ލަވަކިޔުންތެރިޔާ ހުސެއިން މުއާދު

މިއުޒިކް

މުއާދުގެ އަޑުން 'ވަގުތު': މާނަ ފުން ލަވައެއް

ކުރީގެ ސަލްޓަންސް ބޭންޑްގެ ލަވަކިޔުންތެރިޔާ ހުސެއިން މުއާދު ހަމްބަލް ބަކަރިއާ އެކު ހުށަހަޅައިދޭ މި ލަވަ ހިތްގައިމު
8 ޑިސެމްބަރު 2022
1

ބައިސްކޯފުން އިންތިޒާމްކޮށްގެން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ޗަނާޗާ ޝޯގައި ގިނަ ބޭންޑްތަކުގެ ފަރާތުން ހިތްގައިމު އާ ދިވެހި ލަވަތަކެއް އަޑު އިވެގެން ދިޔަ އެވެ. އޭގެ ތެރެއިން މަޑުމައިތިރި އެއް ލަވަ ހާއްސަކޮށް އަޅައިގަތެވެ. ހަމްބަލް ބަކަރިއާ އެކު ޕާފޯމްކުރި ކުރީގެ ސަލްޓަންސް ލަވަކިޔުންތެރިޔާ ހުސެއިން މުއާދުގެ 'ވަގުތު' އެވެ. ގިނަ ބަޔަކަށް ޝޯއެއްގައި މަޑުމައިތިރި ލަވަތައް އެހާ ކަމުނުދިޔަޔަސް މި ލަވަ ކަމުދާނެ އެވެ.

މުއާދުގެ ހިތްގައިމު އަޑުން، ރީތި އަމިއްލަ ރާގަކަށް ގެނެސްދެނީ، ހަމްބަލް ބަކަރިގެ އެހެން ލަވަތަކެކޭ އެއްގޮތަށް ތަފާތު ޅެމެކެވެ. ހަމްބަލް ބަަކަރިގެ ލަވަތައް އަޑުއަހާ މީހުންނަށް ފާހަގަކުރެވޭނެ ގޮތުގައި، އެމީހުންނަކީ ބުނަން ބޭނުންވާ އެއްޗެއް ވީހާ ވެސް ތިލަކޮށް ލަވައިން ބުނާ ބަޔެކެވެ. މި ލަވަ ވެސް އެހެންނެވެ. އެކަމަކު މާނަ ފުނީ އެވެ.

ލަވަޔާ މެދު ވިސްނާލާ އިރު އެމީހަކު ބޭނުން ހިސާބަކަށް ލަވަ ގެންދާ ކަހަލަ އެވެ. ބައެއް ފަހަރަށް އިބުރަތެއް، އަނެއް ބައި ފަހަރަށް ނަސޭހަތެކެވެ. 

ކުރީގެ މަޝްހޫރު ބޭންޑް ސަލްޓަންސްގެ ލަވަކިޔުންތެރިޔާ ހުސެއިން މުއާދު

ލަވައިގެ ފެށުމުގައި ވަނީ:

"ހިތާ ހިތް ފުރާލާ ފިތުނައިގެ ތިނޯސް ހަރާލާ

ތެޅެންވީ ފެޅެންވީ ފުމެންވީ

މަރާ ދިމާލަށް މިސްރާބު ޖަހަންވީ

ކަރަށް އަރާފަ ދިޔަ ކާރެއްހެން

ކަރުނައިގެ ލޯވަޅުން އޮހެންފެށީ

ފިތުނައިގެ ތިލަފަތް މަށާ ދިމާލަށް

ކިރެން ފެށީ ފެށީ"

ލަވަ ފެށިގެން އަންނަ އިރު ދައްކަނީ ހިތް ފުރާލާއިގެން ހުއްޓަސް ތިނޯހެއް ވަންނަހާ ހިމަ ކުޑަ ލޯވަޅަކުން، އެ ހިތަކަށް ފިތުނަ ވަދެއްޖެ ނަމަ ވާ ގޮތެވެ. ފިތުނައިގެ ތިލަފަތް ކިރެން ފެށީމަ ކަރަށް އަރާފައި ދާ ކާރެއް ހެން، ތެޅެމުން މަރާ ދިމާލަށް މިސްރާބު ޖަހާ ވާހަކަ އެވެ. 

ދެން ހަނދާން ކޮށްދެނީ މުހިއްމު ވާހަކަ އެކެވެ. ކޮންމެ މީހަކު ވެސް އެނބުރި އައުމެއް ނެތި ފަސްގަނޑުގެ ދަށަށް ދާން ޖެހޭ ވާހަކަ އެވެ. މުއާދުގެ އަޑުން މި ކަޑި ކިޔާލާ އިރު ހީބިހި ނަގާނެ އެވެ. ފިތުނަވެރިކަމެއް ހިތު ތެރޭގައި ނެތް ނަމަ ފިނިކަން ލިބޭ ރާޅަކުން ހިތަށް ފިނިކަން ލިބޭނެ ވާހަކަ އެވެ.

"ފަސްގަނޑު ދަށަށް ދާންޖެހޭނެޔޭ

ފަސް އެނބުރި ބަލާނުލެވޭނެޔޭ

ފިނިފިނިވި ރާޅުން ފިނިކަން ލިބޭ

މަގޭ ހިތަށް މަގޭ ހިތަށް"

ދެން އަންނަ ބައިގައި ހަނދާންކޮށްދެނީ އަހަރެމެންނަށް ލިބިފައިވަނީ ކުޑަ ވަގުތުކޮޅެއް ކަމެވެ. ގޮވާލަނީ، އެ ވަގުތުކޮޅުގައި ދިރިއުޅުމުގެ ކެރިގަނޑަކާ ކުރިމަތިވެއްޖެ ނަމަ އެ ކެރިގަނޑުގައި ޖެހެން ވެސް ކެރޭށެވެ. ސަބަަބަކީ ވަގުތު ކުޑަތަންވެ މަރު ކުރިމަތިވާތީ އެވެ. ސަކަރާތް ޖަހަން ތިބެވޭކަށް ނެތެވެ.

މުއާދު ޗަނާޗާ ޝޯގައި 'ވަގުތު' ލަވަ ހުށަހަޅަނީ

"ކެރިހުރެ ކެރެން މަ ވީހޭ

ކެރިގަނޑުތެރޭ ހުރެ ތެމެން މަ ވީހޭ

ބަލާ ކޮންމެ ދިމާލަކުން ފެންނަނީ

މަށާ މަރު ހަމަކުރާ ތަނޭ

ވަގުތު އައިސް ހަމަކުރޭ

ހަމަކުރޭ އަރާ ހަމަކުރޭ

ވަގުތާ ސަކަރާތް ނުޖަހާ

ސަކަރާތް ނުޖަހާ"

ފަހަތުން ދެވަނަ ބައިގައި، މަރު އައުމުގެ ކުރިން ނަމާދުކުރަން ހަނދާން ކޮށްދެެ އެވެ. ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން ހަނދާންކޮށްދެ އެވެ.

"ވަގުތޭ ނުލިބޭނޭ

ނުލިބޭނޭ

ކަލޭ ސަޖިދަ ޖަހާށޭ

ސަޖިދަ ޖަހާށޭ އޮތް ވަގުތުގާ"

ނިންމާލުމުގެ ކުރިން ފުރަތަމަ ބައި އަލުން ތަކުރާރުވެ އެވެ. 

ޗަނާޗާ ޝޯގައި މުއާދު މި ލަވަ ހުށަހަޅާތަން އަދި ޝޯގައި ބައިވެރިވި އެހެން ބޭންޑްތަކުގެ ހުށެހެޅުންތައް ވެސް ބައިސްކޯފް އެޕުން މިހާރު ބަލާލެވޭނެ އެވެ. މި ލަވަ ކަމުދޭތޯ ބަލާލާށެވެ. 

ކޮމެންޓް (1)

މުޙައްމަދު

8 ޑިސެމްބަރު 2022
ނައިސް 😍 ޝުކުރިއްޔާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް