މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އަދި ލަންޑަންގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުވުމަށް ބޮޑު އިންވެސްޓްމަންޓަކާއެކު ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ "ސަސްޓެއިނަބަލް ޓައުންޝިޕެއް" ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތަފްސީލް - "ތާ އައިލެންޑް ކްލަސްޓަ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ އަމާޒަކީ އާއްމުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށް، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި ސަރަހައްދީ އިގްތިސާދު ކުރިއެރުވުމަށް އިސްކަންދިނުމެވެ. މި މަލްޓި-އައިލެންޑް އިކޯސިސްޓަމްގައި ސޯލާ އަދި ސްޓޯރޭޖް ނިޒާމުތަކާއި ކަނޑުގެ ހަކަތަ ބޭނުންކުރުމުގެ ޕައިލެޓް ޕްރޮގްރާމްތައް އަދި މަތީ ފެންވަރުގެ އިކޯ-ރިސޯޓްތައް ހިމެނެ އެވެ.
މީގެ އިތުރުން:
-
ފާނަ އާއި ހުއިފިލަނޑާ އަދި މޫދުވިނަ އާލާކޮށް އެކްސްޕޯޓް ކުރުމުގެ ބޮޑު މެރިކަލްޗާ ސިނާޢަތެއް މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ހިންގާނެ
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިސް ސްޓްރެޓީޖިކް އިރުޝާދު ދެނީ އެމެރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީ އެވެ. މި މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތެއް ރާއްޖޭގައި އިސްކޮށް ބަލަހައްޓަވާނީ ބްލޫ ސިނާޖީގެ މެނޭޖިން ޑިރެކްޓާ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި މުހައްމަދު ފަޔާޒު އެވެ.
"މި ޕާޓްނަޝިޕްގެ އަސްލު މޭސްތިރިއަކީ ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީގެ ފުރިހަމަ ތަސައްވުރު،" ފަޔާޒް ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ އިންވެސްޓްމަންޓްތަކާއި ތިމާވެއްޓާ ރައްކާތެރި އިންފްރާސްޓްރަކްޗާ ގުޅުވާލުމަށް އޭނާ ގެންގުޅުއްވާ ހާއްސަ ހުނަރުގެ ސަބަބުން މިފަދަ ބޮޑު މަޝްރޫއެއް ފެށުމަށް ބޭނުންވާ މުހިންމު ބިންގާ ވަނީ އެޅިފައި."
ފަޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ތިމާވެއްޓާ ރައްކާތެރި އަދި އަމިއްލައަށް ހަކަތަ އުފައްދާ (ނިއާ-ނެޓް-ޒީރޯ) ޖަޒީރާ މުޖުތަމައުތަކަށް ނަމޫނާއަކަށް ވެގެންދާނެ މަޝްރޫއެކެވެ.
އެމެރަލްޑް ގްރޫޕްގެ ބޮޑު އެހީތެރިކަމާއެކު، މި ޓައުންޝިޕްގެ ސަބަބުން ރައްޔިތުންނަށް ދިގު މުއްދަތެއްގެ ފައިދާ އާއި ތަނަވަސްކަން ލިބިގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. މި ޖޮއިންޓް ވެންޗާ ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ސަންޖޭ ޝްރަވަން އެވެ. އަދި އޮޕަރޭޝަނަލް މަސައްކަތްތަކުގައި އެހީތެރިވެދެއްވަނީ މަހެންދުރަ ޖޯޝީ އެވެ.
ދެ ގައުމުގެ އިގްތިސާދަށް ކުރިއެރުން
ރާއްޖޭގެ އިތުރުން، 175 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއަކީ އަވަށްޓެރި ގައުމުތަކުގެ އިޤްތިސާދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫއެއް ކަމަށް މި މަޝްރޫއު ހިންގާ ފަރާތްތަކުން ބުނެ އެވެ.
ރާއްޖޭގެ ގްރީން ޓޫރިޒަމް އަދި މެރިކަލްޗާ އެކްސްޕޯޓަށް ސީދާ ފައިދާވުމުގެ އިތުރުން، މި މަޝްރޫއުގައި އިންޑިއާގެ އުފެއްދުންތަކަށާއި ސަޕްލައި ޗެއިންތަކށް ވަރަށް ބޮޑަށް ބަރޯސާވާނެ އެވެ. އެގޮތުން، ޓައުންޝިޕްގެ އިންފްރާސްޓްރަކްޗާއަށް ބޭނުންވާ އެޑްވާންސް މެރިން-ސޯލާ ނިޒާމުތަކާއި ސްމާޓް ގްރިޑްތަކާއި އަދި އިންޖިނިއަރިން ތަޖުރިބާ ހޯދާނީ އިންޑިއާގެ ޓެކްނޮލޮޖީ ސިނާއަތް މެދުވެރިކޮށެވެ. މީގެ ސަބަބުން މި މަޝްރޫއު ވެގެންދާނީ ދެ ގައުމުގެ އިޤްތިސާދު ވެސް ކުރިއަރުވައިދޭނެ މުހިންމު އިންޖީނަކަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.
ކޮމެންޓް