ވާހަކަ: މިއީ ތަޤްދީރުހޭ
ވާހަކަ: މިއީ ތަގުދީރު ހޭ؟
އެޕިސޯޑް 20
"މެޑަމް ދެ ދުވަސް ވެއްޖެ ގެއަށް ނާންނަތާ." ލަތީކާ އެހެން ބުނުމުން އަހަރެންގެ ކަންފަތުގެ ތޫރި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އަތްފައި ގަނޑުވިއެވެ. ފޯނު ކަނޑާލާފައި އަތުގައި ހުރި ބާރެއް ލާފައި ފޯނު އެއްލާލެވުނެވެ. އެނދުމައްޗަށެވެ. ބޮލުގައި އަތް އަޅައި ބާރު ކޮށްލެވުނެވެ. މާލެ އައި އިރު ވެސް އަހަރެންގެ ހިތް ބުންޏެވެ. ތިހެން ނުހަދާށެވެ. ތި ކުރެވެނީ ރަނގަޅު ކަމެއް ނޫނެވެ. އޭރު ހިތުގެ ބަސް އަޑު އެހުނު ނަމައެވެ.
އަނެއްކާ ފޯނު ނެގީމެވެ. އަވަސް އަވަހަށް ފިތްތަކަށް އޮބާލާފައި ނަތާއަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ވައިބާއިން މެސެޖް ކުރީމެވެ. އެއްވެސް ޖަވާބެއް ނައެވެ. ލަތީކާއަށް ގުޅީމެވެ.
"ކޮންތާކަށް މެޑަމް ދިޔައީ؟" އަހަރެން ރުޅިގަދަވިއެވެ.
"އަޅުގަނޑަކަށް ނޭނގެ. ނުބުނޭ ދިޔަ ތަނެއް. ނުވެސް ގުޅޭ ފޯނަށް." ލަތީކާ ހުރީ ހާސްވެފައެވެ. ބިރުގެންފައެވެ. އަޑުން އެކަން އެނގެއެވެ.
"ކޮން އިރަކު ދިޔައީ؟" އަހަރެން އެހީމެވެ.
"އިއްޔެ ނޫން ކުރީ ދުވަހުގެ ރޭ،" ލަތީކާ ބުންޏެވެ. އަހަރެން ހިތަށް އެރިއެވެ. ރޭގައި ވެސް އަހަރެން ވާހަކަ ދެއްކީމެވެ. ނަތާ ގާތު ޒުފާން ކޮބައިތޯ އެހުމުން ބުނީ ނިދާފައި ކަމުގައެވެ. ދެ ދުވަސް ވަންދެން ވާހަކަ އެ ދެއްކީ ކޮންތާކު ހުރެގެން ހެއްޔެވެ؟ މި ދެން ކިހާ ބޮޑު ވެއްޖެ ކަމެއް ހެއްޔެވެ؟ މި ވަރުން ދެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޒުފާން އެ ހުރީ ދުރު ހިލޭ، ބޭރު މީހެއް ގާތުގައެވެ. އަހަރެންނަށް އެންމެ އަވަހަށް ވެސް ދެވޭނީ މާދަމާއެވެ. މިރެއިން މިރެއަށް އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟
"ކޮބައި ޒުފާން؟" އަހަރެން އެހީމެވެ.
"ނިދާފައި،" ލަތީކާ ބުންޏެވެ. އަހަރެން ފޯނު ބޭއްވީމެވެ.
އަވަސް އަވަހަށް ޓިކެޓެއް ނެގީމެވެ. ލިބުނީ މާދަން ރޭ އޮތް ފްލައިޓުންނެވެ. އެންމެ މިނެޓެއް ވެސް ހީވަނީ އެއް ގަޑިއިރު ހެންނެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރީ ނަތާއަށް ގުޅަމުންނެވެ. އެތައް މެސެޖެއް ކުރެވިއްޖެއެވެ. ޖަވާބެއް ނައެވެ. ފޯނު ރިންގުވެއެވެ. ނުނަގަނީއެވެ. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
ބޭރު ގައުމެއްގައި ބޭރު މީހެއްގެ އަތް މައްޗަށް ދަރިފުޅު ދޫކޮށްލާފައި ނަތާއަށް ދާން ކެރުނީތީ އަހަރެން ހައިރާންވިއެވެ. އެންމެ ގަޑިއިރަކަށް ދެ ގަޑިއިރަކަށް ނޫނެވެ. ދެ ދުވަސް ވީއެވެ. އޭނަ ދާން އޮންނާނީ ވަކި ކޮންތަނަކަށް ހެއްޔެވެ؟ ދަރިފުޅު އެއްލާލާފައި ކުރަން އެ ދިޔައީ ކޮން ކަމެއް ހެއްޔެވެ؟ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ފުރޭނެ ވަގުތަކަށެވެ. އަދި 24 ގަޑިއިރު އެބައޮތެވެ.
ފަތިސް ނަމާދު ކޮށްލައިގެން އަހަރެން ދުއާ ކުރީ ދަރިފުޅު ހެޔޮ ހާލުގައި ވުމަށެވެ. ނަތާ ވީ ކޮންމެ ތަނަކުން އަވަހަށް ގެއަށް އައުމަށެވެ. ހިތަށް އަރާ އެއްޗެހިން ރޮވޭ ގޮތްވިއެވެ. އެކަމަކު ހިތްވަރުކުރީމެވެ. އަހަރެން ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ. ޝަކުވާއެއް ނުކުރަމެވެ. އެ ފަރާތަށް އަހަރެން އިތުބާރު ކުރަމެވެ.
ދިގު ދުވާލަކަށް ފަހު ރޭގަނޑުވިއެވެ. މެލޭޝިއާއަށް ދެވުނު އިރު 11:30 ވެއްޖެއެވެ. އަހަރެން އެޕާޓްމަންޓަށް ދިޔަ އިރު ނަތާ ގޭގައި އުޅެއެވެ. އަހަރެން ފެނުމުން ނަތާ ދިޔައީ ސިއްސައިގެންނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގުނެވެ. އަހަރެންނަށް ބަލައިލެވުނީ ގޭތެރެއަށެވެ. ނަތާގެ ހަރަކާތްތައް ހުރި ގޮތުން އެއްޗެއް ފޮރުވަން އުޅޭހެން ހީވިއެވެ. ނަމަވެސް އެކަމަށް އަހަރެން ސަމާލުކަން ނުދީ ނަތާ ގާތަށް ގޮސް ހުއްޓުނީމެވެ.
"ކޮންތާކު އުޅެފައި ތި އައީ؟" ނަތާގެ މޫނާއި މޫނު ޖެހޭ ހިސާބުގައި ހުރެ އަހަރެން ސުވާލު ކުރީމެވެ. ނަތާ ހުރީ އިސްޖަހައިގެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ކަންނޭނގެއެވެ. ނުވަތަ ހަދާނެ ދޮގެއް ވިސްނަނީއެވެ.
އަހަރެންނަށް ސުވާލު ކުރެވުނީ ބާރަށެވެ. ލަތީކާ ކޮޓަރިން ނުކުތީ އެހެންވެގެންނެވެ. އަހަރެން ފެނުމުން ލަތީކާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. އަހަރެން ލަފާ ކުރީ ޒުފާން އޮތީ ނިދާފައި ކަމަށެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރީމެވެ. ނަތާ ޖަވާބެއް ނުދިނެވެ. ގޮސް ސޯފާގައި އިށީނެވެ.
"އަހަރެން ކޮންތާކަށް ދާނީ؟ ގޭގައެއްނު މި އުޅެނީ،" ނަތާ ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. އެއީ ކަނޑައެޅިގެން ދޮގެއްކަން ނަތާއަށް ވެސް އެނގޭނެއެވެ. ކުއްލިއަކަށް އަހަރެން މިތަނަށް އައުމުން އަހަރެންނަށް ވެސް އެއްޗެއް އެނގިގެން އުޅޭކަން ނަތާއަށް އެނގޭނެއެވެ. މައްސަލައަކީ ނަތާ އުޅުނު ތަނެއް ސާބިތު ކުރެވޭނެ ގޮތެއް ނެތީމައެވެ.
"ނަތާ. އެއްފަހަރު ވެސް ވިސްނާލަބަލަ ޒުފާންއާ ދޭތެރޭ. އަހަރެން ދެން ކިހިނެއް ހަދާނީ؟" ދެ ފަރާތަށް ބޯ ހޫރާލާފައި އަހަރެން ބުނީމެވެ. ނަތާ އެއްވެސް އެއްޗެއް ނުބުނެއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ފަރުވާލެއް ނެތް ކަމެވެ.
"އަހަރެން ދިޔައީ މިތާ ކައިރި ސިޓީއަކަށް. މިކަހަލަ ތަންތަނަށް އައިސް އުޅޭ އިރު އާ ކަންކަން ވެސް ތަޖުރިބާ ކޮށްލަން ވާނެއެއްނު. ޖިމް ފަރާތުން ބޭއްވި ޓުއާއެއް އެއީ. އަހަރެން ވެސް ކޮންމެހެން ދާން ޖެހޭ. ތަންތަނުގައި މަސައްކަތް ކުރަންޏާ އެ މީހުން ބުނާ ގޮތެއް ވެސް ހަދައިގެން އުޅެވޭނީ،" ނަތާ ވިސްނާފައި މޮޅު ވާހަކައެއް ހަދާލިއެވެ. އަހަރެން ބޭނުން ނަމަ އޭގެ ތެދު ދޮގު ހޯދޭނެއެވެ. އެ ބުނާ ޖިމްއަކަށް ގޮސް އެ ބުނި ތާރީހެއްގައި އެ ކަން ކުރިތޯ ވެސް ބެލިދާނެއެވެ. ސާބިތު ވާނީ އެންމެ ކަމެކެވެ. ތިމާގެ އަނބިމީހާގެ ބޭވަފާތެރިކަމެވެ. ހަދަމުން ދިޔަ ދޮގުތައް ބޭޒާރު ވާނެއެވެ. ވުމާއެކު އެކަން ކުރާކަށް އަހަރެން ނޫޅެމެވެ.
"ކީއްވެތަ ކުއްލިއަކަށް މިތަނަށް ތި އައީ؟ އަހަރެންނަށް ލިފާން ގުޅާފައި ހުއްޓާ ފެނުނީ ވަރަށް ލަހުން. ފޯނު ރިންގުވާ ކަމެއް ނޭނގެ އެތަނުގައި އުޅުނު އިރު. ވަރަށް އަޑުގަދަ ވާނެއެއްނު އެ ކަހަލަ ކޭމްޕްތައް؟" އަނެއްކާވެސް ނަތާ ވާހަކަ ދެއްކިއެވެ.
"ކޮންމެ ތަނަކަށް ދިޔަޔަސް ފޯނަށް ޖަވާބު ދޭން ޖެހޭނެ. އަހަރެން މިއީ ނަތާގެ ފިރިމީހާ. ފޯނު ނުނެގުމުގައި ދުވަހެއް އެއްކޮށް ހޭދަ ވޭތަ؟ ދެން ކީއްވެ އެއްވެސް މެސެޖަކަށް ރިޕްލައި ނުކުރީ؟ ކިތަންމެ އަޑުގަދަވެފައި ބިޒީޔަސް އެވަރު ކަމެއް ނަތާއަށް ކުރެވެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ،" އަހަރެން ނަތާ ގާތުގައި އިށީންނަމުން ބުނީމެވެ.
"ދީބަލަ ނަތާގެ ފޯނު ބަލައިލަން." އަހަރެން އެހެން ބުނުމުން ނަތާ ފުންމައިގެން ތެދުވިއެވެ.
"އެ ކީއްކުރަން؟ ފޯނަކީ ޕްރައިވެޓް އެއްޗެއް،" ނަތާ ބުންޏެވެ. "ލިފާން ވެސް ބޭނުމެއް ނުވާނެ ލިފާން ފޯނު އެހެން މީހުން ބަލާކަށް."
"އަން މިއޮތީ. ނަތާ ބަލާނެ އެއްޗެއް ބަލާ، އަހަރެން އެއްވެސް ޖެހިލުމެއް ނުވޭ އަހަރެންގެ ވައިފަށް ފޯނު ދޭކަށް،" ފޯނު ހުޅުވާފައި ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ނަތާ އެއަކު ނުހިފިއެވެ. އަހަރެންނަށް ފުރަގަސް ދީފައި ފޯނުގައި ބާރަށް ދެ އަތުން ހިފާލިތަން ފެނުނެވެ.
"އެހެން ވިޔަސް ހެޔޮ. ދެމަފިރިން ވިޔަސް އެނގެން ނުޖެހޭ އެއްޗެހި ހުންނާނެ ކަމަށް އަހަރެން ގަބޫލު ކުރަން. އޭގެ މާނައަކީ އެކަކު އަނެކަކަށް ޝައްކު ކުރާށެކޭ ނޫން. އަހަރެން ވެސް މި އުޅެނީ. ގައިމު ދުވަހަކު ވެސް ލިފާންއަށް ޝައްކެއް ނުކުރަން،" ނަތާ ބުންޏެވެ.
"ޝައްކު ކުރުމަކުން ގޯހެއް ނޫން. އެކަމަކު ޝައްކު ކުރަން ޖެހެނީ އަނެއް މީހާގެ އަމަލުތައް ހުންނަ ގޮތުން. ނޫންތަ؟" އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ނަތާއަށް އެ ބުނި އެއްޗެއް ފަހުމް ވާނެކަން އަހަރެންނަށް އެނގެއެވެ. ޖަވާބު ނުދިނީ އެހެންވެގެންނެވެ.
"ކީއްކުރަންހޭ މެލޭއަށް ތި އައީ؟" ނަތާ ވާހަކަ އޮޅުވާލިއެވެ.
"ނަތާގެ ހަބަރެއް ނުވީމަ އަހަރެން ދެން ކިހިނެއްތަ ހަދާނީ؟ ލަތީކާއާ ޒުފާން ހަވާލު ކޮށްފައި ދާ އިރު ވެސް އެނގެން ޖެހޭނެ އެއީ ބޭރު މީހެއްކަން. އަހަރެން ދިޔައީ ނަތާއަށް އިތުބާރުކޮށްފައި. ދަރިފުޅު ދޫކޮށްލާފައި ދެތިން ދުވަހަށް ތަންތަނަށް ދަމުން އަހަރެން ގާތު ބުނެލަން ވާނެ." އަހަރެން ހުރީ ހިތްހަމަނުޖެހިފައިކަން އަހަރެންގެ ވާހަކައިން ނަތާއަށް ސާބިތުކޮށްދޭން އުޅުނީމެވެ. "އެންމެ ކުޑަމިނުން، އަންނާނެ އިރެއް، ލަތީކާ ގާތު ބުނީއެއް ވެސް ނޫން. ދަރިފުޅު ހަވާލުކޮށްފަ ދާއިރު އެވަރު ވެސް ކޮށް ނުލެވޭ؟" ނަތާ އިތުރު އެއްޗެއް ނުބުނެއެވެ.
"ދެން ތި ވާހަކަ ދައްކާނީ މާދަން. އަހަރެން ވަރަށް ވަރުބަލި. ހިނގާ ނިދަން،" އަހަރެންގެ އަތުގައި ހިފަމުން ނަތާ ބުންޏެވެ.
ކޮޓަރިއަށް ވަތް އިރު ޒުފާން އޮތީ އަހަރެމެންގެ ކޮޓަރީގައެވެ. އަހަރެން ނަތާއަށް ބަލާލީމެވެ.
"އަހަރެން އެކަނި ވާތީ ޒުފާން މި ކޮޓަރީގައި ބާއްވަނީ،" ނަތާ ބުންޏެވެ.
"ދެން މިރޭ އެ ކޮޓަރިއަށް ގެންދަން ވީނު؟" އަހަރެން ބުނީމެވެ.
"އުނހު. މިރޭ ވެސް މިތާ ބާއްވާ. ހިނގާ ދެން ނިދަން." ނަތާ ހީވަނީ ވަރަށް ނިދި އައިސްގެން އުޅޭ ހެންނެވެ.
ދަންވަރު އަހަރެންނަށް ހޭލެވުނީ ދޮރެއް ލައްޕާ އަޑަށެވެ. ކައިރީގައި ޒުފާން ނިދާފައި އޮތެވެ. ނަމަވެސް ނަތާއެއް ނެތެވެ. އަހަރެން ފުންމައިގެން ތެދުވެ ކޮޓަރިން ނުކުތީމެވެ.
- ނުނިމޭ -