ބީއެމްއެލް އާއި ފިނަސްޓްރާގެ އިސް ބޭފުޅުން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ހިދުމަތްތައް ޒަމާނީކުރަން ފިނަސްޓްރާ ޕްލެޓްފޯމް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ބަދަލުތައް އިތުރަށް ފުޅާކުރުމަށް، މާލީ ދާއިރާގެ ސޮފްޓްވެއަ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާގެ 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ހޮވައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އާއި ފިނަސްޓްރާ އިން ސޮއިކުރި އެއްބަސްވުމުގެ ދަށުން، އާ އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ލިބޭނެ އެވެ.
ތަފްސީލް - ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބީއެމްއެލްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:
-
އާ އުފެއްދުންތަކާއި ހިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން
-
އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ހިދުމަތެއް ފޯރުކޮށްދިނުން
-
ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ހިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން
-
ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ހިދުމަތްތައް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އެ ބޭންކުގެ އަމާޒަކީ މެދުކެނޑުމެއްނެތި އާ އީޖާދުތައް ތައާރަފުކުރުމާއި ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާ އާއި ކުރިއެރުން ހޯދައިދިނުމެވެ.
"ފިނަސްޓްރާ އެސެންސްއާ އެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާ އެކު އާ އީޖާދުތައް ތައާރަފުކުރުމަށާއި މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބަށް ވާއިރު، އެ ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
"ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިހްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިން ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާ އެކު ހަލުވި ދުވެލީގައި އާ އީޖާދުތައް ތައާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް