ކާރްތިކް އާރްޔަން 'ޝެހެޒާދާ'ގެ މަންޒަރެއްގައި

ބޮލީވުޑް

ކާރްތިކްގެ 'ޝެހެޒާދާ'ގެ ފެށުން ރަނގަޅެއް ނުވި

ބައެއް ރިވިއުތައް ބުނާގޮތުގައި އެހެން ކެރެކްޓާތައް ބާކީކޮށްފައި މުޅި ފިލްމު އެނބުރެނީ ކާރްތިކްގެ ވަށައިގެން
18 ފެބްރުއަރީ 2023

ކާރްތިކް އާރްޔަންގެ 'ޝެހެޒާދާ'ގެ ފެށުން އެހާ ރަނގަޅު ނޫން ކަމަަށް ބޮކްސް އޮފީސް ވިޔަފާރީގެ މާހިރުން ލަފާކޮށްފި އެވެ.

ކާރްތިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ތައާރަފްވާ 'ޝެހެޒާދާ' އިއްޔެ ރިލީޒްކުރުމުގެ ކުރިން އެ ފިލްމާ މެދު ބޮޑު އުއްމީދެއް އޮތެވެ. އޭނާގެ 'ބޫލް ބުލައްޔާ 2' ފުރަތަމަ ދުވަހު 14.11 ކްރޯޑު ރުޕީސް ހޯދައި އެންމެ ފަހުން ހިޓަކަށްވި އިރު، އެ ފިލްމަށް ހުރިހާ ގައުމަކުން ލިބުނު ޖުމްލަ އާމްދަނީ 260 ކްރޯޑަށް އަރަ އެވެ.

ނަމަވެސް ކާރްތިކްގެ އާ ފިލްމަށް އެ ވަރުގެ ތަރުހީބެއް ލިބޭނެ ކަމަކަށް ބައެއް މާހިރުން ލަފައެއް ނުކުރެ އެވެ. 'ޝެހެޒާދާ'ގެ ފުރަތަމަ ދުވަހަށް އެ މީހުންގެ އަންދާޒާއަކީ 6-7 ކްރޯޑެވެ. އެކަމަކު ހަފްތާބަންދުގައި މިއަދާއި މާދަމާގެ އާމްދަނީ އެއަށް ވުރެ ރަނގަޅުވެ، ހޯމައިން ފެށިގެން ރަނގަޅު އަދަދެއްގައި ހިފަހައްޓާލެވިދާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.

ރިވިއުތައް ބުނާގޮތުގައި މުޅި ފިލްމު އެނބުރެނީ ކާރްތިކްގެ ކެރެކްޓާ ވަށައިގެންނެވެ. ފިލްމުގައި އެހެން ތަރިންގެ ބައިތައް ވަރަށް ކުޑަވެ، އެ ކެރެކްޓާތައް ބާކީވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ރޯހިތު ދަވަން ޑައިރެކްޓްކޮށްފައިވާ ފިލްމަށް ދިމާވި ފައިސާގެ ދަތިކަން ފިލުވައިދިނުމަށް މުސާރަ ނުނަގަން ނިންމައި ކޯ-ޕްރޮޑިއުސަރަކަށްވި ކާރްތިކް ބުނެފައިވާގޮތުގައި މިއީ މެދު ބަޖެޓެއްގެ ފިލްމެކެވެ.

ކްރީތީ ސަނޯން އާއި ޕަރޭޝް ރާވަލް އާއި މަނީޝާ ކޮއިރަލާ އަދި ރޮނިތު ރޯއީ ވެސް ފެންނަ 'ޝެހެޒާދާ' އަކީ އައްލޫ އަރުޖުން ލީޑް ރޯލް ކުޅެފައިވާ ތެލުގޫ ފިލްމު 'އަލަ ވައިކުންތަޕުއްރަމްލޫ'ގެ ހިންދީ ރީމޭކެކެވެ.

ފުރަތަމަ ނިންމީ 'ޝެހެޒާދާ' 10 ފެބްރުއަރީގައި އަޅުވާށެވެ. ނަމަވެސް، މިދިޔަ މަހު ނެރުނީއްސުރެ ބޮކްސް އޮފީސް ފަތަހަކޮށްގެން އުޅޭ 'ޕާޓާން' އަށް "އިހުތިރާމްކުރުމުގެ ގޮތުން" 'ޝެހެޒާދާ' ރިލީޒްކުރުން އިއްޔެ އަށް ފަސްކުރީ އެވެ.

މާލޭގެ އޮލިމްޕަސް ސިނަމާގައި ވެސް 'ޝެހެޒާދާ' އިއްޔެ ވަނީ ދައްކަން ފަށައިފަ އެވެ. އޮލިމްޕަހުގައި އަހަރުތަކަކަށް ފަހު ބޭރުގެ ފިލްމުތައް އަޅުވަން ފެށީ އެ ފިލްމުންނެވެ.

'ޝެހެޒާދާ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް