މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަރުކާރު ހިއްސާވާ ސްޕޯޓްސް ކޯޕަރޭޝަނަށް 2،000 ރުފިޔާގެ އާމްދަނީއެއް

މިދިޔަ އަހަރު ފަހު ކުއާޓަރުގައި ސްޕޯޓްސް ކޯޕަރޭޝަނަށް އާމްދަނީ ހޯދަން ކުރެވުނު ހަމައެކަނި މަސައްކަތަކީ ސްކޫލެއްގެ އެކްޓިވިޓީ ޔުނީފޯމު ވިއްކުން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީއަށް 2،000 ރުފިޔާ ލިބި، ބޮޑު ގެއްލުމަކާ އެކު އެ ކުއާޓަރު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނެރުނު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 2،156ރ. އެވެ.

އޭގެ ކުރިން، 2020ގެ ފަހު ކުއާޓަރުގައި 1.27 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުނިން ހޯދާފައިވެ އެވެ.

ތަފްސީލު - އެ ރިޕޯޓުން ލިބެން ހުރި މައުލޫމާތަށް ބަލާ އިރު، 2021ގެ ފަހު ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކުންފުނިތައް (ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން) ފިޔަވައި އާމްދަނީ ލިބުނު ކުންފުނިތަކުގެ ލިސްޓުގެ އެންމެ ފުލުގައި އޮތީ ސްޕޯޓްސް ކޯޕަރޭޝަނެވެ.

ސްޕޯޓްސް ކޯޕަރޭޝަނަށް އެ މުއްދަތުގައި އާމްދަނީ ލިބުނީ، ގާފަރު ސްކޫލަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ވިއްކައިގެންނެވެ.

ފުރަތަމަ ތިން ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ސުމެއް

ފުރަތަމަ ތިން ކުއާޓަރުގައި ސްޕޯޓްސް ކޯޕަރޭޝަނުން އާމްދަނީ ހޯދަން ނުވަތަ އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ޕީސީބީގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ. ފަހު ކުއާޓަރުގައި ރަނގަޅު އާމްދަނީއެއް ނުލިބުމާއި ފުރަތަމަ ތިން ކުއާޓަރުގައި އާމްދަނީ ލިބޭ މަސައްކަތެއް ކޮށްފައި ނުވާތީ، އެ ކުންފުނިން ހުރިހާ ކުއާޓަރެއް ވެސް ނިންމައިލީ ގެއްލުމުގަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަށް ހަތަރު ކުއާޓަރުގައި ލިބުނު ގެއްލުން:

  • ފުރަތަމަ ކުއާޓަރު: 1.36 މިލިއަން ރުފިޔާ

  • ދެ ވަނަ ކުއާޓަރު: 1.39 މިލިއަން ރުފިޔާ

  • ތިން ވަނަ ކުއާޓަރު: ކުންފުނީގެ ހަރަދު ކުޑަކޮށް، ގެއްލުމުގެ މިންވަރު 1.23 މިލިއަން ރުފިޔާއަށް ކުޑަކުރި

  • ފަހު ކުއާޓަރު: 1.21 މިލިއަން ރުފިޔާ

ސްޕޯޓްސް ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް ޓަކައި 2021ގެ ފަހު ކުއާޓަރުގައި މުވައްޒަފުންގެ އަދަދު މަދުކޮށް، މުސާރައަށް ކުރާ ހޭދަ ވަނީ ކުޑަކޮށްފަ އެވެ. އަދި ބޯޑު ބައްދަލުވުންތައް މަދުވުމާ އެކު ބޯޑު ރެމިއުނަރޭޝަނަށް ހިނގާ ހަރަދު ވެސް ފަހު ކުއާޓަރުގައި ވަނީ ކުޑަވެފަ އެވެ.

ކޮމެންޓް (1)

ގުޑް ސިޓިޒަން

15 ޖޫން 2022
ޢައިޑިއާއެއް ދެންތަ؟ ޝެއިން އިން ގެންނަންވީނު ސްޕޯޓްސްވެއާ. ގައިމު ރަނގަޅަށް އެކަން ކޮށްފިނަމަ ދިހަހާހެއްހާވަރު ލިބޭނެ މަހެއްގެ މައްޗަށް މަދުވެގެން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް