އަޔުޝްމަން ކުރާނާ
އަޔުޝްމަންގެ ބައްޕަ ވަރަށް ހަރުކަށި
ބޮޑުވަމުން އައި އިރު ބައްޕަ އަކީ ވަރަށް ހަރުކަށި މީހެއް ކަމަށް އަޔުޝްމަން ކުރާނާ ބުނެފި އެވެ.
'ރޯޑީސް'ގެ ދެވަނަ ސީޒަނުން ވިދާލި އަޔުޝްމަން ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރުގެ ފިލްމު 'ވިކީ ޑޯނާ' އިންނެވެ. އޭގެ ކުރިން އޭނާ ވަނީ ރޭޑިއޯގައި އާރުޖޭއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ޗަންދީގަރަށް އުފަން އަޔުޝްމަން ބުނީ އުތުރު އިންޑިއާގެ މައިންބަފައިންނަކީ ގިނަ ފަހަރަށް ހަރުކަށި ބަޔެއް ކަމަށާއި އޭނާގެ މައިންބަފައިންނަކީ ވެސް ހަރުކަށި ބަޔެއް ކަމަށެވެ. ހާއްސަކޮށް ބައްޕަގެ ހަރުކަށިކަން އޭނާ ފާހަގަ ކުރި އެވެ.
އޭނާ ބުނީ ބޮޑުވަމުން އައި އިރު ކޮންމެވެސް ވަރަކަށް މައިންބަފައިން އަނިޔާ ވެސް ކުރި ކަމަށެވެ. އެއީ ދަރިން ހެޔޮގޮތުގައި ބޮޑުކުރުމަށް ހަރުކަށި އާއިލާތަކުން ކުރާކަމެއް ކަމަށް ވެސް އަޔުޝްމަން ބުންޏެވެ.
އޭނާ އަކީ މަޝްހޫރު މީހަކަށް ވާނެ ކަމަށް އޭނާގެ ބައްޕަ، މީހެއްގެ ކައިރީ ބުނި ކަމަށާއި އެކަން އެނގުނީ މާ ފަހުން ކަމަށް ވެސް އަޔުޝްމަން ބުންޏެވެ.
ޗަންދީގަރުން މުމްބާއީ އަށް ގޮސް ފުރަތަމަ ރޭޑިއޯގައި މަސައްކަތް ކުރުމަށް ފަހު، ބޮލީވުޑަށް ނުކުމެ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ އަޔުޝްމަންގެ އެންމެ ފަހުގެ ފިލްމަކީ 'އެކްޝަން ހީރޯ' އެވެ. އެ ފިލްމަށް މާ އެދެވޭ ތަރުހީބެއް ބޮކްސް އޮފީހުގައި ނުލިބެ އެވެ.