ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މަޖިލީހުގައި. (ފޮޓޯ/މަޖިލިސް)
ޔޯގާ ހަމަނުޖެހުމާއި 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅިގެން ކެންސަލޭޝަންތައް އައުން ގާތް: މައުސޫމް
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާއި އިދިކޮޅުން ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކެންސަލޭޝަންތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ރަސްމީ ދަނޑުގައި ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ވެސް ބައިވެރިވެގެން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތަށް ދީނީ ފިކުރުގެ ބަޔަކު ވަދެ ބައެއް މީހުންނަށް ހަމަލާ ދީ ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ. އެކަމާ ގުޅިގެން 10 މީހަކު މިހާތަނަށް ހައްޔަރުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު މައުސޫމް އިއްޔެ 'ދައުރު'އަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބިނާވެފައި ވަނީ އަމާންކަމާއި ރައްކާތެރިކަން އަދި ދިވެހިންގެ ރިވެތި މެހެމާންދާރީއަށް ކަމަށެވެ. އެ ކަންކަމަށް ކޫރުމެއް އެޅޭނެ ފަދަ އެއްވެސް ކަމެއް ރާއްޖޭގައި ހިނގައި އޭގެ ވާހަކަތައް ދުނިޔެއަށް ފެތުރުމަކީ އޭގެ ނޭދެވޭ އަސަރުތައް ކުރު މުއްދަތުގަ އާއި ދިގު މުއްދަތުގައި ރާއްޖެއަށް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމާއި މިހާރު ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދަށް މަޑުޖެހުން އައުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.
ތަފްސީލް - މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި، މިހާރު ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތަކަށް ވަނީ އަސަރުކޮށްފަ އެވެ. ހާއްސަ ގޮތެއްގައި އިންޑިއާ މާކެޓް ކުރިއަރަން ޖެހޭ ވަރަށް ކުރިނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި:
-
މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ މިންވަރު، ކޮވިޑުގެ ކުރިން 2019އާ އަޅާބަލާއިރު އިތުރުވެފައި ވަނީ އެންމެ %22
-
މި މަހުގެ ބޮޑު ބައި ފާއިތުވެފައި ވާއިރު، ޖޫން 2019އާ އަޅާބަލާއިރު މި މަހުގެ ހިސާބުތައް އުޅެނީ %1 ދަށުގައި
-
އެގޮތަށް ދިމާވާ ކަމަށް މިނިސްޓަރު ގަބޫލު ކުރައްވަނީ "ސިޔާސީ ބޭނުމެއްގައި ބަޔަކު ހިންގާ" 'އިންޑިއާ އައުޓް' ކެމްޕޭންގެ އަސަރުތައް ކުރަމުން ދާތީ
"މިސާލަކަށް އަޅުގަނޑު މެލޭޝިޔާއަށް ދާއިރު 'މޯލްޑިވްސް އައުޓް'، 'މޯލްޑިވްސް މިލިޓަރީ އައުޓް' އޮންނަންޏާ އަޅުގަނޑު ހިތް ރުހޭނެތޯ އެ ގައުމަކަށް ދާން. މި ކެމްޕޭން ރާއްޖޭގައި އުޅޭ ކަމުގެ ހަބަރުތަކާ އެކު އިންޑިއާ މާކެޓުން އެބަ އަސަރުތައް ފެނޭ. ހަގީގަތުގައި އެ މާކެޓުގައި އެ ހުރީ މަޑުޖެހުން އައިސްފައި. އަޅުގަނޑު ދަންނަވާނީ ސިޔާސީ ބޭނުމެއްގައި އަޅުގަނޑުމެންގެ އިގްތިސާދާ ތޮޅުމުގެ ހަރަކާތެކޭ އިންޑިއާ އައުޓަކީ. އެކަން އަޅުގަނޑުމެން ހުއްޓާލަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް މިފަހުން މި އައި ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން އޭގެ އަސަރު ހުންނާނެ. ކެންސަލޭޝަންތައް އައުން ވަރަށް ގާތް. މީގައި އަޅުގަނޑުމެން ކޮންމެ ފިކުރެއްގެ ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަންވީ ރާއްޖޭގެ މިއޮތް ރީތި ނަން ކިލަނބުވެ އަމާންކަން ގެއްލި ދާ ކަހަލަ މެސެޖެއް ދުނިޔެއަށް ނުދީ ވޭތޯ؟ އެއީ ވާދަވެރިކަމުގައި ކުރާ ވަރު ކަމެއް ނޫން."
ދުނިޔެއަށް މިހާރު ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާތަކާ އެކު ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ މިއީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ. އަދި މިއީ ގައުމީ ވިސްނުމެއްގައި ރާއްޖޭގެ ޓޫރިޒަމް ދަހަމައްޓަން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓޫރިސްޓުންގެ ސަލާމަތްތެރިކަން މިހާރު ޔަގީން ކުރެވޭނީ އެންމެން އެ ކަމަށް މަސައްކަތްކޮށްގެންނެވެ.