'ސްކުއިޑް ގޭމް' އަށް އެންމެ މޮޅު ޑްރާމާގެ އެވޯޑު ނުލިބުމުން ޑައިރެކްޓަރުގެ ހިތްމަރުވެއްޖެ
އެމީ އެވޯޑްސްގައި އެންމެ މޮޅު ޑްރާމާގެ އެވޯޑަށް ވަރަށް އުއްމީދު ކުރި ކަމަށާއި އެވޯޑު ނުލިބުމުން ހިތްމަރުވި ކަމަށް 'ސްކުއިޑް ގޭމް'ގެ ޑައިރެކްޓަރު ވަންގް ޑޮންގް ޔުކް ބުނެފި އެވެ.
މި އަހަރުގެ އެމީ އެވޯޑްސްގައި ބެސްޓް ޑްރާމާގެ އެވޯޑު ލިބުނީ 'ސަކްސެޝަން' އަށެވެ. ޔުކް ބުުނީ 'ސަކްސެޝަން'ގެ ނަން އިއުލާނު ކުރި އިރު އެސް އަކުރުގެ އަޑުއިވުމާ އެކު 'ސްކުއިޑް ގޭމް' އަށް އެވޯޑު ލިބުނީ ކަމަށް ހީކުރެވުނު ކަމަށާއި އެކަމަކު އެވޯޑު ނުލިބޭކަން އެނގުމުން ވަރަށް ދެރަވި ކަމަށެވެ.
މިއީ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން އުފެއްދި ޝޯއެއް އެމީގެ ބެސްޓް ޑްރާމާ އެވޯޑަށް ނޮމިނޭޓުވި ފުރަތަމަ ފަހަރެވެ.
'ސްކުއިޑް ގޭމް'ގެ ލީޑް ތަރި ލީ ޖަންގް ޖޭ ވަނީ އެންމެ މޮޅު އެކްޓަރުގެ އެމީ އެވޯޑު ހޯދައި މި އެވޯޑު ހޯދި އޭޝިއާގެ ފުރަތަމަ އެކްޓަރަށް ވެފަ އެވެ.
އެމީ އެވޯޑްސްގައި އެ ފިލްމަށް އިތުރު ހަތަރު އެވޯޑެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން ޔުކް އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ޑްރާމާ ކެޓަގަރީ އިން ލިބިފަ އެވެ.
"އެންމެ ބޭނުންވީ ބެސްޓް ޑްރާމާގެ އެވޯޑު. އެއީ މުޅި ހަފްލާގައި މުޅި ކްރޫ އެއްކޮށް ސްޓޭޖަށް އަރާ އެވޯޑާ ހަވާލުވާން ލިބޭ ފުރުސަތެއް،" އޭނާ ބުންޏެވެ.
ޔުކް މިހާރު ދަނީ 'ސްކުއިޑް ގޭމް'ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.