ކިއާރާ އަދަވާނީ އާއި ސިދާތު މަލޯތުރާ ކައިވެނީގެ ފޮޓޯއެއްގައި

ބޮލީވުޑް

ކިއާރާ އާއި ސިދާތު ކައިވެނި ކޮށްފި

ކައިވެނި އޮތީ ރާޖަސްތާނުގެ ޖައިސަލްމަރުގައި ހުންނަ އަގުބޮޑު ހޮޓާ ސޫރިޔަގަރް ޕެލަސްގައި
8 ފެބްރުއަރީ 2023

ކިއާރާ އަދަވާނީ އާއި ސިދާތު މަލޯތުރާ ކައިވެނި ކޮށްފި އެވެ.

ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރި އެއް ކައިވެނި އޮތީ ރާޖަސްތާނުގެ ޖައިސަލްމަރުގައި ހުންނަ އަގުބޮޑު ހޮޓާ ސޫރިޔަގަރް ޕެލަސްގަ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ފަންނާނުން ބައިވެރިވި އެވެ. ސިދާތު އާއި ކިއާރާ ވަނީ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމުގައި އާއްމުކޮށްފަ އެވެ.

ކައިވެނީގެ ހަފްލާގައި ދެމަަަފިރިން ލައިގެން ތިބީ މަނީޝް މަލޯތުރާގެ ފަރުމާތަކެވެ. ކިއާރާ ފިޔާތޮށި ލެހެނގާއެއްގައި ހުރި އިރު ސިދާތު ލައިގެން ހުރީ ހުދު ކުލައިގެ ޝޭރްވާނީ އެކެވެ.

މި ކައިވެނީގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ޝާހިދު ކަޕޫރުގެ ދެމަފިރިން، ކަރަން ޖޯހަރު، މަނީޝް މަލޯތުރާ، އީޝާ އަމްބާނީ އަދި ޖޫހީ ޗާވްލާ ހިމެނެ އެވެ.

ކިއާރާ އާއި ސިދާތުގެ ލޯބީގެ ގުޅުން ފެށުނީ 2020 ވަނަ އަހަރު އެ ދެ މީހުން އެކުގައި ކުޅުނު ފިލްމު 'ޝޭރްޝާހު' އިންނެވެ. އޭގެ ކުރިން 2018 ވަނަ އަހަރު 'ލަސްޓް ސްޓޯރީސް'ގެ ސެޓުން ވެސް އެ ދެ މީހުން ދިމާވި އެވެ.

މި ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވުނު ނަމަވެސް މިދިޔަ އަހަރު ގެނެސްދިން 'ކޮފީ ވިތު ކަރަން' ގައި ސިދާތާއި ކިއާރާ ދެ މީހުންނާ ގުޅޭގޮތުން ދެއްކި ވާހަކައިގެ ކުރިން އެ ދެ މީހުން އެކަކު އަނެކަކުގެ ވާހަކަ އެހާ ހާމަކަން ބޮޑުކޮށެއް ނުދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް