ޖާންވީ ކަޕޫރު
ޖާންވީ ޗުއްޓީ އަށް ރާއްޖޭގައި
ބޮލީވުޑްގެ އެކްޓަރު ޖާންވީ ކަޕޫރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
ޖާންވީ ދަނީ ސޮނޭވާ ޖާނީގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމުގައި އާއްމު ކުރަމުންނެވެ.
އޭނާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ރާއްޖެ އަކީ އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަަހަރުގެ ތެރޭ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެ އާދެ އެވެ.
ރާއްޖޭގެ އެއްވަނަ ޓޫރިސްޓު މާކެޓުގެ ގޮތުގައި އިންޑިއާ އޮތް އިރު މި ފާއިތުވި ދެ އަހަރު ތެރޭ ބޮލީވުޑް ތަރިން ރާއްޖެ އަންނަލެއް ގިނަވުމާއެކު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް އިޝްތިހާރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރޭ އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އިންޑިއާ އިން 216،387 ފަތުރުވެރިން އައިސްފައިވެ އެވެ.
ފިނި މޫސުމުގެ ޗުއްޓީ ފެށޭއިރު އިތުރު ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އަންނާނެ ކަމަށް ބެލެވެ އެވެ. ކޮންމެ އަހަރަކު ވެސް ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރަން އޭ ލިސްޓުގެ ގިނަ އަދަދެއްގެ ތަރިން ރާއްޖެ އަންނަނީ އެމީހުންގެ އާއިލާ އާއި ރައްޓެހިންވެ ސް ގޮވައިގެންނެވެ.
ޖާންވީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނުނީ ޑިޒްނީ ހޮޓްސްޓާގައި ރިލީޒްކުރި ފިލްމު 'މިލީ' އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ 'ބަވާލް' އަދި 'މިސްޓާ އެންޑް މިސިޒް މާހީ' ހިމެނެ އެވެ.