ވާހަކަ: ސިއްރު ގެ ކަވާ

ވާހަކަ

ކުރުވާހަކަ: ސިއްރު

އޭނާ ވެސް މީހަކުދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އެމީހަކީ އަހަރެން ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ.
14 އޮކްޓޯބަރު 2021
3

އެޕިސޯޑް 2:

އަހަރެން އޮތީ ފޯނުން ގޭމް ކުޅޭށެވެ. ކުއްލިއަކަށް މީހަކު ހިނގާ އަޑު އިވުނެވެ. ފިޔަވަޅުގެ އަޑު އަހަރެންގެ އޮތް ކޮޓަރި ކައިރިން އިވެން ފެށި އެވެ. ގޭމު ކުޅުން ހުއްޓާލާފައި އަހަރެން އޮތީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރީ އޭނާ އެވެ. އަހަރެންގެ އަތް ފައި ގަނޑުވި ކަހަލަ އެވެ. އެ އިހުސާސް ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށް ވާސިލުވި އެވެ. ހުރިހާ ހިއްސުތައް އެއްފަހަރާ ހޭލައްވާލި އެވެ. އަހަރެން މަޑުމަޑުން ތުރުތުރު އަޅަން ފެށި އެވެ.

އޭނާ އަހަންނާ ކައިރިވަމުން ދިޔަ އެވެ. އަދި ކުއްލިއަކަށް ވަރަށް ބާރަށް ހޭން ފެށި އެވެ. އަހަރެން ހައިރާންވި އެވެ.

އޭނާ ވަރަށް މަޖާވެފައި އަހަރެން ގާތުގައި އިށީނެވެ. އޭނާ ބުނީ ނިދި ނައިސްގެން ފޫހިވާތީ އައީ ކަމަށެވެ. އަހަރެމެން ދެ މީހުން ވަރަށް ގިނައިރު ވާހަކަދައްކަން ތިބީމެވެ. ފޯނުން ގޭމުކުޅެ ސަމާސާ ވާހަކަ ދައްކައިހެދީމެވެ. ދިރިއުޅުމުގެ އެކި ވާހަކަތަކެވެ. އޭނާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެވެ. ކުރިއަށް ދާން ބޭނުންވާ މަގުތައް ކޮށާނެ ގޮތެވެ. އޭނާ ހަޔާތެއް ފަށަން ވިސްނާފައި އޮތް ގޮތް ވެސް އަހަރެން އޮޅުންފިލުވަން މަސައްކަތްކުރީމެވެ. ނަމަވެސް އޭނައަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެއް ކަމުން، އެކަހަލަ ސުވާލުތަކަށް ޖަވާބު ދިނީ ވެސް ސީރިއަސްނުވެ އެވެ.

ދިގު އިންތިޒާރަކަށް ފަހު އަހަރެންގެ އުންމީދު ފުރިހަމަވުމުގެ ފެހި ސިގުނަލް ލިބުނެވެ. އަހަރެންގެ އަތުގައި ފުރަތަމަ ފަހަރަށް އޭނާ ހިފާލި އެވެ. ހީކަރުވައިގަނެފައިވާ ހަށިގަނޑަށް ހޫނު އިހުސާސެއް ކުރުވި އެވެ. ބޭއިޚުތިޔާރުގައި ދެ ލޯ މަރާލެވުނެވެ. ކުއްލިއަކަށް މައުޟޫ ބަދަލުކޮށްލީ ވެސް ހަމަ އޭނަ އެވެ. ދިރިއުޅުމުގައި، ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން ބުނެދޭން ފެށި އެވެ. އަދި އަހަރެން، ލޯބިވާ މީހަކު ހުރި ނަމަ އެމީހަކު ގާތު ބުނަން ކިހިނެއްތޯ ހަދާނީ ވެސް އެހި އެވެ. އޭނާ ވެސް މީހަކު ދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އޭނާގެ ވާހަކަތަކުން އެ ބުނާ މީހަކީ އަހަރެންކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ފަތިސް ވަންދެން ވާހަކަދައްކަން ތިބުމަށް ފަހު އޭނާގެ ކޮޓަރިއަށް އޭނާ ދިޔަ އެވެ. އަހަންނަށް އުފަލުން ދެން ނުވެސް ނިދުނެވެ.

އޭގެ ފަހުން އަހަރެމެން ދެ މީހުން ވަރަށް ގިނައިން ގުޅަމެވެ. މެސެޖް ވެސް ކުރަން ފެށީމެވެ. ފޯނު ކޯލުތައް ދިގުވަމުން ދިޔަ އެވެ. ނުނިދާ ރޭތައް ގިނަވި އެވެ. ގުޅުމުގައި ދަމާފައި އިން ރޮނގު ދިޔައީ ދުވަހެއް ދުވަހަކަށް ކުލަގަދަ ވަމުންނެވެ. އޭނާ ގިނައިން ދައްކަނީ ދިރިއުޅުމުގައި ދިމާވާ މުހިންމު ކަންތައްތަކުގެ ވާހަކަތަކެވެ. ކަންކަން ނިންމުމުގައި އަހަރެންގެ ހިޔާލާއި ލަފާ ވެސް އަހަ އެވެ. އަހަރެންގެ ތަޖުރިބާގެ އަލީގައި އަހަންނަށް އެނގޭ ހުރިހާ އެއްޗެއް ބުނެދެމެވެ.

އޭނާ މެލޭޝިއާއަށް ދިއުމަށް ފަހު، 2 އަހަރު ފަހުން މާލެ އަ އެވެ. އަހަރެން އޭނާ ބަލައި އެއާޕޯޓަށް ދިޔައީމެވެ. އޭނާ އާއިލާގެ އެންމެން ވެސް އެދުވަހު ދިޔަ އެވެ. އެތައް ދުވަހެއް ކޮށްފައި އޭނާ ފެނުމުން އަހަންނަށް ވީ ގޮތް ބަޔާން ކޮށްދޭން ވެސް ނޭނގުނެވެ. އެ ރީތިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފެންނަ ކޮންމެ މީހަކު ވެސް އޭނާއަށް ހިތްކިޔާނެ އެވެ.

އަހަރެން އިނީ ގޭގެ ސިޓިންރޫމުގަ އެވެ. އަހަރެން ކޮންމެ ރެއަކު ވެސް ކައި ނިމިގެން އޭނާ އުޅޭ ގެއަށް ގޮސްލަމެވެ. ކޮންމެ ރެއަކު ވެސް އިންނަނީ އިންތިޒާރުގަ އެވެ. އަހަންނަށް މިސް ކޯލެއް ދިނުމުން އަހަރެން އެގެއަށް ދިޔައީމެވެ. އަދި އޭނާގެ ކޮޓަރިއަށް ވަނީމެވެ. އެތައް ރެއަކު އެކަން ތަކުރާރުވި އެވެ. އޭނަ އިންނަނީ ވާހަކަތައް ކިޔައިދޭށެވެ. އެންމެ ކުޑައިރު ވީ މަޖާ ކަންތައްތަކުން ފެށިގެން ކިޔެވުމުގެ ދައުރުގައި ހިނގާދިޔަ ކަންކަން ވެސް ކިޔައިދިނެވެ. އެއްވެސް ފޫހިކަމެއް ނެތި އަހަރެން އިންނަނީ އެވާހަކަތައް އަޑުއަހާށެވެ. ވާހަކަ ދައްކާއިރު މޫނަށް އެ އަންނަ ކުލަވަރުތަކާއި އެ ޖާދުވީ ލޮލުން ބަލާބެލުމަށް އަހަރެން ހިތް ލެނބެމުން ދިޔައީ އެ ހިތަށް އެއްވެސް ބާރެއް ނުފޯރުވި އެވެ. އޭނާގެ އުފާވެރި މޫނު ފެނުމުން އަހަރެންގެ ހިތްހަމަޖެހުން ހާސިލުވީ އެވެ. އޭނައާ އެކު ކިތަންމެ ގިނަ ވަގުތެއް ހޭދަކުރިޔަސް އަހަރެންގެ ހިތެއް ނުފުރެ އެވެ. އިންސާނާގެ ހިތަކީ ފުރޭ އެއްޗެއް ނޫންކަން މިއަދު އެނގިއްޖެ އެވެ.

އެއް މަސް ފާއިތުވެ ދިޔައީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގުނެވެ. އޭނާއާ އެކު މި ހޭދަކުރި އެއް މަސް ދުވަހަކީ އަހަރެން ހިތުން ދުވަހަކު ވެސް ފިލައިނުދާނެ ދުވަސްތަކެކެވެ. މިއަދަކީ އަނެއްކާވެސް އޭނާ މެލޭޝިއާއަށް ފުރާ ދުވަހެވެ. އަހަރެން އެކަނިކޮށްލާފައި ދަނީ އެވެ. އަހަރެން ވެސް އޭނާއާ އެކު ދާން ބޭނުމެވެ. އަހަރެން ވެސް ގޮވައިން ދާށޭ ބުނެފާނަމޭ ކިތަންމެ ފަހަރަކު ހިތަށްއަރަ އެވެ. ބުނާކަށް ނުކެރެ އެވެ. ފަސްޖެހެވެނީ އެވެ. ހިތްބިރު ގަންނަނީ އެވެ. އަހަރެންގެ ކުޑަ ވެސް ބާރެއް އޮތް ނަމަ އެންމެ ހިނދުކޮޅަކަށް ވެސް އަހަރެންގެ ދެ ލޯ ކުރިމަތިން އޭނާ ދުރުނުކުރާނަމެވެ. ނަމަވެސް އޭނައަށް ދާން މަޖުބޫރެވެ. އަދި އޭނާއާ އެކު އަހަންނަށް ނުދެވޭނެ މަޖުބޫރީ ހާލަތު މިއަދު އަހަންނަށް ހުރަސް އެޅި އެވެ.

އޭނާ މެލޭޝިއާއަށް، ދިޔަތާ ދުވަސްކޮޅެއް ނުވެ އަހަރަން ވެސް އެކޮޅަށް ދިޔައީމެވެ. އޭނާގެ ބައްޕަގެ އެދުމެއްގެ މަތިންނެވެ. ވަރަށް އުފާވި އެވެ. އޭނާއާ ދިމާވާނެތީ އެވެ. ނަމަވެސް އަހަރެން މެލޭޝިއާއަށް ދިޔުމުން އަހަންނަށް ފެނުނު މަންޒަރުން ހިތް ކުދިކުދިވެ އެތިކޮޅުތަކަކަށް ބުރައިގެން ދިޔައެވެ. އެ އެތިކޮޅުތަކުގައި އަހަރެމެން ދެމީހުން އެކުގައި ހޭދަކުރި ވަގުތުތަކުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ދެއްކި ވާހަކަތަކެވެ. ހިއްސާކުރި ކަންކަމާއި ކުރި ސަމާސާތަކެވެ.

އޭނާ ކައިވެނި ކުރަނީ އެވެ. ކައިވެނިކުރަން އުޅެނީ ކިޔަވައިގެން ހުރި، މަތީ ވަޒީފާއެއް އަދާކުރާ ހަރުދަނާ މީހަކާ އެވެ. އެމީހަކާ އަޅާކިރާއިރު އަހަންނަކީ މާ މޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ނަމަވެސް ލޯބި ކިރާ ނަމަ، އަހަރެންގެ ކޮޅު ތިލަފަތުގައި ބަރުވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މިއަދު ކުރާނެ ކަމެއް ނެތެވެ. މާނައެއް ނެތް ދިގު އިންތިޒާރުގެ ނިމުން މިހާ ހިތިވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.

އަހަރެން އޭނާއާ ސުވާލުކުރީމެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެން ބާކީކޮށްލީ ކީއްވެ ހެއްޔެވެ؟ އޭނާ ދެއްކީ އެންމެ ސަބަބެއް ނޫނެވެ. ދިނީ އެތައް ޖަވާބެކެވެ. "އަހަރެން ހިއެއް ނުކުރަން އަހަންނާ ދޭތެރޭ ދެކެމުން އައީ އެހެން ނަޒަރަކުން ކަމެއް. ތިއީ އަހަރެންގެ ބޮޑުދައިތަގެ ފިރިމީހާ، ތިން ކުދިންގެ ބައްޕައެއް، އަހަންނަށް ވުރެ ފަނަރަ އަހަރު ދޮށީ މީހެއް. އެފަދަ ނަޒަރަކުން އަހަރެން ދުވަހަކު ވެސް ނުދެކެން. އެކަމަކު އަހަރެން ދުށީ ތިއީ ވަރަށް ވަރަށް ގާތް މީހެއް ގޮތުގައި. ހުރިހާ ވާހަކައެއް ހިއްސާ ކުރެވޭހާ ގާތް މީހެއް ގޮތުގައި" މި ޖުމްލަތައް އަހަރެންގެ ކަންފަތުގައި ގުގުމަނީ އެވެ.

އަހަރެން އޭނާ ދެކެ ލޯބިވީ ގަސްދުގައެއް ނޫނެވެ. ލޯބި ވެވުނީ އެވެ. އަހަންނަކީ އޭނާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަގެ ފިރިމީހާ އެވެ. އެކަމަކު އަހަރެންގެ ވެސް އިހުސާސްތަކެއް ވެ އެވެ. އަހަރެންގެ ކައިވެންޏަށް 20 އަހަރު ވީ އިރު ނުލިބުނު އުފަލާއި ހިތްހަމަޖެހުން އޭނާގެ ފަރާތުން ލިބުނީ އޭނައާ އެކު ހޭދަކުރެވުނު މަދު ދުވަސް ކޮޅަކުންނެވެ. އެކި މީހުން އުފާކުރާނީ ވެސް އެކި ގޮތަށެވެ. އުފާ މާނަ ކުރަނީ ވެސް އެކި ގޮތުގަ އެވެ.

އަހަރެން މެލޭޝިއާއަށް އައީ އަންހެނުންނާއި ހަގު ދެ ކުދިން ވެސް ގޮވައިގެންނެވެ. ނަމަވެސް ނާދެވުނު ނަމައޭ މިހާރު ހިތަށްއަރަ އެވެ. އަހަރެން އޭނާ ކައިވެނި ކުރަންވާއިރަށް ބަހަނާއެއް ދައްކާފައި، އަނބުރާ މާލެ އައީމެވެ. ކައިވެނީގެ ކަންތައް ނިމޭހައި ދުވަސްކޮށްފައި އަނެއްކާވެސް މެލޭޝިއާއަށް ދިޔައީ އަނބިދަރިން ބަލަ އެވެ.

އެ ދެ މީހުން އެކުގައި ފެނުމުން އަހަރެން ދެރަވާވަރު އެނގޭނީ އަހަންނަށެވެ. އަހަރެންގެ ހިތް ފަޅައިގެން ދާވަރުވެ އެވެ. ނަމަވެސް އަހަރެންގެ ހިތް އަދިވެސް ގޮވަނީ އޭނާއަށެވެ. ރޮއި އާދޭސްކުރަނީ އޭނާއަށެވެ. ނޭނގި ނަމަވެސް އޭނާގެ ފަރާތުން އަހަރެން ދެރަވެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިފައި ވާ ނަމަ އަހަރެން ކިބައިން އޭނާ މަޢާފަށް ވެސް އެދުނެވެ. އަހަރެން މައާފުކުރީމެވެ. އޭނައަށް ނޭނގިވިޔަސް އަހަރެންގެ ހިތް ރޮއްވި އެވެ. ހިތުގައި ޖައްސައިފި އެވެ. ނަމަވެސް އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ އަހަރެން އޭނާ ދެކެ ވީ ހަގީގީ ލޯތްބެވެ. ތެދުވެރި ސާފު ލޯތްބެކެވެ. އަދިވެސް ވަރަށް ލޯބިވަމެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި އަހަރެން ވީ ލޯބީގައި މިއަދު އޭނާ ފައިން ޖަހައިފި އެވެ. އޭނާ، އަހަންނާ ކައިވެނި ކުރަން ބޭނުންވި ނަމަ އަހަރެން ހުރީ ދުނިޔެއާ ވެސް ހަނގުރާމަ ކުރަން ތައްޔާރުވެގެންނެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެ އެވެ. މާޒީއާ އެކުވެގެން ދިޔައީ އަހަރެން އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ އުންމީދުތައް ނެތިދިޔައީ ބަލަހައްޓައިގެން ހުއްޓަ އެވެ.

މިހާރު އެއީ ތިން ކުދިންގެ މަންމައެކެވެ. އަހަރެންގެ ހިތުގައި އޭނައަށް ދެވިފައިވި މަގާމާއި އޮތް ލޯބި، އަހަރެމެން ދެ މީހުންނާއި ހެއްދެވި ފަރާތް ފިޔަވައި އެއްވެސް މީހަކަށް ނޭނގޭނެ އެވެ. އަހަރެން ދިރިއުޅުމުގެ މި ސިއްރު، ކައްވަޅަށް ދާންދެން ވެސް މިގޮތުގައި އޮންނާނެ އެވެ.

- ނިމުނީ -

ކޮމެންޓް (3)

ސޮލްހާ

15 އޮކްޓޯބަރު 2021
ސަޅި ވާހަކައެއް
0 0

އެލް

14 އޮކްޓޯބަރު 2021
ނަސީބެއް ކައިވެނި އެހެން މީހަކާ ކުރިކަން. ލިޔުމާއި ސިފަކުރުން ވަރަށް ރީތި.
0 0

ނާތު

14 އޮކްޓޯބަރު 2021
ވަރަށް ރީތި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް