ކުރުވާހަކަ: ވިންދު
ކުރުވާހަކަ: ވިންދު
އެޕިސޯޑް 2
"އެހެންވެ ކޯއްޗެއް؟" އަހަރެންގެ ވާހަކަ މެދު ކަނޑުވާލުމަށް ފަހު ޒިޔާން ތެދުވި އެވެ.
"ބުނެބަލަ. އެހެންވެ ކޯއްޗެއް؟ އަހަންނަކަށް ހިއެއް ނުވޭ މި ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ހެނެއް. ޝަނާޔާ އަމިއްލައަށް ވިސްނާލަބަލަ މިވީ އަށް އަހަރު ތެރޭ އަހަންނަށާއި ޝަނާޔާއަށް އައި ބަދަލު. އަހަރެން ކުރިއަރައިގެން މިދަނީ ބުރަ މަސައްކަތް ކޮށްގެން. މަސައްކަތާ އެއްވަރަށް ފިޓްކޮށް ހުންނަން ވެސް އަހަރެން ހަށިގަނޑަށް ބަލަން. ކަސްރަތު ކުރަން. އެކަމަކު ޝަނާޔާއަށް އެހެންތަ ތިވަނީ؟" އެހުރިހާ ވާހަކައެއް ދެއްކިއިރު އަހަންނަށް ފުރަގަސްދީގެން ހުރެފައި ފަހު ސުވާލުކުރީ އަހަންނާ ދިމާލަށް ކުރިމަތިލާފަ އެވެ. އަހަރެން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.
"ތި ގޮތަށް ރޮއިގެން ވާނެ ފައިދާއެއް ނޯންނާނެ. ޝަނާޔާ އަމިއްލަ ހަށިގަނޑަށް ވެސް ވިސްނާލަބަލަ. މީހާ، ކިހާ ފަލަ ވެގެން ތި ދަނީ؟ ތި ގޮތަށް ބަލާނުލައި އުޅުނީމައި ސިއްހީ ގޮތުން ވެސް ގެއްލުންތަކާ ކުރިމަތިލާން ވެސް ޖެހިދާނެ. ދުވާލު ހަތަރުދަމުން ކުރެވެނީ ކޮން ކަމެއް؟ ކާ އެތިކޮޅެއް ރޯ ފިލުވާލީމަ އެ ނިމުނީ؟ އާމްދަނީ ހޯދަން މަސައްކަތެއް ވެސް ކުރަން ވާނެ. ރައްޓެހިންނާއި، އޮފީސް މީހުން ވެސް އަހަންނާ ސުވާލުކުރޭ ތީ ހަމަ އަހަރެންގެ ވައިފްހޭ. ބައެއް ފަހަރު ހިތަށްއަރާ ތީ އަހަރެން ކުރިން ލޯބިވި ޝަނާޔާ ބާއޭ ވެސް."
ޒިޔާން އެ ހުރިހާ އެއްޗެއް ކީއިރު ވެސް ރުއިން ފިޔަވާ އިތުރު ކަމެއް އަހަންނަކަށް ނުވި އެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އަހަރެން ވެސް ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހިތަށްއެރި އެވެ. ނަމަވެސް އަދިވެސް ކެތްތެރިވާން ހިތް ބުނަމުން ދިޔަ އެވެ. ނަމަވެސް އުފާވި އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޒިޔާން، އަހަރެން ދެކެ ހިތްހަމަނުޖެހިފައި ހުރި ސަބަބު އެނގުނީމައެވެ. ދެރަވީ އަހަރެންގެ އަގު ވަޒަންނުކުރީމަ އެވެ.
***
އެދުވަހަށް ފަހު މިއަދާ ހަމައަށް ވެސް އަހަރެން ޒިޔާނާ އެއްވެސް ސުވާލެއް ނުކުރަމެވެ. ކިޔަމަންތެރިކަމާ އެކު އަތްނބެއްގެ ފަރާތުން އަދާކޮށްދޭން ޖެހޭ ހުރިހާ ކަމެއް އަހަންނަށް ވީ އެންމެ ފުރިހަމައަށް އަދާކޮށްދެމުން މި އައީ އެއްވެސް ޝަކުވާއެއް ނެތި އެވެ. ފިރިމީހާއަށް ކޮށްދެވޭ ކޮންމެ ކަމަކީ އަހަންނަށް ލިބޭ އުފަލެއްކަމުގައި ދެކިގެންނެވެ.
ހަފުތާއެއް ފަހެވެ. އަހަރެން ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ދުވަހެވެ. މިއަދު ވެސް ޑޮކްޓަރަށް ދައްކަން އަހަރެން މިދަނީ އެކަންޏެވެ.
"ޝަނާޔާ! އަދިވެސް އެއް ފަހަރު ވިސްނާލަބަލަ ތި ނިންމުމާ ދޭތެރޭގައި. ފިރިމީހާއަށް އަންގާލަންވާނެ ތިވަރުގެ ކަމެއް ކުރާއިރު،" ޑޮކްޓަރަކީ އަހަރެންގެ މަންމަގެ ރަހުމަތްތެރިއެކެވެ. ވުމާ އެކު އޭނާ ވާހަކަ ދެއްކީ ވަރަށް ގާތްކޮށެވެ.
"އަހަރެންގެ ނިންމުން ބަދަލުކޮށްފިން. އަހަރެން މި ދަރިފުޅު އެބޯޓެއް ނުކުރާނަން،" ހިނިތުންވުމާ އެކު އަހަންނަށް އެހެން ބުނެވުނީ މައިވަންތަކަމުގެ ކުލުނު ހިތުތެރޭގައި އަށަގަތުމުންނެވެ. އެ ކުޑަކުޑަ ފުރާނަ އަހަރެންގެ ހަށިގަނޑު ތެރޭގައި ވިންދު ޖަހާކަމުގެ އިހުސާސް ވުމުންނެވެ.
"ވަރަށް އުފާ ވެއްޖެ ތި ނިންމުމާ މެދު. ޒިޔާން ގާތު ދެން ބުނޭ ވަރަށް ކެއާ ކުރައްޗޭ،" އޯގާތެރިކަމާ އެކު ޑޮކްޓަރު އެހެން ބުނި ނަމަވެސް ހަގީގަތަކީ ޒިޔާނަށް އަހަރެން ބަނޑުބޮޑުކަން ވެސް ނޭނގޭތީ އެވެ.
ގެއަށް ދިޔަ މަގުމަތީގައި އަހަރެން ވަރަށް ގިނަ އެއްޗެހި ހިތަށްއެރި އެވެ. ޒިޔާން ގާތު މި ވާހަކަ ބުނާނެ ގޮތެކެވެ. ޒިޔާން ގާތު ބުނުމުން އޭނާ އުފާވާނެ ހެއްޔެވެ؟ ނޫނީ އިތުރަށް އަހަރެން ދެކެ ފޫހިވާނެ ބާ އެވެ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެން ނިންމީ ޒިޔާން ގާތު ބުނާށެވެ. މިއީ ޒިޔާންގެ ވެސް ދަރިއެކެވެ.
އަހަރެން ގެއަށް ވަތްއިރު އިރު އޮއްސެނީ އެވެ. އޭރު ޒިޔާން ސޯފާގައި އިނީ މަސައްކަތެއް ކުރާށެވެ.
"މީތި ކިޔާލާފައި މީގައި ސޮއިކޮށްލާ،" މޭޒުމަތީގައި އޮތް ސިޓީ އުރައަކަށް އިޝާރާތްކޮށްފައި ޒިޔާން ބުންޏެވެ. އަހަރެން، ސިޓީ އުރަ ތެރެއިން ގަނޑުތައް ނެގީމެވެ. އަދި ދެ ފިކުރެއްގައި ހުރެފައި ހުޅުވައި ބަލައިލީމެވެ.
"ޒިޔާން!" އަހަންނަށް ބުނެވުނެވެ. "އެކަމަކު ކީއްވެ؟" ލޮލުން ފޭބި ކަރުނަތައް ހިންދާލުމަށް މަސައްކަތްކުރީމެވެ.
"ދެ މީހުންނަށް އެކުގައި އުޅެވެން ނެތުމުން. މިހެން އުޅޭތާ މިހާރު ކޮން ދުވަހެއް؟ މިއީ ދިރިއުޅުމެއްތަ؟" ޒިޔާން ސުވާލު ކުރީ ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ.
"އަހަންނަށް މިނޫން ގޮތެއް ނެތް. ޝަނާޔާއަކީ މިއަދުން ފެށިގެން އަހަރެންގެ އަތްނބެއް ނޫން،" މިހެން ބުނެފައި ޒިޔާން ނުކުމެގެން ދިޔައީ އެވެ.
އަހަންނަށް އަޑުން އަޑުނަގައި ރޮވުނެވެ. ޒިޔާން، އަހަރެން ވަރިކުރަން ނިންމީ ކީއްވެ ހެއްޔެވެ؟ އަހަރެން ދެކެ އެހާ ފޫހިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ސިފަ ހުރި ގޮތުން ހެއްޔެވެ؟ އަހަންނާ މެދު ޒިޔާން ލަދުގަންނަނީ އަހަރެން ވަޒީފާއަކަށް ނުދާތީ ހެއްޔެވެ؟
ވަރީގެ ކަންތައް ނިމުނު ދުވަހެވެ. ކޯޓުގެ ބޭރުގައި ހުރެ ޒިޔާން، އަހަންނަށް ރަނގަޅު ގޮތްވުމަށް އެދޭ ކަމަށް ބުންޏެވެ. އަދި ޒާތީ ގޮތުން އެއްވެސް ކަމެއް ހިތުގައި ނުބޭއްވުމަށް ވެސް ބުންޏެވެ. ޒިޔާން އެކިޔާ އެއްޗަކުން މިއަދު އަހަންނަށް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނީ އެވެ.
ޒިޔާން އަހަރެން ވަރިކުރުމުން އަހަރެން، ދިރިއުޅެމުން ދިޔައީ މައިންބަފައިން ގާތުގަ އެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ، އަހަރެން ވިހެ އެވެ. ވިހެއީ އަންހެން ކުއްޖެކެވެ. އަހަރެމެން ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އެލޯބިލޯބި މޫނު ފެނުމުން ހިތުގައިވާ ހުރިހާ އުދާހެއް ފިލި އެވެ. އެ މައުސޫމް ދަރިފުޅު އުރާލުމުން ބުނަން ނޭނގޭ ކަހަލަ ހަމަޖެހުމެއް ހިތަށް ލިބުނެވެ. ހުރިހާ މާޔޫސްކަމެއް ފިލައި ދިރިއުޅުމަށް ލޯބި ޖެހެން ފެށުނެވެ.
އަހަރެންގެ ދަރިފުޅަށް ކިއީ ޒީވާ އެވެ. އޭނާގެ ބައްޕަގެ ނަމާ ގުޅުވާލީ އެވެ. ދަރިފުޅަށް އަހަރެއް ވީއިރު ޒިޔާންއާ ވަރަށް ވައްތަރެވެ. ޒީވާ ފެންނަ ކޮންމެ ފަހަރަކު އަހަރެން ޒިޔާން މަތިން ހަނދާންވެ އެވެ. މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަހަރެން ކޮބާތޯ ވެސް ޒިޔާން ބަލާނުލަ އެވެ. ބޭނުން ނަމަ ގުޅާލެވޭނެ އެވެ. އަހަރެންގެ ނަންބަރެއް ބަދަލެއް ނުކުރަމެވެ. ބައެއް ފަހަރު ޒިޔާނަށް ދަރިއަކު ހުންނަކަން ބުނެދޭން ބޭނުންވެ އެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ހިތް ސުވާލުކުރެ އެވެ. ޒިޔާނަށް އެންގުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
އަހަރެންގެ ހަޔާތުގެ މިސްރާބު މަޑުމަޑުން ބަދަލުވި އެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ފެށުމާ އެކު އާ ރައްޓެހިން ލިބުނެވެ. ކަސްރަތު ކްލާސްތަކުގައި ބައިވެރިވީމެވެ. މޫދަށް ވެސް ދާން ފެށީމެވެ. ކެއިން ބުއިމުގެ އާދަތައް ވެސް ބަދަލުކުރީމެވެ. އެ ކަންކަމާ އެކު ވެސް ދަރިފުޅުގެ ޒިންމާ ބަރާބަރަށް އަދާކުރީމެވެ. އަހަރެންގެ ހަށިގަނޑަށް ހީނުކުރާ ފަދަ ބަދަލެއް އަ އެވެ. ހެލިފެލިވެ އުޅެން ފަސޭހަވި އެވެ. ސިކުނޑި ތާޒާވި އެވެ. މުޅިން އެހެން މީހަކަށް ވީ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.
މަންމަމެންގެ އެހީތެރިކަމާ އެކު ގޭގައި ބޭކަރީއެއް ހުޅުވީމެވެ. ފޮނި އެއްޗެހި ހެދުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ﷲ އިރާދަފުޅުން އަހަރެންގެ މަސައްކަތް ވަރަށް ކާމިޔާބެވެ. ހީނުކުރާހާ އަވަހަށް މަސައްކަތް ކުރިއަރަމުން ދިޔަ އެވެ. އަހަންނާ އެކު އިތުރު މީހަކުވެ ސް ބައިވެރިކުރީމެވެ. އަހަންނަށް ވަޒީފާއަށް ދިއުމުގެ ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް ޒީވާގެ ކަންކަމަށް ހުރަސް އެޅިދާނެތީ އަހަރެން އެކަމަށް އިންކާރުކުރީމެވެ.
ދުވަހެއްގެ ހަވީރު ވަގުތެވެ. ބޭކަރީގައި ވަރަށް އަވަދިނެތި އުޅެނިކޮށް ޒީވާ ގޮވާލި އަޑު އިވުނެވެ. އަހަރެން ސިޓިންރޫމާ ދިމާލަށް ދިޔައީމެވެ. ކުރިމަތިން ފެންނަން ހުރީ ޒިޔާނެވެ. ޒިޔާން ފެނުމުން އަހަރެން ހައިރާންވި ވަރަށް ވުރެ ބޮޑަށް، ޒިޔާން އަހަރެން ފެނުމުން ހައިރާންވި އެވެ. އާޝޯޚުވެފައި ބަލަހައްޓައިގެން ހުރީ އެވެ.
"ޒިޔާން، ކިހިނެއް ހާލު؟" އެންމެ ފަހުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
"އަހަރެން، މިއީ އަހަރެން... ބޭކަރީ...." ޒިޔާން ކިޔާ އެއްޗެއް އޮޅުމެއް ނުފިލި އެވެ.
"ބޭކަރީ؟ ބޭކަރީ ހުންނާނީ އަނެއް މަގަށް،" މިގެ އަކީ ކަންމަތީގައި ހުންނަ ގެއެއްކަމުން ވަރަށް ގިނަ މީހުންނަށް ބޭކަރީ ހޯދަމުން އައިސް ގެއަށް ވަދެވެ އެވެ.
"ޝަނާޔާ، ހާދަ ބޮޑު ޗޭންޖެއް؟ ތީ ހަމަ ޝަނާޔާތަ؟ މިހާރު ހާދަ...."
"ހާދަ ރީއްޗޭ.. އެހެން ބުނާށެއްނު ތިއުޅެނީ. އާނ. މީ ހަމަ އޭނާ. ޒިޔާންގެ އަތްނބެކޭ ބުނަން ލަދުން އުޅުނު ޝަނާޔާ. ޒިޔާން އެމީހަކު ފެނުމުން ފޫހިވި ޝަނާޔާ،" އަހަރެން އެހެން ބުނުމުން ޒިޔާން އިސްޖަހާލި އެވެ. އަހަރެން ހިތްވަރުކުރީ އެއްޗެއް ނުބުނެވޭތޯ އެވެ. ނަމަވެސް މިއަދު ޒިޔާނަކީ އަހަރެންގެ ފިރިއެއް ނޫނެވެ.
"ޒިޔާން އެދުވަހު އަހަންނާ ދިމާލަށް ކީ އެއްޗެހި އަދިވެސް މި ހިތުގައި ހަރުލާފައި އެބަހުރި. އަހަރެންގެ ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ކަމެއް އެދުވަހު ޒިޔާން ހަނދާނެއް ނެތް. ޒިޔާން ބޭނުންވެގެން އަހަރެމެންގެ ފުރަތަމަ ދަރިފުޅު އެބޯޓްކޮށްލީ. އެކަމުގައި އަހަރެން ހިތާމަކުރިން. އެތައް ރޭތަކެއް ނުނިދާ ރުއިން. އެކަމުގެ ސަބަބުން އަހަރެންގެ ކެއުމުގެ މިންގަނޑު ފަހަނައަޅައި ދިޔަ. އަދި ނުވިތާކަށް ޒިޔާން ވެސް އަހަންނާ ދުރަށް ދާން ފެށީ. އެއީ ވެސް އަހަރެން ވިސްނަން މަޖުބޫރުވި ކަމެއް. އެދުވަހު އަހަންނާ ދިމާލަށް ޒިޔާން ބުނި އަހަރެން މިއީ ކަމެއް ކުރާ މީހެއް ނޫނޭ. އެކަމަކު މި ހުރިހާ ކަމަކާ އެކު ވެސް އަހަރެން ފަރާތުން ޒިޔާނަށް އުނިވި ކަމެއް ބުނެބަލަ. މިއަދު އަހަރެން ނެތީން ޒިޔާނަށް ކޮށްދެވުނު ކަންތައްތަކުގެ ވާހަކަ ކިޔާކަށް. އިރާދަކުރެއްވީތީ އަހަރެންގެ ދިރިއުޅުން މިއަދު ވަރަށް ފުރިހަމަ،" އަހަރެން ގޭތެރެއަށް ވަންނަމުން ބުނީމެވެ. ނަމަވެސް ފަހަތަށް އެނބުރިފައި އަނެއްކާ ވާހަކަ ފެށުނެވެ.
"ޒިޔާން. ޒީވާއަކީ ޒިޔާންގެ ދަރިއެއް. އެކަމަކު އެދަރިފުޅު ހޯދަން މަސައްކަތް ނުކުރާތި، ނުވާނެ އެކަމެއް."
"ދަރިއެކޭ؟ އަހަރެންގެ؟ ކީއްވެ ނުބުނީ؟" ޒިޔާން ޝަކުވާކުރަން އުޅުނެވެ. ނަމަވެސް އަހަރެން ޒިޔާނަށް ހަނދާކޮށްދިނީ އެންމެ ކަމެއް ނޫނެވެ. ޒިޔާން އަނެއްކާވެސް އިސްދަށަށް ޖެހި އެވެ.
"ޝަނާޔާ، އަހަންނަށް އަދި އެއް ފުރުސަތު ދީ،" ވަރަށް ދެރަވެފައި ޒިޔާން އެހެން ބުނި އިރު އަހަރެން ހުރީ ޒީވާ ގައިގައި ބާރަށް ހިފަހައްޓައިގެންނެވެ.
"ނޫން. ނުދޭނަން. އަދި ދުވަހަކު ވެސް ޒީވާ ހޯދަން ވެސް، ބައްދަލުކުރަން ވެސް މިގެއަށް ނާންނާތި،" ޒީވާ އުރާލަމުން އަހަރެން ބުނީމެވެ.
"ޝަނާޔާ، އަހަންނަކީ ތިހާ ވިޔާނުދާ މީހެއް ނޫން. މަޔަކާއި ދަރިއަކާ ވަކިކުރުމުގެ ހައްގެއް އަހަންނަކަށް ވެސް ނޯންނާނެ،" ފެންކަޅިވެފައި ހުރެގެން ޒިޔާން ބުންޏެވެ. "އެކަމަކު ބައްޕައެއްގެ ހައިސިއްޔަތުން...." ޒިޔާންގެ އަރު ބެދުނެވެ. ނުވަތަ ބުނަން އުޅުނު އެތި ތާށިވީ އެވެ.
"އަހަރެންނަށް މައާފުކުރޭ،" ޒިޔާން ގެއިން ނުކުންނަމުން ބުންޏެވެ.
އަހަރެން ޒީވާ އުރާލައިގެން، ޒިޔާން ނުކުންނަންދެން ބަލަހައްޓައިގެން ހުރީމެވެ.
- ނިމުނީ -