ކޯޓްނީ ކޮކްސް (ކ) އަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް ލިބުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ލީސާ ކުޑްރޯ (ކ) އަދި ޖެނިފާ އެނިސްޓަން ބައިވެރިވަނީ
ކޯޓްނީ ކޮކްސްއަށް ތަރިއެއް؛ ޖެނިފާ އާއި ލީސާ އަދިވެސް އެންމެ ގާތުގައި
ކޯޓްނީ ކޮކްސްއަށް ހޮލީވުޑް ވޯކް އޮފް ފޭމް އިން ތަރިއެއް ދިނުމުގެ ރަސްމިއްޔާތުގައި ޖެނިފާ އެނިސްޓަން އާއި ލީސާ ކުޑްރޯ ބައިވެރިވެ، ގާތް ރަހުމަތްތެރިޔާއަށް ތައުރީފާއި ޝުކުރުގެ ޝުއޫރުތައް ބަންޑުންކޮށްލައިފި އެވެ.
'ފްރެންޑްސް'ގެ ކޯސްޓާރުންގެ ގޮތުގައި މީގެ 30 އަހަރު ކުރިން ބައްދަލުވެ، އަދިވެސް ގާތް އެކުވެރިންގެ ގޮތުގައި ދެމިތިބި ތިން ތަރިންގެ ބަދަހި ގުޅުން މި މުނާސަބަތުގައި ވެސް ފެނިގެންދިޔަ އެވެ.
އެކްޓަރު، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކޯޓްނީއަށް ހޮލީވުޑް ޗެމްބާ އޮފް ކޮމާސް އިން ދިން ޝަރަފުގެ އުފަލުގައި ބައިވެރިވި ޖެނިފާ އާއި ލީސާ ސިފަކުރި ގޮތުގައި އެ މީހުންގެ އެކުވެރިކަމުގެ މައިބަދައަކީ ކޯޓްނީ އެވެ.
'ފްރެންޑްސް' ކުޅުމަށް އެ މީހުން ފުރަތަމަ ބައްދަލުވި އިރު ވެސް، އެ ސީރީޒްގެ އެހެން ތަރިންނާ ހިލާފަށް، މަޝްހޫރުކަން ލިބިފައި ހުރި ކޯޓްނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އުޅުނީ 'ފްރެންޑްސް' އަކީ ގިނަ ތަރިންތަކެއްގެ ޝޯއެއްގެ ގޮތުގައި ދެކިގެން ކަމަށް ޖެނިފާ ބުންޏެވެ. ރޭޗަލް ގްރީންގެ މަޝްހޫރު ކެރެކްޓާ ތަމްސީލުކޮށްދީފައިވާ ޖެނިފާ ބުނީ އެކްޓަރުން އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވެ، އެހީތެރިވުމުގެ ރަނގަޅު ސިފަ އެންމެންގެ ކިބައިގައި ކޯޓްނީ އަށަގަންނުވައިދިން ކަމަށެވެ. ފީބީ ބުފޭގެ ރޯލުން ފެނުނު ލީސާ ބުނިގޮތުގައި 'ފްރެންޑްސް'ގެ ތަރިން އެހާ އެކުވެރި އަދި އެކަކު އަނެކަކަށް އަޅާލާ ނަމޫނާ ކާސްޓަކަށްވި ސަބަބަކީ ކޯޓްނީ އެވެ.
ވޯކް އޮފް ފޭމްގެ 2،750 ވަނަ ތަރި ލިބުނު ކޯޓްނީ ބުނީ އެކަކު އަނެކަކަށް ވާގިވެރިވުމުގެ މުހިއްމުކަން 'ފްރެންޑްސް'ގެ ސަބަބުން އޭނާއަށް ދަސްވި ކަމަށެވެ. އޭނާ ބުނިގޮތުގައި ސީރީޒްގެ ތީމް ލަވައިގައި ބުނާ ގޮތަށް، ހަގީގަތުގައި ވެސް އަނެކާއަށް އަޅާލުންދިނެވެ.
"ކޮންމެ މީހަކު ވެސް އަނެކާއަށް އެންމެ ރަނގަޅު ގޮތް އެދުނު. ހަސަދަވެރިކަމެއް ނެތް،" ކޯޓްނީ ބުންޏެވެ.
ކޯޓްނީ ދުނިޔެއަށް މަޝްހޫރުވީ 10 ސީޒަނަށް ދެމިގެންދިޔަ 'ފްރެންޑްސް'ގެ މޮނިކާ ގެލާގެ ގޮތުގަ އެވެ. އެމީ އެވޯޑް ހޯދި 'ފްރެންޑްސް' އަށް ފަހު އޭނާ 'ކޫގާ ޓައުން،' 'ޝައިނިން ވޭލް' އަދި ފިލްމު ފްރެންޗައިޒް 'ސްކްރީމް' އިން ވެސް ފެނުނެވެ.