ރަޝްމިކާ

ބަރު ހިތަކާ އެކު ރަޝްމިކާ ރާއްޖެއަށް އަލްވަދާއު

ރަޝްމިކާ ބުނީ ރާއްޖެ ދޫކޮށް ދާން ޖެހޭކަން ގަބޫލު ވެސް ނުކުރެވޭ ކަމަށް
13 އޮކްޓޯބަރު 2022

ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލާ ހިތް ނުވެ ހުރެ، ރަޝްމިކާ މަންޑަނާ ފުރައިފި އެވެ.

ޓެލުގޫ އަދި ކަންނާޑާ ފިލްމުތަކުން މަގުބޫލުކަން ހޯދި އަދި މިހާރު ބޮލީވުޑުގައި ވެސް މަގުބޫލު ތަރި ރަޝްމިކާ ރާއްޖެ އައީ މިދިޔަ ހަފްތާގަ އެވެ.

އޭނާ އާއެކު އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ފިލްމީ ތަރި ވިޖޭ ދެވަރަކޮންޑާ ވެސް ރާއްޖެ އައި ކަމަށްވެ އެވެ. އެކަމަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ކަމުގެ އެއްވެސް ފޮޓޯއެއް ވިޖޭ އާންމެއް ނުކުރެ އެވެ. ރަޝްމިކާ ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމުގައި އާންމު ކޮށްފަ އެވެ.

އޯޒެން ރިޒާވް ބޮލިފުށި ރިސޯޓުގައި ހައެއްކަ ދުވަސް ހޭދަކުރުމަށް ފަހު ޗުއްޓީ ނިންމާލަމުން ރަޝްމިކާ އިންސްޓަގްރާމްގައި ބުނީ، ރާއްޖެ ދޫކޮށް ދާން ޖެހޭކަން ގަބޫލު ވެސް ނުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ހޭދަކުރީ ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ޗުއްޓީއެއް ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ އަކީ ބޮލީވުޑްގެ ތަރިންގެ އިތުރުން އިންޑިއާގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ. ބައެއް ތަރިން އަހަރެއްގެ ތެރޭ ދެތިން ހަތަރު ފަހަރު ވެސް ރާއްޖެ އަށް ޗުއްޓީ އަށް އާދެ އެވެ.

ރަޝްމިކާ ރާއްޖެ އައި އިރު އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު 'ގުޑްބައި' އޮތީ ސިނަމާގަ އެވެ. ހުކުރު ދުވަހު ރިލީޒް ކުރި އެ ފިލްމަށް މާ އެދެވޭ ތަރުހީބެއް ނުލިބެ އެވެ. އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމަކީ ސިދާތު މަލޯތުރާ އާއެކު ފެންނާނެ 'މިޝަން މަންޖޫ' އެވެ. މީގެ އިތުރުން ރަންބީރު ކަޕޫރާ އެކު ފިލްމު 'އެނިމަލް' އިން ވެސް އޭނާ ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް