ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު.
ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއް
ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
-
އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޔޮއާނަސް އަބޭރާ ބެލޭޓޭ
އެ އެއްބަސްވުމާ އެކު އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިތިއޯޕިއަން އެއާލައިނުން ރާއްޖެއަށް އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރަން މަގުފަހިވާނެ އެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، އިތިއޯޕިއާއަކީ ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި، އެފްރިކާ ބައްރުގެ ހަ ވަނަ ގައުމެވެ.
މީގެ ކުރިން މިފަދަ އެއްބަސްވުންތައް ގާއިމްކުރި އެފްރިކާ ގައުމުތަކަކީ:
-
މިސްރު
-
މޮރިޝަސް
-
ރުވާންޑާ
-
ސީޝެލްސް
-
ދެކުނު އެފްރިކާ
އަމީން ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށަން މަގުފަހިވާނެ ކަމަށެވެ.
އެ އެއްބަސްވުން ގާއިމްކުރެވުނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިތިއޯޕިއާގެ ގައުމީ އެއާލައިން، އިތިއޯޕިއަން އެއާލައިންސުން އެ ގައުމުގެ އެޑިސް އަބާބާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
"އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު،" އަމީން ވިދާޅުވި އެވެ.
"އިތިއޯޕިއަން އެއާލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއާލައިން."
މިއީ، އަމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރަން މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރަން ކުރާ މަސައްކަތަށް އިތުރު ކުރެވުނު މުހިންމު ބޮޅެކެވެ.
ކޮމެންޓް