ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

މަގުބޫލު، ކާމިޔާބު ކުއްޖަކަށް ސަންރާ ހެދުމަށް ރަފްހާ އަށް ދެތިން ގޮތަކަށް މަސައްކަތް ކުރެވެން އޮތެވެ. ނަމަވެސް ނައުމާގެ އިރުޝާދަށް އަމަލުކުރާކަށް ރަފްހާ އަކަށް ނުކެރުނެވެ.
17 ނޮވެމްބަރު 2022

އެޕިސޯޑް 5

ނުފެނުނީ ބޯމަތިވަމުން އައި ހަސަދައިގެ ވިލާގަނޑެވެ.

ދެ ގަޑިއިރުގެ އިމްތިހާނަށް ފަހު ކުދިން ގެއަށް އައެވެ. އޭރު ސިޓިން ރޫމުގައި ރަފްހާ ދެކޮޅަށް ހިނގާތާ ކިތަންމެ އިރެކެވެ. ނަޒަރު ހުރީ ސީދާ ގެއަށް ވަންނަ ދޮރާ ދިމާލަށެވެ. ދެ ކުދިން ވަނުމާއެކު ސަންރާގެ އަތުގައި ހިފައިގެން ރަފްހާ ކޮޓަރިއަށް ވަނެވެ.

"ކޮބާ ކިހިނެއްވީ؟ ފުލް މާކްސް ލިބޭނެ ދޯ؟" ސަންރާއަށް ހަމަ ނޭވައެއް ނުލެވެނީސް ރަފްހާ ސުވާލު ކުރިއެވެ. "ބުނެބަލަ. ކީއްވެތަ އެއްޗެއް ނުބުނެ ތި ހުންނަނީ؟"

ސަންރާ ހުރީ ގުޑާލަން ވެސް ނުކެރިފައެވެ. މީގެ ކުރިން ކަންނެތްކަމާއި ކަން ފަސޭހަކަމުގައި ދުވަސްތައް ހޭދަ ކުރި ކުއްޖާ މިއަދު ހުރީ ނެގިމަޑުވެފައެވެ. ރޯން ބޭނުން ނަމަވެސް ނުރޮވެއެވެ. ބިރުން ހަދާލާނެ ގޮތެއް ވެސް ނޭނގިފައެވެ. ރަފްހާގެ ރުޅިވެރިކަން ފެނިފައި ސަންރާއަށް ހަރަކާތެއް ވެސް ކޮށްލަން ނުކެރުނެވެ.

"އައްދޯތް މަންމާ! ތަދުވެއޭ،" ރަފްހާ ސަންރާގެ އަތުގައި ވަރަށް ބާރަށް ހިފުމުން ބުންޏެވެ.

"ކޮން މަންމައެއް ކިޔާކަށް. ތަދޭ ވާނީ ޖަވާބު ނުދެންޏާ. ދެން ވެސް ބުނެބަލަ."

"އަހަރެން ޕޭޕަރު އެއްކޮށް ހެދީމޭ،" އެންމެ ފަހުން ސަންރާ ބުންޏެވެ. ރަފްހާ ހިންދެމިލާފައި ހަމަޖެހުމުގެ ނޭވާއެއް ހަށިފުރާ ލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހު އިމްތިހާނު ނިންމާފައި ދެ ކުދިން ގެއަށް އައެވެ. ރަފްހާ އެހެންޏާ ވެސް ހަދާހެން ސަންރާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ހަމަ ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރިއެވެ. ސަންރާ އަބަދުވެސް ދޭ ޖަވާބު ދިނެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ. އެންމެން ބަލަން ތިބެބަލަ. ތި އިޝްފާއަށް ވުރެ އަހަރެންގެ ދަރިފުޅުގެ ނަތީޖާ މާ ރަނގަޅު ވާނެ. ހަމަ އެއްކޮށް، ހުރިހާ މާއްދާއަކުން ފުލް މާކުސް ލިބޭނެ. ނައުމާ ބަލަން ހުންނައްޗޭ. މި ފަހަރު އަހަރެން ވަރަށް ބޮޑު ޕާޓީއެއް ބާއްވާނަން. އަހަރެން ހިތަށް އެރި ޓީޗަރުންނަށް ރިޝްވަތު ދީގެން ވިޔަސް މި އިމްތިހާނުގައި އަހަރެންގެ ސަންރާ މޮޅު ކުރާނަމޭ. އަޒްފާ ވެސް ނޭނގެ އެ ކަހަލަ ކަންތައް ނުކުރާ ކަމެއް. އެހެން ވީމައެއްނު ހުރިހާ މާއްދާއަކުން އެއްވަނަ އަބަދު ލިބޭނީ ދޯ؟" އުފަލުން ފުރިފައި އިން ރަފްހާ ވާހަކަ ދެއްކީ ނައުމާއާއެވެ.

"ތިހެން ވާން ޖެހޭނެ. މިހާރު އަހަރެންނަށް އެބަ ފެނޭ ކުރީގެ ރަފްހާ. އެއްކަލަ ދުވަހު މަ ބުނި އެތި އެ ކުއްޖާއަށް ބޯން ދިނިންތަ؟ އޭނައަށް ގޮތެއް ނުވޭތަ؟" ނައުމާ ހަނދާނެއް ވެގެން ބުންޏެވެ.

"އަސްލު މަށަކަށް ނުކެރުނު އެކަން ކުރާކަށް. އެކަމަކު އަދިވެސް އޭތި ފޮރުވާފައި އޮންނާނެ. އެ ދީގެން އެ ކުއްޖާގެ ފުރާނައަށް ކަމެއް ވެއްޖިއްޔާ ޔޯ؟" ރަފްހާ ޖެހިލުންވެފައި ބުންޏެވެ.

"ކޮން ކަމެއްތަ ވާނީ؟ ފުރާނައަށް ގެއްލުން ހުރި އެއްޗެއް ނޫނޭ އެއީ. ދަރިންނަށްޓަކައި ބައެއް ފަހަރު ޖެހޭނެ އެ ކަހަލަ ކަންކަން ވެސް ކުރަން. ވާހަކައިން ހައްލު ނުވާ ކަންކަން ފަންޑިތައިން ވެސް ހައްލު ކުރެވޭނެ. މަ ވެސް މި ހުރީ ރަނގަޅު އެތި ފަހަރެއް ހަދައިގެން." ނައުމާ ހީލަމުން ބުންޏެވެ. "އެކަމަކު އެއްވެސް މީހެއް ގާތުގައި ބުނެގެން ނުވާނެ. ރަފްހާ ގާތު މި ބުނަނީ ތީ މަގޭ ބެސްޓް ފްރެންޑް ވީމަ."

"އޭނ؟ އަސްލު؟ ކާކަށް ކީއްކުރީ؟" ރަފްހާ ހައިރާންވެފައި އެހިއެވެ.

"މަގޭ ފިރިމީހާއަށް. އެނގެއެއްނު އޭނަ މަށާ ނީންނަން ވެގެން ކިހާ ވަރަކުން އުޅުނީ؟ އެކި ބަހަނާތައް ދެއްކި އެއްނު؟ ހުންނާނީ މީރު އެއްޗެއް ކާން ދީފައި. މިހާރު އެ ހުންނަނީ މަ އެއްޗެއް ބުނެނުލައިގެން. މިއީ ރޭގަނޑޭ ބުނެފިއްޔާ އެކަން ވެސް އޭނަ ގަބޫލު ކުރާނެ. މަ އެޅިހާ ބަތަކަށް ރިހަ ވެސް ކިޔާނެ،" ނައުމާ ހެމުން ހެމުން ބުންޏެވެ.

"ނައުމާ ބިރެއް ނުގަނޭތަ އެ ކަހަލަ ކަންކަން ކުރާކަށް؟ އަހަރެން އެ ދުވަހު ވެސް ކިރިޔާ ބިރުން ހަލާކުނުވީ. ދެން ނިޔާމްއަށް އަދިވެސް އެކަން ނޭނގޭތަ؟ ކޯއްޗެއް ނައުމާ އޭނައަށް ދިނީ؟" ރަފްހާ އަހާލިއެވެ.

"އެ ބޭބެ ގާތަށް ގޮސް ވެގެން އުޅޭ ގޮތް މަ ކިޔައިދިނީ. މަ ބުނީ މި ކަމަށް ރަނގަޅު އެއްޗެއް ހަދާދީ ބަލާށޭ. ބުނީމަ އޭނަ ބުނި ބައެއް އެއްޗެހި ގެންދަން. ނިޔާމްގެ އިސްތައްޓެއް، ނިޔަފަތި ނޫނީ ލޭ ކޮޅެއް ވިޔަސް. މަށަށް އެންމެ ފަސޭހައިން ލިބޭނީ ނިޔަފަތި. އޭރު އެ ގެއަށް ވަރަށް ގިނައިން ދަން. ދެން އެ ގޮތަށް ލިބުނީ ނިޔަފަތި ކޮޅެއް. އެ ހިފައިގެން މި ބޭބެ ގާތަށް ދިޔައިމަ އޭނަ ދިން އެއްޗެއް މަ ގޮސް ކާން ދިނީ. ނިޔާމަށް ވަރަށް މީރު ވާނެ ހެދި ބިލެތް. އެއަށް ލާފަ ކާން ދިނީ،" ނައުމާ ވަރަށް މަޑުމަޑުން ވާހަކަ ދެއްކިއެވެ. ދެ މީހުން ތިބީ ރެސްޓޯރެންޓެއްގެ ޓެރަސް ބައިގައެވެ. "މި ވާހަކަ ނަމަނަމަ މީހެއް ގާތު ނުބުނާތި. އަހަރެން ވަރަށް ޓްރަސްޓް ކޮށްފަ މި ކިޔައިދިނީ."

"އަހަރެން ހިތަށް އަރަނީ ނައުމާއަށް ހާދަ ކެރެއޭ. އަހަރެން އަޑުއަހަން، އެ ކަހަލަ ކަންތައް ކުރާ މީހުންނަށް ވަރަށް ގިނަ އެއްޗެހި ވެސް އެނގޭ ދޯ؟ މި ބުނީ އެ މީހަކާ ބެހޭ ބައެއް މައުލޫމާތު ވެސް އެނގެއޭ،" ރަފްހާ ވިސްނާލަމުން ބުންޏެވެ.

"އާނ. އެކަން ކުރާ ގިނަ މީހުންނަށް އެނގޭނެ. އެ މީހުން އާންމުކޮށް ޖިންނި ބޭނުން ކޮށްގެން މައުލޫމާތު ހޯދާނީ. އެ ކަހަލަ މީހުން ގާތުގައި ޖިންނިން ތިބޭނެ،" ނައުމާއަށް އެނގިފައި ހުރި މިންވަރުން ކިޔައިދިނެވެ.

"ދެން އެ ޖިންނިން އެ މީހުންނަށް ގޯނާއެއް ނުކުރާނެތަ؟" ރަފްހާ މައުލޫމާތު އޮޅުންފިލުވިއެވެ.

"ނޭނގެ ދޯ؟ ބައެއް މީހުން ބުނޭ ބައެއް ޖިންނިން ވަރަށް ރަނގަޅޭ. އަނެއްބައި ފަހަރު އެ މީހަކު އަޅުވެތިކޮށްގެން ވެސް ގެންގުޅެއޭ. ނޭނގެ އެ ކަމުގެ ހަގީގަތެއް. އެކަމަކު ޖިންނި ގެންގުޅެންޏާ ވަރަށް ފަސޭހަވެއޭ ވެސް ކިޔާ. މީހުންގެ ކަންކަމާއި ފޮރުވިފައި ހުންނަ އެއްޗެހި ވެސް ޖިންނިން ބުނެދެޔޯ!" ނައުމާ ބުންޏެވެ. "އޭތް! އަނެއްކާ ރަފްހާ ޖިންނިއެއް ގެންގުޅެންވީތަ މާ ވަރަށް ތި މައުލޫމާތު ހޯދަނީ؟"

"އޭނ؟ ނޫން. މަށަކަށް ވާ ނުކެރޭނެ،" ރަފްހާ ވަގުތުން ބުންޏެވެ.

"ތިއީ މައްސަލައަކީ. ނުކެރޭ ބޯޑު އަޅުވައިގެން އަބަދު އުޅޭތީ. ނިކަން ކެރިބަލަ. އަމިއްލަ ދަރިއަށް ވާ ހައްގު ވެސް ނުލިބިގެން ތި އުޅެނީ ތި ނުކެރޭ ބޯޑަކާ ހެދި. ބައެއް ފަހަރު ޖެހޭނެ ތިމާގެ އަމިއްލަ އެދުން ވެސް އިސްކުރަން. ތިހެންނެއް އަބަދަކު ނޫޅެވޭނެ. އަހަރެން ނަމަ މިހާރު ތިކަމުގެ ހައްލު ހޯދައިފީމުސް،" ނައުމާ ރަފްހާއަށް ބަލާލަމުން ބުންޏެވެ.

ރޭގަނޑު އެންމެން ނިދި އިރު ރަފްހާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނައުމާ ދެއްކި ވާހަކަތައް ބޮލު ތެރޭގައި އެނބުރެނީއެވެ. ވިސްނަން ކިތަންމެ ބޭނުން ނުވިޔަސް އެކަމާ ވިސްނެނީއެވެ. އެންމެ ފަހުން، ކޮޓަރިން ނުކުމެގެން ސިޓިން ރޫމަށް ރަފްހާ ނުކުތެވެ. އެ ވަގުތު ސަންރާގެ ކޮޓަރިން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އެއީ ފިރިހެނެއްގެ އަޑުހެން ރަފްހާއަށް ހީވިއެވެ. މަޑުމަޑުން ތަޅުގައި ހިފާލި އިރު ހުރީ ތަޅުލާފައެވެ. ދޮރުގައި ކަންފަތް ޖަހާލިއެވެ. އަޑު އަންނަނީ ދުރުންނެވެ. ވަރަށް މަޑުންނެވެ. ޓަކި ޖަހަން އުޅެފައި ވެސް ހިޔާލު ބަދަލުވިއެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ދޮރުމަތީ ހިނގާލަ ހިނގާލަ ހުރީއެވެ. ކުއްލިއަކަށް އެ އަޑު ކެނޑުނެވެ. އަނެއްކާވެސް މަޑުމަޑުން ތަޅުގައި ހިފާލިއެވެ. ހުރީ ތަޅުލާފައެވެ. ތަޅުން އަތް ދޫކޮށްލި ވަގުތު ކޮޓަރި ދޮރު ހުޅުވުނެވެ. ވަގުތުން ރަފްހާ އެތެރެއަށް ވަނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް