އަދިތިޔާ އާއި އަނަންޔާ
ފޮޓޯ އާންމުވި ނަމަވެސް އަނަންޔާ އާއި އަދިތިޔާގެ ބަހެއް ނެތް
'ކޮފީ ވިތު ކަރަން'ގެ އެންމެ ފަހު ސީޒަންގައި އަނަންޔާ ޕާންޑޭ ވަނީ އޭނާގެ ކްރަޝް އަކީ އަދިތިޔާ ރޯއީ ކަޕޫރު ކަމަށް ބުނެފަ އެވެ. އެ ދެމެދުގައި އެހެން ގުޅުމެއް އޮންނަ ކަމަށް ދޭހަވާ ގޮތަށް ކަރަން ޖޯހަރު ވާހަކަ ދެއްކި ނަމަވެސް އަނަންޔާ އެކަމަށް އެއްބަހެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަނީޝް މަލޯތުރާ ބޭއްވި ޕާޓީއެއްގައި އަނަންޔާ އާއި އަދިތިޔާ އެކުގައި ފެނިފައިވެ އެވެ. އެ ދެ މީހުންގެ ފޮޓޯތައް އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ އެ ގުޅުން "އޮފިޝަލް" ކުރީތޯ ސުވާލު އުފައްދައިފަ އެވެ.
މަނީޝްގެ ދިވާލީ ޕާޓީގައި އެ ދެ މީހުން ވެސް ލައިގެން ތިބީ މަނީޝްގެ ޑިޒައިންތަކެވެ. އެ ޕާޓީ އަށް އަނަންޔާ ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސުހާނާ ހާން އާއެކު އެވެ. އެކަމަކު ޕަޕަރާޒީން އެދުމުން އަދިތިޔާ އާއެކު ފޮޓޯ އަކަށް ހުއްޓުނީ އެވެ.
ފޮޓޯ އާންމުވި ނަމަވެސް، އެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ދެ މީހުން ކުރެ އެކަކު ވެސް އަދި އެއްޗެއް ނުބުނެ އެވެ.
އެ ފޮޓޯއާ ގުޅޭގޮތުން އާންމުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު އެ ދެ މީހުންގެ ޖޯޑު ނުގުޅޭ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. ހާއްސަކޮށް ދެ މީހުންގެ އުމުރުގެ ފަރަގާ އެކު އެ ދެމެދުގައި އެއްވެސް ކެމިސްޓްރީއެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަނަންޔާ އަށް މި އަހަރު 24 އަހަރު ފުރޭއިރު އަދިތިޔާ އަށް މި އަހަރު 37 އަހަރު ފުރޭނެ އެވެ.
އަނަންޔާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ އިޝާން ކައްތަރުއާ އެވެ. އެ ގުޅުން ކެނޑުނީ އަނަންޔާ އިޝާން އަށް ބޭވަފާތެރިވުމުން ކަމަށް ބުނެ ވެސް ވާހަކަ ދެކެވުނެވެ.