އަޔުޝްމަން އާއި ރަކުލް
އަޔުޝްމަންގެ 'ޑޮކްޓާ ޖީ' އަށް ވެސް ފިނި ތަރުހީބެއް
ރަނގަޅު ފެށުމަކާ އެކު ތަރުހީބު ލިބޭނެ ކަމަށް ބެލެވުނު ފިލްމު 'ޑޮކްޓާ ޖީ' އަށް ވެސް ބޮކްސް އޮފީހުގައި މާ އެދެވޭ ތަރުހީބެއް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އަޔުޝްމަން ކުރާނާ އާއި ރަކުލް ޕުރީތު ސިންގު އަދި ޝިފާލީ ޝާހު މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމު ރިލީޒް ކުރީ ހުކުރު ދުވަހު އެވެ. ފުރަތަމަ ދުވަހު 8-10 ކްރޯޑުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 3.87 ކްރޯޑު ރުޕީސް އެވެ. އާންމުކޮށް އަޔުޝްމަންގެ ފިލްމުތަކަކީ ބެލުންތެރިންނަށް ކަމުދާ، ފެށުން ރަނގަޅު ފިލްމުތަކެވެ.
އެކަމަކު ފިލްމު ޕްރޮމޯޓު ކުރި ވަރާ ބަލައި ފިލްމުގެ ފެށުން ރަނގަޅު ކަަމަށް ބޮކްސް އޮފީސް ޓްރޭޑް އެނަލިސްޓުން ބުނެފައިވެ އެވެ.
އެ ފިލްމުގައި ކަށީގެ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކޭ އަޔުޝްމަންގެ ކެރެކްޓާ އަށް އެ ފުރުސަތު ނުލިބި އޭނާ އަށް ލިބެނީ އަންހެނުންގެ ޑޮކްޓަރަކަށް ވުމުގެ ފުރުސަތެވެ. ފިލްމުން ފެންނަނީ ކުރަން ބޭނުން ނުވާ ކަމެއް ކެރިއަރަށްޓަކައި ކުރަން ފަށާ ފަހުން އޭނާ އެކަމަށް ހިތްޖެހޭ ތަނެވެ. ހާއްސަކޮށް އަންހެނުންގެ ޑޮކްޓަރަކަށް ފިރިހެނުން ތިބޭ ނަމަ ބައެއް ބަލިމީހުން ޑޮކްޓަރަށް ދައްކަން ފަސްޖެހޭތީ ދިމާވާ ކަންތައް ވެސް އެ ފިލްމުން ދައްކައިދެ އެވެ.
މެޑިކަލް ކޮލެޖެއްގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ އެ ފިލްމަކީ ކޮމެޑީ ބައި ވެސް އެކުލެވޭ ފިލްމެކެވެ. ފިލްމު ބެލި ގިނަ މީހުން ބުނެފައިވަނީ އެއީ އެވްރެޖު ފިލްމެއް ކަމަށެވެ.