ވާހަކަ: ސިއްރު ގެ ކަވާ

ވާހަކަ

ކުރުވާހަކަ: ސިއްރު

އަހަރެންގެ ހިތުގައިވާ ނަޒަރުން އޭނާ އަހަންނާ މެދު ނުދެކޭ ކަމަށް ގަބޫލު ކުރެވިފައެއް ނެތެވެ.
11 އޮކްޓޯބަރު 2021
4

އެޕިސޯޑް 1

އަހަރެން އޭނާއާ ސުވާލުކުރީމެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އިންތިހާއަށް އޭނާ ދެކެ ލޯބިވެވުން ހެއްޔެވެ؟ އޭނާ، އަހަރެން ދެކެ ލޯބި ނުވާ ނަމަ، ނިދި ނަގާލައި އަހަންނާ އެކު އެތައް ރޭތަކެއް ހޭދަކުރީ ކީއްވެ ހެއްޔެވެ؟ އެކިއެކި ރޭތަކުގައި އަހަރެންގެ އުނގުމަތީ ބޯއަޅައިގެން އޮތީ ކީއްވެ ހެއްޔެވެ؟ ކުލަ ނުވާ ހުވަފެންތަކެއް އަހަންނަށް ދެއްކީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތް ރޮއްވުމުން އޭނައަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ އޭނާގެ ހަނދާނުގައި، އެތައް ރެއެއްގެ ނިދި އަހަރެން ނަގައިލީމެވެ. ކަރުނައަޅައި ރުއީމެވެ. ދިގު އިންތިޒާރެއް ކުރީމެވެ. ލިބުނު ހިތާމައިން އަދިވެސް އަހަންނަށް އަރައި ނުގަނެވެ އެވެ. ހިތަށް ވީ ތަދު ބޭރަށް ފެންނަން ނެތް ނަމަވެސް އަދިވެސް ލަކުނު މި ހިތުގައި ވެއެވެ. ނަމަވެސް އެ ރަކި ހިނިތުންވުމުން އަހަރެންގެ ހިތުގައި ފަވާލި އެ ރީތި ނަން އަދިވެސް މި ހިތުގައި ފަނޑުނުވެ އެވެ.

އޭނާ ދެކެ، އަހަރެން އިންތިހާއަށް ލޯބިވީމެވެ. އަދިވެސް ލޯބިވަމެވެ. އޭނާ ބުނި ހުރިހާ ކަމެއް އަހަރެން ކޮށްދިނީމެވެ. އުފަލުންނެވެ. ކޮށްދޭ ހިތުންނެވެ. އޭނާ ދުވަހަކު ވެސް އަހަރެން ގާތު އެއްޗަކަށް ނޭދެ އެވެ. އަދި އަހަރެން ދޭ އެއްވެސް އެއްޗެއް ބޭނުމެއް ވެސް ނުކުރެ އެވެ. އެއީ އޭނާ ބޭނުން ކޮންމެ އެއްޗެއް އޭނާއަށް ލިބޭތީ ކަމަށް ވެދާނެ އެވެ.

އަހަރެން އަދިވެސް ހަނދާން އެބަ ހުއްޓެވެ. އެއީ ވިއްސާރަ ރެއެކެވެ. އެރޭ އެގޭގައި އުޅެނީ އޭނާ އާއި އޭނާގެ ކޮއްކޮއާއި ދޮންބެ އެވެ. އޭނާގެ ބައްޕައަކީ މެލޭޝިއާގައިި ސޮފްޓްވެއާ މަސައްކަތްކުރާ މީހެކެވެ. ދޭތެރެއަކުން މާލެ ވެސް އަންނާނެ އެވެ. ވުމާ އެކު ގޭގައި އުޅެނީ އޭނާގެ މަންމަ އާއި ތިން ބެއިންނެވެ. އަހަރެން އެގެއަށް ދިޔައިރު އޭނާ އޮތީ ސިޓިންރޫމުގައި ހުރި ސޯފާއެއްގައި ނިދާފަ އެވެ. އޭނާގެ ދޮންބެ އާއި ކޮއްކޮ ފެންނާކަށް ނެތެވެ. ހީވާ ގޮތުން އެމީހުން ވާނީ އެމީހުންގެ ކޮޓަރީގަ އެވެ. ފުރުސަތުގެ ބޭނުންކުރަން އަހަރެން ހިތަށްއެރި އެވެ. އޭނާއަށް ގޮވީމެވެ. އޭނާ ހޭލި އެވެ. ހިނިތުންވެލާފައި ވާހަކަދެއްކި އެވެ. އަހަރެން އިސްދަށަށް ޖަހައިގެން އިނދެ އޭނާއަށް ލޯބި ހުށަހެޅީމެވެ. އެތައް އިރަކު އިސްދަށަށް ޖަހައިގެން އިނދެފައި ބަލައިލިއިރު އޭނައަށް އޮތީ ނިދިފަ އެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވި އެވެ. އޭނާއަށްޓަކައި މި ހިތުގައިވާ ލޯބި އޭނާއަށް އިހުސާސްވާނީ ކޮން ދުވަހަކުން ބާއޭ ހިތަށްއެރި އެވެ.

އަނެއްކާވެސް އެހެން ދުވަހެކެވެ. އަހަރެން އެގެއަށް ދިޔައިރު ގޭގައި އުޅެނީ އޭނާ އެކަންޏެވެ. އިސްތިރިކުރަން ހުރިއިރު ހޫނު ވެސް އަރާފައިހުރިކަން އެނގެ އެވެ. އެތައް އިރަކު ބަލަހައްޓައިގެން ހުރެވުނެވެ. އޭނައަކީ ވަރަށް އަނގަ ގަދަ، ވަރަށް ގިނަ ވާހަކަތައް ހިއްސާކުރާ ކުއްޖެކެވެ. އަހަރެން މަޑުމަޑުން އޭނާގެ އަތުގައި ހިފާލީމެވެ. އެއީ އަހަންނަށް ކީއްވެ ކުރެވުނު ކަމެއް ހެއްޔެވެ؟ ނަފްސު ކޮންޓްރޯލު ނުވީ އެވެ. އޭނާ ހިތަށް އަރާނެ އެއްޗަކާ މެދު ޖެހިލުންވި އެވެ. އަހަންނާ ދޭތެރޭ ދެކެފާނެ ގޮތަކާ މެދު ބިރުގަތެވެ. މީހަކު ގާތު އެވާހަކަ ހިއްސާކޮށްފާނެ ބާވައޭ އަހަރެން ހިތަށްއެރި އެވެ. ނަމަވެސް އެކަން ވީ ހީކުރި ގޮތާ ޚިލާފަށެވެ. އެކަން މާ ބޮޑުކަމަކަށް އޭނާ ނުހަދަ އެވެ. އޭނާގެ ސިކުނޑި ޅަކަމުން ކަމަށް ވެދާނެ އެވެ. އަހަންނަށް ކުރެވުނު އިހުސާސް ބުނެދޭން ވެސް ނޭނގެ އެވެ. އުފާވި އެވެ. ހިތް އުފަލުން ނަށަން ފެށި އެވެ.

ކޮންމެ ދުވަހަކު ވެސް އޭނާ އަހަންނަށް ފެނެ އެވެ. ވާހަކަ ވެސް ދައްކަ އެވެ. ހީނ ސަމާސާ ކުރެ އެވެ. އަހަރެންގެ އަތުގައި ހިފައި، އިސްތަށިގަނޑާ ކުޅެހަދަ އެވެ. އޭނާ ހިނިތުންވާ ކޮންމެ ފަހަރަކު އަހަންނަށް ބުނަން ނޭނގޭ އުފާވެރި އިހުސާސްތަކެއް ކުރެވެ އެވެ. އެތައް އިރަކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވެ އެވެ. ނަމަވެސް އޭނާއަށް އެކަން އެނގޭހެނެއް ހިއެއް ނުވެ އެވެ. އަބަދު އަހަރެންގެ ކުރިމަތީގައި އޭނާ ހުއްޓަސް އަހަރެން ބަލައި ފޫހިނުވެ އެވެ. ތޫނު ކަޅިރަވައެކެވެ. މަސްތީ ދެ ލޮލެވެ. ހިތިފަތު ބުމަ އެވެ. ފިނިފެންމަލުގެ ފިޔަ ފަދަ ރީތި ދެ ތުންފަތެވެ. ހަނދެއްފަދަ އަލި މޫނެކެވެ. ފަން، ދިގު އިސްތަށިގަނޑެކެވެ. އިނގިލިތައް ހިމަ ރީތި ދެ އަތްތިލަ އެވެ. ލޫޅާފަތި ހަށިގަނޑެކެވެ. އޭނާއަކީ އެހާ ދިގު ކުއްޖެއް ނޫނެވެ. އަހަރެން އެންމެ ގަޔާވާ އިސްކޮޅެވެ. ފުރާވަރު އުމުރުފުރައިގެ ޅަ ޒުވާނެކޭ ބުންޏަސް ރަނގަޅުވާނެ އެވެ. އޭނާއަށް ތައުރީފުކޮށް އަހަރެން ވަރުބައްޔެއް ނުވާނެ އެވެ. އެހާވެސް އޭނާ ރީއްޗެވެ. ހިތްގައިމެވެ.

އަހަރެންގެ ހަޔާތުގައި އައި ހިތްދަތި ދުވަހެކެވެ. އޭނާގެ ދިރިއުޅުން މެލޭޝިއާއަށް ބަދަލުވަނީ އެވެ. މުޅި އާއިލާ އެއްކޮށެވެ. އަހަންނަށް ވެސް އޭނާއާ އެކު ދެވޭނެ ނަމަ ކޮން ފަދަ ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ތަގުދީރުގައި އެކަމެއް ވާކަށް ނެތެވެ. އަހަންނަށް އުޅެން ޖެހެނީ މާލޭގަ އެވެ. ނަމަވެސް ދޭތެރެއަކުން މެލޭޝިއާއަށް ދެވެ އެވެ. އަދި ވަރަށް ގިނަ ދުވަހު މަޑުކުރަމެވެ. ހުންނަނީ އެގޭގަ އެވެ. އޭނާ ފެނުމުން އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަނެ އެވެ. އަހަރެންގެ ހިތް ކިހާ މޮޔަ ހެއްޔެވެ؟ ކިތަންމެ ބާރަށް ތެޅުނަސް އަހަރެންގެ ހިތުގެ ވިންދު އޭނާއަށް އަޑުއިވޭނެ ހެއްޔެވެ؟ އަހަރެން އުންމީދު ކަނޑައެއް ނުލަމެވެ. އުންމީދުކޮށްގެން އަހަރެން ހުރީ މަގުސަދު ހާސިލުކުރުމަށެވެ. އޭނާ އަހަރެންގެ މީހަކަށް ހެދުމަށެވެ. ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް ވަރިހަމަ އެވެ.

މެލޭޝިއާގައި އަހަރެން އައިސް ހުރި ދަތުރެކެވެ. ފިނި މެންދަމެކެވެ. ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ 18 ވަނަ ފަންގިފިލާގަ އެވެ. އެހެންކަމުން ވާރޭވެހޭ އިރެއްގައި ނަމަ ވަރަށް ބޮޑަށް ފިނީގެ އަސަރުކުރެ އެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު އަނދިރިކަމެކެވެ. އަލީ ރަމީޒުގެ "މިދެހިތް ވާތީ، ލޯބިން ގުޅިފާ" ލަވަ ކޮޓަރިތެރޭގައި މަޑުމަޑުން އިވިއިވި ހުއްޓެވެ. އަހަރެންގެ ހިތުގެ ހުޅުކޮޅު ދިއްލުނީ އެރެ އެވެ.

އަހަރެން އޮތީ ފޯނުން ގޭމުކުޅޭށެވެ. ކުއްލިއަކަށް މީހަކު ހިނގާ އަޑު އިވުނެވެ. ފިޔަވަޅުގެ އަޑު އަހަރެން އޮތް ކޮޓަރި ކައިރިން އަޑުއިވެން ފެށި އެވެ. ގޭމު ކުޅުން ހުއްޓާލާފައި އަހަރެން އޮތީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރީ އޭނާ އެވެ. އަހަރެންގެ އަތްފައި ގަނޑުވި ކަހަލަ އެވެ. އެ އިހުސާސް ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށް ވާސިލުވި އެވެ. ހުރިހާ ހިއްސުތައް އެއްފަހަރާ ހޭލައްވާލި އެވެ. އަހަރެން މަޑުމަޑުން ތުރުތުރު އަޅަން ފެށި އެވެ.

- ނުނިމޭ -

ކޮމެންޓް (4)

ހަމްނަޒޫ

16 އޮކްޓޯބަރު 2021
ވާހަކަ ރީތި. އާދަންފުޅު މަރާލީމަ ފުރިހަމަވާނީ.
0 1

ެއެލް

12 އޮކްޓޯބަރު 2021
ވަރަށް ތަފާތު ވާހަކައެއް. ދެވަނަ ބައިގެ އިންތިޒާރުގައި މީނީ
0 0

ބަލްގިސް

11 އޮކްޓޯބަރު 2021
ނައިސް ސެޓިސްފައިން އެންޑިންގ.
2 0

އަމީލާ

12 އޮކްޓޯބަރު 2021
@ބަލްގިސް އަދި ނުނިމޭ ދޯ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް