރީފެއް ލިބިފައިވާ ފިލްމަށް  އޮސްކާ ރޭހުގައި މި ލިބުނީ ހީކުރި ވަރަށް ވުރެ ވަރުގަދަ ތަރުހީބެކެވެ. ފިލްމުގެ ބާވަތުން، ގިނަ ބަޔަކު ގަބޫލުކުރީ އެކެޑެމީގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޮމިނޭޓްވުން ދުރު ކަމަށެވެ. 

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް' ޝަރަފްވެރި އެވޯޑްތަކާ ހިސާބަށް އައީ ވެސް ތަފާތު ގޮތަކަށެވެ. އެ ފިލްމުގެ ދުނިޔޭގެ ޕްރިމިއާ އޮތީ ޓެކްސަސްގައި ބާއްވާ ސައުތު ބައި ސައުތުވެސްޓް ފެސްޓިވަލްގަ އެވެ. އެއީ އާއްމުކޮށް އެވޯޑްތަކަށް އެންމެ ބޮޑަށް ވާދަކުރާ ފިލްމުތައް ފުރަތަމަ ލޯންޗުކުރަން ބޭނުންކުރާ ފެސްޓިވަލެއް ނޫނެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހުގެ ޕްރިމިއާއާ އެކު، 'އެވްރީތިން އެވްރީވެއާ' އަކީ އަހަރުގެ ކުރީކޮޅު އިފްތިތާހުކޮށްގެން އޮސްކާ ރޭހުގެ ކުރި ހޯދާފައިވާ މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާ އޮންނާނީ 12 މާޗުގަ އެވެ.

'އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް