ވާހަކަ: ކުލަވި މަންޒަރު

ވާހަކަ: ކުލަވި މަންޒަރު

އަޒްފާމެންގެ ހަޔާތުގައި މި ފެށުނީ އާ ބާބެއް ހެއްޔެވެ؟ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރިގެން ދިރިއުޅެމުން އައި އެ ކުޑަ އާއިލާ އަށް ނުތަނަވަސްކަން ކުރިމަތި އެވީ ކުއްލިއަކަށެވެ.
21 ނޮވެމްބަރު 2022
1

އެޕިސޯޑް 6

ވަގުތުން ރަފްހާ އެތެރެއަށް ވަނެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ސަންރާ ހުރީ އެނދު ކައިރީގައެވެ. ރަފްހާ އެތަންމިތަން ބެލިއެވެ. އެއްވެސް ފިރިހެނަކު ފެންނާކަށް ނެތެވެ.

"ކާ ކާ ދެންމެ ތި ވާހަކަ ދެއްކީ؟ ކާކު މިތާ އުޅުނީ؟" ސަންރާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ރަފްހާ އެހިއެވެ. "ކޮބާ އިޝްފާ؟"

"އޭނ؟ މީހަކު ނޫޅެއޭ މިތާކު. ކާކުތަ މި ތަނަށް ވަންނާނީ؟" އަތް ފޮޅުވާލާފައި އެނދުގައި ހަމަޖެހިލަމުން ސަންރާ ބުންޏެވެ.

"އެހެން ނުވާނެ. މަށަށް އަޑުއިވުނު މިތަނުން ފިރިހެނެއް ވާހަކަ ދައްކާ އަޑު. ރަނގަޅަށް ބުނޭ. ކޮބާ އެ މީހަކު؟" ދޮރު ފޮތިގަނޑު ބިތްދޮށާއި ފާހާނާ ތެރެ ބަލަމުން ރަފްހާ ވާހަކަ ދެއްކިއެވެ.

"ނެތޭ ނެތޭ! ތިއީ މަންމައަށް ހީވި ގޮތް ކަމަށް ވާނީ. މިތާ މީހަކު އުޅުނު ނަމަ މަންމައަށް ވެސް ފެންނާނެއެއްނު؟ މަ އެކަނި މިރޭ މިއުޅެނީ. އިޝްފާ ހުންއައިސްގެން އުޅެނީ. އޭނަ ވީ އޭނަ މަންމަ ކޮޓަރީގައި،" ބޯ ދަށުގައި އޮތް ބާލީސް ނަގާފައި ބައްދާލަމުން ސަންރާ ބުންޏެވެ. އަދި އާފުރިލިއެވެ. "ދެން މަންމަ ވެސް ދޭ ނިދަން. އަހަރެން ވަރަށް ނިދި އައިސްފި."

ރަފްހާ ލޮލަކަށް ނިންޖެއް ނައެވެ. ފަތިސް ވީ އިރު ވެސް ނުނިދުނެވެ. ދުވަހުގެ އަލިކަން ފާޅުވީ ވެސް ރަފްހާ ހޭލާ އޮއްވައެވެ. ގޭތެރޭގައި ތަންކޮޅެއް އަޑު ގަދަ ހެން ހީވެގެން ރަފްހާ ނުކުތެވެ. ވެގެން އުޅޭ ގޮތް ބަލާލުމަށެވެ.

"އަވަސް ކޮށްބަލަ ޝަމާން. މިހާރު ހޭ ވެސް ނެތް އެ ކުއްޖާ ފަކީރު. މަގޭ ދަރިއަށް ކިހިނެއްތަ މި ވަނީ؟" ރޮމުން ރޮމުން އަޒްފާ ވާހަކަ ދެއްކިއެވެ. ރަފްހާ ހުރީ ވާނުވާގައެވެ. ވީ ކިހިނެއްތޯ އެއްވެސް މީހެއް ކައިރީ އަހާ ވެސް ނުލައެވެ.

އަޒްފާގެ ދެމަފިރިން އިޝްފާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރު ބަލާފައި ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހަށިގަނޑު ވަރަށް ހޫނެވެ. ނަމަވެސް ހުން ހުރި ކަމަކަށް ނުދައްކައެވެ. ބޮލުގައި އަތް އަޅައިގެން އޮވެ އިޝްފާ ރޮނީއެވެ. ބޮލުގައި ރިއްސާތީއެވެ. ޓެސްޓްތައް ހެދިއްޖެއެވެ. ލޭގެ މިންވަރާއި ހަށިގަނޑުގެ އެހެނިހެން ބައިތައް ވެސް ބެލުނެވެ. ދުވަހުގެ އިރު އޮއްސިއްޖެއެވެ. ބަލި ނުފެނުމުގެ ސަބަބުން ދެވޭނެ ފަރުވާއެއް ވެސް ނޭނގުނެވެ. ނަމަވެސް ދެމަފިރިން އަދިވެސް ތިބީ ހޮސްޕިޓަލުގައެވެ. ދަރިފުޅު ގައިގައި އަޅަމުން ދާ ވޭން ލުއިނުވާތީއެވެ.

އެންމެ ފަހުން ޝަމާންގެ އެދުމުގެ މަތިން ތަދު ކަނޑުވާ ބޭހެއް ޑޮކްޓަރު ދިނެވެ. އިޝްފާގެ އުމުރާ ގުޅޭ ވަރުގެ ބޭހެކެވެ. ލަސްތަކެއް ނުވެ ހުރިހާ ރިހުމެއް ފިލިއެވެ. އަދި ގެއަށް ދިޔުމަށް އިޝްފާ ބުނަމުން ދިޔައެވެ. ވުމާއެކު ލަހެއް ނުވެ ހޮސްޕިޓަލުން ގެއަށް ދިޔައެވެ.

ކޮޓަރިއަށް ވަނުމާއެކު އިޝްފާ ގޮސް އެނދަށް ވެއްޓިގަތެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. މީގެ އިރުކޮޅެއް ކުރިން ރިހުންތައް ފިލި ކަމަށް ބުންޏެވެ. އެހެންކަމުން އަޒްފާ ބޭނުންވީ ކުޑަ އިރުކޮޅަކު ދަރިފުޅު ގާތު މަޑު ކޮށްލާށެވެ. ކުއްލިއަކަށް އިޝްފާ ތެދުވިއެވެ. އޭރު ކޮޓަރި ތެރޭގައި ތިބީ އަޒްފާއާ ޝަމާންއެވެ.

އިޝްފާ ހަޅޭލަވައިގަތީ ދެމަފިރިން ސިއްސައިގެން ދާ ވަރަށެވެ. ވަރަށް ހަޑި ބަހުރުވައަކުންނެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލީ ހައިރާންވެގެންނެވެ. ޝަމާން އަތްލަން އުޅުމުން އަތުގައި ވަރަށް ބާރަށް ޖެހިއެވެ. ލައިގެން އިން ހެދުން ބަނޑާ ދިމާއިން ވީދާލިއެވެ. ވަގުތުން އަޒްފާ އިޝްފާގެ އަތުގައި ހިފިއެވެ. އެ ވަގުތު އިޝްފާ ދަތްއެޅިއެވެ. ވީ ތަދުން އަޒްފާއަށް އަތް ދޫކޮށްލެވުނެވެ. އަޑު ގަދަ ވެގެން ރަފްހާ އާއި އަޝްރަފް ވެސް އެ ކޮޓަރިއަށް ވަނެވެ. މަންޒަރު ފެނުމުން ދެ މީހުން ވެސް ހައިރާންވިއެވެ. ރަފްހާ ހުރީ ދެ ލޯ ބޮޑު ވެފައެވެ.

އިޝްފާ ވާހަކަ ދެއްކި ރާގާއި އަޑާއި ބަހުރުވައިން އަޒްފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އަޒްފާ ލޯބިން ބަލައިބޮޑުކުރި ދަރިފުޅު ކަމަށް ގަބޫލު ކުރަން ވެސް އުނދަގޫވެފައެވެ. ވީ ދެރައިން އަޒްފާއަށް ހަރަކާތެއް ވެސް ކޮށްލަށް ނުކެރުނެވެ. ހީވިއެވެ. އެހާ ލޯބިން ދަރިފުޅަށް ބިނާ ކޮށްދެމުން އައި މުސްތަގްބަލް ހިނދުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ދިޔައީއެވެ. ހީވަނީ ކުދިކުދިކޮށް ވީދާލި ކަރުދާސްކޮޅުތަކެއް ހެންނެވެ. ވައި ރޯޅިއެއް ޖެހުމާއެކު އެކި ދިމަދިމާލަށް އެކި އެތިކޮޅު ބުރަބުރައިގެން ދިޔަހެންނެވެ.

ރަފްހާ ހިންދިރުވާލިއެވެ. އެއީ އާދައިގެ ކަމެއް ނޫން ކަން ރަފްހާ ދެނެގަތެވެ. އެކަމަކު އެކަހަލަ ކަމެއް ވީ ކީއްވެ ހެއްޔެވެ؟ ބިރުން ތުރުތުރުއަޅަމުން ރަފްހާ ކޮޓަރިން ނުކުތެވެ. ނިތްކުރިން ހިއްލާފައިވާ ދާތައް ފަހަރަކު ތިއްކެއް ފައިބަމުން ދެއެވެ. އަވަސް އަވަހަށް ފޯނު ނެގިއެވެ. ނަންބަރަކަށް ފިއްތާލަން އުޅެނިކޮށް ފޯނު ވެއްޓި ފުނޑުފުނޑުވިއެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ފޯނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ރަފްހާ ދުވެފައި ގެއިން ބޭރަށް ނުކުމެގެން ދިޔައެވެ. ހަމަ އެހާމެ އަވަހަށް، ކަމެއް ހަނދާންވެގެން ގެއަށް ވަނެވެ. ސައިކަލުގެ ތަޅުދަނޑި ހިފައިގެން ނުކުމެ ބާރު ސްޕީޑްގައި ހެންވޭރު ކޮޅަށް ދިޔައެވެ.

"މަ މި އިނީ ބިރުން ހުން އައިސް،" ދެ އަތް ދެ އަތަށް ކާއްތަމުން ރަފްހާ ބުންޏެވެ. "ނައުމާއަށް އެ މަންޒަރު ފެނުނު ނަމަ ވެސް..."

"މަށަށް ފެނުނު ނަމަ ނުވާނެ. މަށަށް ތި ކަހަލަ ކިތަންމެ މަންޒަރެއް ފެނިފައި ހުރީ. މަ ތި ކަހަލަ ކިތަންމެ ކަމެއް ތަޖުރިބާ ވެސް ކުރިން. އެހެންވީމަ ތިހެން އަދި ކަމެއް ފެނުނަކަސް މަ ހާހެއް ނުވޭ." ނައުމާ އިނީ ފިރިމީހާ ނިޔާމްގެ ފިހާރައެއްގައެވެ. ބަންދު ބޯޑު އެޅުވީ ކަސްޓަމަރުން ވަނަ ނުދިނުމަށްޓަކައެވެ.

"އެކަމަކު މަށަށް ސުވާލު އުފެދޭ ކަމެއް އެބަ އޮތް. ރަފްހާ ތިކަން ނުކުރަންޏާ ދެން ކާކު އެ ކަހަލަ ކަމެއް އެ މަންޖެއަށް ކުރާނީ؟" ނައުމާ ބުންޏެވެ.

"ނޭނގެ މަށަކަށް. ވެދާނެއެއްނު އެހެން ކަހަލަ ކަމަކަށް ވެސް؟ މި ބުނީ މީހަކު ސިހުރެއް އެއްޗެއް ނުހެދިޔަސް އެސްފީނާއަކަށް ވެސް،" ރަފްހާ ހާސްވެފައި ބުންޏެވެ.

"އެސްފީނާ ޖެހުނަސް ޖެހޭނީ ހަމަ ރަފްހާގެ އެސްފީނާއެއްނު؟" ހެމުން ހެމުން ރަފްހާ ބުންޏެވެ.

"މަށަށް އެނގޭ އެއްޗަކީ މަ އެކަމެއް ނުކުރަންކަން. އަދިވެސް އޭތި އޮންނާނެ ހަމަ ބޭއްވި ތަނުގައި،" ރަފްހާ ބުންޏެވެ.

"ބަލާފަތަ ތިހެން ތި ބުނަނީ؟" ނައުމާ އެހިއެވެ.

"ދެން. އޮންނާނެއެއްނު؟ އަހަރެން އެ ނުނަގަމޭ. މީހަކަށް ފެންނަ ހިސާބަކު ވެސް ނޫން އޮންނާނީ،" ރަފްހާ ބުންޏެވެ.

"އާނ. މީހަކަށް ނުފެންނާނެ. ބުނީމެއްނު ޒުކާން ކުރިން ކިޔެވި ފޮތްތައް ތެރޭގައޭ؟" ނައުމާ ބުންޏެވެ.

"އޭނ. މަށަށް ނައުމާ ގާތު ބުނެވުނު ދޯ؟" ހަނދާން ވެގެން ރަފްހާ ބުންޏެވެ.

"އާނ. ކުރީ ރޭ ޗެޓް ކުރަމުން ބުނީ،" ނައުމާ ބުންޏެވެ.

އިޝްފާއަށް އޮތީ ނިދިފައެވެ. އަޒްފާގެ ލޮލުން ކަރުނަ ނުހިކެއެވެ. ދަރިފުޅަށް އައި ބަދަލު ފެނުމުން މައި ލަގޮނޑިއަށް ކެތްކުރަން އުނދަގޫވީއެވެ. ޝަމާން ދިޔައީ ކެނޑިނޭޅި ވިސްނައިދެމުންނެވެ. ހުން ގަދަވެގެން ވީ ގޮތެއް ކަމަށް ވެސް ވެދާނެއެވެ. ފިޓް ޖެހޭ ކަހަލަ އަލާމާތަކަށް ވެސް ވެދާނެއެވެ. އެއީ ހުސް ކުށްހީ ކަމެއް އޭރަކު ނުވިސްނުނެވެ. ދެމަފިރިންގެ ހަޔާތުގައި މި ފެށުނު ބާބަކީ ދިރިއުޅުން ކިހާ ހިސާބަކަށް ގެންދާނެ ކަމެއް، ކަމެއް ނޭނގެއެވެ.

އިޝްފާ ކިޔެވުން މަތިން ފޫހިވާން ފެށިއެވެ. ގިނަ ވަގުތު އެކަނި އުޅޭހިތްވުމާއި މީހުންގެ ތެރެއަށް ނުކުމެ އުޅެން ފޫހިވިއެވެ. އޭރު ވަނީ އިމްތިހާނުގެ ނަތީޖާ އިއުލާން ކުރަން ހަފުތާއަކަށް ވެފައެވެ. އަޒްފާގެ ދެމަފިރިން އަހަރުގައި އެންމެ އިންތިޒާރު ކުރާ ދުވަހަކީ މިއެވެ. ދަރިފުޅު ރަން ވަނަ ހޯދައިގެން އަންނަ ދުވަހެވެ. ގޭތެރެ ތައްޔާރު ކުރަމުން ދިޔައީ ކުޑަ ޕާޓީއެއް ބޭއްވުމަށެވެ. ރަފްހާއަށް މަންޒަރު ފެނެއެވެ. ނުފެންނަ ކަމަށް ހެދީއެވެ. ރަފްހާ އުފަލުން ހުރީ ސަންރާގެ ނަތީޖާ މި ފަހަރު އެއްވަނައިގައި ހިމެނޭނެތީއެވެ. މި ފަހަރު މިއީ ރަފްހާގެ ފަހަރޭ ހިތަށް އެރިއެވެ.

ނައުމާއާ ދެއްކި ވާހަކަ ކުއްލިއަކަށް ހަނދާންވެގެން ރަފްހާ ކޮޓަރިއަށް ވަނެވެ. އަދި ޒުކާންގެ ފޮތްތައް ނަގާފައި އެއް ފޮތް ނެގިއެވެ. ކުޑަކުޑަ ރަބަރު ޕެކެޓެއް ފެނޭތޯ ހޯދިއެވެ. ރަފްހާގެ ދެ ލޯ ބޮޑުވިއެވެ. ހޯދަން އުޅުނު ޕެކެޓެއް ނުފެނުނެވެ. ހުރިހާ ފޮތެއް ވަކިވަކިން ބެލިއެވެ. ނުފެނުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ޖުންދު

21 ނޮވެމްބަރު 2022
ވާހަކަ ވަރަށް ރީތި. ކިޔާހިތްވޭ ޝައުގުވެރި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް