ސާރާ އަލީ ހާން
2020 ފެށުނީ ބްރޭކް އަޕް އަކުން، ދެން ދިޔައީ ހައްތަހާ ގޯސްވަމުން: ސާރާ އަލީ ހާން
ވަކި މީހެއްގެ ނަން ނުބުނެ، 2020 ގައި ބައިވެރިޔަކާ ވަކިވުމާ ބެހޭގޮތުން ސާރާ އަލީ ހާން ވާހަކަދައްކައިފި އެވެ.
ސާރާގެ ދެ ފިލްމެއް 2020 ގައި ނުކުތެވެ. އެއީ ކާރްތިކް އާރްޔަންއާ އެކު ކުޅެފައިވާ 'ލަވް އާޖްކަލް 2' އާއި ވަރުން ދަވަންއާ އެކު ފެނުނު 'ކޫލީ ނަމްބަ 1' އެވެ.
ސާރާ އާއި ކާރްތިކް ރައްޓެހިވެގެން އުޅުނު ކަމަށް އަޑުއަރާފައިވެ އެވެ. އެ ދެ މީހުން ކުރެ މީހަކު އެކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ދެ މީހުންގެ ފިލްމު ނުކުތުމުގެ ކުރިން ފެބްރުއަރީ 2020 ގައި ރުޅިވެފައިވާ ކަމަށް ހަބަރުތައް ބުނެފައިވެ އެވެ.
ސާރާ އާއި ކާރްތިކް ރައްޓެހިވެގެން އުޅުނު ކަމަށް ކަރަން ޖޯހަރް ވެސް ބުނެފައިވެ އެވެ.
ސާރާ ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި ބްރޭކް އަޕްއަކުން ފެށުނު 2020 ގައި އޭނާގެ ކަންކަން ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އަދި އޭގެ ތެރެއިން ގިނަ ކަންކަން އިންޓަނެޓުގައި އޮތް ކަމަށް ވެސް ބުންޏެވެ. ސާރާ އެ އަހަރު ސިފަކުރީ އޭނާގެ ހަޔާތުގައި ވެސް އައި "އެންމެ ގޯސް" ދުވަސްވަރުގެ ގޮތުގަ އެވެ.
'ލަވް އާޖްކަލް 2' އަށް އަމާޒުވި ފާޑުކިޔުންތަކަށް އިޝާރާތްކޮށް ވެސް ސާރާ ވާހަކަދެއްކި އެވެ. އޭނާ ބުނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިލެއް ގޯސްކަމުން އެކަމާ މާ ބޮޑަށް ފިކުރުނުކުރެވޭ ކަމަށެވެ.
ސާރާ އެންމެ ފަހުން ފެނިފައިވަނީ އަކްޝޭ ކުމާރާއި ދަނުޝްއާ އެކު 2021ގެ 'އަތުރަންގީ ރޭ' އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ގޭސްލައިޓް،' 'އޭ ވަތަން މެރެ ވަތަން،' އަދި އަނޫރާގް ބާސޫގެ 'މެޓްރޯ އިން ޑައިނޯ' ހިމެނެ އެވެ. އޭގެ އިތުރުން، ވިކީ ކޯޝަލްއާ އެކު ކުޅޭ ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ.