ގދ. މަގުއްދުވާގައި ތުރުކީގެ ކުންފުންޏަކުން ހިންގާ އަޔާޑާ މޯލްޑިވްސް.

އެމްޓީޑީސީ

އަޔާޑާ ހިންގާ ގދ. މަގުއްދުވާ ނުއަގުގައި ތުރުކީ ކުންފުންޏަށް ވިއްކާލަނީ

ސަރުކާރުން އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ގދ. މަގުއްދުވާގައި އެ ކުންފުނިން ސަބްލީސް ކުރީ ތުރުކީގެ އަހްމެތު އައިދެނިޒް ނަމަކަށް ކިޔާ ކުންފުންޏަކަށް. ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނުއަގުގައި އެ ރަށުގައި ހެޑް ލީސް ރައިޓްސް ވިއްކަން އުޅޭ ކަމަށް ވަނީ ހަބަރު ފެތުރިފައި.
39 މިނިޓު ކުރިން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ރިސޯޓު ހިންގަން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް، އެ ރަށުގައިި ރިސޯޓު ހިންގާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ދިވެހި ސަރުކާރުން މަގުއްދުވާ އެމްޓީޑީސީއަށް ކުއްޔަށް ދިނީ 17 ސެޕްޓެމްބަރު 2006ގަ އެވެ.

އޭގެ ފަހުން އެ ރަށުގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކުރަން ތުރުކީގެ އަހްމެތު އައިދެނިޒް ކުންފުންޏަށް އެމްޓީޑީސީއިން އެ ރަށް ސަބްލީސް ކުރީ 26 އޮކްޓޫބަރު 2007ގަ އެވެ.

ތުރުކީ ކުންފުނިން އެ ރަށުގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކޮށް، އަޔާޑާ މޯލްޑިވްސްގެ ނަމުގައި ހިންގަން ފެށީ 2011ގަ އެވެ.

ތަފްސީލު - ސަރުކާރުން އެމްޓީޑީސީއަށް މަގުއްދުވާ ކުއްޔަށް ދިނީ 25 އަހަރަށެވެ. އަދި އެމްޓީޑީސީއިން އަހްމެތު އައިދެނިޒްއަށް އެ ރަށް ސަބްލީސް ކުރީ ވެސް 25 އަހަރަށް ކަމަށްވެ އެވެ.

އެހެން ކަމަށްވާ ނަމަ، ސަބްލީސް މުއްދަތު ހަމަވާނީ 2031 އަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވުމުގެ ކުރިން ރަށުގެ ހެޑްލީސް ތުރުކީ ކުންފުނީގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެ އެވެ.

އޭގެ ކުރިން އެމްޓީޑީސީގެ ހިއްސާގެ ބޮޑު ބައި ސަރުކާރަށް ބަދަލުކުރަން މަސައްކަތްތަކެއް ކުރި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. މިހާރު އެ ކުންފުނީގައި އޮންނަނީ ސަރުކާރުގެ %47 ހިއްސާ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، ސަރުކާރަށް މެޖޯރިޓީ ހިއްސާ ބަދަލުކުރުމުގެ ގޮތުން އާންމު ހިއްސާދާރުންގެ އަތުގައި މިހާރު އޮތް ހިއްސާގެ އަދަދަށް އިތުރު ހިއްސާ ނުއަގުގައި ވިއްކަން މަސައްކަތްކޮށްފައިވެ އެވެ.

އޭނާ ބުނީ އާންމު ހިއްސާދާރުން އެކަމަށް އިންކާރު ކޮށްފި ނަމަ، އެ މީހުންނަށް ވިއްކަން ހުށަހެޅި ހިއްސާ ވިއްކާލަނީ ސަރުކާރަށް ކަމަށެވެ.

ކުންފުނީގެ ބޯޑުން އެކަން އެގޮތަށް ކުރަން ނިންމި ނިންމުމުގެ ފަހަތުގައި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، އޭނާ ބުނި ގޮތުގައި، މަގުއްދުވާ ތުރުކީ ކުންފުނީގެ ނަމަށް ބަދަލުކުރަން ބޯޑުގެ ގިނަ މެމްބަރުން ދެކޮޅެވެ.

މިހާރު ހަބަރު ފެތުރެމުންދަނީ، މަގުއްދުވާގެ ހެޑްލީސް ވިއްކާލަން އުޅެނީ 1.5 މިލިއަން ޑޮލަރަށް ކަމަށެވެ.

ނަމަވެސް ސަބްލީސް އެއްބަސްވުން ހަދާފައި އޮތީ އެއްބަސްވުމުގެ މުއްދަތުގައި ކޮންމެ ކުއާޓަރަކު ދައްކަން ޖެހޭ ކުލީގެ އަދަދު 1.2 މިލިއަން ޑޮލަރާ ހަމައަށް ބޮޑުވާ ގޮތަށެވެ.

އެއްބަސްވުމުގެ ފަހު ފަސް އަހަރަށް ވެފައިވާއިރު، ކޮންމެ ކުއާޓަރެއްގައި 1.2 މިލިއަން ޑޮލަރު ލިބެން އޮއްވާ އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހެޑްލީސް 1.5 މިލިއަން ޑޮލަރަށް ވިއްކާލުމަކީ އެމްޓީޑީސީއަށް ލިބޭނެ ގެއްލުމެކެވެ.

ގުޅުންހުރި - ނުއަގުގައި ތުރުކީ ކުންފުންޏަކަށް މަގުދުއްވާ ވިއްކާލަން އުޅޭ ކަމާއި ބޯޑުގެ ބައެއް ޑިރެކްޓަރުން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް ހަބަރު ފެތުރިފައިވާއިރު، ޕީސީބީން ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކޮށްފަ އެވެ.

އެމްޓީޑީސީގެ މެޖޯރިޓީ ޝެއާ ސަރުކާރަށް ބަދަލުކުރަން މިފަހުން ހިނގާދިޔަ ކަމަށް ބުނާ ހިއްސާގެ މުއާމަލާތްތަކާއި މަގުއްދުވާ ތުރުކީ ކުންފުންޏަށް ވިއްކާލުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ގުޅި ނަމަވެސް، ނިޔާޒުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް