އަަނޫޕަމް ކޭރް
އަނޫޕަމް ބުނަނީ ފިލްމުތަކުން އޭނާ އަށް ފުރުސަތު ނުދޭ ކަމަށް
ނަންހިނގާ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ފިލްމުތަކުން މަސައްކަތެއް ނުލިބޭ ކަމަށް ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރު ބުނެފި އެވެ.
އަނޫޕަމްގެ ހިއްސާ ކޮންމެވެސް ގޮތަކުން ހިމެނޭ 500 އަށް ވުރެ ގިނަ ފިލްމު މިހާތަނަށް ރިލީޒް ކޮށްފައިވާއިރު އޭނާ ބުނީ ކަރަން ޖޯހަރާއި އަދިތިޔާ ޗޯޕްރާ އަދި ސާޖިދު ނަދިޔާވާލާ ފަދަ ބޮޑެތި ޕްރޮޑިއުސަރުންގެ ފިލްމުތަކުން އޭނާ ބާކީކޮށްލާފައިވާ ކަމަށެވެ.
'ކުޗް ކުޗް ހޯތާހޭ،' 'ދިލްވާލޭ ދުލްހަނިޔާ ލޭޖަޔެނގޭ،' އަދި 'ވީރްޒާރާ' ފަދަ ފިލްމުތަކުގެ މުހިއްމު ރޯލުތަކަކުން ފެނުނު އަނޫޕަމް ބުނީ އޭރު އޭނާ އަކީ އަދިތިޔާ އާއި ކަރަންގެ ފޭވަރިޓެއް ކަމަށާއި މިހާރު ބަދަލުވީ ކޮން ކަމެއްކަން ނޭނގޭ ކަމަށެވެ. ފިލްމުން ފުރުސަތު ނުދިނަސް އެ ޕްރޮޑިއުސަރުން ކުށްވެރި ނުކުރާ ކަމަށާއި ބޮޑެތި ޕްރޮޑިއުސަރުންގެ ހިންދީ ފިލްމުތަކުން ފުރުސަތު ނުލިބުމުން ޓެލުގޫ ފިލްމަކާއި ޓެމިލް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އަނޫޕަމް ބުނީ ސޫރަޖް ބަރްޖަޓްޔާގެ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ނިންމާލާފައިވާ ކަމަށެވެ. ކަންގަނާ ރަނާވަތުގެ 'އިމަޖެންސީ' އިން ވެސް އަނޫޕަމް ފެންނާނެ އެވެ.