ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ނަތާ ބޭނުންވީ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރާށެވެ. ދަރިފުޅުގެ މުސްތަގުބަލަށް އެގޮތް ރަނގަޅުވާނެތީއެވެ. މާލޭގެ މާހައުލަށް ވުރެ ރަނގަޅު ތަނަކަށް ވާތީއެވެ. ނަތާ ބުނަނީ އެހެންނެވެ. ނަމަ ވެސް، އެއީ ހަމަ އަސްލު މަގުސަދު ހެއްޔެވެ؟
3 އޮކްޓޯބަރު 2022
6

އެޕިސޯޑް 19

މިހާރު އެ އުޅެނީ ކީއްކުރަން ބާވައެވެ؟ އޭގެ ފަހަތުގައި ވަނީ ނަތާގެ ކޮން މަގުސަދެއް ބާވައެވެ؟ ނަތާއަށް އެ ކަމެއްގެ ސަބަބުން މޮޅެއް ނުވާ ގޮތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެކަން އަހަރެން ދަންނަމެވެ.

"އެ ކީއްކުރަން؟" އަހަރެން ޝައްކުގެ ނަޒަރަކުން ބަލާލީމެވެ.

"ފިއުޗާއަށް ވިސްނާފަ މި ބުނީ. ޒުފާންއަށް ވެސް ރަނގަޅު މުސްތަގުބަލެއް ހޯދައި ދެވޭނެއެއްނު؟" ނަތާއަކީ ދަރިފުޅާ މެދު ވިސްނާފައި ގޮތް ނިންމާ މީހެއް ނޫނެވެ. ވުމާއެކު ނަތާ އެ ބުނި އެއްޗެއް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ.

"މި ތަނުގައި ކޮން ކަމެއް މަދުވަނީ؟ އިރާދަ ކުރެއްވީތީ ޒުފާންއަކީ ވިސްނުން ތޫނު ކުއްޖެއް. ބަސްއަހާ ކުއްޖެއް. މި ތަނުގެ ސުކޫލުތަކުގައި ކިޔަވައިދިނުން ގޯހެއް ނޫން،" އަހަރެން ފަރުވާލެއް ނެތި ބުނީމެވެ.

"އިތުރަށް މޮޅު ކުރަން. މިތަންތަނަށް ވުރެ އެތަނުގައި ކިޔަވައިދިނުން ވެސް މާ ރަނގަޅު ވާނެ. އެހެން ނޫނަސް އަހަރެން މިހާރު ވަރަށް ޖެހިލުންވޭ މާލޭގައި އުޅެން ވެސް. އަބަދު މާރާމާރީ އާއި ފޭރުމާއި ކަންކަން. ލިފާން ބޭނުންވަނީ މި ކަހަލަ މާހައުލެއްގައި އަހަރެމެންގެ ދަރިފުޅު ބޮޑުވާންތަ؟ އޭނައަށް ފެންނާނީ ކޮން ކަހަލަ މަންޒަރުތަކެއް؟ މިހާރު ނޫނަސް ފުރާވަރަށް އެޅެމުން އަންނަ އިރު ފެންނަން ނުވާ ކަންކަން ފެނި، އެނގެން ނުޖެހޭ އެއްޗެހި އެނގޭނީ. ދަސްވާނީ." ނަތާގެ ވާހަކަ ވަރަށް ސާފެވެ. ހީވަނީ ދުރާލާ ރާވައިގެން އަހަރެންނަށް އިއްވައިދިން ރެކޯޑިންއެއް ހެންނެވެ. ނަމަވެސް ނަތާ ދެއްކި ބައެއް ވާހަކަތައް އަހަރެންނަށް ވެސް ގަބޫލު ކުރެވުނެވެ. އެކަމަކު ކަމަކީ ނަތާގެ އަމިއްލަ މަގުސަދެއްގައި ކުރަން އުޅޭ ކަމެއްކަން އަހަރެންނަށް ޔަގީންވެއެވެ.

"އެކަމަކު ވިޔަފާރިއާ އެއްޗެހި ދޫކޮށްލާފައި އަހަރެން ކިހިނެއް ދާނީ؟" އަހަރެން ބުނީމެވެ.

"ދޮންބެ ހުންނާނެއެއްނު؟ އެހެން ނޫނަސް އެކޮޅަށް ގޮސް ވެސް ލިފާންއަށް ވިޔަފާރީގެ ކަންކަން ބެލެހެއްޓޭނެ. ދޭތެރެއަކުން މާލެ ވެސް އާދެވޭނެ އެއްނު؟" ނަތާއަށް ގޮތެއް ހުހެއް ނުވެއެވެ. "އެހެން ނޫނީ އަހަރެމެން ދެމައިން ފޮނުވާ، ދެން ލަތީކާ."

އަހަރެންގެ ބޮލުގައި ރިހުން ގަދަވިއެވެ. ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި އަހަރެންނަށް އިނދެވުނީއެވެ. ނަތާގެ ހުޝިޔާރުކަމުން އަހަރެން ހަމަ އަޖައިބު ވެއްޖެއެވެ. އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ވެސް ނަތާ ހުރީ ހޯދައިގެންނެވެ. ނަތާއަށް ވިސްނައިދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއަށް ވުރެ މާ ބޯހަރު ވާނެ ކަން އެނގޭތީއެވެ.

އެކަމަކު ހަމަ ބުނެލާ އިރަށް ގައުމަކަށް ބަދަލެއް ނުވެވޭނެއެވެ. ވިސްނާލަން މަޖުބޫރު ކަންކަން ހުއްޓެވެ. މަންމަމެން ގާތު ބުނާނީ ކީކޭ ކަމެއް ވެސް ނޭނގުނެވެ. ނަތާ އަހަރެން ބެހެއްޓީ ދެ ކަފި ވެފައިވާ މަގެއްގެ ކުރިމަތީގައެވެ. އެއް މަގު އޮތީ ކޮޅު ބަންދު ވެފައެވެ. ދާން އޮތީ ނަތާ ބޭނުންވާ، އޭނަ ދެއްކި މަގެވެ. ހިނގަން ކިތަންމެ އުނދަގޫވިޔަސް، ދަތިވިޔަސް ވެހެވެ. އޭނަ ބޭނުންވާ ކަމެއް އަހަރެން ލައްވާ ކުރުވުން ވަނީ އާންމު ކަމަކަށް ހަދާފައެވެ. ބައެއް ފަހަރު ހިތް ބުނެއެވެ. ނިކަން ކެރިބަލާށެވެ. ފިރިހެނަކަށް ވެބަލާށެވެ. އެކަމަކު އަހަރެންގެ އެ ވިސްނުން މާޔޫސްކޮށްލަނީ ދަރިފުޅެވެ. ދަރިފުޅާ މެދު ވިސްނާލާފައި، ނެގި ހަތިޔާރު ބަހައްޓަނީއެވެ.

ނަތާ ކުރު ނުކުރުމުން މެލޭޝިއާއަށް ބަދަލުވާން އަހަރެން ނިންމީމެވެ. ގެއަށް އަންނަ ކޮންމެ ވަގުތެއްގައި ބޯ ފަޅައިގެން ދާ ވަރަށް އެ ވާހަކަ ދައްކައެވެ. ދެރަވެގެންނެވެ. ރުޅި އައިސްގެންނެވެ. އަހަރެން ހިތާ ދެކޮޅަށް އެ ގޮތަށް ނިންމުމުން މަންމަ ވެސް މަރުހަބާއެއް ނުކިޔެވެ. ސުވާލު ކުރީ ކީއްވެ ކުރަން އުޅޭ ކަމެއްތޯއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަނބިމީހާ އުފާކޮށް އޭނަ ހިތްހަމަޖައްސައިދޭށެކޭ ބުނާކަށް ނުކެރުނެވެ. އޭނަ ބޭނުންވާ ގޮތް ކަމަށް ވެސް ބުނާކަށް ނުކެރުނެވެ.

މެލޭޝިއާއަށް ދެވުނު އިރު ހެނދުނު 9 ޖަހާ ބޮޑު ވެއްޖެއެވެ. އަހަރެން ބެލި އެޕާޓްމެންޓްގައި 3 ކޮޓަރި ހުރެއެވެ. ލަތީކާއަށް ކޮޓަރިއެއް، އަހަރެމެން ދެމަފިރިންނަށް ކޮޓަރިއެއްގެ އިތުރުން ދަރިފުޅަށް ކޮޓަރިއެކެވެ. އެ ތަނަކީ ޖާގަ ތަނަވަސް، ހިތްގައިމު ތަނެކެވެ. އިމާރާތުގެ 16 ވަނަ ފަންގިފިލާގައި އެ އެޕާޓްމެންޓްގެ އިތުރުން އަދި އިތުރު އެޕާޓްމެންޓެއް ވެސް ހުރެއެވެ. އެ ތަނުގައި ވެސް އުޅެނީ ދިވެހި ބައެކެވެ.

ޒުފާންގެ ސުކޫލް ކަންތައް އޮތީ ނިމިފައެވެ. ގެއިން ސުކޫލަށް ދެވެނީ 20 މިނެޓުންނެވެ. ދާންވީ މަގު ދަސް ކޮށްލަން ދެތިން ދުވަސް ނެގިއެވެ. އެ މާހައުލުގައި އަވައްޓެރިންގެ ގޮތުގައި ގިނައީ ދިވެހިންނެވެ. ދެކެ ފަރިތަ ނޫނަސް ދަންނަ ދެތިން މީހުން ދުށީމެވެ. ނަތާއަށް އަހަރެން ވިސްނައިދިނީ އުޅުން ބަހައްޓަންވީ ގޮތެވެ. ނުސީދާ ކޮށެވެ. އަކުރުން އަކުރަށް ބުނި ނަމަ ނަތާ ވަރަށް ރުޅި އަންނާނެކަން އެނގޭތީއެވެ. ނުދަންނަ ގައުމެއްގައި ކަންކަން ކުރަންވީ ގޮތް އަހަރެންނަށް ވެސް އެނގޭ މިންވަރަށް ބުނެދިނީމެވެ. އުނދަގޫވާނެ ކަމާއި ތަނަށް ހޭނެން ދުވަސް ނަގާނެ ކަން ވެސް ބުނީމެވެ. ނަމަވެސް މިއިން ކަމަކަށް ނަތާ އެއްވެސް ސަމާލުކަމެއް ދިން ހެނެއް ހިއެއް ނުވެއެވެ. އޭނަ އެންމެ އުފާވީ ދިރިއުޅުން މެލޭޝިއާއަށް ބަދަލު ވުމުންނެވެ.

"އަހަރެން ބޭނުން މި ތަނުގެ ޖޮބްއަކަށް ދާން،" ނަތާ ބުންޏެވެ.

"ޖޮބެކޭ؟ މި ތަންތަނުން އެހާ ފަސޭހައިން ޖޮބް ލިބޭތަ؟" އަހަރެން ހައިރާންވެފައި އެހީމެވެ.

"އާނ. ލިފާން އެއްބަސްވެބަލަ. އަހަރެން މިހާރު ޖޮބެއް ހޯދައިފިން." އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަތާގެ ކުޅަދާނަކަން ދުވަހެއް ދުވަހަކަށް ފެންނަނީ އެކި ސިފަ ސިފައިގައެވެ. އެހެން ނޫނަސް އަހަރެން އެއްބަސް ނުވި ނަމަވެސް ނަތާ ކުރަން ބޭނުން ކަމެއް ކުރާނެ ކަން އަހަރެން ދެނެހުރީމެވެ. ވީމާ އަހަރެން އެއްބަސްވޭތޯ ނޫންތޯ ބަލަނީ ކީއްކުރަން ހެއްޔެވެ؟

"ކޮން ކަހަލަ ޖޮބެއް؟" އަހަރެން އަހާލީމެވެ.

"ޖިމް އިންސްޓްރަކްޓާއަކަށް،" ނަތާ ޖެހިލުމެއް ނެތި ބުންޏެވެ.

"އެކަމަކު އެ ފީލްޑްއިން ނަތާގެ އެއްވެސް އެކްސްޕީރިއަންސެއް ވެސް ނެތެއްނު؟ ކިހިނެއް އެ މީހުން ޖޮބް ދިނީ؟" އަހަރެން ހައިރާންވިއެވެ.

"މަށަށް ނުބުނެވޭތަ؟ މަ ކުރިން ހެދީމޭ އޭގެ ކޯސް. ދެން ފަހުން އުޅުނީމެއްނު ޖިމްގައި؟ އެތަނަށް ވޯކްއައުޓަށް ދިޔަޔަސް މަށަށް ވަރަށް ގިނަ އެއްޗެހި އެނގޭނެ. އެހެން ނޫނަސް މިތާ ގޭގައި އިނދެ ކިހާ ފޫހިވާނެ؟ ޒުފާން ސުކޫލަށް ދިޔައިމަ އެކަނި ވާނެއެއްނު؟" ނަތާ ބުންޏެވެ.

"ކީއްވެ އެކަނި ވާނީ؟ އަހަރެން ވެސް އުޅޭނަމޭ،" އަހަރެން ބުނީމެވެ.

"އުނހު. އެ ގޮތެއް ކަމަކު ނުދާނެ. ދޮންބެ އެކަނި އެކޮޅުގައި ވަރަށް ބުރަވާނެ. މަށަށް ފެންނަނީ ލިފާން މާލޭގައި ހުންނަން. ދޭތެރެއަކުން މި ކޮޅަށް އަންނާނީ." ނަތާގެ ވާހަކަ އަޑު އިވިފައި މުށްކަވާލެވުނެވެ. އިންސާނުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެން ކެތްގަދައެވެ. ނަތާ ދެ ފަހަރު ހަމައަށް އެއް ގޮތަކަށް ވާހަކައެއް ނުދައްކައެވެ.

ނަތާ އާއި ޒުފާން އެކަނި މިތަނަށް ދޫކޮށްލާފައި ދާކަށް އަހަރެންގެ ހިތެއް ނުބުންޏެވެ. އެކަމަކު ނަތާ ކުރެއް ނުކުރިއެވެ. އެއީ ކޮންމެ ފަހަރަކު ވެސް އޭނާ ހަދާ ގޮތެވެ. ބުނެ ކިޔައިގެން ނުކޮށްފިއްޔާ ދެން އުޅޭނީ ނަފުސާނީގޮތުން ވިސްނައިދޭށެވެ. އެކަނި ނުވާނެ ކަމާއި ލަތީކާ ވެސް ހުންނާނެ ކަން ބުނެދިނެވެ. އަހަރެން ނެތުމުން ދޮންބެއަށް އަންނާނެ ބުރަކަމާއި މަންމަ އެކަނިވާނެ ކަން ވިސްނައިދިނެވެ. މިއިން ކޮންމެ ކަމެއް ކުރިން ވެސް އޮތީ ހަމަ މިހެންނެވެ. ތަފާތަކީ އޭރު ވެސް މިހާރު ވެސް އަހަރެންނަށް އެނގި ނަތާއަށް މިއަދު އެނގުނު ކަމެވެ. ނުވަތަ އޭރު ނުވިސްނޭ ކަމަށް ހެދުނުކަމެވެ.

އަހަރެން އެކަމަށް ވެސް އިޖާބަ ދިނީމެވެ. ފުރައިގެން މާލެ އައީ ހިތާއި ސިކުނޑި އެތަނުގައި ބާއްވާފައެވެ. އަހަރެން ކުޑަކޮށް ވެސް ނަތާއަށް އިތުބާރެއް ނުކުރަމެވެ. އެކަމަކު އެހެން ގޮތެއް ނެތުމުން ނަތާގެ އެދުމަށް ފުރަގަސް ނުދިނީއެވެ. އަހަރެންގެ އަމިއްލަ ޒަމީރު އަހަރެންނާ ސުވާލު ކުރެއެވެ. ހޭ އަރާނީ ކިހާ ވަރެއް ވީމަ ހެއްޔެވެ؟ އަންހެނަކަށްޓަކައި ތިހާ އަޅުދާސްވާން ވެދާނެ ހެއްޔެވެ؟ ހިތަށް އަހަރެން ޖަވާބު ދެމެވެ. އާނއެކެވެ. އަހަރެންގެ އަންހެނުން ވީމައެވެ. ދަރިފުޅުގެ މަންމައަށް ވީމައެވެ.

މާލެ އައި ފަހުން ހަތަރުވަނައަށް ވީ ދުވަހުގެ ރެއެވެ. ލަތީކާ ގުޅިއެވެ. އެހާ އަވަހަށް އޭނަގެ ކޯލެއް އައުމުން އެއީ ރަނގަޅު ހަބަރަކަށް ނުވާނެކަން އަހަންނަށް އެނގުނެވެ. ވީ ވެސް އެހެންނެވެ.

"މެޑަމް ދެ ދުވަސް ވެއްޖެ ގެއަށް ނާންނަތާ،" ލަތީކާ އެހެން ބުނުމުން އަހަރެން ކަންފަތުގެ ތޫރި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (6)

ގަމާރު

3 އޮކްޓޯބަރު 2022
ދައިހޫސުންގެ ތެރެއިންވެސް އަރާހުރި ދައިހޫސް ފިރިހެނެއްނު. މިވަށްތަރު މީހުންގެ ސަބަބުންހުރިހާ ފިރިހެނުން ނަށްލަދެއް ހުތުރެއް. ދެން ތިވާހަކަ ނިމޭކައްނޫޅޭތަ؟
2 2

ގަމާރަށް

4 އޮކްޓޯބަރު 2022
@ގަމާރު ފުރަތަމަ އެ ކަހަލަ ފިރިހެނުންނަށް ކިޔާ ނަން ކިޔަން ދަސް ކުރޭ ކަމުދާ މީހުން ގިނަ ވީމައި އެ ލިޔަނީ ތި ކަހަލަ ދެތިން މީހަކަށް ނުބަލައި
4 0

ވާހަކަ

3 އޮކްޓޯބަރު 2022
މިވަރުގެ ހާސަރު ދިގު ވާހަކައެއް ނުދެކެން. ބޯ ބުރާންތިވެފަ ހުރި ފިރިހެނެއްތަ؟ އަދި ވާހަކަ ވެސް ހީވަނީ ހަމަ މީގަ އުޅޭ ފިރިހެން މީހާހެން އެހާ ދިއުޅިދިގު
4 1

ފައްކާ

4 އޮކްޓޯބަރު 2022
@ވާހަކަ ކަމު ނުދަންޏާ ނުކިޔަބަލަ
2 0

ކަލޯދޯ

4 އޮކްޓޯބަރު 2022
@ވާހަކަ ދިޔުޅިދިގުގެ މާނަ ތިއޮތީ އޮޅިފައި. މިއީ ވަރަށް ގިނައިން ދިރިއުޅުމުގައި އިނގާ ކަންކަން. ވާހަކަ ކިޔާ ހިތް ނުވަންޏާ ނުކިޔަބަލަ
2 2

މޮޅު ވާހަކަ

4 އޮކްޓޯބަރު 2022
@ވާހަކަ ވާހަކައަށް ބުނެލަން އޮތީ މިހެން އުޅޭ މީހުން ވަރަށް ގިނައޭ. ހާސަރު ތި ބުނަނީ ކޮން ގޮތަކަށް ވިސްނާފައި؟ ހާސަރު ބޮޑު ވާހަކައެއް އަދި ނުކިޔެނީއެއްނު
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް