ޝެހެނާޒް އާއި ސަލްމާން

ޝެހެނާޒް ގިލް

ދިރިއުޅުމާއިގެން ކުރިއަށްދާން ދަސްކޮށްދިނީ ސަލްމާން: ޝެހެނާޒް

ޝެހެނާޒް އާންމުންނަށް އެނގުނީ 'ބިގް ބޮސް'ގެ 13 ވަނަ ސީޒަނުން
10 ސެޕްޓެމްބަރު 2022

ދިރިއުޅުމާއިގެން ކުރިއަށް ދާން ދަސްކޮށްދިނީ ސަލްމާން ހާން ކަމަށް ޝެހެނާޒް ގިލް ބުނެފި އެވެ.

ސަލްމާންގެ 'ކިސީ ކާ ބާއީ ކިސީ ކީ ޖާން' އިން ބޮލީވުޑަށް ތައާރަފުވާ ޝެހެނާޒް އާންމުންނަށް އެނގުނީ 'ބިގް ބޮސް'ގެ 13 ވަނަ ސީޒަނުންނެވެ. އޭގެ ފަހުން ޝެހެނާޒްގެ ލޯބިވެރިޔާ ސިދާތު ޝުކުލާގެ މަރަށް ފަހު، ޝެހެނާޒްއާ އެންމެ ގާތްކޮށް އެންމެ ހިތްވަރުދީ އުޅުނީ ވެސް ސަލްމާން އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ޝެހެނާޒް ބުނީ ކުރިއަށް ނުގޮސް އެއް ތަނެއްގައި ހުރުމުގެ ބަދަލުގައި ކުރިއަށް ފިޔަވަޅު އަޅައި ކާމިޔާބީ ހޯދަން މަސައްކަތް ކުރަން ދަސްކޮށްދިނީ ސަލްމާން ކަމަށެވެ.

"ދިރިއުޅުމުގައި އަހަންނަށް ވަރަށް ގިނަ ކަންތައް ހާސިލްކުރެވިދާނެ ކަމަށް ސަލްމާން ބުނި. އެކަމަށް ހިތްވަރާ އެކު މަސައްކަތް ކުރަން ހިތްވަރު ވެސް ދިން. އަހަރެންނަށް އަބަދުވެސް ހިތްވަރުދޭ އެކަކީ ސަލްމާން،" ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ބުނީ ކުޑަ އަވަށަކުން އައިސް އަމިއްލަ އަށް ދިރިއުޅެން ފެށުމުން މީހާ އަށް ގިނަ ކަންތައްތަކެއް ދަސްވާ ކަމަށާއި އޭނާގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުން ވެސް ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް އޮޅުންފިލާ ކަމަށެވެ. ދިމާވާ ކޮންމެ މީހަކު ވެސް އާ ކަމެއް، އާ ފިލާވަޅެއް ނަގައިދޭ ކަމަށާއި އެކި ކަހަލަ އަޑިގުޑަންތަކާއި އުނދަގޫތަކުން އަރައިގަންނާނެ ގޮތްތައް ވެސް އެމީހުންގެ ފަރާތުން އެނގި ދަސްވާ ކަމަށް ޝެހެނާޒް ބުންޏެވެ.

'ބިގް ބޮސް' އިން ލިބުނު މަގުބޫލުކަމާ އެކު ޝެހެނާޒް ވަނީ ބައެއް މިއުޒިކް ވީޑިއޯތަކުގައި މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން ޖޯން އަބްރަހަމްގެ ފިލްމު '%100' އިން ވެސް އޭނާ ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް