ބީއެމްއެލް އަދި އިންސެފް ޔުނިވަސިޓީގެ އިސް އޮފިޝަލުން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ މުވައްޒަފުން ތަމްރީނުކުރަން އިންސެފް ޔުނިވަސިޓީއާ ގުޅިއްޖެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަސިޓީއާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ގާއިމުކޮށްފި އެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން:
-
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތައް، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ
-
މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި ލީޑަޝިޕް ތަރައްގީކުރުމާއި ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ
ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ވެސް މި އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީއާ އެކު އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.
ރާއްޖޭގެ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން އަންނަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާ އެކު މަސައްކަތްކުރަމުންނެވެ.
ކޮމެންޓް